ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 21:13
ކުޑަކުދިންނާއި މިވައިރަސްއާ ގުޅޭގޮތުން ވާހަކަދައްކާއިރު ބެލެނިވެރިން ސަމާލުކަންދޭންޖެހޭ
ކުޑަކުދިންނާއި މިވައިރަސްއާ ގުޅޭގޮތުން ވާހަކަދައްކާއިރު ބެލެނިވެރިން ސަމާލުކަންދޭންޖެހޭ
ބީބީސީ
ކޮވިޑް-19
ކޮވިޑް-19 ކުޑަކުދިންނަށް ކިޔައިދޭނީ ކިހިނެއް؟
 
ކުދިންގެ ހިތްތަކުގައި ބިރުވެރިކަން ނުއުފެދޭގޮތަށް ތެދު މައުލޫމާތު އެކުދިންގެ ސިކުނޑިތަކަށް ވިސްނޭނެގޮތަށް ކިޔައިދިނުމަކީ މުހިންމުކަމެއް

މުޅި ދުނިޔެ މިވަނީ ކޮވިޑް-19 ގެ ވާހަކަތަކުން ފުރިފައެވެ. ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދު ލައްކައަކަށްވުރެ ގިނަ ވެފައިވާއިރު މިހާތަނަށް އާއިރު 104 ޤައުމަކުން ވަނީ މިވައިރަސް ފެނިފައެވެ. ދެ މީހަކު ދިމާވިއަސް، ސޯޝަލް މީޑިޔާއަށް ބަލާލިޔަސް އެންމެން ކަހަލަގޮތަކަށް ދައްކަނީ މިވާހަކަ އެވެ. އެއާއެކު ކޮވިޑް-19 އާ ގުޅޭ ތެދުނޫން މަޢުލޫމާތުތައްވެސް ދަނީ ފެތުރެމުންނެވެ. މިދަނޑިވަޅުގައި މިވައިރަސް އާ ގުޅޭގޮތުން ފަތުރާ ތެދުނޫން މަޢުލޫމާތަށްވުރެ ވަކިން ބޮޑު ނުރައްކަލެއް ނެތްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވެސް ވަނީ ބުނެފަ އެވެ.

އެހެންކަމުން މިވައިރަސްއާ ގުޅޭގޮތުން ޞައްޙަ މަޢުލޫމާތު ފެތުރުމާއި ޞައްޙަ މަޢުލޫމާތު ހޯދުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. އަނެއްކޮޅުން މިވައިރަސްގެ ވާހަކަ ދައްކަމުންދާއިރު ކުޑަކުދިންނަކީ ވަކިން ބޮޑަށް ސަމާލުކަންދޭން ޖެހޭ ބައެކެވެ. އެކުދިންގެ ހިތްތަކުގައި ބިރުވެރިކަން ނުއުފެދޭގޮތަށް ތެދު މަޢުލޫމާތު އެކުދިންގެ ސިކުނޑިތަކަށް ވިސްނޭނެގޮތަށް ކިޔައިދިނުމަކީ މިވަގުތުކުރުން ވަރަށް މުހިންމު ކަމެކެވެ.

ސްކޫލްތައް ބަންދުކުރުމާއި، ކާބޯތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހުމާއި، ދުވަސްވީ މީހުންނަށް މިވައިރަސްގެ އަސަރުކުރާލެއް ބޮޑުވުމާއި، މަރުވުމުގެ ފުރުޞަތު ބޮޑުވާ ވާހަކައަކީ ބޮޑެތި މީހުންގެ މެދުގައި މިދުވަސްވަރު ޢާންމު ވާހަކަތަކެވެ. އެވާހަކަތައް ކުޑަކުދިންނާ ހިސާބަށްވެސް ދާނެއެވެ. އެހެންކަމުން މިކަމުގައި ބޮޑެތި މީހުންގެ ތެރޭގައި އޮތް ނުތަނަވަސްކަން އެގޮތަށް ކުޑަކުދިންނާ ހަމައަށް ނުފޯރާނެ ގޮތަކަށް ބޮޑެތި މީހުންގެ ޢަމަލުތައް ބެހެއްޓުމަކީ މުހިންމުކަމެވެ.

