ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 14:59
ކޭލަކުނު
ކޭލަކުނު
ރާއްޖެ އެމްވީ
ކޮވިޑް-19
ދުނިޔޭގެ "ރީސެޓު ބަޓަނަށް" ކޮވިޑް19، ފިއްތާލައިފި!
 
އިޓަލީ ވިލާތުގެ ބައެއް ކޯރުތައް ހުރަސްކުރަން އަޅާފައިހުރި ބްރިޖު ތަކުން، ކެނޑިނޭޅި އިވެމުންދިޔަ ވެހިކަލް ތަކުގެ އަޑުފައްގަނޑު ކެނޑިއްޖެ
 
ފުނިޖެހިފައި އޮތް އެކި ގައުމުތަކުގެ ހިމޭން ވެށީގެ ތެރެއިން ފެންނާން އޮތީ، ގުދުރަތީ ދިރުންތައް، އުފާކުރަމުން އަންނަ މަންޒަރު

އިންސާނުން ގެއަށް ވަދެ، ދޮރުތަނޑު އެޅުވި ހިނދު، ދުނިޔޭން މި ފެންނަ ޢަޖާއިބު ކުރަނިވި، މަންޒަރު ތަކާމެދު ފިކުރު ހިންގައިލީމު ހެއްޔެވެ؟ އެތައް އައްސޭރިފަށެއްގެ މޫދުން އިންސާނުން އެރިހިނދު، ކޯމަސްތަކާއި، މިނޫންވެސް މަސްމަހާމެހި، މިނިވަންކަމާއެކު، ހެލިފެލިވާން ފަށައިފިއެވެ. އެސޮރުމެންނަށް ގޯނާކުރާ މީހުން، އެސޮރުމެންގެ ވަޒަން، އެސޮރުމެންނަށް ދީފައި، އެނބުރި ހިނގައްޖެ ކަމުގެ އިޙުސާސުގައެވެ.

ކާރުޚާނާތައް ތަޅުލައި، މަގުތައް ހިމޭންވެ، އެއްގަމު އުޅނަދުތައް ޕާރކު ކޮށްލި ހިނދު، ކޮންމެ ސިކުންތަކު ޖައްވަށް ފެތުރެމުން ދިޔަ، ވިހަ ދުމުން ޖައްވުވެސް މިދަނީ ސާފުވާން ފަށައިފައެވެ. ޖައްވުގައި އިއްޔެއާ ހަމައަށް އޮތް، ވިހަ ދުމުގެ ވަސް ފިލައި، ވަޔާއެކު ފެތުރެމުންދާ މާމެލާމެލީގެ ވަސް، ފަޒާގެ ތެރެއަށް ފަތުރާލައިފިއެވެ. ގަސްގަހާގެހިން ފޮޅެމުންދާ މާތައް ބިންނާނެ މީހުންނެއް މިއަދަކު ނެތެވެ. އެހެންކަމުން ފޮޅުނުހާ މަލެއްގެ ފަރިކަން، އިންސާނުންގެ އުނދަގުލުން މިނިވަންކަން ހޯދައިފިއެވެ.

މީގެ ދެ ހަފުތާއެއްގެ ކުރިން އިޓަލީގެ އައްސޭރި ފަށުން އަބަދުހެން ފެންނަމުން ދިޔައީ، އިންސާނުންގެ ހެލިފެލިވުން ތަކެވެ. އުފާކުރުމާއި މަޖާކުރުމެވެ. އިއްޔެ އެ އުފާވެރި މޫދުތައް ތަޣައްޔަރު ވެފައި އޮތީ، އިންސާނުންގެ ފުށުންނެވެ. ނަމަވެސް މިއަދު، މަންޒަރު އެވަނީ ބަދަލުވެފައެވެ.

އިޓަލީގެ އައްސޭރި ފަށުގެ މޫދާ އަތިރިމަތި ތަކުން، މީހުން އެރިހިނދު، އެތަންތަނަށް ފަޅުކަން ވެރިއެއް ނުވިއެވެ. މީހުންގެ އުނދަގުލާހެދި، ތިލަފަށަށް އަންނާން ނުކެރިފައިތިބި، ކޯމަހާއި މިނޫންވެސް މަސްމަހާމެހި، މިއަދު އެވަނީ ތިލަފަށަށް މިނިވަންކަމާއެކު އައިހެވެ. މި ވީޑިއޯތައް އިޓަލީ ވިލާތުގައި އެވަނީ "ވައިރަލް" ވާން ފަށައިފައެވެ.

