ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 09:43
އިހުގެ މާލޭގެ މަންޒަރެއް
އިހުގެ މާލޭގެ މަންޒަރެއް
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
އިންފުލުއެންޒާގެ ވަރުގަދަ ހުމުގެރޯގާ
ރާއްޖެ ހުއްޓުވާލައި، ސިއްސުވާލި "އިންފުލުއެންޒާ"
 
ދިވެހިރާއްޖެ ވިހިވަނަ ގަރުނުގައި، ތިން ފަހަރަށް ހުއްޓުވާލި އިންފުލުއެންޒާ ރޯގާގެ ހިތާމަވެރި ޙާލަތުން، ދިވެހީން އަރައިގަތީ ގަދަ ހިތްވަރުން
 
މާލޭގެ ގޭގޭގައި އެނދުމަތިވެފައި ތިބި، ބަލިމީހުންނަށް ބަތްޕެނާއެކު ދެވުނު ފަރުވާއެއް ފޯރުކޮށްދޭން ނިކުތީ، މާލޭގެ ހަތަރު އަވަށުން، މި ޚިދުމަތަށް ނިކުންނެވި ބޭފުޅުން
 
އެއީ ސަރުކާރުގެ އޮފީސްތައް ހުއްޓުމަކަށް އައިސް، މަގެއްގެ މަތިން މީހެއްގެ ހިލަމެއްވެސް ނެތް ޙާލަތެއް

ދިވެހިރާއްޖެ ދުއް ނުރައްކާތެރި އިންފުލުއެންޒާގެ ޙާލަތު، އެންމެ ފަސޭހައިން ސިފަކޮށްދިނުމަށްޓަކައި މަޝްހޫރު ލިއުންތެރިޔާ އަލްފާޟިލް މީރުބަހުރު މުޙައްމަދު އިސްމާއީލް ދީދީގެ "ދޮންތުއްކަލާގެ ބައްޕަގެ ހަނދާން" މި ފޮތް، ހުޅުވައިލަން ޖެހެއެވެ. އެއީ 1922 ގެ ޒަމާން ކަމަށް ވީތީ، އެ މަންޒަރު ސިފަކޮށް ދެއްވޭނީ މިދެންނެވި ލިއުންތެރިއާގެ ޤަލަމަށެވެ. އޭނާ ކުރެއްސެވި ޤަލަމީ މަންޒަރަށް ބަލައިލަމާ ތޯއެވެ؟

"1341 ހ ގެ ރަބީޢުލްއައްވަލް މަހުގެ ފަހުދިހައިގެ ތެރޭގައި ފެށިގެން، ވައިރޯޅިއެއް ފަދައިން ރަށުތެރެއަށް ފެތުރިގެން އެދިޔަ އިންފުލުއެންޒާގެ ރޯގާއަކީ، ދިވެހިރާއްޖޭގެ ތާރީޚުގައި އެނގިފައިނުވާ، ނުރައްކާތެރި ބޮޑެތި ބަލިތަކުގެ ތެރެއިން، އެންމެ ބޮޑު ބައްޔެވެ!"

ތިޔަ ވިދާޅުވީ، އިންފުލުއެންޒާގެ ނުރައްކާތެރި ރޯގާ، މާލެއަށާއި ރާއްޖެއަށް ފެތުރިގެން ދިޔަ ގޮތް، މުޙައްމަދު އިސްމާޢީލް ދީދީގެ އިބާރާތުންނެވެ. ކުއްލިއަކަށް ޖެހިލި ވައި ރޯޅިއެއް ފަދައިން، އޭނާ އެ ސިފަކުރެއްވި އިންފުލުއެންޒާ، މާލެއަށް ފެތުރޭން ފެށުމާއެކު، މީހުން މަރުވާން ފެށިއެވެ. ރެއަކާއި ދުވާލު ތިންހަތަރު މީހުން މަރުވާން ފެށިއެވެ. އެ އަދަދު ފަސްހަމީހުންނަށް ބަދަލުވިއެވެ. ދެން ދިހަބާރަ މީހުންނަށް ބަދަލުވިއެވެ.

މިދެންނެވި ޚުޠޫރަތްތެރި ދަނޑިވަޅު، މަރުވާހާ މީހުން، އެދުވަހެއްގައި ވަޅު ނުލެވިވާ މަންޒަރު ފެންނާން އޮތެވެ! އެއީ ޖަމާޢަތްތެރީންވެސް، މިރޯގާގައި، އެނދަށް ތިރިވަމުން ދިޔަ ވަގުތެވެ. އެހެންކަމުން، މާލޭގެ ހަތަރު އަވަށުން އެނދުން ތެދުވާން ކެރޭވަރުވި ބަޔަކު، ހިތްވަރުކޮށްފައި ތެދުވީ، ކަށުކަމާކެމީގެ ޚިދުމަތަށެވެ. ޖަމާޢަތްތެރިންގެ ދައުރު އަދާކޮށްދޭށެވެ. މި މަސައްކަތުގައި އެމީހުން ޙަރަކާތްތެރި ވަމުން ދިޔައިރުވެސް، 24 ގަޑީއިރު ވެގެންދާއިރުވެސް، ވަޅުނުލެވޭ މައްޔިތުން ހުންނާން ފަށައިފިއެވެ. އަނެއްކޮޅުން ރާއްޖޭގެ ރަށްރަށުން ކަފުންހުސްވެ، އެ ކަންބޮޑުވުންވެސް ނިހާޔަށް ބޮޑުވެގެން ދިއައެވެ.

ކޮލެރާ ބަލިމަޑުކަމާއި ގުޅިގެން ސިއްހީ މަސައްކަތްތެރިން ހަރަކާތްތެރިވާ މަންޒަރު - ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު

އަޅުގަނޑު މި ރިޕޯޓު ފަށަމުން، އިންފުލުއެންޒާގެ ރޯގާ، ސިފަކޮށްދެވޭތޯ ބެލި ފޮތް، ދޮންތުއްކަލާގެ ބައްޕަގެ ހަނދާނުގެ ސަފުޙާއެއް އަނެއްކައިވެސް، ހުޅުވާލަން އެބަޖެހެއެވެ. އެއީ އެދުވަހުގެ މާލެ، ސިފަވާން އޮތް ގޮތް، ކިއުންތެރިޔާއަށް ނުވަތަ އެހުންތެރިއާ އާއި ހަމައަށް، ގެނެސް ދިނުމަށެވެ.

"ދެ މަހެއްހައި ދުވަހުގެ ތެރޭގައި، މި އޮތް ކުޑަކުޑަ މާލޭން 400 އެއްހައި މީހުން މަރުވެއްޖެއެވެ! ރަބީޢުލް އާޚިރާ މަހަށް ހަނދުބެލި އިރު، ސަރުކާރުގެ މަޙުކަމާތައް ( އޮފީސްތައް) މުޅީންމެ ބަންދުވެ މަސައްކަތް ހުއްޓިއްޖެއެވެ!"

މި، ޢިބާރާތުން، އެދުވަހުގެ ޙާލަތު ސިފަކުރާކަށް ދައްޗެއް ނޫނެވެ. ދިވެހިރާއްޖޭގައި ކަންބޮޑުވުން އޮންނާނެ މިންވަރު އެ އޮތީ ސާފުކޮށް ފެންނާށެވެ. އެހައި ތަނަށް ދިޔައިރު، މާލޭގައި އޭރު އޮތް އާބާދީގެ ތެރެއިން، އެނދުން ތެދުވާން ކެރޭ މީހަކު، އުޅޭ ގެއެއް ނެތޭ ބުނާހައި ވިއެވެ. އެހެންކަމުން، ފެންނާން އެ އޮތީ، މާލޭގެ އާބާދީހެން، މި ރޯގާގައި އެނދަށް ތިރިވި މަންޒަރެވެ. އަނެއްކޮޅުން ފެންނާން އޮތީ، ރާއްޖޭގެ އަތޮޅުތަކުން ފެންނާން އޮތް، އެކަނިވެރިކަމެވެ. ބިރުވެރިކަމެވެ.

ކޮންމެއަކަސް މާލޭން ފެންނާން އޮތް، މި ދެންނެވި ޙާލަތުގައި، މާލޭގެ ބާޒާރު، މުޅީންހެން އޮތީ ބަންދުވެފައެވެ. ތާރީޚު ސިފަކޮށްދޭ ގޮތުގައި، އޭރު، މާލޭގެ މަގުތަކުން ހިނގާބިނގާވެ އުޅޭ މީހުން ފެންނަނީވެސް އެހައި މަދުންނެވެ.

ދިވެހި ތާރީޚުން ފެންނާން އޮތް، އިންފުލުއެންޒާގެ ރޯގާގެ ތިން ރާޅު އެރީވެސް ވިހިވަނަ ގަރުނުގެ ތެރޭގައެވެ. ކިޔައިދެމުން މިގެންދާ އިންފުލުއެންޒާގެ ފުރަތަމަ ރާޅު އެ ދިޔައީ، ދިވެހިރާއްޖެ ހުއްޓުވާލައި، ނުވިތާކަށް ސިއްސުވާލައިފައެވެ. އެހައިތަނުން އަނެއްކައިވެސް، ދިވެހީން އެނދުންތެދުވެ، ގައުމައިގެން ހިންދަމާލިތާ ފަންސަވީހަކަށް އަހަރުގެ ތެރޭގައި، އިންފުލުއެންޒާގެ ދެވަނަ ރާޅު ބިންދާލިއެވެ. އެއީ، 23 ޖޫން 1947ގައި ތަޖުރިބާ ކުރަންޖެހުނު، އިންފުލުއެންޒާ ރޯގާގެ ދެވަނަ ބުރެވެ.

މިދެންނެވި ދަނޑިވަޅަކީ، މަޝްހޫރު ލިއުންތެރިޔާ، މުޙައްމަދު އިސްމާޢީލްފުޅުގެ ޢިބާރާތަކުން ދަންނަވާނަމަ، ރާއްޖެއަށް ނުރައްކާ ކޮށްލި ދަނޑިވަޅެކެވެ. ނަމަވެސް އެދުވަހު، މާލޭގެ 4 އަވަށުގައި، ބަލިމީހުންނަށް އެހީވާނެ 4 ކޮމިޓީއެއް އުފެއްދިއެވެ.

ސިފަކުރަމުން މި ގެންދާ އިންފުލުއެންޒާގެ ދެވަނަ ރޯގާގެ ދުވަސްވަރަކީ، ސިއްޙީހޮތުން، ރާއްޖެ ކުރިއަރައިފައިވި ދުވަސް ވަރަކަށް ނުވާތީ، އެދުވަހުވެސް، މި ރޯގާގެ ޝިކާރައަކަށް ވެގެންދިޔަ ރައްޔިތުންނަށް ދެވެން އޮތް ހަމައެކަނި ފަރުވާއަކީ، ކޮނތަބިރި ފެނާއި، ޖުއްލާބު ލޮނާއި، ހުންބޭހެވެ.

"ވިހިވަނަ ގަރުނުގާ ދިވެހިރާއްޖެ2" މި ފޮތުގައި، މި ދެންނެވި އިންފުލުއެންޒާގެ ރޯގާ، ސިފަކޮށްދީފައިވާ ގޮތުންނަމަ، މާލޭގައި އެންމެ ގިނަ މީހުންނަށް، ރޯގާ ޖެހިފައިވާ ދުވަހުގެ ޖުމްލައަކީ، 2827 މީހުންނެވެ. އެއީ ހެންވޭރުގައި ރޯގާޖެހިފައިވާ 1200 މީހުންނާއި، މާފަންނުގައި ރޯގާ ޖެހިފައިވާ 1004 މީހުންނާއި، ގަލޮޅުގައި ރޯގާޖެހިފައިވާ 208 މީހުންނާއި، މައްޗަންގޮޅިން ރޯގާ ޖެހިފައިވާ 415 މީހެކެވެ.

ވިހިވަނަ ޤަރުނުގެ ތެރޭގައި ހިއްލާލި އިންފުލުއެންޒާގެ ތިންވަނަ ރާޅުވެސް ދިޔައީ، ޤައުމު ތެންމާލައިފައެވެ. ރޮއްވާލައިފައެވެ. ދިވެހީން ސިއްސުވާލައިފައެވެ. 1959 ގައި ތަޖުރިބާކުރި ތިންވަނަ އިންފުލުއެންޒާގައި، ނުވަ ހާހަށްވުރެން ގިނަ މީހުންނަށް، މި ރޯގާ ޖެހުނުކަން، ސަރުކާރުގެ ލިއުންތަކުން ހާމަވެއެވެ.

އިންފުލުއެންޒާގެ ވަރުގަދަ ހުމުގެރޯގާއާއި ގުޅިގެން ސަރުކާރުން އާންމުކުރި ލިޔުމެއް

މިދެންނެވި ރޯގާގެ ތެރޭގައި ޚިދުމަތް ކުރެއްވި، އަދި ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވި، މަޝްހޫރު ލިއުންތެރިޔާ، މުޙައްމަދު އިސްމާޢިލްފުޅުގެ ޢިބާރާތަކުން ދަންނަވަނާމަ، "މި މަޝްހޫރު އޭޝިއާ ފުލޫގައި، 9 ދުވަސް ވަންދެއް، ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ޖެހުނެވެ."

ދިވެހިރާއްޖެ ތަޖުރިބާކުރަމުން އެދިޔަ ތިންވަނަ އިންފުލުއެންޒާ ލައިގަތް އިރު، ރާއްޖޭގައި ހުންނެވި މެޑިކަލް ޑޮކްޓަރަކީ، ޑރ. އެލް.އެން. ޑީ. ސިލްވަރ އެވެ. ރޯގާ ފެށުމާއެކުހެން، އޭނާއަށް ރޯގާޖެހި އެނދުމަތިވިއެވެ. އެހިނދު، ރައްޔިތުންގެ ސިއްޙީ ޚިދުމަތައިގެން، އިސް ދައުރެއް އަދާކުރައްވަން ފެށްޓެވީ، އަލް މަރުޙޫމް މާވާގޭ މުޙަންމަދު މަނިކެވެ.

ދިވެހި ތާރީޚުން ފެންނާން އޮތް ސާފު މަންޒަރަކީ، އިންފުލުއެންޒާގެ ތިންވަނަ ރޯގާ ފެށިގެން ދިޔައިރުވެސް، ގައުމުގެ ސިއްޙީ ޙާލަތު އޮތް ނިކަމެތި ކަމެވެ. މިދެންނެވި ޚުޠޫރަތްތެރި ވަގުތު، އެނދުމަތިވަމުންދިޔަ ބަލިމީހުންނަށް، މަރުޙޫމް މުޙައްމަދު މަނިކު ދެއްވަމުން ގެންދެވި ފަރުވާއަކީ، ކުކުޅުމަހާއެކު ކައްކާފައި ހުންނަ ބަތްޕެނާއި، ޗަންބަރުލޭން ކޮފް ސިރަޕެވެ.

މާލޭގެ ގޭގޭގައި އެނދުމަތިވެފައި ތިބި، ބަލިމީހުންނަށް ބަތްޕެނާއެކު ދެވުނު، މިދެންނެވި ފަރުވާ ފޯރުކޮށްދޭން ނިކުތީ، މާލޭގެ ހަތަރު އަވަށުން، މި ޚިދުމަތަށް ނިކުންނެވި ބޭފުޅުންނެވެ. ހުރިހާ ގެއަކަށް ހިނގައިގެން، ބާލިދީބާލިދީގައި ބަތްޕެން ބަހަމުން ގެންދިޔައީ، ބަލިމީހުންނަށް އެ ފަރުވާ ހޯދަން އޭރު ރޯގާ ކޮންޓްރޯލްކުރަން ތައްޔާރުކުރި މަރުކަޒު، "މާލޭ މުނިސިޕަލިޓީ" އަށް، އާދެވޭނެ ފަދަ ނެތީމައެވެ. އެއީ އެންމެން އެނދުމަތިވި ދަނޑިވަޅެވެ. މި ޚިދުމަތް ފޯރުކޮށްދެމުންދިޔަ، ބަނޑުވޭންކާރުންވެސް، ބަލިވަމުން ދާންފެށުމުން، މި ޚިދުމަތަށް ހުއްޓުން އަރަމުން ދިޔަކަމީ، ދިވެހި ތާރީޚުން ފެންނާން އޮތް ހިތާމަވެރި މަންޒަރެކެވެ.

