ކ. މާލެ
|
17 މާރޗް 2020 | އަންގާރަ 14:06
މިހާދިސާގައި ދުނިޔެ ދޫކޮށް ދިޔަ މީހުން
މިހާދިސާގައި ދުނިޔެ ދޫކޮށް ދިޔަ މީހުން
ރާއްޖެއެމްވީ
އެނަމާ ބޯޓު
''މަކުއްދާ މަރެވެންނޫ، ސަލާމަތެ ކޮށްދީ'' މިއާދޭސް އަޑުނާހާ ދިޔައީ މަސްކޮޅު ކިރުވާލަން!
 
ދާންދޫގެ މަސްދޯނީގެ ފަޅުވެރިން އެހީވިނަމަ ގިނަ މީހުން ސަލާމަތް ކުރެވޭނެ
 
ހާދިސާއިން ސަލާމަތްވި މީހުންގެ ތެރެއިން މިއަދާ ހަމައަށް ކަނޑުމައްޗަށް ނާރާ މިހުން އެބަތިބި
 
ހާދިސާއަށްފަހު ރަށުން ބޭރަށް ކުޅިވަރެއް ކުޅޭކަށް ނުދޭ
 
122 މީހުންނާއެކު ދަތުރު ކުރަނިކޮށް ޖުމްލަ 24 މީހުން މަރުވެ 2 މީހަކު ގެއްލިފައިވޭ
 
ތިނަދޫ އެނަމާބޯޓު ބަންޑުން ޖަހާލި ހާދިސާ ހިނގާފައިވަނީ 17 މާރޗް 2004 ގައި

ގެނބެމުންދިޔަ ވަގުތު އަތުގަ ޖެހުނީ އަންހެން ކުއްޖެއްގެ އިސްތަށިގަނޑެވެ. ފަނޑުފަނޑު އަލިކަމެއް ހުރި ނަމަވެސް މީހުން ސާފުވާވަރެއް ނުވެއެވެ. މުޅި ސަރަހައްދުން ޝަހާދަތުގެ އަޑާއި، ސަލާމަތަށް ގޮވުމުގެ އަޑުގެ އިތުރުން ރުއިމުގެ އަޑުން އޮތީ ގުގުމާލާފައެވެ. މީގެ 16 އަހަރު ކުރިން ހިނގި އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާއިން ސަލާމަތްވި ފަރީޝާ އަލީ ވާހަކަ ފެށީ މިހެންނެވެ.

ފަރީޝާ ކިޔާދިން ގޮތުގައި އެ ދުވަހަކީ ގއ. ވިލިނގިލީގައި ފޯރިގަދަ ފުޓުބޯޅަ މެޗެއް ކުޅުނު ދުވަހެކެވެ. ދިވެހި ލީގަށް ކޮލިފައިވާން ޒޯން ހަތެއްގެ ގދ. ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ. ވިލިނގިލީ މަސްވެރިންގެ ކްލަބު ވިލިނގިއްޔާއި ބައްދަލުކުރި މެޗެވެ. ރަށުގެ ޓީމު ކުޅޭތީ ސަޕޯޓުކުރުމަށް ފަރީޝާ ވެސް ވިލިނގިއްޔަށް ދިޔައީ ގިނަ އަދަދެއްގެ ރަށްޓެހިންނާއި، ތިމާގެ މީހުން ދާތީއެވެ. އުފާވެރި ވަގުތު ކޮޅެއް ހޭދަކުރުމުގެ އުންމީދުގައެވެ.

ފަރީޝާ ކިޔާދިން ގޮތުގައި މެޗުން ބަލިވި ނަމަވެސް އެދުވަހުގެ އިރުއޮއްސި ގާތްގަނޑަކަށް 7:00 ހާއިރު ބޯޓަށް އެންމެން ވެސް އެރީ ވަރަށް ހިތްހަމަޖެހިގެންނެވެ. ބޯޓަށް އަރާ އެކިމީހުން އެކިކަންތައްތަކުގައި މަސްއޫލުވެގެން އުޅުނުއިރު ފަރީޝާ އުޅުނީ ބޯޓު އެތޭރޭގައި ދަޅު ބަހަން އަވަދިނެތިއެވެ. ނަމަވެސް ބޯޓު ނައްޓާލާ މާގިނައިރެއްނުވެ، ދެންވީ ގޮތް ނޭނގުނު ކަމަށް ފަރީހާ ބުންޏެވެ.

ބޯޓު އަރިއަޅާލި. ދެން ނޭނގެ އެހާދިސާ ކިޔާދޭކަށް. ވަރަށް ބޮޑަށް ހާސްވި. އެނގޭ ކަނޑުވީކަން މި. ނޭވާ ނުލެވިގެން ސަލާމަތްވާން ބޯޓުން ބޭރަށްނުކުމުނީ މާތްﷲގެ އިރާދަފުޅާއެކު. އެ ސަތަރިގަނޑުގަ ޖެހުނު ގޮތަކުން ފަޅާލައިގެން ނުކުމެވުނީ.
ކޯޓުގައި ވަޒީފާ އަދާކުރަމުންދާ ފަރީޝާ ސަލާމަތްވި ގޮތް ކިޔާދެމުން ބުނި

އެންމެ ރަނގަޅަށް ފަތަން ނޭނގުނު ނަމަވެސް ފެންމަތީގައި އޮންނަން ފަރީޝާ އަށް ދަސްވެފައި އޮތުމަކީ އޭނާގެ ނަސީބެއެވެ. ގިނަ އަނިޔާތަކާއެކު އޭނާއަށް ބޯޓުގެ ބޭރަށް ނުކުމެވުނު މުޅި ސަރަހައްދު ގުގުމާލާފައިވަނީ ކަނޑުވެފަ ތިބި މީހުން އެހީއަށް އެދި ގޮވަމުން ދިޔަ އަޑުފަށްގަނޑުންނެވެ.

''މަކުއްދާ މަރެވެންނޫ، ސަލާމަތެ ކޮށްދީ''

އެނަމާ ބޯޓުން ބަންޑުން ޖަހާލާފައި

ހަދާނެ ގޮތް ހުސްވެ ފަރީޝާ ހުއްޓުން އެރީ އެހިސާބުންނެވެ. އެހިނދު މީހަކު ސަލާމަތްކުރަން ބަލާއިރު، އެހީގެ އަތެއް ފުރަތަމަ ދިިއްކުރާނެ މީހަކާމެދު ސަުވާލު އުފެދި ހާސްކަމެއްގެ ތެރޭގައި އޮއްވާ، އެވަގުތު އަތުގައި އަންހެން ކުއްޖެއްގެ އިސްތަށިގަނޑު އޮޅުނު ކަމަށް ފަރީޝާ ބުންޏެވެ. އެއީ، ކައިރީގައި ދެފެންދޭތެރޭގައި އޮތް އަންހެން ކުއްޖަކަށް ވުމާއެކު ފަރީޝާއަށް ވަރަށް ފަސޭހައިން އެކުއްޖާ ސަލާމަތް ކުރިއެވެ. ޝިފާޒާ ނަމަކަށް ކިޔާ މިއަންހެން ކުއްޖާ ގޮވާގެން ފަރީޝާ އޮތްއިރު، ދޯންޏެއްގެ އަޑުއިވުމާއެކު ގިނަ ބަޔަކު ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު އާވި ކަމަށް އޭނާ ބުންޏެވެ. ހިތަށް ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް މިހިސާބުން ފަރީޝާގެ ވާހަކަ ހުއްޓުނެވެ. ގިސްލަ ގިސްލާ ރޮމުން ފަރީޝާގެ ރުއިމުގެ އަޑާއެކު ބުނީ ގއ. ދާންދޫގެ މަސްދޯނީގެ ތިބި ފަޅުވެރިން ގާތަށް ގޮސް ދޯންޏަށް ނަގާދިނުމަށާއި، ސަލާމަތްކޮށްދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް އެމީހުން މަސްކޮޅު ނުބައިވަނީކަމަށްބުނެ، ދިޔައީ ކަމަށް އޭނާ ބުންޏެވެ.

އެއީ އިންސާނުންތަ؟ މިސުވާލު ކުރިމަތިކުރުމަށްފަހު އިތުރަށް ދާންދޫގެ މަސްދޯނިވާހަކަ ދައްކާކަށް ބޭނުން ނޫން ކަމަށް ފަރީޝާ ބުންޏެވެ. މިހިސާބުން ފަރީޝާ މާޔޫސްވެ ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ވެސް ކަނޑާލިއެވެ.

އޭރު ވެސް ގޮވަމުންދޭ ދޯންޏާ މާދުރަށްނުދާށޭ. ގެއްލިދާނޭ. އޮޔެބާރޭ. އެހެންވެ ދޯނި ކައިރީގައި އޮތީ ދެން.
ފަރީހާ

މިއަދު ވީ ކަމެއްގެ ގޮތަށް މިހާދިސާ ފަރީޝާ ސިފަކުރަމުންދާއިރު، ރުއިމުގެ އަޑުތަކާއި، ސަލާމަތަށް އެދި އާދޭސް ކުރި އަޑު މިއަދު ވެސް ދަނި ގުގުމަމުންނެވެ. މިއީ ހަމައެކަނި ފަރީޝާގެ އިހުސާސްތަކެއް ނޫނެވެ. އެބޯޓުން ސަލާމަތްވި ބައެއް މީހުން މިއަދާ ހަމައަށް އައިރު ކަނޑުމައްޗަށް ނާރައެވެ. ލިބުނު ނަފުސާނީ ބަލިމަޑުކަމުން އަދިވެސް އަރިނުގަނެވޭއިރު، އެންމެން ވެސް ދިރިއުޅެމުން ދަނީ އެހަނދާންތަކާއެކުއެވެ.

އެބޯޓުން ސަލާމަތްވި ނަންހާމަކުރަން ބޭނުންނުވާ އިތުރު މީހަކު ބުނީ ދާންދޫ މިޔަރެން ނަމަކަށްކިޔާ މަސްދޯނީގެ ފަޅުވެރިން އެހީވި ނަމަ، ގިނަ މީހުން މަރުނުވެ ސަލާމަތް ކުރެވޭނެކަމަށެވެ. ނަމަވެސް 12 ޓަނުގެ މަސް މުހިންމުވެ އެމީހުން ދިޔައީ ކޫއްޑޫ އަށް މަސްކިރާށެވެ. ނަތީޖާއެއް ގޮތުން ގިނަބައެއްގެ ފުނާރަ ގެއްލި، އެއްއާއިލާއަކަށް ނިސްބަތްވާ ގިނަ މެންބަރުން މިދުނިޔެއާ އަލްވަދާޢު ކިޔެއެވެ. އަދި އެބޯޓުން މީހުން ސަލާމަތްކުރީ ދިވެހި ސިފައިންނާއި، ތިނަދޫގެ ބައެއް މަސްވެރިން މަސައްކަތް ކުރާ ''ދެހުއްޓުލޮނުގަނޑު'' ނަމަކަށް ކިޔާ ދޯންޏެއް އެސަހައްދަށް ގޮސްގެންނެވެ.

ހާދިސާގައި ނިޔާވި މީހުން

މިހާދިސާއަށް މިއަދަށް 16އަހަރު ވެފައިވާއިރު، އަދިއަދަށްދާންދެން ވެސް ފުޓުބޯޅަ ނުވަތަ އެނޫން ކުޅިވަރެއް ކުޅެންވެސް އެރަށުގެ ރައްޔިތުން އެހެން ރަށަކަށް ނުދެއެވެ. މި މުބާރާތްތައް މިހާރު ބާއްވަމުންދަނީ އެރަށުގައެވެ. އެހާދިސާގައި ތިނަދޫގެ އިތުރުން ދިވެހިރާއްޖެ ސިއްސުވާލިއިރު އެންމެން ވެސް އުފައްދަމުންދާ ސުވާލުތަކަކީ ދާންދޫގެ މަސްދޯނީގައި ތިބި ފަޅުވެރިންނަކީ ދިވެހިންބާއޭ؟ އިންސާނުންބާއޭ؟ އިންސާނިއްޔަތުކަމުގެ ކުޑަ ވެސް ރަހުމެއް ނެތީބާއޭ؟

"އޭބޫ މައް ކުއްދާ ސަލާމަތެކެރަންނަން އާދެހަ ކޮންކޮން އޮއްވައި"މިއާދޭސްތައް ކުރަމުންދިޔައިރު، މިޔަރެންދޯނީގެ ފަޅުވެރިން ގެނބެމުން ދިޔަ ދަރިންތަކާއި މައުސޫމު ފުރާނައަށްތައް ދޫކޮށްލާފައި ދިޔައީ އަޚުވަންތަކަމާއި ކުޑަ މިންވަރެއްގެ ވެސް ކުލުނެއްނެތުމުން ކަމަށް އެނަމާ ބޯޓު ޙާދިސާގައި ސަލާމަތްވި މީހުން ސިފަކުރެއެވެ.

އެނަމާ ބޯޓުގައި ނިޔަވި މީހުންގެ ހަށިގަނޑު ނަގަނީ

ތިނަދޫ އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާ ހިނގާފައިވަނީ 17 މާރޗް 2004 ވީ ބުދަދުވަހުގެރޭ 8:30 ހާއިރުއެވެ. 122 މީހުންނާއެކު ދަތުރު ކުރަނިކޮށް ޖުމުލަ 24 މީހުން މަރުވެ 2 މީހަކު ގެއްލިފައިވެއެވެ.

އެނަމާ ބޯޓު ބަންޑުން ޖަހާލާ ނިޔާވި މީހުން ވަޅުލަނީ

މަރުވީ މީހުންގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރެވުނީ 19 މާރޗް 2004 ވީ ހުކުރު ދުވަހު މުޅިރާއްޖޭގެ ހުރިހާރަށެއްގައިވެސް ހުކުރުނަމާދަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
1%
0%
95%
4%
0%
0%
ކޮމެންޓް
21 މާރޗް 2020 | ހޮނިހިރު 00:20
ހުހހުހުހހު ހުވަދޫ
22 މަރު ގެއްލުނު 2. ރަނގަޅު ކޮށްލާ! މިޔަރެން ދޯނީ ގައި ތިބީ ރަ ހުމް ކުޑަ ބައެއް. ދޯނީގައި ކުއްޖަކު އެލިގެން އޮއްވާ ސްޕީޑް ދީފަ ނައްޓާލީ.ލޮލުން ދުށިން.
18 މާރޗް 2020 | ބުދަ 08:03
ނޮކުޓް
އަހެރެން ނަކީ އެނަމާ ބޯޓުން މީހުން ސަލާމަތް ކުރަން އެންމެ ބުރަކޮށް މަސައްކަތްކުރި 1 ކަކު އަދި ދާންދޫ ދޯނި މީހުން ސިފައިންގެ ބެލުމުގެ ދަށަށް ގެނާއިރު އެމީހުންނާ ސުވާލު ކުރި ސިފައިންގެ މީހެއްވެސްމެ ހަގީގަތަކީ ތިނަދޫ މީހުންގެ ބޮޑާ ކި ބުރުވެރިކަމުގެ ސަ ބަބ ބުން ވީކަމެއް ތިނަދޫ މީހުންނަށް އެހީވުމަށް ދާންދޫ ދޯނި މީހުން އުޅުނު އަދި ދާންދޫ ދޯނީގަ ވިލިގިއްޔަށް ގެންދެވިދާ ނެކަމަށް ދާންދޫ ދޯނި މީހުން ބުނި ސަ ބަކީ އެމީހުން އަތުގަ ތިނަދުއަށްދާވަރަށް ތެޔޮނެތުމުންނެ ނަމެސް ތިނަދޫ މީހުންގެ ކި ބްރުވެރި ކަމާއި
18 މާރޗް 2020 | ބުދަ 00:40
ޅކޖހ
މީރާ ދޯނި ފުރަތަމަ އެހީވީ އެ ދޯނީގެ ވާހަކަ ނެތް...ކަޑަ އެއްނު
17 މާރޗް 2020 | އަންގާރަ 20:46
ޚަރާމީ
މިޔަރެން ދޯނީގެ ބަހެއްނެތުމަކީ މައްސަލައެއް... މަށެއް ނުބުނާނަން ދިވެހި މަސްވެރިން އެހެން ހަދާނެއެކޭ..ދެން އެހެން ނޫނަސް ފަރީޝާމެން ދޯނިމަތީގަ ބެހީ ހަމައެކަނި ދަޅެއްނޫން..އެކަން އެނގޭނެ އޮޑިން ދަތުރުކުރި އެހެން މީހުނަށް
17 މާރޗް 2020 | އަންގާރަ 19:26
ފާތުން
ހަމަޔަގީނުންވެސް ތިހާދިސާ ހިނގި ފަހުން ފަރެސްމާތޮޱާގަ އޮތް ފުޓުބޯޅަ މެޗަކަށް ތިޔަރަށު ބައިވަރު ސަޕޯޓަރުން އައި
17 މާރޗް 2020 | އަންގާރަ 18:12
ސަަމޮގޮ
1111ސަތާރަ މަރޗް ގަ ވީ ކަމެއް ނުވައް މާރޗް ގަ ކަށު ނަމާދު ކުރީ؟؟
17 މާރޗް 2020 | އަންގާރަ 17:56
ކަލޯ މާ އެގިގެން ނޫޅޭ
އެއީ ހަގީގަތެއް ތިބުނާ ދޯނީ ގެ މީހުންނަށް މިމައްސަލައިގަ ހުކުންވެސް ކުރި.އެ ދޯނީގަ ތިބީ އިންސާނުންނެއްނޫން އެއީ މުދާ ބަލި ޖެހި ފަ ތިބި އިންސާނުންގެ ސި ފައިގަ ތިބި ވަލު ޖަނަވާރުން.އެ ހިތްދަތި ވަގުތުގަވެސް އެ ޖަނަވާރުން ބެލީ މަސް ކޮޅު ކިރާލައިގެންވެސް ލާރި ކޮޅު ލިބޭތޯ.ޔާﷲ މަރުވެދިޔަ ފުރާނަ ތަކާއި ގެއްލުނު ދެ ފުރާނަޔަށް ފާ ފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ދާއިމީ ނިއުމަށް ދެއްވާންދޭ ?? އާމީން