ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 08:16
ޝިގެއްލާ ބަލިމަޑުކަމުގެ ހަރަކާތްތެރިވި ސިއްހީ މަސައްކަތްތެރިންތަކެއް
ޝިގެއްލާ ބަލިމަޑުކަމުގެ ހަރަކާތްތެރިވި ސިއްހީ މަސައްކަތްތެރިންތަކެއް
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ޝިގެއްލާ ބަލިމަޑުކަން
މުސްތަގުބަލަށް ބޭނުންވާހައި ތަޖުރިބާ، މާޒީން ދިވެހިން ޙާސިލްކުރި ރޯގާއެއް!
 
ޝިގެއްލާ ރަމަތަ ކުރުމުގެ މަސައްކަތުގައި ފެނުނީ ދިވެހިންގެ އެއްބައިވަންތަކަން
 
މި މީހުންގެ ތެރެއިން މަރުވި މީހުންގެ ޖުމްލައަކީ 197
 
"ޝިގެއްލާ" ގައި، ބޭރަށް ހިންގުން ޖެހުނު ޖުމްލަ ޢަދަދަކީ، 13,752 މީހުން

ނުރައްކާތެރި ރޯގާތަކުގެ ރާޅުތައް، އަބަދުވެސް ބިންދަމުންއައި ދިވެހިރާއްޖެ، އެންމެ ފަހުން، ތަޖުރިބާކުރި ބޮޑު ރޯގާއަކީ، 1 ޖޫން 1982 ގެ "ހަވީރު" ނޫހުގެ ފަލަ ސުރުޚީން، އިއްވާލި، މަޝްހޫރު "ޝިގެއްލާ" ބޭރަށް ހިނގުމުގެ ރޯގާގެ ޚަބަރެވެ!

ރައްޔިތުން މި ޚަބަރު ކިޔަމުން ދިޔައިރުވެސް، މި ރޯގާ ޖެހިފައި ތިބި 22 ބަލިމީހަކު، އޭރުގެ ސެންޓްރަލް ހޮސްޕިޓަލުގައި، އެނދުމަތިކޮށްގެން ފަރުވާދެމުން ގެންދިޔައެވެ. އަނެއްކޮޅުން ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް، އޭރު އޮތީ މިރޯގާ ފެށިފައެވެ.

އޭރުގެ ސިއްޙަތާބެހޭ ވުޒާރާއިންނާއި ޢާންމު ސިއްޙަތާބެހޭ އޮފީހުން، މި ބަލިމަޑުކަން ހުއްޓުވަން ކިތަންމެ މަސައްކަތެއް ކުރަމުން ދިޔައެއް ކަމަކު، ނަތީޖާ ފެންނަމުން ދިއައީ، ރޯގާގެ ބިރުވެރިކަން، އިންތިހާއަށް ބޮޑުވަމުން އަންނާތީއެވެ.

އެހައިތަނުން މި ބަލި ހުއްޓުވުމުގެ މަސައްކަތް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްގެ ސީދާ ބެއްލެވުމުގެ ދަށަށް ގެންނެވިއެވެ. އެއާއެކު "އިންޑޯ ސްޓޭޑިއަމް" މި ރޯގާ ހުއްޓުވުމުގެ ކަންކަން ވިލަރެސްކުރާ މައި އިދާރާގެ ގޮތުގައި ހަމަޖައްސައި، ސަރުކާރުގެ މުވައްޒަފުންގެ ތެރޭން ބައެއް، އެ އިދާރާއަށް ވީއްލިއެވެ.

މިހާރުގެ ގޮތަށް ދަންނަވާނަމަ، މިއަދު މިކިޔާ "ޓާސްކުފޯސް" އިދާރާއަކީ، އޭރުގައިނަމަ، އެއީއެވެ. މިއީ 13 ޖޫން 1982 އާއި ހަމައަށް، މި ރޯގާ ދިގުލައިގެން ދިޔައިރު، ރޯގާ ހުއްޓުވުމުގެ މަސައްކަތަށް އައިސްފައިވި، ޚާއްސަ ސަމާލުކަން ހާމަވެގެންދާ ކަމެކެވެ.

އިސައިހިތަކުމެ، ހިލޭސާބަހަށް މަސައްކަތް ކޮށްދޭނެ ދިވެހިން، އެ އިދާރާގައި ސަފު ހަދައިލިއެވެ. އެއީ އޭރުގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާއިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮތް، "ކުއްލި ނުރައްކަލުގެ ޙާލަތު" އިޢުލާނުކުރި ވަގުތެވެ. އެހެން ކަމުން، "ޝިގެއްލާ" ބަލިމަޑުކަން ރަމަތަ ކުރުމުގެ މަސައްކަތް، ހަލުއި ކަމާއެކު، ހިނގަމުން އެދަނީ، ޤައުމު ކުއްލި ނުރައްކަލުގެ ޙާލަތަށް ގެނެސްގެންނެވެ.

"ދިވެހިރާއްޖޭގެ ތަފާސް ހިސާބު ފޮތް 1983" ބުނާ ގޮތުންނަމަ، މިދެންނެވި މަޝްހޫރު "ޝިގެއްލާ" ގައި، ބޭރަށް ހިންގުން ޖެހުނު ޖުމްލަ ޢަދަދަކީ، 13,752 މީހުންނެވެ. މި މީހުންގެ ތެރެއިން މަރުވި މީހުންގެ ޖުމްލައަކީ 197 އެވެ.

މަތީގައިވި ޖުމްލައިން އެ ހާމަވާ 13,752 ދިވެހިން، މި ނުރައްކާތެރި ރޯގާއިން ސަލާމަތް ކޮށްދޭން ނިކުތީ ކޮން ބައެއް ހެއްޔެވެ؟ މާލެއާއި މުޅި ރާއްޖޭގައި ވަޅުވަޅަށް "ކޮލޮރީން" އަޅައިދޭން، ހިލޭ ސާބަހަށް ނިކުތީ ކޮން ބައެއް ހެއްޔެވެ؟ މި ރޯގާ ޖެހުނު އެންމެން ސިއްޙީ މަރުކަޒުތަކަށާއި، އޭރުގެ ސެންޓްރަލް ހޮސްޕިޓަލަށް، ފަތްޖެހި އެނދުގައްޔާއި އަތްދަނޑި މަތީގައްޔާއި، ލިބެންހުރި އެއްގަމު އުޅަނދު ތަކުގެ އެހީގައި، އުފުލައިދިނީ ކޮން ބައެއް ހެއްޔެވެ؟

އެއީ، ދިވެހިންނެވެ! ޚިދުމަތްތެރި ދިވެހިންނެވެ! އެ ޙާލަތުގައި، އެކަކު އަނެކާއަށް މަދަދާ އެހީގެ އަތް، ދިއްކޮށްލި ބަޔަކީ ދިވެހިންނެވެ! އެމީހުން ނިކުތީ މި ޒަމާނުގައި މި ބޭނުންކުރާ ވައިރަހާއި ޖަރާސީމުން ރައްކާތެރިކުރާ ހެދުން އަޅައިގެންނެއް ނޫނެވެ. އަތްމައްޗަށް ފުރާނަ ލައިގެންނެވެ! އެމީހުންގެ ދައްކައިދިނީ ޤައުމީ އެއްބައިވަންތަ ކަމެވެ. އިސްލާމީ ވަޙުދަތެވެ. މިއީ އެއް ލެއެއް ހިނގާ ބައެއް ކަމުގެ މާ ސާފު މަންޒަރެކެވެ. ޢާންމު ފަރުދުން ވެދިން ތަފާތު އެހީގެ ތެރޭގައި، ފައިސާގެ އެހީގެ އިތުރުން، ވަފުދުތައް ރަށްރަށަށް ފޮނުވަން ދަތުރުކުރާނެ އުޅަނދު ތައްވެސް ހަމަޖައްސައި ދިނެވެ.

އިހުގެ މާލޭގެ މަންޒަރެއް

"ޝިގެއްލާ"ގެ ބަލިމަޑުކަން ރަމަތަ ކޮށްދިނުމުގެ އިސް ސަފުގައި ޙަރަކާތްތެރިވި، އެންމެ ޚާއްސަ ބަޔަކީ، އެންމެ ދިގުކޮށް އެ ސަފެއް ފެންނާން އޮތް، ދިވެހި ޑަކްޓަރުންނާއި، ޖަމާޢަތުގެ ސިއްޙީ އެހީތެރިންނާއި ނަރުހުންނެވެ. މިދަންނަވަނީ، މަދުން ނަމަވެސް، ބޭރުގެ މާހިރުން މި ސަފުގައި ނެތް ވާހަކަ އެއް ނޫނެވެ. ޑަބްލިއު.އެޗް.އޯ އާއި ޔުނިސެފާއި، ރާއްޖެއަށް ހެޔޮއެދޭ ގައުމުތަކުން، ބޭހާއި ޑަކްޓަރުންގެ އެހީތެރިކަން ނުލިބޭ ވާހަކައެއްވެސް ނޫނެވެ.

ސުރުޚީގައި އެވަނީ، މިތާނގައި ދެން އަޅުގަނޑު، އެންމެ ބޮޑަށް ބާރުލާން ބޭނުންވި ވާހަކައެވެ. މުސްތަޤުބަލަށް ބޭނުންވާހައި ތަޖުރިބާ، މި ރޯގާ ރަމަތަ ކުރަން، އެ މަސައްކަތް ވިލަރެސްކުރި މަރުކަޒުގެ ބޭފުޅުން ޙާސިލު ކުރެއްވި ވާހަކައެވެ.

އޭގެ ތެރެއިން އެއްކަމަކީ، މިފަދަ ކަންކަމުގައި، ސަރުކާރުން ނެރޭ އަމުރު ތަންފީޒު ކުރާނެ ރައްޔިތަކު އޮތް ތަނެއްގައި، މިއީ ޙާސިލު ކުރެވިދާނެ ކާމިޔާބެއް ކަމެވެ. މިއަދު "ކޮވިޑް-19" އާއި ގުޅިގެން، ސިންގަޕޫރު ސަރުކާރުންދޭ އިރުޝާދު، އެ ގައުމުގެ ރައްޔިތުން، އެ ބަލައިގަންނަނީ، މިދެންނެވި ދުވަހު، ދިވެހިސަރުކާރުން ދިން އިރުޝާދު، ދިވެހި ރައްޔިތުން ބަލައިގަތް ބީދައިންނެވެ. ސިންގަޕޫރު އެދަނީ، ޗައިނާ ފަދައިން، އަމުރު ތަންފީޒުކުރާ ރައްޔިތުންގެ އެއްބާރުލުމާއެކު، މި ހާސްކަމުން އަރައި ގަންނަމުންނެވެ.

ޝިގެއްލާ ރަމަތަ ކުރުމުގެ ތެރެއިން، ދިވެހިން، މުސްތަގުބަލަށް ހޯދި އެއް ތަޖުރިބާއަކީ، ސާފުތާހިރު ކަމުގެ ހޭލުންތެރިކަން، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ މިންވަރު، މަތިކުރާން ވެއްޖެ ކަމެވެ. ސާފު ބޯފެނުގެ ނިޒާމެއް ޤާއިމް ކުރަން އަވަސްވާން ވެއްޖެ ކަމެވެ. ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމުގެ މުހިންމު ކަމެވެ. ޚާއްސަކޮށް ވެކްސިން ދޭން، އަވަސްވާން ޖެހިއްޖެ ކަމެވެ. ރާއްޖޭގައި ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރަން ދޭންޖެހިފައިވާކަމެވެ.

WHO ގެ ޑިރެކްޓަރ ޖެނެރެރަލް ސަރުކާރުގެ ހޮސްޕިޓަލްތަކަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން - ސެޕްޓެމްބަރ 1980

"އިންޑޯސްޓޭޑިމް"ގައި، ޙަރަކާތްތެރިވި ސިއްޙީ މާހިރުންގެ ހޯދުންތަކުން އޭރުވެސް ރާއްޖެއިން ކޮލެރާގެ އަސަރު މުޅިން ފިލައި ނުދާތީ، ކޮލެރާގެ ވެކްސިން ދިނުންވެސް، މި މަރުކަޒުގައި ކުރިއަށް ދިޔައެވެ.

