ކ. މާލެ
|
20 މާރޗް 2020 | ހުކުރު 20:00
ރާއްޖޭގައި ހިންގާ ރިސޯޓެއް
ރާއްޖޭގައި ހިންގާ ރިސޯޓެއް
މޫދު.ކޮމް
މަގޭ ރިޕޯޓް
ބޭނުމީ ޑޮލަރެއް ނޫނެވެ! ދިވެހީންގެ ފުރާނައެވެ!
 
ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ކިތަންމެހާވެސް ފޮނި
 
ދުނިޔޭގެ އެކި ގައުމުތަކަށް މިކަމުގެ އަސަރު ދަނީ ކުރަމުން

ކޮވިޑު 19 އިގެ ރާޅު، ދުނިޔެއަށް އަރަމުން އަންނަ، މި ޚުޠޫރަތްތެރި ވަގުތުގައި، ދިވެހިން އެ މަންޒިލް ތަކަކަށް، ސިއްޙީ ފަރުވާއަށާއި ވިޔަފާރިއަށާއި ޗުއްޓީއަށް އުދުހެމުންދިޔަ، ސްރީލަންކާ، ސިންގަޕޯރ، މެލޭޝިއާ، އަދި ތައިލޭންޑު ރައްޔިތުންގެ ތެރޭގައި މި ވައިރަސް ފެތުރިގަތްލެއް އަވަސްކަމާ ގުޅިގެން،އެ ގައުމުތައް ތަޅުލައިފިއެވެ! ހަމައެކަނި ދިވެހީންނަކަށް ނޫނެވެ. ދުނިޔެއަށެވެ. މިފަދަ ޚުތޫރަތްތެރި ޙާލަތެއްގައި ދުނިޔެ އޮތް ހިނދު، ދިވެހި ރައްޔިތުންގެ ފުރާނައިގެ ޙައްގުގައި ދިވެހިސަރުކާރު އިސްކުރަމުންދާ ބުއްދިއާއި ޙިކުމަތަކީ، އޭގެ އެދެވޭ ނަތީޖާ ފެންނަމުންދާ ކަންކަމެއް ނޫންހެއްޔެވެ؟

އަހަރެމެން ދިވެހީންނާއި އެންމެ ގާތް އެއް ދޮރާއްޓަކީ ކޮޅުނބެވެ. ލަންކާއެވެ. ކޮވިޑް19ގެ ވައިރަސް ޖެހޭ މީހުންގެ ޢަދަދު، ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ހިނދު، އެންމެފަހުން، ސްރީލަންކާގައި ކާފިއު، އިޢުލާނު ކޮށްފިއެވެ!

ތަރައްޤީގެ އިންޑިކޭޝަން ތަކަށް ބަލާއިރު ދިވެހިރާއްޖެއަކީ، މިދެންނެވި ގައުމުތަކާ އެއް ސަފުގައި ފައިހަމަކޮށްފައި އޮތް ގައުމެއް ނޫނެވެ. ވިޔަފާރިއާއި އިގްތިސާދާއި ސިއްޙީ ރޮނގުން ބަލާއިރުވެސް، ފެންނާން އޮތީ، މިދެންނެވި ޙަގީގަތެވެ.

އެހެނެއް ކަމަކު، ކޮވިޑް 19 އާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރުން، ދިވެހި ރައްޔިތުންގެ ރައްކާތެރި ކަމުގެ ޙައްގުގައި، އަޅައިފައިވާ ހަރުދަނާ ފިޔަވަޅު ތަކުގެ ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ. އެކަން އެނގޭނީ، ރާއްޖެއަށްވުރެ ކުރީގައިވި ގައުމުތަކުގެ އަތުން، ކޮވިޑު19ގެ ކޮންޓްރޯލް މުގޫ ދޫވެގެން ދިޔަ ގޮތް ހިތްމައްޗަށް ގެނައިމައެވެ. އަދި، ރާއްޖެ މިކަމުގައި އިސްކުރާ ބުއްދިއާ، ނެރޭ ޙިކުމަތުން، ނިކުންނަ ނަތީޖާ، ވިސްނުމުގެ ތަރާދުން މިނައިލީމައެވެ.

އިނގިރޭސިވިލާތާއި، އިޓަލީވިލާތާއި، ޖަރުމަނު ވިލާތާއި، އެމެރިކާއިން ފެންނާން އޮތް މަންޒަރުން، ކަށަވަރު ވެގެން މިދަނީ، ކޮވިޑް19ގެ ރާޅަކީ، ދުރާލާ ސަމާލުވެ، ރައްޔިތުން ސަލާމަތް ކުރަން ބުއްދިއާ ޙިކުމަތް އިސް ނުކޮށްފިނަ، ގައުމުގައި އޮތް ގާބިލް ކަމެއްގެ ސަބަބުން، ސަލާމަތްވާނެ ރާޅެއް ނޫންކަކެވެ.

ބުއްދިއާ ޙިކުމަތް ބޭނުންކޮށްފިނަ، މި ރާޅުން ރައްޔިތުން ރައްކާތެރި އައްސޭރިއަކަށް ގެންދެވިދާނެކަން، ބައެއް ގައުމު ތަކުން އެބަ ދައްކައިވެސް ދެއެވެ. ސިންގަޕޫރަކީ، މިފަދަ ނަމޫނާ އަކަށް، ދުނިޔެ ބަލައިގަތް އެއް ގައުމެވެ.

އެއީ ފުރަތަމަ ޕޮޒިޓިވް ކޭހަށްފަހު، ކޮންޓެކްޓް ޓްރޭސިންގެ އެހީގައި، ޝައްކުވާހާ ބަޔަކު ހޯދައި ދެނެގަނެ، ޓެސްޓުކޮށް، އެކަހެރި ކޮށްގެން، ކުޑަކުޑަ ސިންގަޕޫރު އެ ހޯދި ކާމިޔާބެވެ. އެހެން އެކަން އޮތްވައި ކޮވިޑް19ގެ ދެވަނަ ރާޅު، ބުދަ ދުވަހު ސިންގަޕޫރަށް އެރީ ބޭރުން ގައުމަށް އެތެރެވި ރައްޔިތުންގެ ތެރެއިން ކޮވިޑް19 އަށް، ފައްސިވި ބައެއްގެ ސަބަބުންނެވެ. މި ތަޖުރިބާ ނިމިދިޔަ ހަފުތާގައި، ނޭވާއެއްލާން ލިބުނު ދަނޑިވަޅުގައި، ސައުތުކޮރެއާ އާއި ޖަޕާނަށްވެސް، ކުރާން ޖެހުނެވެ.

ކޮންމެއަކަސް ދިވެހިރާއްޖެއިން، ދުރާލާ އަޅަމުންދިއަ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ގިނައެވެ. އެއަރޕޯޓުން ފެށިގެން ޕޯޓުތަކާއި ހަމައިންނެވެ. މި މަސައްކަތުގައި ތިއްބައި، އަހަރެމެން ދިވެހިން ސިއްސުވާލީ، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިއަ، އިޓަލީވިލާތުގެ ފަތުރުވެރިއަކު، ކޮވިޑް19އަށް ޕޮޒިޓިވް ވެއްޖެކަން އެނގުނު ހިސާބުންނެވެ.

ދިވެހީންނަށް ދިމާވި މި ކުއްލި ސިހުން ގެނުވީ، ޓާސްކް ފޯހުގެ "ލޫޕްހޯލަކުން" ނެއް ނޫނެވެ. ފަތުރުވެރިއާ ޗުއްޓީ ހޭދަކުރި ރިސޯޓާއި، އޭނާގެ ޙާލަތު ދެނެގަނެވުނު އެހެން ލޯތަކަކަށް، މިކަމުގައި ދޭންވީ ސަމާލުކަން ނުދެވިގެންނެވެ. އެކަން ފުލުހުންގެ ތަޙުގީގުންވެސް ހާމަވިއެވެ.

ކޮންމެއަކަސް، މިދެންނެވި ޙާދިސާގައި، ދިވެހިރާއްޖެއިން "ސްޕާރކް ކޮށްލި ކޮވިޑް19ގެ ނުރައްކާ"، ދިވެހިރާއްޖެ ވަގުތުން ދެނެގަތެވެ. ފަތުރުވެރިޔާ ހުރި ރިސޯޓު ކަރަންޓީންކޮށް، ކޮންޓެކްޓް ޓްރޭސިންގ ހަދަންފެށިއެވެ. އެމީހުން ޓެސްޓު ކުރަންފެށިއެވެ. ޝައްކުވާ ކޮންމެ މީހެއް، އެކަހެރިކޮށް، މޮނިޓަރކޮށް، ޙާލަތު ތަޙުލީލު ކުރަމުން ޓެސްޓު ކުރަމުން ގެންދިޔައެވެ.

މި ދެންނެވި މަރުޙަލާގައި، ޝައްކުވި ކޮންމެ މީހަކާއި އެމީހަކާއި ގުޅުން އޮތްކަމަށް ފެންނަ އެންމެންހެން، ހޯދައި ދެނެގަނެ، އެކަހެރިކޮށް، ޓެސްޓު ކުރަމުން ގެންދިއުމުގެ ނަތީޖާއަކީ، ކޮވިޑު ނަވާރައަށް ފައްސި ވެފައިތިބި މީހުން ދެނެގަނެވުމެވެ. އެއީ ދިވެހިރާއްޖެއަށް ކޮވިޑު 19 ފެތުރިގަންނަން ފުރަތަމަ "ސްޕާރކު" ކޮށްލި ހިސާބުން، ބަންދު ކޮށްލެވުނު ދޮރެވެ.

އޭގެ ފަހުން، ކުރަމުންދިއަ ޓެސްޓުތަކުން، ފައްސިވި ކޮންމެ މީހެއްގެ ވަށައިގެންވި، ކޮންޓެކްޓު ޓްރޭސިން ދެނެގަތެވެ. ޓެސްޓުތައް ކުރެވުނެވެ. އެކަހެރި ކުރެވުނެވެ. މިއީ ދިވެހި ރައްޔިތުންނާއި ހަމައަށް، މި ބިޔަ ރާޅު ބިންދާނުލައި، އަދާ ހަމައަށް ހިފަހައްޓައި ލެވުމުގެ ސިއްރެވެ. އޭގެ ފަހަތުގައިވަނީ، ދިވެހި ސަރުކާރުން މި ކަމުގައި ވަރުބަލި ކަމެއްނެތި ކުރަމުންދިޔަ ހުޝިޔާރު މަސައްކަތެވެ.

ދިވެހި ސަރުކާރުން، ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަޖުރިބާކާރުންނާއި ޑަބްލިއު އެޗް އޯގެ އިރުޝާދާއިއެކު، އަޅަންފެށި ފިޔަވަޅުތަކަކީ، ހަރުދަނާ ފިޔަވަޅު ތަކެކެވެ. އޭގެ ނަތީޖާއަކީ، ނޭގިތިއްބައި އޮޑިދަށުން ޖަހާ އުސޫލުން، މި ވައިރަސް، ދިވެހީންގެ ތެރެއަށް ފެތުރި ގަންނާނެ ފުރުސަތެއް ނުލިބި މަގުތައް ބަންދު ވުމެވެ. މިއީ ރާއްޖެއިން ކޮވިޑު19، ކޮންޓްރޯލު ކުރަމުން ގެންދެވޭ ކަމުގެ ސާފު ހެއްކެކެވެ.

ދުރާލާ ރާއްޖެއިން ފެށި މަސައްކަތުން، ޑަބްލިއު އެޗް އޯގެ އެހީގައި،ސިއްޙީ ދާއިރާގެ އިސް ސަފުގާ ޚިދުމަތަށް ތިބި މީހުންނަށް ބޭނުންވާނޭ، ރައްކާތެރި ކަމުގެ ސާމާނު ހޯދިއެވެ. ރާއްޖޭގައި ކޮވިޑް19އަށް، ޓެސްޓު ކުރެވޭނެ ގާބިލުކަންވެސް ހޯދިއެވެ. އަވަށްޓެރި އިންޑިއާގެ އެހީގައި މިފަދަ ބައްޔެއްގެ ސަބަބުން މެދުވެރިވާ ކަންކަމަށް ފަރުވާ ދޭނެ ބޭހާއި، އިންޑިއާގެ ފަރުވާގެ ތަޖުރިބާ ލިބިގަތެވެ. ހަމަ އެހެންމެ، އެންމެ ނުރައްކާތެރި ޙާލަތެއް ބޯމަތިވިޔަސް، މީހުން އެކަހެރިކޮށް ބައިތިއްބައިގެން، ފަރުވާދެވޭނެ "އައިސޮލޭޝަން ފެސިލިޓީސް" ރާއްޖޭގައި ދުރާލާ ޤާއިމް ކުރިއެވެ.

މިއީ، މިއަދު ކޮވިޑް19 "ހަނގުރާމައެއް" ގެ ގޮތުގައި، ސިފަ ކޮށްފައިވާ، އެމެރިކާއިންވެސް، އެންމެ ފުރަތަމަ އިސްކަން ދިން ކަންކަމެވެ. އެއީ މި ކުއްލި ބަލިމަޑުކަމަށްޓަކައި، ހޮސްޕިޓަލު ތަކުގެ ޖާގަ، ވީހާވެސް ހުސްކުރުމާއި، ސިއްޙީ ޚިދުމަތަށް ނިކުންނަ މީހުންނަށް ބޭނުންވާނެ ރައްކާތެރި ސާމާނާއި، ޓެސްޓު ކުރެވޭނެ ގާބިލް ކަމާއި، ކޮންޓެކްޓް ޓްރޭސިންގެ ނިޒާމު ގާއިމް ކުރުމާއި، މީހުން އެކަހެރި ކުރާނެ، "އައިސޮލޭޝަން ފެސިލިޓީސް" ތަކާއި، ފަރުވާދޭން ބޭނުންވާނެ ބޭހާއި،ސާމާނުގެ ތައްޔާރީ ތަކަށެވެ.

ދިވެހި ސަރުކާރުން، ރަޙުމަތްތެރި ގައުމުތަކުގެ އެހީގައި މިދެންނެވި ކަންކަން ދުރާލާ ފުރިހަމަ ކުރުމުގެ ނަތީޖާއަކީ، ކޮވިޑް19 އާއި ކުރިމަތިލާނެ ތައްޔާރީ، ދުރާލާ ވެފައި އޮތުމެވެ. ހަމަ އެއާއެކު، ރާއްޖޭގެ ކޮންމެ އަތޮޅެއްވެސް، ތައްޔާރީ ޙާލަތަށް ގެނުވައި، މީހުން ބިނާކުރިއެވެ. ގައުމުގެ އެކި ދިމަދިމާގައި ކަރަންޓީން ފެސިލިޓީސް ގާއިމް ކުރިއެވެ. މިއީ ވަސީލަތްތައް މަދު ގައުމެއްގައި ދުރާލާ އެޅުނު ހަރުދަނާ ފިޔަވަޅު ތަކެކެވެ.

ރައީސް ސާލިޙުގެ ސަރުކާރުން، ދިވެހި ރައްޔިތުން ކޮވިޑް 19އަށް، ހޭލުންތެރި ކުރުވަން ދުރާލާ ފެށްޓެވި ޕްރޮގްރާމު ތަކަކީވެސް، ކޮވިޑް 19ގެ ރާޅު އެރި ވަގުތު، ރައްޔިތުން ތެންމައި ނުލި އެއް ސަބަބެވެ. ކޮންމެ ރައްޔިތެއްގެ ފޯނަށް ފޮނުވާ މެސެޖު ތަކުގެ އިތުރުން، މީޑިއާ މެދުވެރިކޮށް، މުޅި ގައުމު އެލާޓަށް ގެނުވިއެވެ. މިކަމުގައި، ސިއްޙީ މާހިރުންނާއި، ސިފައިންނާއި ފުލުހުންގެ އިތުރުން، ރާއްޖޭގެ މީޑިއާ އަދާކުރަމުން އެ ގެންދަނީ، ގައުމީ ޚިދުމަތެކެވެ.

ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ސިއްޙަތާބެހޭ ގާނޫނުން މަތިކޮށްފައިވި "ކުއްލި ޙާލަތު" އިޢުލާން ކުރެއްވުމަކީ،ސަރުކާރުން ކޮވިޑް19 އަށް، ޣާފިލު ނުވާނެކަން ސާބިތު ކޮށްދިން ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާތަބު ކުރައްވައި، ރައްޔިތުންނަށް ދެއްވި އިތުބާރަކީ، ލީޑަރޝިޕަށް އޮތް އިތުބާރާއި ޔަޤީންކަން ބޮޑުވެގެންދިޔަ ފިޔަވަޅެކެވެ.

ރާއްޖޭގެ ސްކޫލްތައް ބަންދުކޮށް، ޢާންމު އެއްވުންތައް މަނާކޮށް، ޙާލަތާގުޅޭ ގޮތުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަންފެށުން ވެގެން ދިޔައީ، އެންމެންގެ ސަމާލުކަން ކޮވިޑް 19އަށް، ހުއްޓުނު ކަމެކެވެ. ޙާލަތު ބަދަލުވަމުންދާ ގޮތަށް ރިޢާޔަތްކޮށް، އެ ޙާލަތެއްގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް، ސަރުކާރުން އައީ އަޅަމުންނެވެ.

ރާއްޖެއިން ބޭރުން އަންނަ ދިވެހިންވެސް، ކަރަންޓީން ފެސިލިޓީގައި ރައްކާތެރި ކަމުގެ 14 ދުވަހުގެ މުހުލަތު ހޭދަކުރަން އެޅީވެސް ޚާއްސަ ފިޔަވަޅެކެވެ. ހަމައެހެންމެ، ރާއްޖެއަށް ފަތުރުވެރިން އަންނަ މަންޒިލް ތަކުގެ ތެރޭގައި ހިމެނޭ، ކޮވިޑް19ގެ ވައިރަސް ފެތުރޭ، ގައުމު ތަކުން މީހުން އައުން މަނާކުރުމާއި، ގެސްޓު ހައުސްތައް ބަންދު ކުރުމާއި، މާލެ ސަރަޙައްދުގެ ޢާންމު ސްޕާތައް ބަންދުކުރުންފަދަ ކަންކަމީވެސް، ސަރުކާރުން އެޅި ރައްކާތެރި ކަމުގެ މުހިންމު ފިޔަވަޅު ތަކެވެ.

މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ދިވެހި ސަރުކާރުން، ރައްޔިތުންނަށްދިން އެންމެ ބޮޑު ޔަގީން ކަމަކީ، ކާޑަށް ނުޖެހޭނެކަމާއި، ބޭހާ ކާޑުގެ ބާވަތްތައް، ބަރާބަރަށް ލިބެން ހުންނާނެ ކަމެވެ.

ފެނާއި ކަރަންޓު ބިލަށް ދިން ޚާއްސަ ލުއި ތަކުގެ އިތުރުން، ލޯނު ނަގައިގެން ވިޔަފާރިއަށް އިންވެސްޓުކުރި ފަރާތްތަކަށް ދިން، ލުއިތަކަކީ މިފަދަ ވަގުތެއްގައި ފެންނާން އޮތީ، އެ ސަރުކާރެއްގެ ހިތުގައި ރައްޔިތުންގެ ވިންދު ހިނގާ ސަރުކާރެއްކަން ޔަގީންވެގެންދިއަ ކަމެކެވެ. އެހެން ކަމުން، މިއީ ރައްޔިތެއްގެ ކަންބޮޑު ވުންތަކާ ގުޅޭ އެންމެހާ ކަންކަމަށް، ރައީސް ސާލިޙުގެ ސަރުކާރުން ނެރެފައިވި ފަރުވާ ތަކެވެ.

މިފަދަ ވަގުތެއްގައި ބުރަކި ޖެހެމުން މިދާ ވިޔަފާރިއާ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަންކަމުން އަރައިގަތުމަށްވެސް، ކޮށައިދިން މަގުތައް ފާހަގަވެގެން ދެއެވެ. ޕްރައިވެޓް ސެކްޓަރަށް މި އަޑިގަނޑުން އަރައިގަތުމަށް ފަހިކޮށްދިން ލޯނު ފެސިލިޓީސް ތަކަކީ، ދިވެހީންގެ ވަޒީފާގެ ބާޒާރަށް ލޮޅުން އެރިޔަ ނުދިނުމަށް ވެދިން އެހީ އެއްކަން ހާމަވިއެވެ.