އިޓަލީ ވިލާތުގެ ބައެއް ކޯރުތައް ހުރަސްކުރަން އަޅާފައިހުރި ބްރިޖު ތަކުން، ކެނޑިނޭޅި އިވެމުންދިޔަ އުޅަނދު ތަކުގެ އަޑުފައްގަނޑު ކެނޑި، މާޙައުލު ހިމޭން ވެލިހިނދު، އަސްދޫނި އައިންތައް އައިސް، އެ ބުރިޖުތައް އަޅާފައިވި ކޯރުތަކަށް ތިރިކޮށްލިއެވެ. މިހާރު ފެންނާން އޮތީ، މިނިވަންކަމާއެކު، އެސޮރުމެންގެ ވެށީގައި ފަތާ މަންޒަރެވެ.

ވަންޑް އެންޑް އޮންލީ ރިސޯޓު - ބުކިންގ.ކޮމް

އެހެން ކަމުން، އިންސާނުން ހިޞާރު ކޮށްފައިވިހާ ތަންތަންދޫކޮށް، މީސްތަކުން ގެއަށް ވަނުމާއެކު، ޤުދުރަތު މިއަދު ފަޅުފިލުވަމުން އެދަނީ، ގުދުރަތީ ދިރުންތަކަށް، ޚާއްސަވެފައި އޮތް، ވެށީގެ އަޞްލު ދިރުންތަކުންނެވެ.

އަދިވެސް ހައިރާން ކުރުވަނިވި އެހެން މަންޒަރަކަށް ބަލައިލަމާ ހެއްޔެވެ؟ ސިންގަޕޫރުގައި ދިރިއުޅޭ މުގޮށި މީދާތަކަށްވެސް ޕާކުތަކާ، ހުސް ތަންތަނުން، މިއަދު ޖާގަ ލިބިއްޖެ ކަހަލައެވެ. ފެންނަމުންދާ ބައެއް ވީޑިއޯ ފުޓޭޖު ތަކުން ހާމަ ކޮށްދެނީ، މިނިވަން ކަމާއެކު، އެސޮރުމެން، ހެލިފެލިވެ، އުފާކުރަމުން ގެންދާ މަންޒަރު ތަކެވެ.

އިޒްރޭލްގެ ތެލްއަވީވް އެއަރޕޯޓު ތަޅުލިހިނދު، މިސްރުގައި ނަން މަޝްހޫރު ދޫނިބައިތައް އައިސް، ތެލްއަވީވް ރަންވޭއަށް ތިރިކޮށްލިއެވެ! ފެންނަނީ ރަންވޭ މަތީގައި މިނިވަންކަމާއެކު، ދޫނިތައް ހިނގައިއުޅޭ މަންޒަރެވެ. މިތަންތަންވެސް އެސޮރުމެންނަށް މިނިވަންކަމާއެކު ލިބިއްޖެކަމުގެ އިޙުސާސާ އެކުގައެވެ.

އެމެރިކާގެ މަޝްހޫރު އެކުއޭރިއަމްގައި ދިރިއުޅެމުންދާ ޕެންގުއިންތައް، މަގުތަކަށް ނިކުމެ، ހިނގާލާފައި އުޅޭ މަންޒަރަކީވެސް ޢަޖައިބު ކުރަނިވި މަންޒަރެކެވެ. ވައިރަލް ވަމުންދާ ވީޑިއޯ އެކެވެ. މިއީ، އިންސާނުންގެ ގޯނާ ތަކުން އެސޮރު މެންނަށް، އަމާން ވަގުތު ކޮޅެއް ލިބިއްޖެ ކަމުގެ ޔަޤީންކަން، ދައްކައިދޭ މަންޒަރެކެވެ. އެފަދަ އިޙުސާސެކެވެ.

މީގެ ދެ ހަފުތާއެއްގެ ކުރީންނަމަ، މިއީ ފަތުރުވެރިންނާހެދި އެތަނެއް ފުނިޖެހިފައި އޮތް ތަނެކެވެ. އެހެނަސް މިއަދު މިތަންތާނގައި އޮތް ހިމޭން ވެށީގެ ތެރެއިން ފެންނާން އޮތީ، ގުދުރަތީ ދިރުންތައް، އުފާކުރަމުން އަންނަ މަންޒަރެވެ.

ކޮންމެއަކަސް މި ފެންނަމުންދާ މަންޒަރު ތަކުން، ޔަގީންކޮށްދެނީ، ދުނިޔޭގައިވާ އެހެން ދިރުންތަކަށް އޮތް ވެށި، އަހަރެމެން އިންސާނުންގެ ބާރުގެ ދަށަށް ގެނެވިފައި އޮތް މިންވަރެވެ. އަދި މި ވެއްޓަކީ ހަމައެކަނި އިންސާނުން އެކަނި އުޅެން އޮތް ތަންތަން ނޫންކަމެވެ.

މި ވެށީގައި ލެއްވިހާ، ދިރުންތަކަށްވެސް ޖާގަ ލިބެން ޖެހެއެވެ. އެސޮރުމެންގެ ޙައްޤުތަކެއް، މި ވެށީގައި ވެއެވެ. އެކަން ނޭގިފައި އޮތީ، އަހަރެމެންނަށެވެ. ޖަނަވާރުތައް މަރާ، އެސޮރުމެންގެ ވަޒަނުން ނެރެ ފަހާލާ މީހުންނަށެވެ. ޝިކާރަވެރިން ނަށެވެ. އިންސާނުންނަށެވެ. އެހެން ދިރުންތަކަށް ގެއްލުންދޭ ފަރާތް ތަކަށެވެ.

ކޮވިޑް19 ގެ ވައިރަހުގެ ބިރަށް، އިންސާނުން ގޭގެއަށް ވަދެ ދޮރުތައް ލެއްޕި ހިނދު، ހިމޭން ކަމާއެކު ފެންނަމުންދާ ދުނިޔޭން، ދައްކައިދޭ މަންޒަރު ތަކުން އެ ބުނެދެނީ، ކޮން ވާހަކައެއް ހެއްޔެވެ؟

އެ ބުނެދެނީ ވަރަށް ބޮޑު ޙަގީގަތެކެވެ. ކޮވިޑް 19ގެ މި ވައިރަސް، ދުނިޔޭގެ "ރީސެޓް ބަޓަނަށް" ފިއްތާލައިފި ކަމެވެ! އިންސާނީ ޙަޔާތަށް އިސްލާޙުތަކެއް ގެނުވާން ވެއްޖެ ކަމެވެ. އޭގެ ހެކި ވަށައިގެން މި އޮތީ ފެންނާށެވެ. މި ބިމުގާ ﷲ ސުބްޙާނަހޫ ވަތަޢާލާ ލެއްވި، އެންމެހާ ދިރުންތަކަށްވެސް، މި ބިމުން ޖާގަ ޙައްޤުވާ ކަން، ޚުދު އެސޮރުމެން އެ ގެންދަނީ ހާމަކޮށް ދެމުންނެވެ! އިންސާނުންގެ ހިލަމެއް ނުވާ، ގޯނާއެއްނުވާ ކޮންމެތާކު، އެސޮރުމެންނަށް، މިހިނދަށް ލިބިފައިވި މިނިވަންކަމުގެ ބޭނުން އެދަނީ ހިފަމުންނެވެ.

މި އޮތްހާ ދުވަހު، އެ ހުރިހާ ތަނެއް، ބާރުގެދަށަށް ގެނެސް، އެހެން ދިރުންތަކަށް އޮތް ޖާގަ ހިޞާރުކުރި ފަރާތަކީ، އިންސާނުންނެވެ. ކޮވިޑް19، ވައިރަހުގެ ނުރައްކާތެރި މި ޙާލަތުގާ، އިންސާނުންނަށް އޮތީ ގެއެވެ. އެހެން ދިރުންތަކަށް އެވަނީ، އެސޮރުމެންގެ މިނިވަން ވެށި، ހިތަކަށް ލިބިފައެވެ. އެހެން ކަމުން މި ދައްކައިދެނީ، ދުނިޔޭގެ ރީސެޓް ބަޓަނަށް، ކޮވިޑް ނަވާރައިގެ ވައިރަސް، ފިއްތާލި މަންޒަރެވެ!

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
5%
79%
5%
0%
0%
10%
ކޮމެންޓް
23 މާރޗް 2020 | ހޯމަ 07:32
ޙައްވަ
ސަޅި އާޓިކަލެއް