ކ. މާލެ
|
13 މާރޗް 2020 | ހުކުރު 10:15
ކޮލެރާ ބަލިމަޑުކަމާއި ގުޅިގެން ސިއްހީ މަސައްކަތްތެރިން ހަރަކާތްތެރިވާ މަންޒަރު
ކޮލެރާ ބަލިމަޑުކަމާއި ގުޅިގެން ސިއްހީ މަސައްކަތްތެރިން ހަރަކާތްތެރިވާ މަންޒަރު
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ކޮލެރާ ރޯގާ 1978
252 ދިވެހީން މަރުވެގެންދިއަ "ކޮލެރާ" އިން، ރާއްޖެ އަމާން ބަނދަރެއް ހޯދީ، ކަށީން ހިތްވަރުލައިގެންނެވެ!
 
252 ދިވެއްސަކު ވަނީ ދުނިޔެ ދޫކޮށްފައި
 
11303 ދިވެހިންނަށް މި ރޯގާ ޖެހުނު
 
ރާއްޖޭގެ 119 ރަށަކަށް މި ރޯގާ ފެތުރިގެންދިޔަ

ގާތްގަނޑަކަށް މީގެ 42 އަހަރު ކުރިއަށް ޖެހިލައި، މިއަދުގެ މާލެއަށާއި، ރަށްފުށުގެ އެ ދުވަހުގެ ޙާލަތަށް، ޚިޔާލީ ދުރުމިން ބަލައިލާ ހިނދު، ފެންނާން އޮތީ، ދައްކަމުންދިޔަ ފިލްމެއް، ވަގުތީ ހުއްޓުމަކުން ހުއްޓައިލުމުން ނުވަތަ "ޕޯޒް" ކޮށްލުމުން، ފެންނާން އޮންނާނެ ގޮތަށެވެ.

ފެންނާން އޮތީ، ހިނގަހިނގާ އޮތް ގައުމެއްގެ ހޭލަމޭލަކަން ހުއްޓިފައި އޮތް ތަނެވެ. އެއީ 5 އެޕްރީލް 1978 ގައި، ރާއްޖެއަށް ފެތުރުނު "ކޮލެރާ" ގެނުވި ހިމޭންކަމެވެ. ދިވެހިން ކަށިން ލީ ހިތްވަރުގައި ،އެ ހިމޭންކަމުން އަރައިގަތް މާޒީގެ ތަޖުރިބާ، މިއަދަށްވެސް ފުދެއެވެ.

މި ދެންނެވި މާޒީގެ އެ މަންޒަރު، މިއަދު ހިތްމައްޗަށް ގެނެސް ބަލައި ލުމުން، ލޯ ފުރާ، ކަރުނަ އޮހޭހައި ވެއެވެ. އެ ދުވަހުގެ އެ ކުޑަ ކުޑަ އާބާދީން 252 ދިވެއްސަކު، ކޮލެރާގައި ދުނިޔެ ދޫކުރި ހިތާމައިގައެވެ. ރާއްޖޭގެ 119 ރަށަކަށް ފެތުރިގެންދިޔަ މި ރޯގާގައި، 11303 ދިވެހިން ޝިކާރައަކަށް ވެގެން ދިޔައެވެ. ދެން ކަންވެ ދިޔަ ގޮތް ބަލައިލަމާ ހެއްޔެވެ؟ އެ ދުވަހު، ދިވެހީން މުސްތަގުބަލަށް ހޯދި ތަޖުރިބާ، ދެނެގަތުމަށެވެ!

މި މަންޒަރުން ފުރަތަމަ ވެސް ފެންނާން އޮތީ، ލ.އަތޮޅުގައި ހުންނެވި ޖަމާޢަތުގެ ސިއްޙީ އެހީތެރިޔާ ހަސަން މޫސާ، ސިއްސުވާލި ޙައިރާން ކުރަނިވި ޚަބަރެވެ! އޭރު އޭނާ ހުންނެވީ އަތޮޅު ތެރެއަށް ކުރައްވަމުން ގެންދެވި ރަސްމީ ދަތުރެއްގައެވެ. މި ދުވަސްވަރު މުއާސަލާތު ކުރަން ގެންގުޅެނީ" ވޯކީޓޯކީ"އެވެ.

ވޯކީޓޯކީއަށް ލިބިގެން ދިއަ ކުއްލި ޚަބަރަކީ ލ. މާމެންދޫގައި ދިރިއުޅު އެ އަތޮޅު ފޮނަދުއަށް ނިސްބަތްވި މަޝްހޫރު ތިންރަށު އަޙުމަދު، ބޭރަށް ހިންގުން ޖެހިގެން، މާމެންދޫން ފޮނަދުއަށް ގެންދިއަ ދަތުރުމަތީގައި، ކުއްލި ގޮތަކަށް ނިޔާވި ޚަބަރެވެ! މިއީ، އެ ރޯގާއެއް ޖެހުނުތާ، ދިހަވަރަކަށް ގަޑީއިރުގެ ތެރޭގައި ނިމިދިޔަ ފުރާނައެކެވެ.

ޙައިރާންކަމާއެކު، މި ހިތާމަވެރި ޚަބަރާމެދު، އިސްޖެހިފައި އިންނެވި ހަސަން މޫސާއާއިއެކު، މި ދަތުރުގައި ބައިވެރިވާ އަނެއް ފަރާތަކީ، ކަޅައިދޫ ޢަބްދުﷲ އަފީފެވެ. އޭނާއަށް މާމެންދޫން ފޮނުވި މެސެޖަކީ ، " އަންހެނުންނާއި ދައްތައާ ބައްދަލުވާން އެދޭނަމަ، އަވަހަށް އާދޭ" މިއެވެ.

މެސެޖުގައި އެ އިޝާރަތްކުރާ ދެމީހުންނަކީ، ރަށުގެ ދެކޮޅުގައި ދިރިއުޅޭ ދެ މީހެކެވެ. އެހެން ކަމުން މުޅި ރަށަށް އެ ރޯގާ އެހައި އަވަހަށް ފެތުރުނީ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދާން ބެލިއިރު، މާމެންދޫން ވޯކީޓޯކީ އޮތީ ކަނޑާލައިފިއެވެ!

އެހައިތަނުން، ރޯގާއެއްގެ ބިރުވެރިކަން، އެ އޮތްގެން ޢާންމުވާން ފެށީއެވެ. މިހައިތަނުން މިދެންނެވި ދަތުރުގައި ތިއްބެވި ހެލްތު ވޯކަރާއި މި އެންމެ ބޭކަލުން މާމެންދުއަށް އައެވެ. އެބޭކަލުންގެ ލޯމަތީގައި ދައްތައޭ ބުނެ، މެސެޖުގައި އިޝާރަތްކުރި އާމިނަތު ޢަލީވެސް ނިޔާވެއްޖެއެވެ! ތިންރަށު އަޙުމަދު ނިޔާވިތާ ހިނދުކޮޅެއްގެ ތެރޭގައި މުޅިރަށަށް، ރޯގާ ފެތުރިއްޖެއެވެ!

ދިވެހިރާއްޖޭގައި މި ފެތުރެނީ ކޮލެރާއެވެ! އެ ދުވަސްވަރަކީ، 1977ގެ ފަހުކޮޅެވެ. އެހެނެއް ކަމަކު އެއީ ކޮލެރާއޭ ބުނެ، ގޮތް ނިންމީ ކާކު ހެއްޔެވެ؟

ކޮލެރާ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން އާންމުކުރި ލިޔުމެއް

ސިއްޙަތާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިނގަމުންދިޔަ "ޑިޕާރޓު މަންޓް އޮފް ޕަބްލިކު ހެލްތު"އަށް، އެހެންބުނެ، ޖަމާޢަތުގެ ސިއްޙީ އެހީތެރިއާ ޙަސަން މޫސާ، ފޮނުވި މެސެޖަށްފަހު، ސަރުކާރުގެ ވަފުދެއް އެރަށަށް ދިޔައިރު، އެތައް ބަޔަކު ނިޔާވެއްޖެއެވެ.

ޙަސަން މޫސާގެ މެސެޖުގައި އެ ލިއުނު "ކޮލެރާ ފެތުރެން ފަށައިފި" މި ބަސް ނަފީކުރީ، ސަރުކާރުން އެރަށަށް ފޮނުއްވި ކޮން ޑަކްޓަރަކު އެރަށަށްދުރުވެ ހެއްޔެވެ؟ ހަމައެކަނި ނަފީކުރީއަކީ ނޫނެވެ. ޖަމާޢަތުގެ ސިއްޙީ އެހީތެރިއާ މާލެ ގެނެސް، އެހެން ބުނެ މެސެޖު ފޮނުވީތީ، ބަޔާން ނަގައި، ވ. އަތޮޅަށް ވަޒީފާވެސް ބަދަލު ކުރީއެވެ!

މިހައިތަނަށް ކަންތައްތައް ދިއައިރު، ކުޑަކުދިންނާއެކު 37 މީހުން އެ އަތޮޅުން ނިޔާވެއްޖެއެވެ! ރާއްޖެއަށް މި ރޯގާ ފެތުރިއްޖެއެވެ. މާލޭގައިވެސް މި ރޯގާގެ ބިރުވެރިކަން ބޮޑުވެއްޖެއެވެ. މިއީ ކޮލެރާ ކަމަށް ބުނެ، މާލޭގައި އޭރު ނިކުންނަމުން ދިއަ، "ހަފްތާ" ނޫހުގައިވެސް ބުނެފިއެވެ. އެއީ 7 އެޕްރީލު 1978 ގައި، ނިކުތް ހަފްތާ ނޫހުގެ އަދަދެވެ.

ރާއްޖޭގައި ފެތުރެމުން އެދިޔަ ކޮލެރާގެ ޙާލަތު ނާޒުކުވާން ފެށިހިނދު، ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮތް "ކުއްލި ހާލަތު" އިޢުލާނު ކުރުމުގެ ބާރުގެ ދަށުން، އެ ހާލަތު އިޢުލާނު ކުރެއްވިއެވެ.

މި ކުއްލި ޙާލަތުން ރާއްޖެ އަރައިގަތުމަށް ކުރަމުންދިޔަ އެންމެހައި މަސައްކަތްތައް، ވިލަރެސްކުރުން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރުގެ ބެއްލެވުމުގެ ދަށަށް ގެންނެވިއެވެ. ވިލަރެސް ކުރުމުގެ އެންމެހައި ކަންކަން ހިންގުން، ގަލޮޅު ރަސްމީ ބޯޅަ ދަނޑަށް ބަދަލު ކުރެއްވިއެވެ.

ގަލޮލު ބޯޅަދަނޑުގައި ބެހެއްޓިފައި ހުރި މޭޒުތައް

ގަލޮޅު ބޯޅަދަނޑުގައި، މާލޭގެ އިތުރުން އަތޮޅުތަކު ކަންކަމާ ޙަވާލުވެތިބޭ ފަރާތްތަކުގެ މޭޒުތައް ބެހެއްޓުނެވެ. އެހައިތަނުން، މުޅި ރާއްޖެއިން، ކޮލެރާގެ ވަބާ ފިލުވައިލުމުގެ ޚާއްސަ މަސައްކަތް، 24 ގަޑީރއިރު މެދުނުކެނޑި ހިންގަމުންދާ މަސައްކަތެއްގެ ގޮތުގައި އެ ފެށުނީއެވެ.

މި ދެންނެވި ޚުޠޫރަތްތެރި ވަގުތު، ސަރުކާރު މުވައްޒަފުންގެ އިތުރުން، ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ، ދިވެހިން އައިސް ސަފު ހަދައިލިއެވެ. ކޮލެރާގެ ވެކްސިން ޖެހުމާއި، ބޭރަށް ހިނގުން ފެށިފައިވި ރައްރަށަށް ބޭހާއި ޑޮކްޓަރުންނާއި ޖަމާއަތުގެ ސިއްޙީ އެހީތެރިންނާއި ނަރުހުން ފޮނުވުމަމުން ގެންދިއަ އެވެ.

އަނެއްކޮޅުން، ރޭޑިއޯއާއި ނޫސްތައް މެދުވެރިކޮށް، ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތް ހިންގަމުންދިއަ އެވެ. މާލެތެރެ ސާފުކުރުމާއި ވަޅުތަކަށާއި ހަނޑަސްބުރި ތަކަށް، "ކްލޮރީން" އެޅުމުގެ މަސައްކަތް ކުރަމުން ގެންދިޔައެވެ. ހަމައެހެންމެ ރަށްރަށުގެ އަތިރިމައްޗަށް ވަޅުޖަހައިގެން ނޫން ގޮތަކަށް، ބޮޑުކަމުދިއުން މަނާކުރި ކަމުގެ އިޢުލާނުތައް ސަރުކާރުން ނެރެމުން ގެންދިއަ އެވެ.

މިހައިތަނުން ދެން ފެންނާންފެށީ، މާލޭގެ ސައިހޮޓާތަކަށް މެހި ނުވަންނާނެހެން ދާޖަހައިގެން ނޫނީ އެ ޚިދުމަތް ދިނުން މަނާކުރި ތަނެވެ.

މިކަންކަން ހިނގަމުން ދިޔައިރު، ދިވެހިރާއްޖޭގައި ކޮލެރާ ފެތުރި ޢާންމު ވަމުންދާ ވާހަކަ، ބައިނަލްއަޤުވާމީ ޚަބަރުފަތުރާ ފަރާތްތަކުން ހާމަކުރަން ފަށައިފިއެވެ. ޑަބްލިއު.އެޗް.އޯ ފަދަ ޖަމާޢަތް ތަކުން ޑޮކްޓަރުންނާއި ބޭހުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދެމުން ގެންދިއަ އެވެ.

ގާތް ގަނޑަކަށް 6 މަސް ދުވަހަށް، ދިގުލައިގެން ދިޔަ ކޮލެރާގެ ވަބާއިން ރާއްޖެއަށް އަރައިގަނެވުނީ، ރައްޔިތުން ސަރުކާރަށްދިން އެއްބާރުލުމުގެ ބޮޑުކަމުންނެވެ. ސަރުކާރުގެ ކޮންމެ އިލްތިމާސެއް އަހާނެ ކަންފަތްތަކާއި، އެގޮތަށް ޢަމަލްކުރި ރައްޔިތުންތިބި ގައުމަކަށް، ދިވެހިރާއްޖެ ވީތީއެވެ.

"ދިވެހިރާއްޖޭގެ ތަފާސްހިސާބު 1983" ބުނާ ގޮތުގައި، 1978ގައި ރާއްޖޭގައި ފެށުނު ކޮލެރާ ބޭރަށްހިނގުން ޖެހުނު ޖުމްލަ ޢަދަދަކީ، މި ރިޕޯޓުގެ ކުރީކޮޅުގައި ދެންނެވި ފަދައިން، 11303 މީހުންނެވެ. 119 ރަށަކަށް ކޮލެރާ ފެތުރުނު ވަބާގައި 252 މީހުން މަރުވެގެން ދިޔައިރު، ކޮލެރާއިން ސަލާމަތްވީ ވ. އަތޮޅު އެކަންޏެވެ.

އެއީ ލ. މާމެންދޫގައި ކޮލެރާ ފެތުރެމުން ދާކަން ހާމަކުރުމާއި ގުޅިގެން، ވ. އަތޮޅަށް ބަދަލު ކުރެއްވި ޖަމާޢަތުގެ ސިއްޙީ އެހީތެރިއާ ޙަސަން މޫސާ ، ހުންނެވި އަތޮޅެވެ. އެނާއާއި މެދު، އެ ޙާލަތުގައި ކަންވެގެން އެ ދިއައީ، ޗައިނާގައި ފެތުރެނީ "ކޮރޯނާ ވައިރަސް" ކަމަށް، ހާމަކުރި ޑޮކްޓަރަށް ކަންތައްތައް ދިމާވި ބީދައިންނެވެ.

ކޮންމެއަކަސް އޭނާއަށް ކުރީން ލިބިލައްވާފައިވި ތަޖުރިބާގެ އަލީގައި، އެ އަތޮޅުގެ އަތޮޅުވެރިއާ ހުރާ ޢަބްދުއްސައްތާރާއި ވެރީންނާއި ރައްޔިތުންގެ އެހީތެރިކަމާއެކު، ވ. އަތޮޅު، ބޭރުގެ އޮޑިފަރަށް ތަޅުލެއްވިއެވެ. މިއި މިޒަމާނުގައި މި ކިއާ "ކަރަންޓީނު" ކުރުމެވެ.

އެ އަތޮޅުގެ ރަށްރަށުގެ ބަނދަރަށް އަންނަ އެހެން އަތޮޅުތަކުގެ މީހުން، ރަށަށް ފޭބިޔަނުދީ، އޮޑިފަހަރަށް ބޭނުންވާ ކަންކަމުގެ ޚިދުމަތްދިނީ ފަޅުތެރޭގައި، އޮޑިފަހަރުގައި ބައިތިއްބައިގެންނެވެ. ހަމަ އެހެންމެ އެ އަތޮޅުގެ މީހުންވެސް އެ މުއްދަތުގައި އެހެން ރައްރަށަށް ގޮހެއް ނޫޅެއެވެ. މަސްކިރަން އެ އަތޮޅުން މާލެއަށް ފޮނުވާ އޮޑި ފަހަރުގެ މީހުންނަށް، ރޯގާއިން ރައްކާތެރިވާން، " ޕްރޮފިލެކްޓިވް ޓްރީޓްމަންޓު" ދުރާލާ އެނާ ދެއްވަމުން ދިއައެވެ.

މި ލިއުން އަޅުގަނޑު ހުޅުވައިލި މާލޭގެ މަންޒަރާއި، އެ މަންޒުން ފެނުނު ހާސްކަން ފެށުނު، ލ. މާމެންދޫން ރާއްޖެއަށް ކޮލެރާ ތަޢާރަފުވި މަންޒަރާއި، އޭގެ ފަހުން، އިބްރާހިމް ނާސިރުގެ ސީދާ ބެއްލެވުމުގެ ދަށުން، ރާއްޖެއިން ކޮލެރާ ނައްތާލަން ކުރެވުނު މަސައްކަތުގެ މަންޒަރުން، ދޭހަވެގެން މިދަނީ، ދިވެހީން ދިން، އެއްބާރުލުމާއި،އޭގެ ނަތީޖާއެވެ. ޚާއްސަކޮށް، ވ. އަތޮޅުގައި ހަސަން މޫސާ އެ އަދާކުރެއްވި ތަޖުރިބާގެ ދައުރުން، ހާމަ ވެގެންދަނީ، މުސްތަގުބަލުގައި ބޭނުން ހިފިދާނެ ކިތަންމެ ތަޖުރިބާއެއް، ދިވެހިން ކޮށްފައިވި ކަމެވެ.

މިދެންނެވި މާޒީގެ ތަޖުރިބާއިން ހާމަ ވެގެން މިދަނީ، ދިވެހި ރާއްޖެ ހާސްކަމެއްގެ ތެރެއަށް އައިސްފައިވަނީ، މިއަދަކު ނޫން ކަމެވެ. 11303 ދިވެހީން ކޮލެރާގައި ތަންމަތިވެ، 252 ދިވެހީންގެ ފުރާނަ ދިއަ ކޮލެރާގައިވެސް، ދިވެހިން، ކަށީން ނެރުނު އެއްޗަކީ، ހިތްވަރު ކަމެވެ.

އެދުވަހު މުޅި ގައުމު ތެދުވީ، އަނެކާއަށް މަދަދު ދިނުމުގައި، އަތުގުޅާލައިގެން ކަމެވެ. އެ ދުވަހު އެންމެން އެހީ، ސަރުކާރުގެ އަޑު ކަމެވެ. އެންމެން ޢަމަލުކުރީ އެއް އިރުޝާދަކަށް ކަމެވެ. ގިނަ އަދަދެއްގެ ދިވެހީން މަރުވެގެންދިއަ "ކޮލެރާ" ރޯގާއިން، ރާއްޖެ އަމާން ބަނދަރެއް ހޯދީ، ކަށީން ހިތްވަރު ލައިގެން ކަމެވެ. އެ ތަޖުރިބާ މިއަދަށްވެސް ނުފުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
5%
69%
6%
1%
2%
19%
ކޮމެންޓް
20 މާރޗް 2020 | ހުކުރު 08:39
ނަންބުންޏަސް ނޭނގޭނެ
ދަނބިދޫ ޙަސަން މޫސާ އަކީ ޑޮކްޓަރެއްގެ ލަޤަބު ލިބިލައްވާފައި ނުވިޔަސް ޞިއްޙީ ކަންކަމުގައި ރާއްޖޭގައި ހުންނެވި އެންމެ ފުންނާބު އުސް ބޭފުޅާއޭ ދެންނެވުމަކުން އެއްވެސް ކުށަކަށް ނުވާނެކަން ޔަޤީނެވެ.
13 މާރޗް 2020 | ހުކުރު 17:46
ނަސީރު
ދެރަ
13 މާރޗް 2020 | ހުކުރު 13:35
ކިޔުންތެރިޔާ
ބަލަ މިހާރު ވެރިކަމުގަ ހުރީ އިބްރާހިމް ނާސިރު ފަދަ ހިކުމަތްތެރިއެއް ނުނޭ.
13 މާރޗް 2020 | ހުކުރު 13:13
ހަސަން ސަލީމު
އާރޓިކަލްގައި އޮތް ވާހަކައަކީ، ހަމަ ތެދު ހަޤީޤަތެވެ. އަޅުގަނޑަކީވެސް އެދުވަސްވަރު ތިޔަ ކަމުގައި ސަރުކާރުގެ ތެރެއިން މަސައްކަތްކުރި އެކަކެވެ. ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އެދުވަހުގެ ރާއްޖެއާ މިއަދުގެ ރާއްޖެއާ ސުމަކާ ހަަހަކާ ހައި ތަފާތު ވާހަކައެވެ. އެދުވަހު ރައިސުލް ޖުމުހޫރިއްޔާގެ ބަސްފުޅު ދިވެހިން އަޑުއަހައެވެ. އިހުތިރާމްކުރެއެވެ. ބިރުން ނަމަވެސް، ލޯބިންނަމަވެސް އަދި އެހެންގޮތެއް ނެތިގެންނަމަވެސް ކަންއޮތީ އެހެންނެވެ. ނަމަވެސް މިއަދު، ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވާ އެއްޗަކާ ދެކޮޅަށް ބަސްބުނެ، މަލާމަތްކޮށް، ފޮށި އަދި ނުވިތާކަށް ސީދާ ދެކޮޅު ހެދުަމަކީ، ގާނޫނު ހުއްދަކުރާ ކަމެކެވެ. އެހެންވީމާ، މިއަދު ކަށިން ހިތްވަރުނަގާނެ މީހުން މަދުވާނެއެވެ. ސިސްޓަމް މިއޮތީ ބަދަލުވެފައެވެ. މާތްﷲ އަޅަމެން ސަލާމަތް ކުރައްވާށިއެވެ.