ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 19:29
ފްލައިޓުން ދަތުރުކުރި މީހުންގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތުގައި މީހަކު ބޯޑެއް ހިފަހައްޓައިގެން
ފްލައިޓުން ދަތުރުކުރި މީހުންގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތުގައި މީހަކު ބޯޑެއް ހިފަހައްޓައިގެން
އަލްޖަޒީރާ
MH370
MH370 ގެއްލުނުތާ 6 އަހަރު: އާއިލާތަކުން ބޭނުންވަނީ ފްލައިޓްގައި ތިބި މީހުން ހޯދުމުގެ މަސައްކަތް އަލުން ފަށަން
 
އަދި މިހާތަނަށް ފްލައިޓަށް ވީނުވީ އެއް ނޭންގޭ
 
ފްލައިޓް ގެއްލުނުއިރު އޭގައި 239 މީހުން ތިބި

ދުނިޔޭގައި މިހާތަނަށް އޭވިއޭޝަން އިންޑަސްޓްރީގައި ހިނގި އެންމެ އަޖައިބުކުރަނިވި ސުވާލުން ފުރިގެންވާ މެލޭޝިޔާގެ ފްލައިޓް MH370 ގެއްލުނުތާ މިއަދަށް 6 އަހަރު ދުވަސްވީ އެވެ. 2014 ވަނަ އަހަރުގެ މާރޗް މަހުގެ 8 ވަނަ ދުވަހު 239 މީހުންނާއެކު ދަތުރުކުރި މެލޭޝިޔާގެ މަތިންދާބޯޓަށް ވީނުވީއެއް ނޭނގި ޖަވާބު ބޭނުންވާ އެތައް ސުވާލުތަކަށް 6 އަހަރުވީ އެވެ. ފްލައިޓް ގެއްލެން މެދުވެރިވީ ސަބަބެއް ފްލައިޓް ގެއްލުނުތަނެއް ފްލައިޓްގައި ތިބި މީހުންނަށް ވީގޮތެއް ކަށަވަރުކޮށް ބުނެދޭން އެނގޭ އެއްވެސް މީހަކުނެތެވެ. ބޯޓާއި އެބޯޓުން ދަތުކުރި މީހުން ހޯދުމަށް މެދުކެނޑުމެއްނެތި 4 އަހަރުވަންދެން މަސައްކަތްކުރުމަށްފަހު 2018 ވަނަ އަހަރު ވަނީ އެބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާލާފަ އެވެ.

އެހެންނަމަވެސް އެ ފްލައިޓުން ދަތުރުކުރި 239 މީހުންގެ އާއިލާތަކުން އަދިވެސް އުންމީދުކުރަނީ އެމީހުން ފެންނާނެކަމަށެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވާ އެމީހުންގެ އާއިލާގެ މީހުންނަށް ވީ ކީއްތޯ ބަލަން އަދިވެސް އެމީހުން ބޭނުންވެއެވެ. އެމީހުން ހޯދުމަށް ކުރި މަސައްކަތްތައް ހުއްޓާލާފައިވާތާ ދެ އަހަރު ވެފައިވާއިރު ފްލައިޓް ގެއްލުނުތާ 6 އަހަރު އެމީހުން ފާހަގަކުރަމުންދަނީ އަލުން އެމީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފެށުމަށް އެދިއެވެ.

އެމީހުން ގެއްލުނުތާ 6 އަހަރު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާއިލާތަކުން ތަރީގެ ބައްޓަމަށް ހުރި ބޯޑުތަކެއް ހިފައިގެން ތިބިއިރު އެ ބޯޑުތަކުގައި ލިޔެފައިވަނީ " ދުވަހަކުވެސް އުންމީދު ގެއްލުވާނުލާ " ، "އިންތިޒާރުގައި"، "އަލުން އެމީހުން ހޯދަންފަށާ" ފަދަ އިބާރާތްތަކެވެ. އެމީހުން އަދިވެސް އިންތިޒާރު ކުރަމުންދަނީ އެމީހުންގެ އާއިލާގެ މީހުން ވީތަނަކާއި، އެމީހުންނަށް ވީގޮތާއި ބެހޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބޭނެ ދުވަހަކަށެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވި ވަކީލެއްކަމަށްވާ ގްރޭސް ނޭތަންގެ މަންމަ އަކީ އެފްލައިޓުން ދަތުރުކުރި އެކަކެވެ. މަންމައަށް ވީގޮތެއް ކޮންމެސް ދުވަހަކުން އެނގޭނެކަމުގެ އުންމީދުގައި ހުރި ނޭތަން ބުނީ އަދިވެސް ހިތުގައި އުފެދިފައިވާ ރިހުމަށް ބަދަލެއް ނާންނަކަމަށެވެ.

އަދިވެސް އެރިހުން ހަމައެގޮތަށް އެބަހުރި. ހަގީގަތަކީ އެފްލައިޓް ވަނީ ގެއްލިފައި. އަދިވެސް ވަނީ ގެއްލިފައި. ފްލައިޓަށް ވީގޮތެއް ވީތަނެއް އަދިވެސް ނޭންގޭ.
ގްރޭސް ނޭތަން

ނޭތަން ޤަބޫލުކުރާ ގޮތުގައި ފްލައިޓް ގެއްލުނުތާ 6 އަހަރު ދުވަސް ވެގެންދިޔައިރު ހުރި ސުވާލުތަކަށްވުރެ، ސުވާލުތަކަށް ލިބިފައިވާ ޖަވާބުތައް ގިނަވާންޖެހޭނެކަމަށެވެ. އެހެންނަމަވެސް މިކަމުގައި ކަންތައް ވެގެންގޮސްފައިވަނީ އެހެން ނޫންކަމީ ނޭތަން އެކޭ އެއްގޮތަށް އެފްލައިޓުން ދަތުކުރި އެންމެންގެ އާއިލާތަކުންވެސް ކުރަމުންދާ އެންމެ ބޮޑު ޝަކުވާއެވެ.

2014 ވަނަ އަހަރުގެ މަރޗް މަހުގެ 8 ވަނަ ދުވަހުގެ ރޭ ކުއާލަލަމްޕޫރުން ބެއިޖިންގ އަށް ދިޔުމަށް ފުރި ފްލައިޓް ގެއްލުނީ ފުރިތާ ގަޑި އިރެއްވީ ފަހުންނެވެ. ފްލައިޓް ހޯދުމަށް ތަކުރާރުކޮށް ހިންގުނު އޮޕަރޭޝަންތައް ނާކާމިޔާބުވެ، ހުއްޓާލަން ޖެހުނީ ފްލައިޓާ ބެހޭ އެއްވެސް މައުލޫމާތެއް، އެއްވެސް ހެއްކެތް ނުފެނިގެންނެވެ. ފްލައިޓްގެ ބައިތަކެއް ކަމަށްބެލެވޭ ބައިތަކެއް ފެނުނުކަމަށް ގަބޫލުކުރެވުނު ނަމަވެސް ދެން އެކަމަށް ބާރުދޭ އެހެން ހެއްކެތް ފެނިފައެއް ނުވެއެވެ.

ފްލައިޓް ހޯދުމަށް މަސައްކަތްކުރި މެލޭޝިޔާ، ޗައިނާ އަދި އޮސްޓްރޭލިއާއިން 132 މިލިއަން އެމެރިކާ ޑޮލަރުގެ ކަނޑުގެ އަޑި ހޯދާ ބެލުމުގެ އޮޕަރޭޝަން ނިމުމަކަށް ގެނައީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެއީ ފްލައިޓާ ބެހޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ހެއްކެތް ނުފެނުމުންނެވެ.

2018 ވަނަ އަހަރު މެލޭޝިޔާއިން ވަނީ އެމެރިކާގެ އޯޝަން އިންފިނިޓީއާ ޙަވާލުކޮށްގެން ފްލައިޓް ހޯދުމުގެ މަސައްކަތް އަލުން ފަށާފަ އެވެ. ނަމަވެސް 138 ދުވަހުގެ އެމަސައްކަތްވެސް ހުއްޓާލަންޖެހުނީ އެއްވެސް ނަތީޖާއެއް ނުފެނިއެވެ. ނޭތަން ބޭނުންވަނީ މެލޭޝިޔާގެ ސަރުކާރުން އެފަދަ އެހެން ކުންފުނިތަކަށްވެސް ފުރުޞަތުދީގެން ފްލައިޓް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށެވެ. އޭރުން ފްލައިޓް ފެނުމުގެ ފުރުޞަތު ބޮޑުވާނެކަމަށް ނޭތަން ޤަބޫލުކުރެއެވެ.

މިދިޔަ މަހު މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ފްލައިޓް ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް އެކަމަށް ބޭނުންވާ ހެއްކެއް އަދި ފެނިފައިނުވާކަމަށެވެ. ކޮންމެއަކަސް މިފްލައިޓް ގެއްލުމާއެކު އެކަމާބެހޭ ގިނަ ދިރާސާތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންގޮސްފައިވެއެވެ. ފްލައިޓް ގެއްލިދާނެކަމަށް ބެލެވޭ އެތައް ތިއަރީތަކެއްގެ ވާހަކަ މީހުން ފެންމަތިކުރި އެވެ. ނަމަވެސް 6 އަހަރު ދުވަސް ވެގެންދިޔައިރުވެސް މިފްލައިޓަށް ވީގޮތެއް އަދިވެސް މިވަނީ ނޭނގުމެއްގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް