ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 16:32
އަބްދުއްރަހީމް އަބްދުﷲ އާއި ދަރިފުޅު ފައިސަލް އިބްރާހިމް
އަބްދުއްރަހީމް އަބްދުﷲ އާއި ދަރިފުޅު ފައިސަލް އިބްރާހިމް
ފޭސްބުކް
އޮޑިޓަރ ޖެނެރަލް
ފައިސަލްއަށް "ޕްރާޑާ" ބްރޭންޑްގެ އައިނެއް ހައްދަން އެމްބަސީގެ ބަޖެޓުން 72،000 ރުފިޔާ!
 
މިފައިސާ އަނބުރާ ހޯދުމުގެކަންކަން ކުރިޔަށް ގެންދިއުމަށް އޮޑިޓަރ ޖެނެރަލް ވަނީ ދަންނަވާފައި
 
މި ޚަރަދުތަކަކީ މިގޮތަށް ކުރެވިދާނެ ޚަރަދުތަކެއްކަމަށް ނޫން
 
ފައިސަލްއާއި އޭނާގެ އަނބިކަނބަލުންނަށް ޕްރާޑާ ބްރޭންޑްގެ އައިނު ހެއްދުމަށް ޖުމުލަ 72,438 ހަރަދުކޮށްފައިވޭ

ރައީސް ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރު މިހާރުގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިފުޅު ފައިސަލް އިބްރާހިމް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މަސައްކަތް ކުރެއްވި ދުވަސްވަރު އޭނާގެ އަނބިކަނބަލުންގެ އައިނު ހެއްދުމަށް އެމްބަސީގެ ބަޖެޓުން 72،438 ރުފިޔާ ހަރަދުކޮށްފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލް އާދިއްތަ ދުވަހު އާންމުކުރެއްވި، ފޮރިން މިނިސްޓްރީގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖެ އެމްބަސީގެ މުވައްޒަފުން އެ ގައުމުގައި ހިންގާ އިންޟޫރަންސް ސްކީމެއްގައި ބައިވެރިކޮށްފައިވީނަމަވެސް، އެ ސްކީމުގެ ބޭރުން ހޯދާފައިވާ ޚިދުމަތްތަކަށް އެމްބަސީގެ ބަޖެޓުން ޚަރަދުކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މިނިސްޓަރ-ކައުންސިލަރ އާއި އެބޭފުޅާގެ އަނބިކަނބަލުންނަށް ޕްރާޑާ ބްރޭންޑްގެ އައިނު ހެއްދުމަށް ޖުމުލަ 72,438 (ހަތްދިހަ ދެ ހާސް ހަތަރު ސަތޭކަ ތިރީސް އަށެއް) ރުފިޔާ އެމްބަސީގެ ބަޖެޓުން ވަނީ ހަރަދުކޮށްފައެވެ. އެމްބަސީގެ މިނިސްޓަރ-ކައުންސިލަރގެ މަގާމުގައި އެއިރު ހުންނެވީ ރައީސް ޔާމީނުގެ ދައުރުގައި ނުފޫޒުގަދަ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދަރިފުޅު ފައިސަލް އިބްރާހިމްއެވެ.

ކުރީގެ ރައީސް ޔާމީން އަދި ފައިސަލް އިބްރާހިމް

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާއަށް ފޮނުވާ މުވައްޒަފުންނަށްދޭ އެލަވަންސްތަކާއި އިނާޔަތްތައް ދެމުންގެންދާއުސޫލަށް ބަލާއިރު، މި ޚަރަދުތަކަކީ މިގޮތަށް ކުރެވިދާނެ ޚަރަދުތަކެއްކަމަށް ނޫންކަމަށް ރިޕޯޓުގައިވެއެވެ. އަދި ދައުލަތުގެ ޚަރަދުގައި އިންޝޫރަންސް ސްކީމެއްގައި މުވައްޒަފަކު ބައިވެރިކުރުވުމަށްފަރު، އޭގެ ބޭރުން އެމުވައްޒަފެއްގެ ސިއްޙީ ކަންކަމަށް ދައުލަތުން ޚަރަދުކުރުމަކީވެސް ހަމަޖެހޭ އުސޫލެއްނޫންކަން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، ރިޕޯޓުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ކަނޑައަޅާފައި ހުންނެވި ސަފީރާއި ސަފީރުގެ އަނބިކަނބަލުންގެ މެޑިކަލް ޗެކަޕް ހެއްދެވުމަށް 26,360 (ސައްބީސް ހާސް ތިން ސަތޭކަ ފަސްދޮޅަސް) ރުފިޔާ އެމްބަސީގެ ބަޖެޓުން ޚަރަދުކޮށްފައިވާކަން ވަނި ފާހަގަކޮށްފައެވެ.

މިކަންތައް އިސްލާހުކުރުމަށް އިންޝުރަންސް ސްކީމެއްގައި ބައިވެރިކޮށްފައިވާ މުވައްޒަފުންގެ ސިއްޙީ ފަރުވާގެ ކަންކަން އެ ސްކީމުގެ ތެރެއިން ހަމަޖެއްސުމަށާއި، އޭގެބޭރުން މުވައްޒަފުންނާއި މުވައްޒަފުންގެ އަނބިންނާއި ދަރިންގެ ސިއްހީ ކަންކަމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ އަންގަވާފައެވެ. އަދި މި ޚަރަދަކީ އާންމު އުސޫލާ ޚިލާފަށް ކޮށްފައިވާ ޚަރަދެއްކަމުން، ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެ މަތިން މިފައިސާ އަނބުރާ ހޯދުމުގެކަންކަން ކުރިޔަށް ގެންދިއުމަށް ވަނީ ދަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް