ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 07:04
އިޓަލީ- ހަލުވިމިނުގައި ކޮވިޑް-19 އަންނަނީ ފެތުރެމުން
އިޓަލީ- ހަލުވިމިނުގައި ކޮވިޑް-19 އަންނަނީ ފެތުރެމުން
އަލްޖަޒީރާ
ކޮވިޑް-19
ކޮވިޑް-19: އިޓަލީގައި މަރުވި މީހުންގެ އަދަދު 800 އާ ކައިރިވުމާއެކު ފިޔަވަޅުތައް ވަރުގަދަކޮށްފި
 
އޮފިޝަލުން ބުނަނީ މަރުވެގެން ރިކޯޑް ކުރަމުންދަނީ ރަނގަޅު އަދަދުތަކެއް ނޫންކަމަށް
 
ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ރައްޔިތުން ތަބާނުވާތީ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ހަލުވިކަމާއެކު ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރެމުންދާއިރު މިވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ. އިޓަލީގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 53000 އަށްވުރެ މަތިއިރު މަރުވި މީހުންގެ އަދަދު 4000 އަށް ވުރެ މައްޗަށް އަރައެވެ. ދުވާލަކު އެގައުމުން މަރުވެގެން ރިޕޯޓްކުރާ މީހުންގެ އަދަދު އުޅެނީ ހަތަރުސަތޭކަ އަށްވުރެ މަތީގައެވެ. ފާއިތުވާ ކޮންމެ ދުވަހަކާއެކު އިޓަލީ އަންނަނީ މަރުވާ މީހުންނާއި ވައިރަސްޖެހޭ މީހުންގެ އަދަދުގެ ރިކޯޑްތައް މުގުރަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު އިޓަލީގައި މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 800 އާ ކައިރިކުރެއެވެ. އެއީ މިހާތަނަށް އެންމެ ގިނަ މީހުން އެއްދުވަހާ މަރުވިކަމަށް ރިކޯޑް ކުރެވުނު ދުވަހެވެ. ނަމަވެސް މިއަދަދު އެއަށްވުރެ މަތިވާނެކަމަށް އިޓަލީގެ ކަމާބެހޭ އޮފިޝަލުން ބުނެއެވެ.

މިވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ބާގަމޯގެ މޭޔަރ ވިދާޅުވީ އެސަރަހައްދުން މަރުވެގެން މިހާތަނަށް ރިޕޯޓްކޮށްފައިވާ އަދަދުތަކަށްވުރެ ހަތަރު ގުނަ އިތުރަށް މީހުން މަރުވެފައިވާނެ ކަމަށެވެ.

މަރުވާ ގިނަ މީހުންނަކީ މުސްކުޅިން. އެމީހުން ތިބީ އެމީހުންގެ ގެތަކުގައި ނުވަތަ ދުވަސްވީ މީހުން ބަލަހައްޓާ ގެތަކުގައި. އެމީހުން މަރުވުމުގެ ކުރިންވެސް އަދި ފަހުންވެސް އެމީހުންގެ ގައިގައި ވައިރަސް ހުރިތޯ ޓެސްޓް ކުރެވިފައެއް ނެތް
ޖޯރޖިއޯ ގޯރި/ މޭޔަރ

މޭޔަރ ވިދާޅުވީ އެހެން ސިޓީތަކުގެ މޭޔަރުންވެސް މިމޭރުމުން ވާހަކަ ދައްކާފައިވާކަމަށެވެ. އެހެންކަމުން މަރުވެގެން ރިޕޯޓް ކުރަމުންދާ އަދަދުތައް މިއަށްވުރެ މަތިވާނެކަމަށް މޭޔަރ ވިދާޅުވި އެވެ.

ވައިރަސް އެންމެ ހަލުވިމިނުގައި ފެތުރެމުންދާ ސަރަހައްދުތަކުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު ވަނީ ހޮނިހިރު ދުވަހުން ފެށިގެން ހުރިހާ ޕާކުތަކެއް ބަންދުކޮށްފައެވެ. އަދި ކަސްރަތުކުރެވޭނީ އެމީހަކު ދިރިއުޅޭ ގެ ކައިރީގައިކަމަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

ވައިރަސް އިން ރައްކާތެރިވުމަށް އަހަރުމެން ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަ. މީހުންގެ އުޅުން ވަރަށްބޮޑަށް ބަދަލުކޮށްގެން ނޫނީ އަހަރުމެންނަށް މިކަން ކާމިޔާބެއް ނުކުރޭވެނެ.
އިޓަލީގެ ހެލްތު މިނިސްޓަރ ރޮބާޓޯ

އިޓަލީގައި ބޭރަށް ނިކުމެ އުޅުން މަނާކޮށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވީނަމަވެސް އެފިޔަވަޅުތަކަށް ބޯނުލަނބާ މީހުން ބޭރުގައި އުޅެމުންދާތީ އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކަށް މަޖުބޫރުވެފައިވަނީ ފިޔަވަޅުތައް ވަރުގަދަކުރުމަށެވެ. އެންމެފަހުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ބައިސްކަލު ދުއްވުމާއި ޖޮންގިން އަށް ދިޔުން މަނާކުރުމެވެ. އަދި ގޭތެރޭގައި ކަސްރަތު ކުރުމަށް ވަނީ އަންގާފައެވެ.

އެތައް ސަތޭކަ ބަޔަކު ދުވާލަކު މަރުވަމުން ދާއިރުވެސް އިޓަލީގެ މީހުން ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ކިޔަމަން ނުވުމަކީ އިޓަލީގައި މިވައިރަސް ކޮންޓްރޯލްކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު މިދަނީ މިވައިރަސް ޖެހިގެން މަރުވެގެން. ކިތައް މީހުން މަރުވީމާ މީހުންނަށް ވިސްނޭނީ މިއީ ކިހާ ސީރިއަސް ކަމެއްކަން؟
ސާރޖިއޯ / ކޮރޯނާވައިރަސް ރެސްޕޯންސްޓީމުގެ ހެޑް
އިޓަލީ- ހަލުވިމިނުގައި ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައި

ޗައިނާއަށް ވުރެ ހާލަތު ގޯސް:

މިދިޔަ ބުރާސްފަތި ދުވަހު އިޓަލީގައި މިވަނީ ޗައިނާގައި މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަށް ވުރެ ގިނައިން މަރުވެގެން ރިކޯޑްކޮށްފަ އެވެ. ހުކުރު ދުވަހުގެ ކުރިން އިޓަލީންވަނީ ދުވާލެއްގެ މައްޗަށް 400 ވުރެ ގިނަ މީހުން މަރުވެގެން ރިޕޯޓްކޮށްފަ އެވެ.

ވައިރަސް އެންމެ ހަލުވިމިނުގައި ފެތުރެމުންދާ ލޮމްބާޑީގެ ލޮކްޑައުންގެ ކަންކަން ޚަރުދަނާކޮށް ކުރިޔަށް ގެންދިޔުމަށް އިތުރު 100 ސިފައިން ފުލުހުންނާއި ގުޅޭނެކަމަށް އިޓަލީން ބުނެއެވެ. އަދި ލޮމްބާޑީން ވަނީ މައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކޮށް މީހުން ގޭގައި ތިބޭނެކަން ކަށަވަރުވާފަދަ ފިޔަވަޅުތައް އެޅުމަށް ގޮވާލާފަ އެވެ.

އޮފިޝަލުން އެންމެ ކަންބޮޑުވުން ފާޅުކޮށްފައިވާ އެއް ސިޓީއަކީ ލޮމްބާޑީގެ މައި ސިޓީކަމަށްވާ މިލާންގެ ހާލަތާމެދު އެވެ. އިޓަލީގެ މައި ސިޓީތަކަށް މިވައިރަސްގެ އަސަރު އަދި އެހާބޮޑަށް ކޮށްފައިނުވިނަމަވެސް މިލާންގައި މިހާތަނަށް މިވައިރަސް 3804 މީހަކަށް ވަނީ ކޮށްފަ އެވެ. މިލާން އަކީ އިޓަލީގެ އިގްތިޞާދީ މައި ހަބެވެ. ލޮމްބާޑީ ނެގުމަށްފަހު އެއްދުވަހާ އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވަނީވެސް މިލާން އިންނެވެ.

އެހެންކަމުން ކަމާބެހޭ އޮފިޝަލުން މިވަގުތު ތިބީ ހާސްކަމުގެ ތެރޭގައެވެ. ވައިރަސް ފެތުރުން ކޮންޓްރޯލްނުވެ އަދިވެސް ކުރިޔަށްދާތީ އެމީހުންގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

އިޓަލީގެ ސަރުކާރުން ފާއިތުވި ހަފްތާގައި ވަނީ ރެސްޓޯރެންޓްތަކާއި ފިހާރަތައް މަރޗް މަހުގެ 25 ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފަ އެވެ. އަދި ސްކޫލްތަކާއި ޔުނިވަރސިޓީތައް ބަންދުކޮށް އޭޕްރީލްމަހުގެ 3 ވަނަ ދުވަހާ ހަމައަށް ގޭގައި ތިބުމަށް ވަނީ އަންގާފަ އެވެ. ނަމަވެސް ވައިރަސް އަދިވެސް ކޮންޓްރޯލްވެފައިނުވާތީ އެގައުމުގެ ބޮޑުވަޒީރު ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް އިތުރަށް ދިގު ދައްމާލަންޖެހޭ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ހާމައެއް ނުކުރައްވަ އެވެ.

އިޓަލީގެ ރައްޔިތުން އެއްބައިވަންތަކޮށް މިވަގުތު އެއް ބައެއްގެ ގޮތުގައި މިވައިރަސް އާ ދެކޮޅަށް މިކުރާ ކަންކަމުގައި ބައިވެރިވުމަށް އިޓަލީގެ ހުރިހާ ރޭޑިއޯ ސްޓޭޝަންތަކުން ވަނީ އެގައުމުގެ ގައުމީ ލަވަ އެކިފަހަރުމަތިން ގެނެސްދީފަ އެވެ. އަދި ގައުމީ ޝުއޫރު ފާޅުކުރާ އެކިލަވަތައް އެގައުމުގެ ހުރިހާ ރޭޑިއޯ ތަކުން އަންނަނީ ގެނެސްދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
15%
5%
70%
0%
10%
0%
ކޮމެންޓް