ކ. މާލެ
|
13 މާރޗް 2020 | ހުކުރު 19:03
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިޙު
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19: ރައީސް ސޯލިޙުގެ ވާހަކަފުޅުން ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުން!
 
ކުދި އަދި މެދުފަންތީގެ ފިޔަފާރިތަކަށް އުއްމީދީ ވާހަކަތަކެއް ދެއްކެވި
 
ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޤަޞްދުނުކުރާކަމަށް ވިދާޅުވި
 
އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް ހުސްނުވާނެކަމުގެ ޔަޤީންކަން ދެއްވި

ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވުހާން ސިޓީގައި ފެތުރުނު ނޮވެލްކޮރޯނާވައިރަސް (ކޮވިޑް-19) ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ބައްރަކަށް މިވަނީ ފެތުރިފައެވެ. އެގޮތުން ވައިރަސްގެ ނުރައްކާ ބޮޑުވެ އެކި ޤައުމުތަކުން ތައްޔާރީ ޙާލަތަށް އައިއިރު، ރާއްޖެއިންވެސް ދުރާލާ ވައިރަސްއަށް ތައްޔާރުވުމުގެ ފިޔަވަޅުތައް ވަރުގަދަކުރިއެވެ. އެގޮތުން މިހާރު ރާއްޖެއިންވެސް ކޮވިޑް-19 ގެ ކޭސްތަކެއް ފެނިފައިވާއިރު، ރާއްޖޭގައި މިވަގުތު ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައެވެ.

މި ވައިރަސް މުޅި ދުނިޔޭގައި ފެތުރެން ފެށި ހިސާބުންނާއި، ރާއްޖެއިން ވައިރަސްއަށް ޕޮޒިޓިވްވި ކޭސްތައް ފެނުމާއެކު ދިވެހިންގެ ތެރޭގައިވެސް އެތަކެއް ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ. އާންމުންގެ ހިތްތަކުގައި އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އެއްބަޔަކު އިޤްތިސާދީ ގޮތުން ވެއްޓިގެންދާނެ އަނދަވަޅުން އަރައިގަންނާނީ ކިހިނެއްތޯ ސުވާލު އުފެއްދިއިރު، އަނެއް ބައެއްގެ ސުވާލަކަށްވީ ވައިރަސްއާ ގުޅިގެން މުޅި ދުނިޔެ ބަލިމަޑުކަމަކަށް ވެއްޓުމުން ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތައް ފުއްދާނީ ކިހިނެއްތޯއެވެ. އޭގެ އިތުރުން، ދައުލަތުގެ ޚަރަދުބަރަދުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ސަރުކާރުގެ މުވައްޒަފުންނަށް ވާނީ ކިހިނެއްތޯވެސް ގިނަ ބަޔަކު ދިޔައީ ކެނޑިނޭޅި ސުވާލު އުފައްދަމުންނެވެ.

ދިވެހިން ބޮޑު ނުތަނަވަސްކަމެއްގައި ތިއްބައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުން މިވަނީ ދިވެހިންގެ ހިތްތަކަށް ބޮޑު ތަސައްލީއެއް ގެނުވާފައެވެ. ކަންބޮޑުވެފައިވާ އެތައް ބަޔަކަށް އުއްމީދުގެ ދަންމަރު ވަނީ ދިއްލިފައެވެ. ގިނަ ބައެއްގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ވަނީ ޖަވާބު ލިބިފައެވެ.

ރައީސް ސޯލިޙު ޤައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަނީ

އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް ހުސްނުވާނެކަމުގެ ޔަޤީންކަން ދެއްވި!

ކޮވިޑް-19 ފެތުރެން ފެށުމާއެކު، ރާއްޖޭގެ ރަށްރަށުން ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެތި ހުސްވެދާނެ ކަމުގެ ވާހަކަތަކެއް ފެތުރި ގިނަ ބަޔަކު ބޮޑު ކަންބޮޑުވުންތަކެއްގެ ތެރެއަށް ވެއްޓިގެން ދިޔައެވެ. ފިހާރަތަކުގައި ކިއޫ ހަދައިގެން ތިބެ، ގޭގެއަށް ކާޑުގެ ބާވަތްތައް ވައްދަމުން ދިޔައީ ސުމާރެއް ބެލުމެއް ނެތިއެވެ. ދުވަސްކޮޅަކުން ކާޑުގެ ބާވަތްތައް ހުސްވެ، ރާއްޖޭގެ ރައްޔިތުން ބަނޑުހައިހޫނުކަމުގައި ތިބެން ޖެހިދާނެކަމުގެ އަޑުތައް ފެތުރެން ފެށިއެވެ. ނަމަވެސް ރާއްޖޭގެ އެންމެ އިސް ވެރިޔާ މިވަނީ ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް ހުސްނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

އެގޮތުން ރައްޔިތުންނަށް ދެމުން އަންނަ އެފަދަ އެއްވެސް ޚިދުމަތެއް ހުއްޓުމަކަށް ނާންނާނެ ގޮތަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ދަތިތައް ކުރިމަތިވިޔަސް، މާތް ﷲގެ ވާގިފުޅާއެކު ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަނުދިނުމަށް. ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، އިރާދަކުރެއްވިއްޔާ ހުސްނުވާނެކަމުގެ ޔަޤީންކަން ދެން. އެސް.ޓީ.އޯ އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު

ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޤަޞްދުނުކުރާކަމަށް ވިދާޅުވުން

ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އަބަދުވެސް ކުރާ އެއް ކަމަކީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމެވެ. އެކަމުގެ ސަބަބުން ގިނަ ރައްޔިތުންތަކަކަށް ލިބެނީ ބޮޑު މާޔޫސްކަމެކެވެ. މިފަހަރުވެސް ގިނަ ބަޔަކު ހީކޮށްގެން ތިބީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އެންމެ ފުރަތަމަ ޤުރުބާން ކުރެވޭނީ ސިވިލް ސަރވިސް މުވައްޒަފުން ކަމަށެވެ.

ނަމަވެސް ރައީސް ވަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް އެމަނިކުފާނު ނުވިސްނަވާކަން ރައްޔިތުންނަށް ޔަޤީންކަން ދެއްވާފައެވެ.

މިވަގުތު އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، ކޯވިޑް19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައިވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަޅުގަނޑު ޤަޞްދުނުކުރާ ވާހަކަ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު
ރައީސް ސޯލިޙު އަބަދުވެސް ރައްޔިތުންނާ ގާތް ގުޅުމެއް ބަހައްޓަވާ

ތަރައްޤީގެ އެއްވެސް މަޝްރޫޢެއް މެދުކަނޑާނުލައި ކުރިއަށް ގެންދާނެ

މި ސަރުކާރު އައުމާއެކު ރާއްޖޭގެ ރަށްރަށުގައި ތަރައްޤީގެ އެކި މަޝްރޫތައް ވަނީ ފަށާފައެވެ. އެގޮތުން އެއާޕޯޓުތަކާއި، ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އިތުރުން، ބޯހިޔާވަހި ކަމުގެ އެކި މަޝްރޫތައް ފަށާފައިވާއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެ މަޝްރޫއުތައް ހުއްޓިދާނެ ކަމަށް ގިނަ ބަޔަކަށް އޮތީ ޤަބޫލު ކުރެވިފައެވެ. ރަށްރަށުގައި ކުރިއަށް ގެންދިޔަ މަޝްރޫތައް ހުއްޓާލުމަށްފަހު ދެން ފެށިދާނެތޯވެސް ސުވާލު އުފެއްދި މީހުން މަދެއް ނޫނެވެ. ނަމަވެސް ރައީސް ސޯލިޙު ވިދާޅުވީ، މި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހުއްޓާލުމުގެ ވިސްނުންފުޅެއް ނެތް ކަމަށެވެ.

އަދި ސަރުކާރުން މަސައްކަތް މިކުރަނީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް މެދުކަނޑާނުލައި ކުރިއަށް ގެންދަން. ތަރައްޤީގެ މަޝްރޫޢުތައް މިހާރުވެސް ރޭވިފައި ހުރިގޮތަށް ކުރިއަށްދާނެ. އެހެން ނަމަވެސް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ސަރުކާރުން މިހާރުވަނީ ފަށާފައި.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު

ރައީސް ވިދާޅުވީ، އޭގެ ބަދަލުގައި އިސްކަންދޭނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކަމަށެވެ. އެގޮތުން ސަރުކާރުން ކުރާ ދަތުރުތަކާއި، މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި، އެފަދަ ބައެއް ޚަރަދުތައްވެސް މިވަގުތަށް ކުޑަކޮށްލާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުއްމީދީ ވާހަކަތަކެއް!

