ކ. މާލެ
|
20 މާރޗް 2020 | ހުކުރު 01:58
ކޮވިޑް-19ގެ ސާންޕަލް ވެކްސިން ޖަހަނީ
ކޮވިޑް-19ގެ ސާންޕަލް ވެކްސިން ޖަހަނީ
އޭބީސީ ނިއުސް
ކޮވިޑް-19
ފުރާނަ ގުރުބާންކޮށްގެން ނަމަވެސް ބޭނުންވަނީ ކޮވިޑް-19 އަށް ފަރުވާއެއް ހޯދަން: ޖެނިފަރ
 
ގިނަ ބަޔަކު ތިބީ ވެކްސިންގެ އިންތިޒާރުގައި
 
މިވެކްސިންއިން ނުކުންނާނެ ނަތީޖާއެއް އަދި ނޭނގޭ
 
ވެކްސިން ހޯދުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ދުނިޔޭގެ ހުރިހާ ބައްރެއްގައި ނޮވެލް ކޮރޯނާ ވައިރަސް(ކޮވިޑް-19) ފެތުރެމުންދާއިރު، ގިނަ ބަޔަކު އިންތިޒާރުކުރަމުންދަނީ މިވައިރަސްއިން ދިފާޢުވާނެ ގޮތައް ފެންނާނެ ދުވަހަކަށެވެ. ވެކްސިންއެއް ނުވަތަ މިކަމަށް ޚާއްޞަ ބޭހަކަށެވެ. ދުނިޔޭގެ އެތައް މިލިއަން މީހުންގެ މިއިންތިޒާރަށް ނިމުމެއް ގެންނަން ޞިއްޙީ މާހިރުންނާއި، ސައިންސްވެރިންދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. މިއީ ފަންނުވެރި މަސައްކަތެއް ކަމުގައިވީނަމަވެސް، މިމަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ޞިއްޙީ މާހިރުން ދަނީ ބުނަމުންނެވެ. ފަންނީ މާހިރުންނާއި ތަޖުރިބާކާރުން ކުރަމުންދާ މަސައްކަތުގައި އެކި ގޮތްގޮތުން ޢާންމުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރެެވެއެވެ. އެމެރިކާއަށް އުފަން އުމުރުން 43 އަހަރުގެ ޖެނިފަރ ހަލަރ އަކީ މިފަަދަ މީހެކެވެ. އޭނާ ވަނީ ދަރުމަވެރިއެއްގެ ރޯލުން މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ.

އޭނާއަށް މިކަމުގެ ތެރެއަށް ވަދެވުނީ އޭނާގެ އެކުވެރިއެއްގެ ފަރާތުންނެވެ. އޭނާގެ އެކުވެރިޔާ ކޮވިޑް-19ގެ ވެކްސިން ޓެސްޓްކުރުމަށް ވޮލެންޓިއަރ ކުރުމުގެ ފުރުޞަތު އޮތް ވާހަކަ ފޭސްބުކްގައި ޝެއަރ ކޮށްފައި އޮތްތަން ފެނުމާއެކު، ޖެނިފަރ އަވަސްވެގަތީ އެދުވަހު ވޮލެންޓިއަރ ކުރުމަށް ބޭނުންވާ ފޯމު އޮންލައިންކޮށް ފުރުމަށެވެ. މި ފޯމުގައި އޭނާގެ ޞިއްޙަތާ ބެހޭ މަޢުލޫމާތު ހިއްސާކުރިއެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު އޭނާއަށް ވެކްސިން އުފައްދާ މޮޑެއްނަރ ބަޔޯރ ނެކްނޮލެޖީން، ކުރިޔަށްގެންދަން ހަމަޖެހިފައިވާ ވެކްސިންގެ އަޖުމަ ބެލުމުގެ މަރުޙަލާގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނުކަން އެންގިއެވެ. އަދި އޭނާއާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށްފަހު ލޭގެ ސާންޕަލް ނެގިއެވެ.

މިދިޔަ ހޯމަ ދުވަހުގެ 8 ޖެހިއިރު 2 ކުދިންގެ މަންމަ އެއްކަމުގައިވާ ޖެނިފަރގެ ވާތުއަތަށް ވަނީ ވެކްސިންގެ ޓެސްޓް ސާމްޕަލް އިންޖެކްޓް ކޮށްފައެވެ.

ޖެނިފަރއަކީ މިވެކްސިން ޓެސްޓު ކުރި ކުރުމަށް އެމެރިކާގެ ވޮޝިންގޓަންގެ ސިއޭޓަލް ޞަރަޙައްދުން ވޮލިންޓިއަރ ކުރި 45 މީހުންގެ ތެރެއިން އެކަކެވެ. މިވެކްސިން ސާމްޕަލްއަކީ އަދި ސީދާ މީގެން އިންސާނުންނަށް ކުރާނެ އަސަރު ޔަޤީނުން ބުނަން ނޭނގޭ އެއްޗެއްކެވެ. މިވެކްސިންގެ ސަބަބުން ޖެނިފަރގެ ހަށިގަނޑަށް ކުރާނެ އަސަރު ނޭނގޭއިރު، ނަތީޖާ ރަނގަޅުވުން ނުވަތަ ހީނުކުރާފަދަ ދެރަގޮތަކައް ވުމަކީވެސް ގާތްކަމެކެވެ. ނަމަވެސް ޖެނިފަރ މިކަމާ ކުރިމަތިލީ މީކަމުގެ ނުރައްކާ އެނގިހުރެއެވެ. ވެކްސިންގެ އަޖުމަ ބެލުމުގެ މަރުޙަލާގައި ބައިވެރިވުމަކީ ފަޚުރުވެރި ކަމެއްގެ ގޮތުގައި ދެކިގެންނެވެ.

އަހަރެމެން އެންމެން ވެސް، އަދި މުޅި ދުނިޔެވެސް މިއޮތީ މިކަމާއި ވަރަށް ބޮޑަށް މާޔޫސްވެފަ. ކޮވިޑް-19 އަށް ފަރުވާ އެއް ނުހޯދޭތީ. މި ލިބުނު ފުރުޞަތަކީ، ދުނިޔެއަށް ދިމާވެފައިވާ ކާރިޘާއިން ސަލާމަތް ވުމަށް ކުރާ މަސައްކަތުގައި އަޅުގަނޑަށް ވެސް ބައިވެރިވެ، ތަފާތު ދައްކާލުމަށް ލިބުނު ވަރަށް ވެސް ރަނގަޅު ފުރުޞަތެއް ގެ ގޮތުގައި އަޅުގަނޑު ދެކެނީ. އަދި މިކަން މި ކުރަނީ ވަރަށް ހިތްހަމަ ޖެހިގެން ހުރެ.
ޖެނިފަރ ހަލަރ

ޖެނިފަރއަކީ މުޅި ދުނިޔެ ކުޑަ ކަކޫ މަށްޗަށް ތިރިކޮށްލި ކޮވިޑް-19 އިން ސަލާމަތްތެރި އައްސޭރިއަކަށް ވާޞިލު ވުމަށް ކުރަމުންދާ މަސައްކަތުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ފަރާތެކެވެ. މިވެކްސިންގެ ނަތީޖާ ޕޮޒިޓިވްވެއްޖެނަމަ، މުޅި ދުނިޔެ އެކަމާ އުފާކުރާނެ ކަމެކެވެ. މިއީ، ޖެނިފަރއަށް ލިބޭ އުފާވެރި ޝަރަފެކެވެ. ފަޚުރުވެރި ލަޤަބެކެވެ.

ރިޕޯޓުތައް ބުނާ ގޮތުންނަމަ، 35ށްވުރެ ގިނަ ފަރމަސޫޓިކަލް ފާމްތަކުން ދަނީ ކޮވިޑް-19 އަށް ވެކްސިންއެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ސަރުކާރުތަކުން ދަނީ ވެކްސިން ހޯދުމަށް މިފާމްތަކަށް އެހީތެރިވަމުންނެވެ.

ވެކްސިންއެއް އީޖާދުކުރުމުގެ މަސައްކަތް ކުރާއިރު، މައްސައްކަތް ކުރަންމުންދަނީ އެހާ ވާދެވެރި ކޮށްނެންނޫން. އެއްބަޔަކަށް ވުރެ އަނެއް ބަޔަކު މޮޅުވާން އުޅޭ ތަނެއް ނޫން މިފެންނަނީ. ކޮންމެ ބަޔަކުވެސް އެ ބަލަނީ އަވަހަށް ބައްޔަށް ވެކްސިންއެއް އުފެދޭތޯ. މީގެއިން ވެސް ހާމަވެގެންދޭ މިބަލީގެ ސީރިއަސްކަން. އަދި ފަރުވާއެއްގެ މުހިންމުކަން...
ލަންޑަންގެ އިންޕީރިއަލް ކޮލެޖްގެ އިންފެކްޝަން ޑިސީސަސްގެ އެކްސްޕަރޓްކަމުގައިވާ ޖޯން ޓްރެގްއޮއިންގ

މިވެކްސިން އަކީ އޭގެ ޒާތުގައި ހަށިގަނޑަށް ކޮވިޑް-19ގެ ވައިރަސްއަށް ޙަމަލާ ދިނުމަށް ހަށިގަނޑުގެ އިމިއުން ސިސްޓަމަށް އެހީތެރިވެދޭ ގޮތައް އުފައްދާފައިވާ ވެކްސިންއެކެވެ.

ވެކްސިންގެ އަސަރު ކުރަމުންދާ ގޮތް ބެލުމަށް ޖެނިފަރގެ ގައިން ކޮންމެ ހަފުތާއަކު ލޭނގެ ސާންޕަލްއެއް ނަގާ ތަހުލީލު ކުރާނެއެވެ. އަދި ވެކްސިންގެ ދެވަނަ ޑޯސްއެއް އޭގެ އެއް މަސް ފަހުން އޭނާގެ ގަޔަށް ޖަހާނެ ކަމަށް ވެކްސިން އުފެއްދުމުގެ މަސައްކަތްކުރާ މޮޑެއްނަރ ކުންފުނީގެ ޑޮކްޓަރުންގެ ޓީމުން މަޢުލޫމާތުދެއެވެ. 45 މީހުންގެ ވޮލިންޓިއަރުންގެ ގުރޫޕް ވަނީ 03 ކެޓަގަރީ އަކަށް ބަހާލާފައެވެ. އަދި އެކި ގުރޫޕްތަކަށް ދޭ ވެކްސިންގެ ބާރު ތަފާތުވާނެ ކަމަށް ވެސް ބުނެއެވެ.

ޖެނިފަރ ހަލަރގެ ދެދަރިންނާއެކު

ބައިވެރިންގެ ޞިއްޙީ ޙާލަތުގައި ޤަވާއިދުން މޮނިޓަރ ކުރާނެއެވެ. އަދި ގާތްގަނޑަކަށް އަހަރެއްހާ ދުވަހު މިގޮތައް މޮނިޓަރ ކުރަންޖެހޭނެއެވެ. ނަމަވެސް ވެކްސިންއާ ގުޅޭ ސޭފްޓީ ޑޭޓާތައް ހަފުތާއެއްގެ ތެރޭގައި ލިބިދާނެ ކަމަށް މޮޑެއްނަރއިން ބުނެއެވެ.

މުޅި ދުނިޔެ ކޮވިޑް-19 އަށް ފަރުވާއެެއް ނުވަތަ ވެކްސިންއެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، ފަރުދުންގެ ބައިވެރިވުމަށް އެދޭ މި ދަނޑިވަޅުގައި، ޖެނިފަރ މިވަނީ މިކަމުގައި ދުނިޔެއަށް މިސާލު ދައްކާފައެވެ. އަމިއްލަ ފުރާނަ ޤުރުބާންކޮށްގެން ވެކްސިން އުފެއްދުމަށް ކުރާ މަސައްކަތުގައި އެއްބާރުލުންދީފައެވެ. ދުނިޔޭގެ ޙައްޤުގައެވެ. ނުރައްކާތެރި ވައިރަސްއިން ދުނިޔެ ސަލާމަތްކުރުމުގެ އަޒުމުގައެވެ. އަދި ޖެނިފަރ މިދެއްކި ހިތްވަރަށް އެތައް ބަޔަކު ތަޢުރީފު އޭނާއަށް ދަނީ އޮހެމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
4%
96%
0%
0%
0%
0%
ކޮމެންޓް