މިދެންނެވި ކަންކަމަށްވުރެ، އުހުގައި އޮތީ، ދިވެހި ރައްޔިތުންގެ ރައްކާތެރި ކަމަށް، ރައީސް ސާލިހުގެ ސަރުކާރުން އަޅަމުން ގެންދިއަ ފިޔަވަޅު ތަކެވެ.

"މިވަގުތު ބޭނުމީ ޑޮލަރެއް ނޫނޭ، ދިވެހިންގެ ފުރާނަ ރައްކާކުރުމޭ"، މި ސަރުކާރުން ބުނާ ބުނުމެވެ.

ދިވެހީންނަށްވުރެ، ހުރިހާ ގޮތަކުން ކުރިއަރާފައިވި، ގައުމު ތަކުން، އެތަންހާސް ރައްޔިތަކު، ކޮވިޑް 19ގެ ރާޅު ދަށުލަމުންދާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުންގެ ދިފާޢުގައި، ދިވެހި ސަރުކާރު އޮތީ ފިސާރި ހޭލައެވެ.

ކިރިއާ ޝައްކަކަށްވެސް ޓެސްޓު ކުރަން ޖެހުނު ކޮންމެ މީހަކު ޓެސްކު ކުރުމުގައެވެ. އެކަހެރި ކުރަންޖެހޭ ކޮންމެ މީހަކު އެކަހެރި ކުރުމުގައެވެ. ދެނެ ގަންނަންޖެހޭ ކޮންޓެކްޓް ޓްރޭސިންގެ ދަތި އެހާމެ ބުރަ މަސައްކަތުގައެވެ. ނެރެންޖެހޭ އަމުރުތައް ނެރެ، ތަންފީޒު ކުރުމުގައެވެ.

މި ހުރިހާ މަސައްކަތެއް، ކުރަމުން ގެންދާއިރު، ދިވެހި ރައްޔިތުންނަށް، ސަރުކާރުން، އެ ދޭ މެސެޖަކީ، ޢާންމު އެއްވުންތަކާއި، ބައްދަލުވުން ތަކުން އެކަހެރިވާށޭ އެވެ. ގޭގައި ހުންނާށޭ އެވެ. ކިރިއާ ޝައްކެއް ހީވިޔަސް އަވަހަށް ޓެސްޓު ކުރާށޭ އެވެ. ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮންނާށޭ އެވެ. ޤައުމު ކުއްލި ޙާލަތުގައެވެ. ބޭނުމީ ޑޮލަރެއް ނޫނެވެ! ދިވެހީންގެ ފުރާނައެވެ!

ދިވެހި ސަރުކާރުން، ދިވެހި ރައްޔިތުންގެ ސަލާމަށްޓަކައި، ދޭ އިރުޝާދަކީ، އެމެރިކާގެ ރައީސް، އެގައުމުގެ ރައްޔިތުންނަށްވެސް، މިވަގުތުވެސް ދެއްވާ އިރުޝާދެވެ. އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުވެސް، އޭނާގެ ރައްޔިތުންނަށް ދެއްވާ އިރުޝާދެވެ. ސިންގަޕޫރުގެ ބޮޑުވަޒީރު، ސިއްގަޕޫރު ރައްޔިތުންނަށް ދެއްވާ އިރުޝާދެވެ. އަދި އެ އިރުޝާދެއްގެ އަޑު އަހައިގެން އެކަހެރިވެގެން އެތައް ދުވަހަކު، ގޭގަތިބެ، މިއަދު އަމާން މަގުތަކަކަށް ނިކުންނަމުން އެދާ، ޗައިނާގެ ރައްޔިތުންނަށް، ޗައިނާ ސަރުކާރުންވެސް، ކެނޑިނޭޅި ދިން އިރުޝާދެވެ. އެއީ ދިވެހި ކާބަފައިންގެ ވެސް، ހަރުބަހެކެވެ." ރައްކާވެ ތިބިއްޔާ ދަތުރެވެ"!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
87%
0%
0%
0%
13%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި