ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 12:39
ދިވެހި ދިދަ
ދިވެހި ދިދަ
ދަ އެޑިޝަން
އެއްބައިވަންތަކަން
ކޮވިޑް-19: ގައުމު އޮތީ ތައްޔާރަށް، މިއީ ދިވެހިންގެ އެއްބައިވަންތަން ދައްކަންވީ ވަގުތު!
 
ގައުމު ތިމާއަށް ކޮށްދެނީ ކޮންކަމެއްތޯ ނުބަލައި ތިމާއަށް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލާ
 
މާޒީން ދެއްކި ރީތު ނަމޫނާ ދައްކަންޖެހޭ ވަގުތު މިވަނީ އައިސްފައި
 
ސަރުކާރުން ދޭ އިރުޝާދުތަކަށް ބޯލަނބަން ޖެހޭ

މިއަދަކީ ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ހަނދާނަށް ގެންނަންވީ ވަގުތެވެ. މާޒީގެ ސޮފްހާތަކަށް އަލިއަޅުވައި ގައުމަށް ދިމާވެފައިވާ ނުރައްކަލުން އެންމެން އެކީ އަތުގުޅައި އެއްބައިވަންތަކަމާއި އަހުވަންތަކަން ސާބިތުކުރަންވީ ވަގުތެވެ.

މާޒީއަށް ނަޒަރު ހިންގާލާއިރު ދިވެހިން ވަނީ މިކަން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ސާބިތުކޮށްދީފައެވެ. ގައުމާއި ދީނަށްޓަކައި، ގައުމުގެ އަމަން އަމާންކަން ހިފެހެއްޓުމަށް މޭ އައްޑަނައަކަށް ނަގައިގެން ނިކުންނަ ސަލާމަތީ ހިދްމަތްތެރިންވެސް އެހާ ގިނައެވެ. ގައުމަށްޓަކައި ފުރާނަ ދޫކޮށް ދިޔަ ބަތަލުންގެ ނަން ރަނުން ފަވާލެވޭއިރު ހުރިހާ ދަނޑިވަޅެއްގައިވެސް ދިވެހި ރައްޔިތުން ދިޔައީ ނަމޫނާ ދައްކަމުންނެވެ. 2004 ވަނަ އަހަރުގެ ސުނާމީ ހާދިސާގައި އެތައް ފުރާނައެއް ނެތިގެންގޮސް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނެގި ބޮޑު ބިޔަ ރާޅަކުން އެތައް ރައްޔިތުންނެއްގެ ދިރިއުޅުން ބަދަލުކޮށްލިއެވެ. އެދުވަހުވެސް މުޅި ރާއްޖެ ތަޖުރިބާކުރި ސުނާމީގެ ބިރުވެރި ކާރިސާގައި ދިވެހީން ދައްކުވައިދިނީ އިންސާނިއްޔަތުކަމާ، އެއްބަނޑުއެއްބަފާކަމާ، އެކުވެރިކަމުގެ މަތިވެރި ރޫޙެވެ.

އަބަދުގެ އަބަދަށް ވަކިވެގެންދިޔަ އަޚުންނާއި އުޚުތުންގެ ތެރޭގައި އެހެން މީހުންގެ ފުރާނަ ސަލާމަތްކޮށްދެވޭތޯ މަސައްކަތްކުރި ހިތްވަރުގަދަ ދަރިންވެސް ހިމެނެއެވެ. ހިތާމަވެރި އަސަރުގަދަ ދުވަހެއްގައި ދިވެހިން ދައްކައިދިން އެއްބައިވަންތަކަން ހަނދާނަށް ގެނެސް، މިއަދަކީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވާ އުހުއްވަތްތެރިކަން ވަރުގަދަކުރަން އިތުރަށް ވަރުގަދަ ކުރަންވީ ދުވަހެވެ. ދަތިތަކާ ކުރިމަތިވާ ކޮންމެ ދަނޑިވަޅެއްގައިވެސް ޒަމާނުއްސުރެއް ދިވެހިންގެ ކިބައިގައި ހަރުލާފައިވާ ރިވެތި އާދަތަކާއި މަތިވެރި ސިފަތައް އުތުރު އަރައިގެން ދާއިރު މި ގައުމަށް ދިމާވާ ކޮންމެ ދައްޗަކުން އަރައިގަތުމަށް ލިބިފައިވާ އަގުބޮޑު ހަޒާނާ އަކީ ރައްޔިތުންގެ އެއްބައިވަންތަކަމެވެ.

