ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 07:33
ޗައިނާގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދަނީ
ޗައިނާގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދަނީ
ބީޑީނިއުސް24
ކޮރޯނާވައިރަސް
ޗައިނާއިން ބޭރުން ކޮރޯނާވައިރަސް ފެންނަމުންދާ ނިސްބަތް އިތުރުވަމުންދާތީ ކަންބޮޑުވުން އިތުރުވަނީ
 
ސައުތުކޮރެއާގައި މިވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 433 ށް އަރާފައި
 
ޗައިނާއިން ބޭރުން މިހާތަނަށް އާއިރު 17 މީހަކު ވަނީ މިވައިރަސް ޖެހިގެން މަރުވެފައި

ކޮރޯނާވައިރަސް ޗައިނާއިން ބޭރު ގައުމުތަކުން ފެންނަމުންދާ ނިސްބަތް އިތުރުވަމުންދާތީ ޤައުމުތަކުގެ ކަންބޮޑުވުން މިވަނީ އިތުރުވާން ފަށާފަ އެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ހުކުރުދުވަހު ވިދާޅުވެފައިވަނީ ޗައިނާއިން ބޭރަށް މިވައިރަސް ފެތުރިދާނެ ކަމަށާއި ނަމަވެސް އެކަމުގެ ފުރުސަތު ކުޑަކަމަށެވެ. ޑަބްލިޔުއެޗްއޯއިން ވަނީ ގައުމުތަކަށް މިވައިރަސް އަށް ސަމާލުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި މީހުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމަށް ގޮވާލާފަ އެވެ. އަދި މިވައިރަސް އަދިވެސް ފެތުރިގެން ހިނގައިދާނެކަމަށް ޑަބްލިޔުއެޗްއޯއިން ބުނެ އެވެ.

ޑަބްލިޔުއެޗްއޯއިން މިމޭރުމުން ވާހަކަ ދައްކާފައިވާއިރު ޗައިނާ އިން ބޭރު އެހެން ގައުމުތަކުން މިވައިރަސް ޖެހިފައިވާ މީހުން ފެންނަ އަދަދު ވަނީ މައްޗަށް ދާން ފަށާފަ އެވެ. ވަކިން ޚާއްސަކޮށް އިރާނާއި ސައުތުކޮރެއާ އިން ވަނީ މިވައިރަސް ޖެހުނު މީހުންގެ އަދަދު މައްޗަށް ގޮސްފަ އެވެ. އިޓަލީގައި ވަނީ މިވައިރަސް ޖެހިގެން ދެ މީހުން މަރުވެފަ އެވެ.

ހޫބޭ ޕްރޮވިންސުން ހުކުރު ދުވަހު ބުނެފައިވަނީ އަލަށް މިވައިރަސް 366 މީހުންގެ ގައިން ފެނިފައިވާކަމަށެވެ. ޗައިނާއިން މިހާތަނަށް މިވައިރަސް ޖެހިގެން 76،200 މީހުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޗައިނާއިން ބޭރުން މިހާތަނަށް އާއިރު 17 މީހަކު ވަނީ މިވައިރަސް ޖެހިގެން މަރުވެފަ އެވެ.

ސައުތުކޮރެއާގައި މިވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

ޗައިނާއިން ބޭރުން މިވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ސައުތުކޮރެއާ އިންނާއި ޖަޕާނުންނެވެ. ޖަޕާނުގެ ޑައިމަންޑް ޕްރިންސެސްގައި ތިބި ބައެއް މީހުންނަށް މިވައިރަސް ވަނީ ޖެހިފަ އެވެ. ސައުތުކޮރެއާ އިން ހޮނިހިރު ދުވަހު ބުނެފައިވަނީ 24 ގަޑިއިރު ތެރޭގައި އެގައުމުން 229 މީހުންނަށް މިވައިރަސް ޖެހިފައިވާކަމަށެވެ. އެއާއެކު ސައުތުކޮރެއާގައި މިވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 433 ށް އަރާފަ އެވެ. މިހާތަނަށް އާއިރު އެގައުމުން ދެ މީހަކު ވަނީ މިވައިރަސް ޖެހިގެން މަރުވެފަ އެވެ. މިވައިރަސް ސައުތުކޮރެއާއިން ފެނިފައިވަނީ ޑޭގޫގެ ޝިންޗިއޯންޖީ ދީނީ ގްރޫޕެއްގެ މީހުންތަކެއްގެ ތެރެއިންނެވެ. އެގްރޫޕްގެ 9300 މީހުން އެކަހެރިކުރުމަށްފަހު ޓެސްޓްތައް ހަދަމުންދާކަމަށް ސައުތުކޮރެއާއިން ވަނީ ބުނެފަ އެވެ.

މެދުއިރުމަތީގައި ކަންބޮޑުވުން އިތުރުވަނީ

މެދުއިރުމައްޗަށް ބަލާއިރު އިރާނުން ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ފެންނަލެއް މަތިވަމުންދާތީ އެސަރަހައްދުގައި ވަނީ ނުތަނަވަސްކަން ވެރިވެފަ އެވެ. ހޮނިހިރު ދުވަހު އެގައުމުން ބުނެފައިވަނީ އަލަށް 15 މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށެވެ. އެގައުމުން ވަނީ މިވައިރަސް ޖެހުނު ހަ މީހަކު މަރުވެފަ އެވެ. އިރާނުން ބުނެފައިވަނީ އެގައުމުން ކޮރޯނާވައިރަސް ފެނިފައިވަނީ ކޫމް ގައި މަސައްކަތްކުރަމުން އައި ޗައިނާގެ މަސައްކަތު މީހެއްގެ ގައިންކަމަށެވެ.

ކޫމް އިން މިވައިރަސް ފެނިފައިވާއިރު އިރާނުގެ އެހެން ސިޓީތައް ކަމަށްވާ ތެހެރާން، ބާބޮލް، އަރަކް، އިސްފަހަން ފަދަ ސިޓީތަކުންވެސް ވަނީ މިވައިރަސް ފެނިފަ އެވެ. އެހެންކަމުން މިހާރު މުޅި އިރާނުގައިވެސް މިވައިރަސް ޖެހިފައިވާ މީހުން ތިބިދާނެކަމަށް އެގައުމުން ވަނީ ބުނެފަ އެވެ. އަނެއްކޮޅުން ހުކުރު ދުވަހު ލުބުނާން އާއި އިސްރާއީލުންވެސް ވަނީ އެގައުމުތަކުން ކޮރޯނާވައިރަސް ޖެހިފައިވާ މީހުން ފެނިފައިވާ ކަމަށް ބުނެފަ އެވެ.

ޖަޕާނުގެ ޔޮކޮހާމާގައި ބަނދަރުކޮށްފައި އޮންނަތާ ދެ ހަފްތާ ފަހުން ޑައިމަންޑް ޕްރިންސެސް ކްރޫޒް ލައިންގައި ތިބި މީހުން މިހާރުވަނީ ދޫކޮށްލާފަ އެވެ. އެ ކްރޫޒްލައިންގައި ތިބި 639 މީހަކަށް ވަނީ ކޮރޯނާވައިރަސް ޖެހިފަ އެވެ.

ތައިވާނާއި ސިންގަޕޯރުންވެސް ވަނީ މިވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މަތިވެފަ އެވެ. އަނެއްކޮޅުން އެމެރިކާއިން ވަނީ އެގައުމުން މިވައިރަސް ޖެހިފައިވާ 35 މީހަކު ފެނިފައިވާކަމަށް ބުނެފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
89%
11%
0%
0%
ކޮމެންޓް