ކޮންމެއަކަސް، ދިވެހިރާއްޖެ ވިހިވަނަ ގަރުނުގައި، ތިން ފަހަރަށް ހުއްޓުވާލައި ސިއްސުވާލި އިންފުލުއެންޒާ ރޯގާގެ، ހިތާމަވެރި ޙާލަތުން، އެއިން ކޮންމެ ފަހަރަކުމެ، ދިވެހީން އަރައިގަތީ، ގަދަ ހިތްވަރުންނެވެ. ފެނިގެން ދިޔައީ، މައްޔިތުން ވަޅުލާންތިބި ޖަމާޢަތްތެރީން އެނދަށް ތިރިވި ވަގުތު، ހަތަރު އަވަށުން ޢާންމުން ނިކުމެ، އެ މަސައްކަތުގައި އަތުކުރި އޮޅާލި މަންޒަރެވެ.

މާލޭގެ މުޅި އާބާދީހެން އެނދުމަތިވި ކޮންމެ ފަހަރަކު، ބަތްޕެނާއެކު ދެމުންދިޔަ ފަރުވާ ހިފައިގެން، ގޭގެއަށް ހިނގައިދިނީވެސް، ހިލޭސާބަހަށް ނިކުތް ޚިދުމަތްތެރި ދިވެހީންނެވެ. އިންފުލުއެންޒާގެ ތިންވަނަ ބުރުގައި، ދިވެހީންނަށް ފަރުވާދޭންހުރި ބޭރުގެ ޑޮކްޓަރު އެނދަށް ތިރިވި ވަގުތު، ޚިދުމަތައިގެން ތެދުވީ، މަރުޙޫމް މާވާ މުޙަންމަދު މަނިކާއި، އޭނާގެ އަރިހުގައި އެދުވަހު އޮތް ސިއްޙީ ޚިދުމަތްތެރިންގެ ޓީމެވެ.

އެހެން ކަމުން މާޒީން ފެންނަމުން މިދަނީ، ރާއްޖެއަށް ދިމާވި، ކޮންމެ ސިއްޙީކުއްލި ޙާލަތެއްގައި، އިޚުލާސްތެރި ދިވެހި ރައްޔިތުން ދައްކައިދިން، ނަމޫނާ މިސާލު ތަކެވެ. އެ މަންޒަރުތައް، ކިޔައިދެމުން މި ގެންދާ، އާޖީލުގެ ކުރިމަތީގައި މިއޮތީ، ކޮވި19 ގެ ކުއްލި ޙާލަތެވެ!

މި ހާލަތާ ކުރިމަތިލާންތިބި، އަދުގެ ޖީލުގެ އަތްމަތީގާ އޮތީ، ކާބަފައިން، މި ޖީލަށް ފޯރުކޮށްދިން ގަދަ ހިތްވަރާ، އެއްބައިވަންތަ ކަމުގެ ރީތި މިސާލެވެ. އެހެން ކަމުން އެ ހިތްވަރު، މިއަދުގެ ޖީލަށް ނުލެވެންވީ އެއްވެސް ސަބަބެއްވެސް ނެތެވެ. އަހަރެމެން ނުހުއްޓި، ނުސިހި، އެއް ބައެއްގެ ގޮތުގާ ތިބިހާ ހިނދަކު، އެ ގަޑިއެއްގެ ހިނގުން ލަސްވަމުންދާތީ، ފެންނާން މިއޮތް، ރާއްޖޭގެ ތަރައްޤީގެ ގަޑީގެ ކަށި، އަނެއްކާވެސް ހިނގައިގަންނާން އޮތް މާދަމާ، ގެނުވާން ތިބި ބަޔަކީ، ހަމަ އަހަރެމެން ދިވެހީންނެވެ!

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
3%
67%
14%
6%
6%
6%
ކޮމެންޓް
15 މާރޗް 2020 | އާދީއްތަ 16:01
މަރިޔަމް އަހުމަދު
ޥަރަށް ރަނގަޅު ލިޔުމެއް. ޢިބުރަތްތެރި މަޢުލޫމާތު ހުރި ލިޔުމެއް.