ކޮވިޑް-19 ގެ އަސަރު ރާއްޖޭގެ އިޤްތިސާދަށް ކުރާއިރު، ރާއްޖޭގައި އޮޕަރޭޓް ކުރާ ކުދި އަދި މެދުފަންތީގެ (އެސްއެމްއީ) ވިޔަފާރިތަކަށް ވާނެ ގެއްލުން މާކުރިންވެސް އަންދާޒާ ކުރެވުނެވެ. ގެސްޓު ހައުސް ވިޔަފާރިތަކަށް އެކަނި ބަލާލި ނަމަވެސް ބޮޑު ލޯނުތައް ނަގައިގެން ވިޔަފާރީގެ މައިދާނަށް ނުކުމެ އުޅޭ ފަރާތްތައް މަދެއް ނޫނެވެ. ވީއިރު އިޤްތިސާދަށް ކުރާ އަސަރުގެ ސަބަބުން އެސްއެމްއީ ވިޔަފާރިތަކަށް ލިބޭނެ ގެއްލުން ފޫބައްދާނީ ކިހިނެއްތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

އެކަންކަމަށް ޙައްލެއް ގެނައުމަށް ރާއްޖޭގައި ހިންގާ ބޭންކްތަކާއެކު، މަރުކަޒީ ބޭންކު އެމް.އެމް.އޭ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެ، އެފަރާތްތަކަށް އެހީވުމުގެ ފެހި ސިގްނަލް ރައީސް ސޯލިޙު ވަނީ ދެއްވާފައެވެ.

އޭގެ އިތުރުން، ވިޔަފާރިތަކަށް، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކްތަކާއެކު، މަރުކަޒީ ބޭންކު އެމް.އެމް.އޭ އިން އަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން، ރާއްޖެއިން ބޭރުން ލޯނު އެހީ އާއި، ހިލޭ އެހީ ހޯދުމަށް މި އަންނަނީ މަސައްކަތް ކުރަމުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު
ރައީސް ސޯލިޙުގެ އަމާޒަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުކަނޑާނުލާ ކުރިއަށް ގެންދިއުން

އިޤްތިސާދަށް ލިބޭނެ ގެއްލުން ފޫބެއްދުމަށް ބޭރުގެ އެހީ ހޯދުން މެކުހަށް!

ރައީސް ސޯލިޙުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވެދާނެ ލޮޅުން ކުޑަކޮށް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް މެދުކެނޑުމެއްނެތި ދިނުމަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ބޭރުގެ ޤައުމުތަކުން "ފެހި ސިގްނަލް" ލިބިފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭނެ ކަމަށް އަވަށްޓެރި އިންޑިޔާއިން މިހާރު ޔަޤީންކަން ދީފައިވާކަން ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ފޮނުވުމަށްވެސް އިންޑިޔާއިން ނިންމާފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އޭގެ އިތުރުންވެސް ރަޙްމަތްތެރި އެހެން ޤައުމުތަކުން ކޯވިޑް19އާ ދެކޮޅަށް ރާއްޖެއަށް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި ޢަދަދަށްވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް މިހާރު އަންދާޒާ ކުރެވިފައިވާއިރު، ރައީސް ސޯލިޙު ވިދާޅުވީ، ރާއްޖެއިން ބޭރުން ލޯނު އެހީ އާއި، ހިލޭ އެހީ ހޯދުމަށްމަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަމުގައިވެސް އެކުވެރި ޤައުމުތަކުންނާއި، މާލީ އިދާރާތަކުން ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ.

ކޮންމެއަކަސް، މި ދަނޑިވަޅުގައި ރައީސް ސޯލިޙު ޤައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުން ދިވެހިންގެ ހިތްތަކަށް މިވަނީ އިތުރު އުއްމީދެއް ލިބިފައެވެ. މުޅި ދިވެހި ދައުލަތާއި، ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފިނަމަ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ވާސިލުކޮށްދެވޭނެ ކަމުގެ އުއްމީދު އާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
73%
0%
5%
20%
2%
ކޮމެންޓް