ކްލިނިކަލް ސައިކޮލޮޖިސްޓް އަދި ކޮންސަލްޓަންޓް ޑރ. އަންގްރަދް ރަޑްކިން ބުނާގޮތުން ކުދިންނާ މިވައިރަސްގެ ވާހަކަދައްކާއިރު އެވާހަކަދައްކާ ރާގު އެއީ ވަރަށް މުހިންމު އެއްޗެކެވެ.

އަހަރުމެން އެންމެންވެސް ބިރުވެރި ވާހަކަތައް އަޑުއަހަން ޝައުގުވެރިވޭ. އެކަމަށް ގަޔާވޭ. އެހެންނަމަވެސް އެވާހަކަ އެއް ތިމާއުޅޭ މާހައުލާއި ގެޔާއި ކައިރިވާވަރަކަށް އެވާހަކަތައް އަޑުއަހަން އަހަރުމެން އެހާ ބޭނުމެއްނުވޭ. ކުދިންނާ މިވައިރަސްގެ ވާހަކަދައްކާއިރު އުޅޭ މާހައުލުގެތެރޭގެ ވާހަކަނުދައްކާ ވައިރަސް ފެތުރޭ ގޮތާއި ވައިރަސް އިން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމާމެދު ވާހަކަ ދެއްކުން މުހިންމު. މިސާލަކަށް ގިނައިން އަތްދޮވެގެން ބޮކިއެރުވުންފަދަ ކަންކަންކުރުމުން ވައިރަސްއިން ސަލާމަތްވެވޭނެއޭ އެފަދަ ގޮތަކަށް ކުދިންނާ މިވާހަކަ ދެއްކިދާނެ.
ޑރ. އަންގްރަދް ރަޑްކިން

ކޮވިޑް-19 އަކީ ނޭވާލާ ނިޒާމަށްޖެހޭ ބައްޔަކަށްވާއިރު އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް މިވައިރަސް ޖެހޭ ހުރިހާ ސަބަބުތަކެއް އަދި ދެނެގަނެ ވިފައެއްނުވެއެވެ. އެހެންނަމަވެސް ރައްކާތެރި ނޫންގޮތަށް ހާމައަށް ކެއްސާ ކިނބިހި އެޅުމުގެ ސަބަބުން މިވައިރަސް ފެތުރޭކަން ވަނީ އެނގިފަ އެވެ.

ކުޑަކުދިންނާއި މިވައިރަސްގެ ވާހަކަދައްކާއިރު އެކުދިންނަށް ކުރެވޭނެ ކަންކަމުގެ ވާހަކަދެއްކުން މުހިންމު ކަމަށް ޑރ.ރަޑްކިން ވިދާޅުވި އެވެ. މިސާލަކަށް ބޭނުންކުރާ ޓިޝޫފަދަ ތަކެތި އެއްލާނުލާ ޑަސްބިންއަށް ލުންފަދަ ކަންކަން ކުރުމަށް ކުދިންނަށް ނަޞޭޙަތްދެވިދާނެ އެވެ. އަދި މިވާހަކަތައް ދެއްކުމަށްފަހު ކުދިންނާ ގުޅުންހުރި އެހެން ކަމަކަށް މައުޟޫ ބަދަލު ކޮށްލެވިދާނެ އެވެ. މިސާލަކަށް ކުޅޭ ފުޓުބޯޅަ މެޗެއް، ގޭގައި ހިނގި އެހެންކަމެއްގެ ވާހަކަ ކުދިންނާ ދެއްކިދާނެ އެވެ.

މިވައިރަސް ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާއިރު ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވޭނެ ދުވަހެއް ސީދާ ބުނާކަށް އަދި އެއްވެސް މީހަކަށްވެސް އަދި ކަމާގުޅޭ އިދާރާއަކަށްވެސް ނޭންގެ އެވެ. މިވައިރަސް އަކީ ދުނިޔެއަށްވެސް އައު ވައިރަސް އަކަށްވުމާއި ކަންކަން ބަދަލުވަމުންދާ ގޮތުން މިއީ އަދި އެއްވެސް މީހަކަށް ޔަޤީންކޮށް މާގިނަ ވާހަކަތަކެއް ދައްކަން އެނގޭ ކަމެއް ނޫނެވެ.

އެހެންކަމުން ކުދިންނާ ވާހަކަ ދައްކާއިރުވެސް އެކަމަށް ސަމާލުކަންދީގެން ކުދިންގެ ހިތުގައި މިކަމާގުޅޭގޮތުން އުފެދިފައިވާ ހުރިހާ ސުވާލެއްގެ ޖަވާބު ނުދެވޭނެކަން ބެލެނިވެރިންގެ ސިކުނޑީގައި ބެހެއްޓުމަކީ މުހިންމުކަމެއް ކަމަށް ޑރ. ރަޑްކިން ވިދާޅުވެ އެވެ. އެހެންކަމުން ކުދިންނަށް މިވައިރަސް އާ ގުޅޭގޮތުން މަޢުލޫމާތުދޭއިރު ބެލެނިވެރިންނަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު އެނގިފައިހުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޑރ. ރަޑްކިން ވިދާޅުވި އެވެ.

މިވައިރަސްގެ އަސަރުކޮށްގެން މަރުވުމުގެ ފުރުޞަތު ބޮޑީ ދުވަސްވީ މީހުންނާއި ގިނަދުވަހު ބަލިތަކުގައި އުޅޭ މީހުންނަށް ކަމަށްވާއިރު ކުޑަކުދިންގެ ހިތްތަކަށް އެކުދިންގެ ކާފަ އާއި މާމަ އަދި ދުވަސްވެފައިވާ ޢާއިލީ މީހުން އެމީހުންނާ މުޅި އުމުރަށް ވަކިވެގެންދިޔުމުގެ ނުތަނަވަސްކަން ވެރިނުވާނެގޮތަކަށް އެކުދިންނާ ވާހަކަދައްކަން ޖެހެއެވެ. ޑރ. ރަޑްކިން ވިދާޅުވާ ގޮތުން ކުޑަކުދިންނާ މިފަދަ ވާހަކަދައްކާއިރު އެންމެންވެސް މަރުވާނެކަމާއި ނަމަވެސް އެއީ ވަރަށް ދުވަސްވުމުންކަމަށް ފަދަ ވާހަކަތައް އެކުދިންނާ ދެއްކިދާނެ އެވެ.

މީގެއިތުރުން ކުޑަކުދިންނާއި މިވައިރަސްގެ ވާހަކަދައްކާއިރު ވީހާވެސް ބޮޑަށް އެކުދިންގެ އުމުރާ ގުޅޭގޮތުން އެކުދިންނަށް ވިސްނޭނެގޮތަށް ވާހަކަދެއްކުމަށް ޑރ. ރަޑްކިން ވިދާޅުވެ އެވެ. އަދި އެކުދިންގެ މާމަ އާއި ކާފަ އާއި ޢާއިލާގައި ތިބި ދުވަސްވީ މީހުން ތިބީ ފިޓްކޮށް ކަމާއި އެކުދިންގެ މަސައްކަތުން އެމީހުން ފިޓްކޮށް ބޭތިއްބިދާނެކަމަށް އެކުދިންނަށް ނަޞޭޙަތްދެވިދާނެ އެވެ.

މިވައިރަސް އާ ގުޅޭގޮތުން ކުދިން ކުރާ ހުރިހާ ސުވާލުތަކެއްވެސް އަޑުއަހާ އެކުދިން ދައްކާ ވާހަކަތައް ބެލެނިވެރިން އަޑުއެހުމަށް ޑރ. ރަޑްކިން އިލްތިމާސްކުރައްވަ އެވެ. އަދި ކުދިންގެ އުމުރާ ގުޅޭގޮތުން މަޢުލޫމާތުދީ ކުދިންނަށް މި ވައިރަސްއާ ބެހޭ ގޮތުން ތެދު ނޫން މަޢުލޫމާތު ލިބޭނެ ގޮތްތައް ހުރިކަން ބެލެނިވެރިން ދެނެގަނެ އެގޮތަށް ޢަމަލުކުރުމަށް ޑރ. ރުދްކިން ވަނީ ވިދާޅުވެފަ އެވެ.

(މަސްދަރު: ބީބީސީ ނިއުސް)

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
22%
56%
0%
22%
ކޮމެންޓް
ގުޅުންހުރި