ކ. މާލެ
|
28 ފެބްރުއަރީ 2020 | ހުކުރު 15:03
އިނގިރޭސިވިލާތުގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އާއި ކުރީގެ ބޭންޑް \"ސްޕައިސް ގާލްސް\" ގެ މެމްބަރު ވިކްޓޯރިއާ
އިނގިރޭސިވިލާތުގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އާއި ކުރީގެ ބޭންޑް "ސްޕައިސް ގާލްސް" ގެ މެމްބަރު ވިކްޓޯރިއާ
ހެލޯ މެގަޒިން
ބެކަމް
23 އަހަރަކު ކުރިން ވިކްޓޯރިއާގެ ފޯނު ނަންބަރު ލިޔެފައި ދިން ޓިކެޓުކޮޅު ލޯތްބާއެކު ބެކަމް އަދިވެސް އޮތީ ރައްކާކޮށްފައި
 
މި ދެތަރިން ކައިވެނިކޮށްފައިވަނީ 1999 ވަނަ އަހަރު

މީހުން ބުނާތީ އަޑުއަހަމެވެ. މީހަކު ވަކި ވަރަކަށް މަޝްހޫރުވުމުން ނުވަތަ މުއްސަނދިވުމުން ތިމާއަށް ތިމާ ފެންނަ ވާހަކައެވެ. އަދި އެ މީހެއްގެ އަނބިދަރިން މަތިން ހަނދާން ނައްތާލާ، ޒުވާން އަންހެން ކުދިންގެ ފަހަތުން ދުވެ، އަތުގައި ހުރިއްޔާ ހުރި ހުރިހާ ފައިސާއެއް އެ އަންހެން ކުއްޖަކަށް ހަރަދުކޮށްލާ ވާހަކައެވެ. މިއީ މަދުން ނަމަވެސް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލިޔަސް ފެންނަން އޮތް ހަޤީޤަތެކެވެ. އެހެންނަމަވެސް މިއާ އިނދިކޮޅަށް ވެސް ކަން ހިނގާ މަންޒަރު ފެނިގެންދެއެވެ. އޭގެ ފެންނަ ހުރި އެއް މިސާލަކީ ޑޭވިޑް ބެކަމްއެވެ.

އިނގިރޭސިވިލާތުގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އާއި ކުރީގެ ބޭންޑް "ސްޕައިސް ގާލްސް" ގެ މެމްބަރު ވިކްޓޯރިއާ ކައިވެނި ކުރީގެ މީގެ 21 އަހަރު ކުރިންނެވެ. އެ ކައިވެނީގެ ހަފްލާއަށް އެ ދެތަރިން ވެސް ދައުވަތު ދިނީ މުޅި ޖުމްލަ 29 މީހުންނަށެވެ. މި ދެމަފިރިންގެ ކައިވެންޓަށް 21 އަހަރުވެގެންދިޔައިރު ތިން ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ވަނީ ލިބިފައެވެ.

އެމެރިކާގެ ޓޯކް ޝޯ "ޓުޑޭ" އަށް މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ވިކްޓޯރިއާ ބުނެފައިވަނީ އެ ދެމީހުންގެ ކައިވެނީގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ ދަރިން ކަމަށެވެ. ކައިވެނި ކާމިޔާބުވުމުގެ ސިއްރުތަކުގެ ތެރޭގައި ދެ މީހުންގެ ޕްރޮފެޝަނަލް ކެރިއަރާއި ޒާތީ ދިރިއުޅުން ބެލެންސްކޮށްގެން ކުރިއަށް ދިއުން ކަމަށް ވެސް ވިކްޓޯރިއާ ބުނެއެވެ. ވިކްޓޯރިއާ އާއި ބެކަމް ކައިވެނީގެ މައްސަލަތަކެއް ޖެހި، ދެ މީހުން ވަރިފަށަށް އަރާފައިވާ ކަމަށް ދޭތެރެއިން މީޑިއާތަކުގައި ވަރަށް ބޮޑަށް ވާހަކަ ދެކެވެނު ނަމަވެސް އެ ދެމަފިރިން މި ވާހަކަތައް އަބަދުވެސް ދޮގު ކުރެއެވެ.

ބެކަމް އަދި ވިކްޓޯރިއާ ދަރިންނާއެކު

ވިކްޓޯރިއާ އާއި ބެކަމް އެންމެ ފުރަތަމަ ދިމާވީ ޗެރިޓީ ފުޓްބޯޅަ މެޗަކުންނެވެ. އެ މެޗްގެ ތެރެއިން ވިކްޓޯރިއާ ވަނީ ބެކަމް އަތުގައި އޮތް ޕްލޭން ޓިކެޓް ނަގާ އޭގެ ފަހަތުގައި އޭނާގެ ނަންބަރު ލިޔުމަށްފަހު ދީފައެވެ. 23 އަހަރަކު ކުރިން ވިކްޓޯރިއާގެ ނަންބަރު ލިޔެފައި ދިން ޓިކެޓުކޮޅު ލޯތްބާއެކު ބެކަމް އަދިވެސް އޮތީ ރައްކާކޮށްފައެވެ.

ބެކަމްއަކީ މުޅި ދުނިޔެ ދަންނަ މޫނެކެވެ. އެތައް ބައެއްގެ ލޯތްބާއި ޤަދަރު ލިބިފައިވާ އަދި އެތައް ކުދިންނެއްގެ ހިތުގައި "ރަސްކަން ކުރާ" މީހެކެވެ. ލިބިފައިވާ މަޝްހޫރުކަމާއި މަޤުބޫލުކަމާއެކުވެސް ބެކަމްގެ ދިރިއުޅުމުގެ ސާދާކަން އެ މިސާލުންވެސް ދޭހަވެއެވެ. އަނބިމީހާގެ ފުރަތަމަ ހަނދާން ބެކަމް ރައްކާކޮށްގެން އުޅެނީ ފައިސާއަކަށްވުރެ، އަގުބޮޑު ހަޒާނާއަކަށްވުރެ ލޯބިންނެވެ. ދިރިއުޅުމުގެ ކުދި ކުދި އުފާތަކުގެ އަގުވަޒަން ކުރާ މީހުންގެ ދިރިއުޅުން މާ ބާއްޖަވެރިވާނޭ މީހުން އަބަދުވެސް ބުނެއެވެ. މީވެސް އޭގެ މިސާލެއްކަން ޔަޤީނެވެ.

ބެކަމް އަދި ވިކްޓޯރިއާ

ދެ ލޯބިވެރިން ނުވަތަ ދެމެފަރިން އެންމެ ފުރަތަމަ ދިމާވާ ދުވަސްވެގެންދަނީ އަބަދުވެސް ހަނދާނުން ފޮހެލަން ދަތި ދުވަހަކަށެވެ. ކިތަންމެ އަހަރެއް ފާއިތުވެގެން ދިޔަ ނަމަވެސް އެ ހަނދާންތައް ހިތުގައި ހަރުލާ ބިންވަޅު ނެގިފައި ހުރެއެވެ. އަދި ދެ މީހުން އެކަކު އަނެކަކަށް ބަދަލު ކުރާ ހަދިޔާތަކާއި އެކަކު އަނެކަކަށް ކޮށްދޭ މިފަދަ ކުދި ކުދި ކަންތައް އަބަދުވެސް ހިތުގައި ބިންވަޅު ނެގި މުހިންމު އެއްޗިއްސަށް ވެގެންދެއެވެ.

މުހިންމީ މީހަކު ދޭ ފައިސާއެއް ނޫނެވެ. މުހިންމީ އެމީހެއްގެ ފަރާތުން ދެން ހުންނަ މީހާއަށް ލިބޭ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމެވެ. މިފަދަ ކުދި ކުދި ކަންތައްތަކުން ކައިވެނި އިތުރަށް ހަރުދަނާވެ ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
11%
81%
0%
4%
4%
0%
ކޮމެންޓް
28 ފެބްރުއަރީ 2020 | ހުކުރު 15:17
މާށޭ
ހުސް ފޭކް. އަސްލު ފެނުނު މީހުން ގާތު އަހާލީމަ މީގެ ހަޤީޤަތް އެނގޭނެ. އެއް އެނދެއްގައި ދެމީހުން ނުނިދާތާ އެތައް އަހަރެއް