ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 13:18
ފުރިބާރުވެފައިވާ ވުހާންގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދެނީ
ފުރިބާރުވެފައިވާ ވުހާންގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދެނީ
ރޮއިޓަރސް
ކޮވިޑް-19
ގޭގައި މަޑު ކޮށްލައިދޭށެވެ
 
ކޮންމެ މީހަކަށްވެސް ބަލި ޖެހިދާނެ
 
ބައްޔަށް ވެކްސިނެއް ފަރުވާ އެއް ނެތް
 
ހޮސްޕިޓަލްތައް އޯވަލޯޑު ވުމުގެ ބިރު އެބައޮތް

ކޮވިޑް-19 ބަލި ދުނިޔެއަށް ފެތުރިގެން ދިޔައީ ބަލަބާލާ ތިއްބާ ހީވެސް ނުކުރާހާ ބާރު މިނުގައެވެ. މި ވައިރަސް ނުފޯރާ އެއްވެސް ހިސާބެއް ދުނިޔެއަކު ނެތެވެ. އެއްވެސް ގައުމަކަށް މި ބަލިން ރެކެވުނު ކަމަކަށް ނުވިއެވެ.

ބައްޔަކީ ފަރުވާއެއް، ވެކްސިނެއް މިހާތަނަށް ހޯދިފައި ނެތް ނުރައްކާތެރި ބައްޔެކެވެ. ބަލީގެ ދިފާއު ހުރި އެއްވެސް މީހަކު ނެތެވެ. ބަލި ނުޖެހޭނެ ކަމަށް ބެލޭނެ އެއްވެސް މީހަކުވެސް ނެތެވެ. ބަލި ފެތުރުމުގެ އެޖެންޓަކަށް ނުވެދާނެ ކަމަށް ބެލޭނެ މީހަކުވެސް ނެތެވެ. ފެންނަ ފެނުމުން މިއީ ބަލި ނެތް މީހެކޭ ބުނެވޭނެ މީހަކުވެސް ނެތެވެ.

މީހަކަށް ބަލި ޖެހިފައި އޭނާގެ ފުށުން އެއްވެސް ނިޝާނެއް ނުފެނިވެސް 14 ދުވަހުގެ މުއްދަތަކަށް ހުރެދާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ. އެހެން ކަމުން އެ މުއްދަތުގެ ތެރޭގައި، ބަލި ހުރި ކަން ނޭނގި މީހުންގެ ތެރޭގައި ވައިރަސް ފަތުރަމުން އުޅެވިދާނެ ކަމުގެ ބިރު ކޮންމެ މީހަކަށްވެސް އެބަ އޮތެވެ.

އަހަރެމެންނަށް އަޑު އިވިފައި އޮންނަނީ، ސިއްހަތު ރަނގަޅު ޒުވާނުންނާ ޅަ ކުދިންނަށް ކޮވިޑް-19 އަކީ ހަމަ އަދައިގެ ރޯގާ އެއްފަދަ ބައްޔެއް ކަމަށެވެ. މިއީ އެއް ގޮތަކުން ތެދު ވާހަކަ އަކަށް ވެދާނެއެވެ. އެކަމަކު، ޒުވާން އުމުރުގެ ސިއްހަތު ރަނގަޅު ކިތަންމެ ބަޔަކަށް މި ބަލީގެ ނުރައްކާ ބޮޑުވެފައިވާކަން ފެންނާން އެބައޮތެވެ. ޒުވާން އުމުރުގެ ކިތަންމެ މީހަކު ބަލީގައި ދުނިޔެ ދޫކޮށް ހިނގައްޖެއެވެ. ތަޖުރިބާކާރުން ބުނަނީ، ބަލީގެ ނުރައްކާ ކުރިމަތިވާކަށް ވަކި އުމުރުފުރައެއް އިސްތިސްނާ ނުވާ ކަމަށެވެ.

ބަލި އެންމެ ބޮޑަށް ފެތުރުނު ޗައިނާ އާއި އިޓަލީ ވިލާތުގެ ތަފާސް ހިސާބަށް ބަލާއިރު، ބަލި ޖެހޭ މީހުންގެ 15 އިން ސައްތަ އަކީ ސީރިއަސް ފަރުވާ ބޭނުންވާ މީހުންނެވެ. އޭގެ ތެރޭގައި ގިނައީ 60 އަހަރުން މަތީގެ، އުމުރުން ދުވަސްވީ މީހުންނެވެ. އެއީ ކޮންމެވެސް މީހަކު ބައްޕަ، ކާފަ ނުވަތަ މާމަ ކިޔާ އުމުރުގެ މީހެކެވެ. އުމުރުން ދުވަސްވުމާއެކު އެމީހުން ވެފައި އޮންނަނީ، ހަކުރު ބަލި، ލޭމައްޗަށް ދިއުން، ހިތުގެ ބަލި ނުވަތަ ނޭވާ ހިއްލުން ފަދަ ކޮންމެވެސް ސީރިއަސް ބައްޔެއްގައި އުޅެން ޖެހިފައި ތިބި މީހުންނަށެވެ. މިފަދަ ބައްޔެއްގައި އުޅެމުންދަނިކޮށް ކޮވިޑް-19 ޖެހުމުން، އެއީ އަދި ވަކީން ބޮޑަށް ނުރައްކާ ބޮޑުވާ ކަމެކެވެ. އޭގެ ނަތީޖާއަކީ ކޮވިޑް-19 ޖެހުމުން އެއުމުރުފުރާގެ ގިނަ ބަޔަކު ދުނިޔެ ދޫކޮށް ދިއުމެވެ. އުމުރުން ދުވަސް މީހުންނަށް ގައިމުވެސް މިއީ އަދައިގެ ރޯގާއެއް ނޫނެވެ.

މިކަންކަން މިހެން ހުރި އިރު، މީހުންނާ ގައިގޯޅި ނުވެ އުޅުމުން ބަލި ފެތުރުން އިންތިހާ އަށް ދަށް ކުރެވޭނެ ކަމަށް ތަޖުރިބާކާރުން އެ ދަނީ ބުނަމުންނެވެ. އެކަހެރިވެ ގޭގައި މަޑުކުރުމުން ދެ ކަމެއް އެބަ ހާސިލް ވެއެވެ. އެއް ކަމަކީ ބަލި ޖެހޭ މީހުންގެ އަދަދު ދަށް ކުރުމެވެ. ދެވަނަ ކަމަކީ، އެއް ފަހަރާ އެތައް ބަޔަކު ބަލިވުމުން ދުރުކުރުމުން ސިއްހީ ޚިދުމަތައް ކުރިމަތިވެދާނެ ބާރު ކުޑަކުރުމެވެ.

ކިތަންމެ ތަރައްގީވެ ކުރިއަރާފައިވާ ގައުމެއް ނަމަވެސް، ހޮސްޕިޓަލް ތަކުގައި ހުރި އެނދުތަކާއި، އައި.ސީ.ޔޫގެ ޖާގަ އާއި، ވެންޓިލޭޓަރަކީ ވަކި ވަރަކަށް ހުންނާނެ އެއްޗެއްސެވެ. އެއީ ކުއްލި އަކަށް އެތައް ގުނައެއް އިތުރު ކުރެވޭނެ އެއްޗެއްސެއް ނޫނެވެ. ބަލީގައި ސީރިއަސް ހާލަތައް ދާ މީހުންގެ އަދަދު ކުއްލިއަކަށް މައްޗަށް ހިނގައްޖެ ނަމަ އައިސީޔޫން ޖާގަ ނުލިބި، ވެންޓިލޭޓަރެއް ގުޅާލަން ނުލިބި އެންމެ ފަހުން އެކަށީގެންވާ ފަރުވާ ނުދެވޭ ހާލަތަކަށް ހިގައިދާނެއެވެ. މީގެ މާނައަކީ ޚިދުމަތް ބޭނުންވާ އެތައް ބަޔަކަށް އެކަށީގެންވާ ޚިދުމަތެއް ނުލިބުމެވެ. ކޮވިޑް -19 ފެށުނު ޗައިނާގެ ވުހާން ގައި އަދި އޭގެ ފަހުން އިޓަލީގައިވެސް ކުރެވުނު ތަޖުރިބާ އަކީ މިއީ އެވެ. ހޮސްޕިޓަލުތަކުގައި ނެތް އަދަދަށް ވެންޓިލޭޓަރު ބޭނުން ވުމުން ޑޮކްޓަރުންނަށް ޖެހުނީ އުނދަގޫ ނިންމުންތައް ނިންމާށެވެ. ހިތް ނޭދުނަސް، ވެންޓިލޭޓަރު ގުޅާނެ މީހުންނާއި ނުގުޅާ ދޫކޮށްލާނެ މީހުން ކަނޑައަޅާށެވެ. ނަތީޖާ އަކީ ބަލީގައި މަރުވި މީހުންގެ ރޭޓް އިންތިހާ އަށް މައްޗަށް ދިއުމެވެ. ވުހާންގައި ބަލީގެ ރޭޓް އެންމެ މައްޗަށް ދިޔަ ދަނޑިވަޅުގައި ބަލި ޖެހުނު ކޮންމެ 20 މީހެއްގެ ތެރެއިން އެކަކު މަރުވިއެވެ. އިޓަލީގައި ބަލި ޖެހުނު ކޮންމެ 14 މީހެއްގެ ތެރެއިން އެކަކު މަރުވިއެވެ.

ސޯޝަލް ޑިސްޓެންސިން ހަރުދަނާ ކަމާއެކު ތަންފީޒް ކުރި ދެކުނު ކޮރެއާގައި ބަލި ޖެހުނު ކޮންމެ 100 މީހެއްގެ ތެރެއިން މަރުވީ އެންމެ މީހެކެވެ.

ސިއްޙީ ޚިދުމަތްތައް އޮވަރލޯޑް ވުމާއެކު، ސިއްހީ ޚިދުމަތްތެރިންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެން ދިމާވުމުން އިތުރަށް ހާސްކަން ބޮޑުވެ، ޚިދުމަތުގައި ތިބެންޖެހޭ ފަރާތްތަކުގެ އަދަދު މަދުވެއެވެ.

އަނެއްކޮޅުން އެހެނިހެން ބަލިތަކުގައި އުޅޭ މީހުންނަށް ދޭން ޖެހޭ ޚިދުމަތްތައްވެސް ހަމަ އެގޮތުގައި ކުރިއަށް ގެންދަން ޖެހެއެވެ. މާބަނޑު މީހުންނާއި، ކިޑްނީ ބަލިތަކާއި، ކަށީގެ މައްސަލަތަކާއި މިހެން ގޮސް ކިތަންމެ ކަންކަމަކަށް ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހޭ މީހުންނަށް، ހޮސްޕިޓަލްތަކަށް ބުރަ ބޮޑުވުމުން ފަރުވާ ލިބުމުގައި ދަތިތައް ކުރިމަތިވެގެން ދާނެއެވެ. މާނައަކީ ވައިރަސް ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް މައްޗަށް ހިނގައްޖެ ނަމަ އެހެން ފަރުވާތައް ހޯދަން ޖެހޭ މީހުންނަށް ވެސް ފަރުވާ ނުލިބޭ ގޮތް ވުމެވެ. ކޮވިޑް-19 ޖެހޭ އަދަދު މައްޗަށް ހިނގައްޖެ ނަމަ އާޚިރުގައި އެއްވެސް މީހަކަށް ސަލާމަތެއް ރައްކާތެރި ކަމެއް ނޯންނާނެއެވެ.

އެކަހެރިކޮށް ގޭގައި މިދުވަސްކޮޅު ތިބުމަކީ މިކަމުގައި އޮތް އެންމެ ރަނގަޅު ހައްލެވެ. އެކަމަކު އަދިވެސް ބައެއް މީހުންނަށް މިކަމުގައި އޮތް ހެވާ ރަނގަޅު ނުވިސްނެނީ ކަމަށްވެސް ވެދާނެއެވެ. ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިން އާދޭސް ކުރަމުން ދާއިރުވެސް އެކަމަށް މާބޮޑު އިޖާބައެއް ދިނުމެއް ނެތި ބޭރުތެރޭގައި ވިސްނުމެއް ނެތި އުޅެމުންދަނީއެވެ. މި ނުރައްކާތެރި ބަލީގައި މީހެއްގެ ފުރާނަ ގެއްލޭކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. އެކަން އެހެން އޮތް އިރު، އާއިލާ އަށާއި ރައްޓެހިންނަށް އަދި ހެޔޮ އެދޭ މީހުންނަށްޓަކައިވެސް މި އެދެނީ މާބޮޑު ކަމެއް ކޮށްދޭކަށް ނޫނެވެ. ހަމައެކަނި ގޭގައި މަޑުކޮށްލައިދޭށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް
22 މާރޗް 2020 | އާދީއްތަ 15:49
ޢެދުރު ބެ
އަހަރެން ގޭގައި މަޑުކުރަން ނިންމައިފިން. އެކަމަކު ވަޒީފާ ދޭމިހާގެ ނުތަނަވަސް ހުންނާނެ ވަރު އިހުސާސްކުރެވޭތީ އިންތިހާއައް ކަންބޮޑުވަމެއެވެ. ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސާދީފަ ދެންހުރި ހުރިހާ ފިހާރަތައް ބަންދުކުރަން ވީއެވެ.