ރައްޔިތުން ހޭލަމޭލަވެ އުޅޭ ފަށުގައި، ބަކަރި ގެންގުޅުމާއި، ލޮނުމަސް އެޅުންފަދަ ކަންކަން މަނާކުރި ކަމުގެ އިޢުލާނުތައް ނެރެމުން ދިޔައެވެ. މާލޭގެ ފަޅުތެރެއަށް މޫދަށް އެރުން މަނާކުރުމާއި، ރަށްރަށުގެ އަތިރިމަތީގައި ވަޅު ޖަހައިގެން ނޫނީ ފާޚާނާ ނުކުރުން ފަދަ އެތައް ކަމެއްގެ އަމުރުތައް ނެރުނެވެ. ހަމަ އެހެންމެ، ރައްރަށަށް އެހެން ރައްރަށުގެ މީހުން އެރުންމަނާކުރުންފަދަ މާބަންދު (ކަރަންޓީން) ކުރަމުން ގެންދިއައެވެ. މި ކަންކަން އޭރުގެ ދިވެހީން ތަންފީޒު ކޮށްދިނީ، އަމިއްލަ ކަމެއްގެ ގޮތުގައެވެ. ޤައުމީ ކަމެއްގެ ގޮތުގައެވެ.

އެހެންކަމުން، މިއަދު ފެންނަ ފަދަ "ކޮވިޑް-19" ފަދަ، ބަލިމަޑުކަމުން މި ޤައުމު އަރައިގަންނާނެހައި ތަޖުރިބާ، "ޝިގެއްލާ"، "ކޮލެރާ" ފަދަ، ރާއްޖެ ތަޖުރިބާކުރި މާރޯގާތަކުން އޮތީ ޙާސިލު ކޮށްފައެވެ. މިއަދުވެސް ދިވެހީންގެ އަތްމަތީގައި އޮތް، އެންމެ މުހިންމު އެކައްޗަކީ، މާޒީން ހޯދި ތަޖުރިބާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
89%
3%
6%
0%
3%
ކޮމެންޓް
12 މާރޗް 2020 | ބުރާސްފަތި 08:49
ސިގެއްލާ ގެ ވޮލެނޓިއަރެއް
މިއަދު މާޒީން ތަޖުރިބާ ހޯދި ގިނަ ތަޖުރިބާ ކާރުން ތިބީ އެނދުމަތި ކުރެވިފައެވެ އަނެތް ބަޔަކު މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔައިފިއެވެ މަދު ބަޔަކު ހިނގާބިނގާވެ އެބައުޅެވެ... ސިގެއްލާ ގެ ދުވަސް ވަރު ވޮލެންޓިއަރުން ގެ ގޮތުގައި އަތް އޮޅާލާފައި 1982 ވަނަ އަހަރު މާލޭގައި ހރކާތްތެރިވާތީ ފެނިގެން ދިޔަ އެއްބަޔަކީއދުވަސް ވަރު ސްކޫލް ތަކުގައި ގްރޭދް 8 ފެށިގެން މަތީގައި ކިޔަވަމުން ދިޔަ ދަރިވަރުން.. އެއީ 300 ކައެއް ހާ ކުދިން... އެކުދިންނައް ކަމުގެ މުހިނމު ކަމާ ގައުމީ ޒިންމާ އަދާކުރަން ނިކުތުމައް ވިސްނައި ދެއްވުމުގައި ބޭނުންކުރި ގޮތާ އެކުދިންގެ އުފެދުނު ޖޯޝް.... ހެނދުނެއް މެންދުރެއް ހަވީރެއް ރޭގަޑެއް ނެތް އަވިދިނުމެއް ވާރޭ ވެހުމަކައް ބެލުމެއް ނެތް ..މޫނުމަތީގައި ވަރުބަލި ކަމެއް ގެ އަސަރުވެސް ނެތި މާލޭގެ ހުރިހާ ގޭގެ އެއްގެ ވަޅުތަށް ކުލޮރިން ކުރުމައް ހިނގީ އެ ސްކޫލް ތަކުގެ ކުދިންނާއި އޮފީސްތަކުން ވީއްލި މަދު މުވައްޒަުން... މިއަދު އެމީސް މީހުން ތިބީ އޮފީސްތަކުގެ މޭޒު ކައިރީގައި ނުވަތަ ގޭގައި ... މިއަދު ފެންނަނީ ސިޔާސީ ބައިބައި ވުމާއި ހެދި އެ ދުވަހުގެ ގައުމީ ޖޯޝް ނެރެން ނޭގިގެން.. ސިޔާސީ ފިކުރު ތަފާތު ވެފައި ވާތީ ޕާރޓީ މީހެއް ނޫންވެގެން ބައިވެރި ކޮއްފިނަމަ ތިމާއަށް ނުލިބި އެހެން ފަރާތަކައް ތައުރީފް ކުރާ އަދު އިވިދާނެ ކަމުގެ ބިރައް .....