ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 12:35
ކުވައިތުގެ މިސްކިތެއް
ކުވައިތުގެ މިސްކިތެއް
ކުވެއިތު ނިއުސް އޭޖެންސީ
އިސްލާމް
ކޮވިޑް-19: ކޮރޯނާވައިރަސްއާއި ގުޅިގެން ބަންގިއަށް ބަދަލެއް
 
ކޮރޯނާވައިރަސް ފަދަ ނުރައްކާތެރި ގައިންގަޔަށް އަރާ ބައްޔެއް އުޅޭއިރު ޖަމާޢަތަށް ނުދިއުމަކީ ފާފަވެރިވާނެ ކަމެއް ނޫންކަން ސުންނަތުގެ އަލީގައި ޢިލްމުވެރިން ވަނީ ވިދާޅުވެފައި
 
ވާރޭވެހެންފެށުމުން ނުވަތަ ފިނިގަދަވުމުގެ ސަބަބުން އެބަޔަކު ތިބިތަނެއްގައި ނަމާދުކުރުމަށް ބަންގިގޮވާމީހާއަށް އަމުރުކުރައްވާފައި ވާކަމަށް ޙަދީޘްއިން ސާބިތުވޭ

މުސްލިމު ފިރިހެނުން ޖަމާޢަތުގައި ނަމާދުކުރުމަށް އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރު އަޅާފައިވެއެވެ. ނަމަވެސް ނަމާދު ކުރުމަށް ޖަމާޢަތަށް ޙާޟިރު ނުވެވޭފަދަ ޝަރުޢީ ޢުޛުރެއް މެދުވެރިވެއްޖެނަމަ (މިސާލަކަށް ވާރޭވެހުން ނުވަތަ ބަލިވުން ނުވަތަ އެނޫންވެސް ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ބަލިވެއުޅޭ މީހުން މިސްކިތަށް ދިއުމުގެ ސަބަބުން އެބަލި ބޮޑުވެދާނެކަމުގެ ބިރުހީވާ މީހުން) މިސްކިތަށް ޖަމާޢަތަށް ނުގޮސް އެމީހަކު ނުވަތަ އެބަޔަކު ތިބި ތަނެއްގައި ނަމާދު ކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެކެވެ.

އެފަދަ މީސްމީހުން ޖަމާޢަތަށް ޙާޟިރުވުން ހުއްދަކަމަށް އައިސްފައިވާ ދަލީލުތަކުގެ ތެރޭގައި އަންނަނިވި ދަލީލުތައް ހިމެނެވެ.

1- ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ " ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! " (سورة التغابن/16)

2- لَيْسَ عَلَى الأَعْمَى حَرَجٌ وَلا عَلَى الأَعْرَجِ حَرَجٌ وَلا عَلَى الْمَرِيضِ حَرَجٌ "ކަނުމީހާގެ މައްޗަކަށް ކުށެއްނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށްވެސް ކުށެއްނެތެވެ. އަދި ބަލިމީހާގެ މައްޗަކަށްވެސް ކުށެއްނުމެނެތްމެއެވެ. (سورة الفتح / 17 )

