ކ. މާލެ
|
20 މާރޗް 2020 | ހުކުރު 15:22
ބިލް ގޭޓްސް
ބިލް ގޭޓްސް
އޭޕީ
ކޮވިޑް-19
ކޮރޯނާވައިރަސް އިން އަރައިގަތުމަށް 6 ހަފްތާ އާއި 10 ހަފްތާގެ މުއްދަތެއް ނަގާފާނެ: ބިލް ގޭޓްސް
 
ބިލް އެންޑް މިލިންޑާ ގޭޓްސް ފައުންޑޭޝަނުން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ ހަނގުރާމަ އަށް އެހީތެރިވުމުގެ ގޮތުން 100 މިލިއަން ޑޮލަރު ހަދިޔާ ކޮށްފަ

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ނުރައްކަލުން ސަލާމަތްވެ ގައުމުތައް އަލުން ހުޅުވާލުމަށް 6 ހަފްތާ އާއި 10 ހަފްތާ އާ ދެމެދުގެ މުއްދަތެއް ނަގާފާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް ވިދާޅުވެއްޖެއެވެ.

ގައިންގަޔަށް އަރާ ބަލިތަކާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބިލް ގޭޓްސްއަށް ރެޑިޓްގައި އާއްމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މި ދިޔަ ބުދަ ދުވަހު އޭނާ ވިދާޅުވީ، ބަލި ދެނެގަތުމަށް ޓެސްޓް ކުރުން ރަނގަޅަށް ކުރިއަށް ގެންދެވިއްޖެ ނަމަ، ކުރު މުއްދަތެއްގައިވެސް ލޮކް ޑައުން އިން އަރައިގަނެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކޮރޯނާ ވައިރަސްގެ ކަންތައް ކިހާ ދުވަހަކަށް ދިގު ދެމިގެން ހިނގައިދާނެތޯ މީހަކު ކުރި ސުވާލަށް ބިލް ގޭޓްސް ލިޔުއްވި ޖަވާބުގައި ވިދާޅުވީ، އެކި ގައުމު މި ކަމުގައި ތަފާތު ވެދާނެ ކަމަށެވެ. ބިލް ގޭޓްސް ވިދާޅުވީ، ޗައިނާ އިން މިހާރު ބަލީގެ މީހުން ފެންނަލެއް މަދުވީ، ޓެސްޓް ކުރުން ވަރުގަދަ ވެފައި، ޝަޓްޑައުން ގެ ނަތީޖާ ރަނގަޅު ވުމުން ކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ. އެހެން ކަމުން ބައްޔަށް ޓެސްޓް ކުރުން ވަރުގަދަކޮށް ޝަޓްޑައުން ރަނގަޅަށް ގެންދެވިއްޖެ ނަމަ 6 ހަފްތާ އާއި 10 ހަފްތާ އާ ދެމެދުގެ މުއްދަތެއްގައި އެ ގައުމަކަށް މި ބަލިން އަރައިގަނެވި، އާއްމު ހާލަތަކަށް ގެނެވިދާނެ ކަމަށް ގޭޓްސް ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް އާ ބެހޭ ގޮތުން ތަފާތު ސުވާލުތަކަށް ޖަވާބު ދެއްވަމުން ގޭޓްސް ވިދާޅުވީ، ބަލީގެ އިގްތިސާދީ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށެވެ. ނަމަވެސް ރަނގަޅަށް ކަންކަން ގެންދެވިއްޖެ ނަމަ އިގްތިސާދު ހަމަޔަކަށް އެޅޭނެ ކަމަށްވެސް ގޭޓްސް ވިދާޅުވިއެވެ.

ގޭޓްސް ވިދާޅުވީ، އެމެރިކާ އިން ވެސް އާޚިރުގައި ލޮކްޑައުން އަކަށް ދާނެ ޖެހޭނެ ކަމަށާއި، ނަމަވެސް އެ ފިޔަވަޅު އެޅުން ބޮޑުތަނުން ލަސްވެއްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ގޭޓްސް ވިދާޅުވީ، ލޮކްޑައުން އަކަށް ދިއުން އަވަސް ކުރުމަކީ އަވަހަށް ބަލި ކޮންޓްރޯލް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ގޭޓްސް ވަނީ އެމެރިކާގައި ކޮރޯނާ ވައިރަސް އަށް ޓެސްޓް ކުރުމުގެ އިންތިޒާމްތައް ހުރިލެއް ދޯހަޅި ކަމާމެދު ވެސް ޚިޔާލު ފާޅު ކުރައްވާފައެވެ. ގޭޓްސް ވިދާޅުވީ، މިކަމުގައި އަދި އެއްވެސް އިންތިޒާމެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި ކުރިއަށް އޮތް ދެތިން ހަފްތާގައި ބައްޔަށް ޓެސްޓް ކުރުމުގެ އިންތިޒާމް އެމެރިކާގައި ހަރުދަނާ ވެގެން ދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބިލް އެންޑް މިލިންޑާ ގޭޓްސް ފައުންޑޭޝަނުން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ ހަނގުރާމަ އަށް އެހީތެރިވުމުގެ ގޮތުން ސަތޭކަ މިލިއަން ޑޮލަރު ހަދިޔާ ކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ނިޔަލަށް ދުނިޔޭގައި ކޮވިޑް-19 ޖެހިފައިވާ ދެލައްކަ ބާވީސް ހާހަށް ވުރެ ގިނަ މީހުން ތިބި ކަމަށް ރެކޯޑްތަކުން ދައްކައެވެ. އެމެރިކާގައި އެކަނިވެސް ނުވަހާސް ހަތަރު ސަތޭކަ މީހުންނަށް މި ބަލި ވަނީ ޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
20%
50%
10%
0%
0%
20%
ކޮމެންޓް