އަންގާރަ 07 އޭޕުރިލް 2020
13 ރޭވަ
1441 ޝައުބާން 14
ފަތިސް 04:50
އިރުއަރާ 06:02
މެންދުރު 12:12
އަސްރު 15:15
މަޣްރިބް 18:15
އިޝާ 19:27
ރާއްޖެ - ހެލްތް މިނިސްޓްރީ

ދިއްދޫ، އޭދަފުށި އަދި ކުޑަހުވަދޫ ގައި އާ ހެލްތު ފެސިލިޓީ ތައާރަފު ކޮށްފި

  • ދާއިމީ ހައްލު ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުން
  • މައްސަލަތަކަށް ދާއިމީ ހައްލު ހޯދުމަށް ސަރުކާރުންވަނީ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭނެފަދަ ފަހުގެ އައު ހޮސްޕިޓަލްތަކެއް ޑިޒައިންކޮށް އެފަދަ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމާފައި

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ | 27 ފެބްރުއަރީ 2020 | ބުރާސްފަތި 12:50 | 8,519

އޭދަފުށީގައި އިމާރާތްކުރާ އާ ހޮސްޕިޓަލްގެ ޑިޒައިން - ހެލްތު މިނިސްޓްރީ

ހއ. ދިއްދޫ، ބ. އޭދަފުށި އަދި ދ. ކުޑަހުވަދޫ ގައި އާ ހެލްތު ފެސިލިޓީ ތަޢާރަފު ކޮށްފިއެވެ.

މި ތިން ހެލްތު ފެސިލިޓީއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. މި ފެސިލިޓީތައް އިފްތިތާޙުކޮށްދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ގިނަ ގޮންޖެހުންތައް ޙައްލުކުރުމާއި އެފަދަ މައްސަލަތައް ދެނެގަނެ އެކަންކަމަށް ދާއިމީ ޙައްލު ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަތޮޅުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު ޚިދުމަތް ދިނުމަށް ބޭނުން ކުރަމުން ގެންދާ ޢިމާރާތްތަކުގެ ޖާގައިގެ ދަތިކަން ކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިދެންނެވި އިމާރާތްތަކަކީ ބަލިމީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް އެންމެ އެކަށިގެންވާ އިމާރާތްތަކެއް ނޫންކަން ފާހަގަކުރެވޭ. ނަތީޖާއެއްގެ ގޮތުން ޚިދުމަތް ދޭ ފަރާތްތަކާއި އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައި. އެގޮތުން އަތޮޅުތަކުން ދެވޭ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން މުޅިން އަލަށް ފަށަން ބޭނުންވާ ޑައިލިސިސް، ފިޒިއޮތެރަޕީ ފަދަ މުހިންމު ޚިދުމަތްތައް ފެށުމަށް ބޭނުންވާ ޖާގަ ނެތުމުގެ ސަބަބުންވަނީ ފެށޭގޮތް ނުވެފައި. އަދި ގިނަ ހޮސްޕިޓަލްތަކަށް ޑޮކްޓަރުން ބޭނުންވާ މިންވަރަށް ލިބުނު ކަމުގައި ވިޔަސް މިދެންނެވި ޑޮކްޓަރުންނަށް، ޙިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށް ކޮންސަލްޓޭޝަން ރޫމްތައް ނެތުމުގެ ސަބަބުން އޯޕީޑީގެ ޚިދުމަތްތަކަށް ވެސް ނުހަނު ބޮޑު ގޮންޖެހުން ތަކާއި ވަނީ ކުރިމަތިލާން ޖެހިފައި،

~ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

މިނިސްޓަރު ވިދާޅުވީ މައްސަލަތަކަށް ދާއިމީ ޙައްލު ހޯދުމަށް ސަރުކާރުން ފަހުގެ ޒަމާނީ ވަޞީލަތްތައް ބޭނުން ކުރެވޭނެފަދަ ފަހުގެ އައު ހޮސްޕިޓަލްތަކެއް ޑިޒައިންކޮށް އެފަދަ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމާފައި ކަމަށެވެ. އެގޮތުން މިހާރު މުޅިން އަލަށް ޤާއިމު ކުރުމަށްޓަކައި ނިންމާފައިވާ ހޮސްޕިޓަލުތަކުގެ ގޮތުގައި ހއ. އަތޮޅު ހޮސްޕިޓަލް، ބ. އަތޮޅު ހޮސްޕިޓަލް އަދި ދ. ކުޑަހުވަދޫ ހޮސްޕިޓަލް ހިމެނިގެންދާ ކަމަށެވެ.

ކުޑަހުވަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ ކުރެހުން

މި ތިން ހޮސްޕިޓަލްވެސް ފަރުމާކޮށްފައިވަނީ ޒަމާނާއި އެއްގޮތައް ޖުމުލަ 55 އެނދުގެ ހޮސްޕިޓަލްތަކެއްގެ ގޮތުގައެވެ. މި ހޮސްޕިޓަލްތައް ޤާއިމުކޮށް ނިމޭއިރު އެ ތަންތާގައި ޖުމުލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި، 6 ޕްރައިވެޓްރޫމްގެ އިތުރުން 3 އެނދުގެ އެންއައިސީޔޫ، 3 އެނދުގެ އައިސީޔޫ، 2 އޮޕަރޭޝަން ތިއޭޓަރ އަދި 12 އެނދުގެ 8 ވޯޑު ހިމެނޭނެއެވެ.

ދިއްދޫ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް

އަދި މީގެ އިތުރުންވެސް ޑައިގްނޯސްޓިކް ޚިދުމަތް ދިނުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށްޓަކައި ޖާގަ ތަނަވަސް ލެބޯރެޓަރީ، އެކްސްރޭ ރޫމް އަދި އަލްޓްރަރ ސައުންޑް ސްކޭން ހެދުމަށް ބޭނުންވާ ޖާގަތައް ހިމެނިގެންދާނެއެވެ. ހަމަ އެއާއި އެކު ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ބޭފުޅުންނަށް ހޮސްޕިޓަލުގައި ހޭދަވާ ވަގުތު ތަކުގައި ހޮސްޕިޓަލަކީ ހިތްފަސޭހަ މާޙައުލެއްގެ ގޮތުގައި ވެގެންދާ އިރު، ހޮސްޕިޓަލްތަކުގެ ޕުރައިވެޓް ރޫމްތަކާއި، ވެއިޓިންގް އޭރިއާތައް ފަރުމާ ކުރެވިފައިވާނީ މި މަޤުޞަދުތައް ޙާޞިލުވާނޭހެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.