ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ކުޅިވަރު - އިނގިރޭސި ޕްރިމިއާ ލީގު

ސިޓީ އާއި ޗެލްސީއަށް މުހިންމު މޮޅެއް

  • ލެސްޓާ އަތުން ސިޓީ މޮޅުވީ 1-0 އިން
  • ޓޮޓެންހަމް އަތުން ޗެލްސީ މޮޅުވީ 2-1 އިން

އިސްމާޢީލް ޝާހް
ismaelschurh

ކ. މާލެ 23 ފެބުރުއަރީ 2020 | އާދީއްތަ 06:17 2,314

ލެސްޓާ އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ލެސްޓާ ސިޓީ އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މޮޅުވިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އަތުން ޗެލްސީ މޮޅުވެއްޖެ އެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މެޗުން އެޓީމުގެ މައްޗަށް ސިޓީ ކުރިހޯދީ 1-0 އިންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ވަނީ ދެ ޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެކަމަކު މި ހާފުގައި ލީޑު ނެގުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ ލެސްޓާގެ ފޯވާޑް ޖެމީ ވާޑީއަށެވެ. އެކަމަކު ވާޑީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 61 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ލެސްޓާގެ ޑެނިސް ޕްރައެޓްގެ އަތުގައި ބޯޅަ ޖެހުމުން، ރެފްރީ ވަނީ ސިޓީއަށް ވަނީ ޕެނަލްޓީއެއް ދީފައެވެ. އެކަމަކު ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ފޮނުވާލި ޕެނަލްޓީ، ލެސްޓާގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ސިޓީން ލީޑު ނެގީ މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށެވެ. ރިޔާދު މާރޭޒް ދިން ޕާހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ގެބްރިއަލް ޖީސޫސް އެވެ.

މި މޮޅާއެކު ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 27 މެޗުން 57 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް 26 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. އަދި ލެސްޓާ އޮތީ 27 މެޗުން 50 ޕޮއިންޓާއެކު ތިންވަނައިގައެވެ.

ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން

މީގެ އިތުރުން އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ޗެލްސީން ވަނީ ތާވަލުގެ ހަތަރުވަނައިގައި ލީޑު ދަމަހައްޓާފައެވެ.

ޓޮޓެންހަމް އަތުން ޗެލްސީ މޮޅުވީ 2-1 އިންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ޗެލްސީންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އޮލިވިއާ ޖިރޫޑް އެވެ. އަދި ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޑިފެންޑަރު އަލޮންސޯ ވަނީ ލަނޑެއް ޖަހާ ޗެލްސީގެ ލީޑު ފުޅާކޮށްފައެވެ. މެޗުގައި ޓޮޓެނަހްމުން ފަރަގު ކުޑަކޮށްފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މިއީ ޗެލްސީގެ ކޯޗުކަމާ ހަވާލުވި ފަހުން ލަމްޕާޑް ލީގު މެޗެއްގައި ހޯސޭ މޮރީނިއޯގެ ޓީމެއް ބަލިކުރި ދެވަނަ ފަހަރެވެ. ލަމްޕާޑްގެ އިރުޝާދުގެ ދަށުން ޗެލްސީން ވަނީ ސީޒަނުގެ ކުރީކޮޅު ރަށުން ބޭރުގައި 2-0 އިން ޓޮޓެންހަމް ބަލިކޮށްފައެވެ.

ރޭގެ ނަތީޖާއާއެކު ޗެލްސީ ހަތަރުވަނައިގައި އޮތީ 27 މެޗުން 44 ޕޮއިންޓު ހަމަކޮށްފައެވެ. ފަސްވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ 27 މެޗުން 40 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް