ކ. މާލެ
|
20 މާރޗް 2020 | ހުކުރު 14:53
ނިރްބަޔާގެ މަންމަ އާޝާ ދޭވީ
ނިރްބަޔާގެ މަންމަ އާޝާ ދޭވީ
ރެޑިފް.ކޮމް
ނިރްބަޔާ ރޭޕް ކޭސް
ރޭޕްކޮށް އެއްލާލާފައި އޮތް ދަރިފުޅަށް މަންމަގެ ބަސް: "ދަރިފުޅާ، މިއަދު އިންސާފު ލިބިއްޖެ"
 
އޭނަ މަރުވެފައިވަނީ ޑިސެމްބަރ މަހު 29 ވަނަ ދުވަހު
 
މި ހާދިސާ ހިނގާފައިވަނީ 2012 ވަނަ އަހަރު ޑިސެމްބަރ މަހު 16 ވަނަ ދުވަހު
 
ކުށްވެރިވާ 4 މީހެއް ދަންޖައްސާފައިވޭ

އުމުރުން 23 އަހަރުގެ ޖޯތީ ސިންގ (ނިރްބަޔާ) އަކީ ފިޒިއޯތެރަޕީ ކިޔަވަމުންދިޔަ ދަރިވަރެކެވެ. ހިތްވަރުގަދަ، ހިތްހެޔޮ ކުއްޖެކެވެ. ދެމަފިރިއެއްގެ ލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. ބަދްރިނާތް ސިންގ އާއި އާޝާ ދޭވީގެ ލޯބިވާ ދަރިފުޅަށް ރަނގަޅު ތައުލީމެއް ހާސިލުކޮށްދިނުމަށް ހުރިހާ މުދަލެއް ވިއްކާލުމަށްފަހު ދިއްލީއަށް ބަދަލުވީ އެތަކެއް ހުވަފެންތަކާއެކުއެވެ. ނަމަވެސް އެ ދެމަފިރިންގެ ލޮލުގެ ކޮއި ކަމަށްވާ ލޯބިވާ ދަރިފުޅު ފެނުނީ އޮރިޔާން ހާލުގައި މަގުމައްޗަށް އެއްލާލާފައި އޮއްވައެވެ. މުޅި ހަށިގަނޑުގައި ޒަހަމްތަކުގެ ނިޝާނެވެ. ދަނގަޑުގަނޑެއް ބޭނުންކޮށްގެން ޖިންސީ ގުނަވަންތަކަށް ދީފައިވާ އަނިޔާތަކުގެ ސަބަބުން ގޮހޮރު އޭރު އޮތީ ބޭރަށް ނުކުމެފައެވެ. މައިންބަފައިން ނޫނަސް އެއްވެސް އިންސާނަކަށްވެސް ބަލާލަން ކެތްވާ ޙާލެއްގައެއް ނޫނެވެ.

އެތައް ގަޑިއިރެއް ވަންދެން ރޭޕް ކުރީ ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި

2012 ވަނަ އަހަރު ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ހިނގި މި ހާދިސާގައި ނިރްބަޔާ ރޭޕްކޮށްފައިވަނީ އޭނާގެ ފިރިހެން އެކުވެރިއަކާއެކު ބަހަކަށް އަރައިގެން ގެއަށް ދިޔަ މަގުމަތީގައެވެ. ބަސް ޑްރައިވަރާއި އިތުރު 5 މީހަކުވެގެން އެތައް ގަޑިއިރެއް ވަންދެން ނިރްބަޔާ ރޭޕް ކުރިއިރު އޭނާގެ ފިރިހެން އެކުވެރިޔާއަށް އެތައް އަނިޔާތަކެއް ދިނުމަށްފަހު ހޭނައްތާލީއެވެ.

ނިރްބަޔާގެ މެޑިކަލް ރިޕޯޓުން ދައްކާގޮތުން އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެގޮތުން އެ 6 މީހުން ވެގެން ނިރްބަޔާ ރޭޕް ކުރުމަށްފަހު، ދަގަނޑުގަނޑެއް ބޭނުންކޮށްގެންވެސް ރޭޕްކޮށްފައިވާކަން މެޑިކަލް ރިޕޯޓުން އެނގެއެވެ. އެގޮތުން އޭގެ ތެރެއިން އެކަކު ތަހުޤީޤަށް ދީފައިވާ ބަޔާނުގައި ދަގަނޑަކުން ނިރްބަޔާ ރޭޕް ކުރުމަށްފަހު އޭނާގެ ގޮހޮރު ހަށިގަނޑުގެ ތެރެއިން ދަމާ ނެރުނުތަން ފެނުނު ކަމަށް ވަނީ އެއްބަސްވެފައެވެ.

އޭގެ އިތުރުން، ފުލުހުންގެ ރިޕޯޓުން ދައްކާގޮތުން އެ މީހުން ނިރްބަޔާ ރޭޕް ކުރަމުންދިޔައިރުވެސް އޭނާ ދިޔައީ އެ މީހުން ހުއްޓުވުމަށް ކަށިން ހިތްވަރު ނެރިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭގެ ބައެއް މީހުންގެ ހަށިގަނޑުންވެސް އެކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށް ފުލުހުން ބުނެއެވެ.

އެތައް ގަޑިއިރެއްވަންދެން ނިރްބަޔާ ރޭޕް ކުރުމަށްފަހު އެ 6 މީހުންވެގެން ނިރްބަޔާއާއި އޭނާގެ އެކުވެރިޔާ މަގުމައްޗަށް އެއްލާލީއެވެ. އަދި އެއަށްފަހު ހެކިތައް ނައްތާލުމަށް އެ މީހުންވަނީ ވަގުތުން ބަސްވެސް ސާފުކޮށްފައެވެ.

މަގުމަތިން ހިނގާފައިދިޔަ ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރުމުން ނިރްބަޔާއާއި އޭނާގެ އެކުވެރިޔާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި ނިރްބަޔާއަށް އެމަރޖެންސީގައި ފަރުވާދީ ވަގުތުން ވެންޓިލޭޓަރަށް ލިއެވެ. ނަމަވެސް އޭގެ ހަފްތާއެއް ފަހުން ނިރްބަޔާ ދުނިޔެ ދޫކޮށްފައިވަނީ އިންޑިއާގައި ފަރުވާ ދިނުމަށްފަހު ސިންގަޕޫރުގެ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

ނިރްބަޔާ ފެނުނުތާ 24 ގަޑިއިރު ނުވަނީސް ބައެއް މީހުން ހައްޔަރުކުރި

މި މައްސަލައިގައި 6 މީހެއް ހިމެނޭއިރު، ސީސީޓީވީ ފުޓޭޖްތަކާއި، މީހުންގެ ބަޔާންތަކުގެ މައްޗަށް ބަލައި އޭގެ ތެރެއިން ބައެއް މީހުން ނިރްބަޔާ ފެނުނުތާ 24 ގަޑިއިރު ނުވަނީސް ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަސް ދުއްވަން އިން ރާމް ސިންގ އާއި، އޭނާގެ ބޭބެ މުކޭޝް ސިންގ ގެ އިތުރުން، ވިނޭ ޝަރްމާއާއި، ޕަވަން ގުޕްތާއާއި، އަކްޝޭ ޓާކުރުގެ އިތުރުން 18 އަހަރު ނުވާ ކުއްޖެކެވެ.

ރިޕޯޓުތައް ބުނާގޮތުން ހާދިސާ ހިނގުމުގެ ކުރިން މި 6 މީހުން އުޅުނީ އެކުގައި މަސްތުވެ "ޕާޓީ ކުރުމުގައެވެ". އަދި ނިރްބަޔާއާއި އޭނާގެ އެކުވެރިޔާއަށް އޮޅުވާލުމަށްފަހު ގެއަށް ގެންގޮސްދޭނެކަމަށް ބުނެ ބަހަށް އެރުވިއިރުވެސް އެ މީހުންގެ ނިޔަތް ނުބައިކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ނިރްބަޔާ ރޭޕް ކުރުމުގެ ކުރިން އެބަހަށް އެހެން ބަޔަކު އަރުވައި އެމީހުންގެ އަތުން ފޭރިފައިވެސް ވެއެވެ.

8 އަހަރަށްފަހު ކުށްވެރިން ދަންޖެއްސުމުން ނިރްބަޔާ މަންމަގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ

މި މައްސަލައިގައި ނިރްބަޔާ ރޭޕް ކުރިކަމުގެ ކުށް ސާބިތުވެ، ދިއްލީގެ ހައި ސެކިއުރިޓީ ޖަލެއްގައި ހުކުރު ދުވަހު ހެނދުނު ވަނީ މައްސަލައިގައި ހިމެނޭ އަކްޝޭ ޓާކުރު، ވިނޭ ޝަރްމާ، ޕަވަން ގުޕްތާ އަދި މުކޭޝް ސިންގ ދަންޖައްސާ މަރާލާފައެވެ.

މި މައްސަލައިގައި ދެން ތިބި 2 މީހުންގެ ތެރެއިން އެކަކު ވަނީ ޖަލުގައި ބަންދު ކޮށްފައި ހުއްޓާ އަމިއްލައަށް މަރުވެފައެވެ. އަދި މި މައްސަލައިގައި ދެން ހިމެނޭ 18 އަހަރުނުވާ ކުއްޖާވަނީ އަދަބު ފުރިހަމަ ކުރުމަށްފަހު 2015 ވަނަ އަހަރު ދޫކޮށްލާފައެވެ.

އެގޮތުން 4 މީހުން ދަންޖެއްސުމާއެކު ނިރްބަޔާގެ މަންމަ ވަނީ އޭނާގެ ފޮޓޯގައި ބޮސް ދިނުމަށްފަހު "ދަރިފުޅަށް މިއަދު އިންސާފު ލިބިއްޖެ" ކަމުގައި ބުނެފައެވެ. އޭރު އޭނާގެ ލޮލުން ދިޔައީ ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުންނެވެ. 8 އަހަރު ވަންދެން ދަރިފުޅަށް އިންސާފު ހޯދައިދިނުން އެދި އޭނާއާއި ފިރިމީހާ ކުރި ބުރަ މަސައްކަތުގެ ފޮނި މީރުކަން ލިބުނު ނަމަވެސް ގެއްލުނު ދަރިފުޅުގެ ފަޅުކަން އެ ދެމަފިރިންގެ ޙަޔާތުން ނެތިގެން ނުދާނެ ކަމަށް ދެމަފިރިން ބުނެއެވެ.

ދަންޖައްސާފައިވާ 4 މީހުން

ހާދިސާއަށްފަހު މުޅި އިންޑިއާ ނިދިން ހޭލައްވާލި!

މި ހާދިސާއާއެކު މުޅި އިންޑިއާ ގަދަ ނިންޖަކުން ހޭލި ކަހަލައެވެ. ރޭޕްއާ ދެކޮޅަށް އެ ޤައުމުގައި ވަރުގަދަ މަސައްކަތްތަކެއް ފެށިގެން ދިޔައީ މި ކޭސްއަށް ފަހުއެވެ. ނިރްބަޔާއަށް އިންސާފު ހޯދައިދިނުން އެދި އެތައް ބަޔަކު މަގުތަކަށް އެއްވެ އަޑުއުފުލަމުން ދިޔައިރު، އެ އަޑު ދުވަހެއް ދުވަހަކަށް ދިޔައީ ގަދަ ވަމުންނެވެ. ރޭޕްއާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ދިޔައީ އިތުރުވަމުންނެވެ. އަޅާ ފިޔަވަޅުތައް ދިޔައީ ވަރުގަދަވަމުންނެވެ. ދޭ އަދަބުތައް ދިޔައީ ހަރުކަށި ވަމުންނެވެ.

އެގޮތުން 2013 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އިންޑިއާގައި އެންޓި ރޭޕް ޤާނޫނެއް ވުޖޫދުވެގެން ދިޔައެވެ. އޭގެ ތެރޭގައި އައު ކުށްތަކަކާއި ހަރުކަށި އަދަބުތަކެއް ކަނޑައެޅިގެން ދިޔައިރު، އަންހެނުންނަށް ކުރާ އެކި ގޯނާއާއި ފުރައްސާރައަށް ހަރުކަށި އަދަބުތަކެއް އެ ޤާނޫނުގައި ހިމަނާފައިވެއެވެ.

އޭގެ އިތުރުން، ޤާނޫނުގައި ރޭޕް މާނަ ކުރާ ގޮތް އިތުރަށް ފުޅާ ކުރެވިގެންދިޔައިރު، ރޭޕްގެ ކުށަށް މަރުގެ އަދަބު ކަނޑައެޅިގެން ދިޔައީވެސް އެހިސާބުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
2%
80%
1%
9%
1%
7%
ކޮމެންޓް