3-ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާލާސްކަންފުޅާއި އުޅުއްވިއިރު, އެކަލޭގެފާނުންގެ ގެކޮޅާއި (ގަނޑުވަރު) މަސްޖިދުއްނަބަވީއާއި އިންވެގެން ހުރިއިރުވެސް އެކަލޭގެފާނު ޖަމާޢަތަށް ވަޑައިނުގެން ގެކޮޅުގައި ނަމާދު ކުރެއްވުމަކީވެސް ބަލިމީހުން މިސްކިތަށް ޖަމާޢަތަށް ނުދިއުން ހުއްދަކުރާ ދަލީލެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދުވަސްވަރު ބައެއް ދުވަސް ދުވަހު ވާރޭވެހެން ފެށުމުން ނުވަތަ ފިނިގަދަވުމުގެ ސަބަބުން އެބަޔަކު ތިބިތަނެއްގައި ނަމާދުކުރުމަށް ބަންގިގޮވާ މީހާއަށް (މުއައްޛިނަށް) ޢަމުރުކުރައްވާފައި ވާކަމަށް ޙަދީޘްއިން ސާބިތު ވެއެވެ. އަދި ބަންގި ގޮވަމުންގޮސް "ޙައްޔާ ޢަލައްޞަލާތި" "ޙައްޔާ ޢަލަލް ފަލާޙި" މިގޮތަށް ކިޔުމަށް ފަހު ތިޔަބައިމީހުން ތިބިތަނެއްގައި ނަމާދުކުރާށެވެ. މިހެން ގޮވުމާއި އަދި ބަންގިގޮވާ ނިމިގެން ތިޔަބައިމީހުން ތިބިތަނެއްގައި ނަމާދުކުރާށެވެ. ގޮވުމާއި ޙައްޔާ ޢަލައްޞަލާތި، ޙައްޔާ ޢަލަލް ފަލާޙި ނުގޮވައި އޭގެ ބަދަލުގައި ތިޔަބައިމީހުން ތިބިތަނެއްގައި ނަމާދުކުރާށެވެ. މިހެން ގޮވުން، މިއިން ކޮންމެ ގޮތެއްވެސް ހުއްދަކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

މި ގޮތުން ކުވައިތުގައި އިއްޔެ ބަންގި ގޮވީ "ނަމާދަށް އަވަހަށް އަންނާށޭ" ގެ ބަދަލުގައި "ތިޔަބައި މީހުންގެ ގޭގައި ތިބި ތަނެއްގައި ނަމާދު ކުރާށޭ" މި ޢިބާރާތް ބޭނުންކޮށްގެންނެވެ.

މީގެކުރިން ވެސް ހާލަތްތައް މެދުވެރިވެގެން މިފަދައިން ބަންގި ގޮވަނީ މަދުފަހަރެއްގައި ކަމުން، މީހުންނަށް މިކަން އޮންނަ ގޮތް ރަނގަޅަށް ސާފުވެފައި ނެތީއެވެ. އައު ކަމެއްގެ ގޮތުގައި ބެލެވެނީއެވެ.

އެހެންކަމުން ކޮރޯނާވައިރަސް ފަދަ ނުރައްކާތެރި ގައިންގަޔަށް އަރާ ބައްޔެއް އުޅޭއިރު ޖަމާޢަތަށް ނުދިއުމަކީ ފާފަވެރިވާނެ ކަމެއް ނޫންކަން ސުންނަތުގެ އަލީގައި ޢިލްމުވެރިން ވަނީ ވިދާޅުވެފައިއެވެ. އެހެންނަމަވެސް މުސްލިމު ގައުމުތަކުގައި މިކަހަލަކަންތައް ކުރާއިރު އެގައުމުތަކުގެ ކަމާބެހޭފަރާތުގެ ލަފަޔާއި އިރުޝާދު ހޯދައިގެން އެފަރާތްތަކުން އަންގާ ގޮތެއްގެ މަތިން ކަންތައް ކުރުމަކީ މަޞްލަޙަތަށް އެންމެ ރަނގަޅުގޮތް ކަމުގައިވެސް ދަންނަށް ޖެހޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
9%
68%
6%
18%
0%
0%
ކޮމެންޓް
14 މާރޗް 2020 | ހޮނިހިރު 22:21
ސައްޕޭ
އިސްލާމިކް މިނިސްޓްރީން ނޫނީ ކަމާއިބެހޭ އިދާރާއަކުން ވެއްޖެ ކޮންމެ މިސްކިތަކު ބޯޑެއް ބަހައްޓަން "ކެއްސާ، ކިބިސް އަޅާ، އަރިދަފުސް ރޯގާ ފަދަ ރޯގާ ޖެހިފައިވާ މީހުން މިދުވަސްކޮޅު މިސްކިތަށް ނުދިއުމަށް އަމުރުކޮށްފައި، ހިތާމައަކީ ބައެއްމީހުންނަށް އަމިއްލައަށް މިފަދަ ކަންތައްތައް ނުވިސްނޭތީ"