ފަހުގެ ހަނދާންތަކަށް ކުޑަކޮށް ނަޒަރު ހިންގާލާއިރު، 2014 ވަނަ އަހަރު މާލޭގެ ރައްޔިތުން ފެނަށް ޖެހިފައިވާ ދަނޑިވަޅުގައި ރާއްޖޭގެ އުތުރާއި ދެކުނުން އަންނަނީ މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނެވެ.އޯގާތެރި ދިވެހި ދަރީން އެބަޔަކަށް ވީވަރަކުން މާލެއަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދިޔައިރު ބޮޑެތި ވިޔަފާރިވެރިން ސްޓޮކްގައި ރައްކާކޮށްފައި ހުރި ފެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަހަން ފެށިއެވެ. ހިލޭ ސާބަހަށެވެ. ކިއުގައި މަޑުކުރަން ޖެހުމުގެ އުނދަގުލާއި ވޭން ލުއި ކޮށްދިނުމަށް ހިލޭ ސާބަހަށް ފެން އުފުލައިދިން ތަން ފެނިގެންދިޔައެވެ.

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ބަލާއިރު، ފެނިގެންދިޔައީ ދުވަސްވީ މީހުންނާއި ކުޑަކުދިން ރޯވެފައިވާ ގެތަކުގެ ތެރެއިން އާންމުންގެ އަތްދަނޑިމަތީ ގައި ނެރެދިން މަންޒަރެވެ. ހާސް ކަމުގެ ތެރޭގައި ކެއްސަމުން ރޮމުން ދިޔަ ކޮންމެ މީހަކަށް ބޯ އަޅާލާނެ ކޮނޑެއް ދިޔައީ ފޯރުކޮށްދީ އެ ދުމުން ރައްކާތެރިވުމަށް މާސްކްތައް ބަހަންފަށައި ދުމުގެ އަސަރު ކޮށްފައިވާ މީހުން ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރި މަންޒަރެވެ. މިއީ މިހާތަނަށް ދިވެހިން ދައްކުވައިދީފައިވާ ނަމޫނާއެވެ. ކުރި ހުވަޔާއި އެއްގޮތަށް ޤައުމާއި، ރައްޔިތުންގެ ހައްޤުޤައި ރެޔާ ދުވާލުގެ ނިދި ނަގާލި ފުލުހުންނާއި ސިފައިންގެ މިންނެތް މަސައްކަތް ކުރާނެކަމުގެ ވަރުގަދަ ހެއްކެކެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާއި ގުޅިގެން އާންމުންގެ ހިތުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅުގައި ހަނދާންކޮށްލަންވީ މި ކަންތައްތަކެވެ. ހިތްވަރާއި އެއް އަޒުމެއްގައި ސަރުކާރުން ދޭ އިރުޝާދުތަކަށް ބޯލަނބަން އެބަޖެހެއެވެ. ސަލާމަތީ ހިދުމަތްތަކުން ދޭ ލަފާ އަޑުއަހަންޖެހެއެވެ. ފުރާނަ އަތް މައްޗަށް ނަގައިގެން ރައްޔިތުންނަށް އެހީވާންތިބި ޑޮކްޓަރުންގެ އިރުޝާދުތައް އަޑުއަހަންޖެހެއެވެ. ކަންބޮޑުވުންތަކަށް ކާޑުގެ ބާވަތް ހުސްވިޔަ ނުދީ ރައްޔިތުންނަށް ފޯރުކޮށްދޭނެ ވާހަކަ ސަރުކާރުން ވަނީ ބުނެފައެވެ. މިއީ މާޒީގެ ސޮފްހާތަކުން ފެނިގެންދިޔަ އެއްބައިވަންތަކަން ދައްކުވައިދޭންވީ ވަގުތެވެ. ހުރިހާ އެންމެންވެސް އަޑުއަހާނެ އެއްވާހަކައެއް އޮވެއެވެ. ގައުމު ތިމާއަށް ކޮށްދެނީ ކޮންކަމެއްތޯ ނުބަލައި ތިމާއަށް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލާށެވެ. މިއަދު ގައުމު އެދެނީ ރައްޔިތުން އެހީއަށެވެ.

ދިވެހިންގެ އެއްބައިވަންތަކަން ، ދިވެހިންގެ ޤައުމީ ރީތި ނަން ، ދިވެހިންގެ ހުރި އަޚުވަންތަކަން، މުޅިދުނިޔެއަށް ދައްކައިފިޔޭ، ދިވެހިންނަކީ ހަމަ އެއް ބަޔެއް، ދިވެހިންގެ ހިނގަނީ އެއް ލެޔެއް.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް