ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 18:49
އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ
އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ
އިންޑިޔާ ޓުޑޭ
ޓެރަރިޒަމް
ޓެރަރިޒަމާ ދެކޮޅަށް ހަމަލާ ދިނުމުގައި އިންޑިއާ އޮތީ ނުގުޑާފަދަ އަޒުމެއްގައިކަން ސާބިތުކޮށްދީފި
 
ޕާކިސްތާންގެ ޓެރަރިސްޓް ހަނގުރާމަވެރި ވިސްނުމަށް މިއިން ފުން އަސަރެއް ކުރި
 
އެއީ އިންޑިއާއިން މިއަދާހަމައަށް ދުޝްމަން ސަރަހައްދެއްގައި ހިންގި އެންމެ ނުރައްކާތެރި އަސްކަރީ އޮޕަރޭޝަން
 
ޕާކިސްތާނަށް ރައްދު ދިނުމަށް އަސްކަރީ ހަމަލާއަށް ތައްޔާރުވެގެން މީރާޖް މަތިންދާބޯޓުތައް މިދިޔަ ފެބްރުއަރީ މަހު އުދުއްސާލި

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ތިބެ ޕާކިސްތާނަށް އަސްކަރީ ރައްދު ޙަމަލާތަކެއް ދޭން ތައްޔާރުވެގެން މީރާޖް މަތިންދާބޯޓުތައް މިދިޔަ ފެބްރުއަރީ މަހު އުދުއްސާލިއިރު، އެއީ އިންޑިއާއިން މިއަދާ ހަމައަށް ދުޝްމަނު ސަރަހައްދެއްގައި ހިންގި އެންމެ ނުރައްކާތެރި އަސްކަރީ އޮޕަރޭޝަނެވެ. އިންޑިއާގެ މި ރައްދު ހަމަލާއާ ގުޅިގެން ވަރުގަދަ ހަނގުރާމައެއް ފެށިދާނެ ބޮރު މިހާރުވަނީ ހީވެފައެވެ. ސަބަބަކީ، އަސްކަރީ ގޮތުން ޤާބިލު ޕާކިސްތާނުން ރައްދުގައި އެއަށްވުރެން ބިރުވެރި އަދި ބާރުގަދަ ނިއުކްލިއަރ ހަނގުރާމައެއް ނުވަތަ އެފަދަ ހަމަލާއެއް ޕާކިސްތާނުން ދީފާނެ ކަން، މާޒީގައި ކަންހިގާފައިވާގޮތުން އިނގެއެވެ.

ޕާކިސްތާނުގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހިންގި މި ނުރައްކާތެރި އޮޕަރޭޝަނަކީ، މީގެ ކުރިން އިންޑިއާއިން ތަޖުރިބާކޮށްފައިވާ ޒާތުގެ ކަމެއްވެސް ނޫނެވެ. މި ރައްދުހަމަލާ ކާމިޔާބު ވާން އޮތީ އިންޑިއާއިން ފުރިހަމައަށް ވިލަރެސް ކޮށްފައިވާ ޖާސޫސީ މައުލޫމާތުގެ މައްޗަށެވެ. ހަމައެފަދައިން ރަނގަޅަށް ތަރުތީބުކުރެވިގެން ވީ ތައްޔާރީތަކެއްގެ މައްޗަށްވެސް މެއެވެ.

މި އަސްކަރީ މިޝަންއިން އިންޑިއާއިން ޙާސިލުކުރަން ބޭނުންވީ ދެ މަޤުސަދެކެވެ. އެއް މަޤުސަދަކީ ޕާކިސްތާނުން އިންޑިއާގެ އެކި ޞަރަޙައްދުތަކުގައި ވަޒަންވެރިކޮށްފައިވާ ޓެރަރިސްޓުން މެދުވެރިކޮށް އިންޑިއާއާ ދެކޮޅަށް ދެމުންދާ ޙަމަލާތަކައް ރައްދު ދިނުމެވެ. އަދި ދެވަނަ މަޤުސަދަކީ މިފަދަ ރައްދު ހަމަލާއެއް ޕާކިސްތާނާ ދެކޮޅަށް ދިނަސް، އެކަން ފުޅާދާއިރާއެއްގައި ހަނގުރާމައަކަށް ބަދަލުވެގެން ދިޔަ ނުދިނުމަށް ފިޔަވަޅު އެޅުމެވެ.

އެތައް ގޮތަކަށް ބަލާއިރު، އިންޑިއާގެ މި ރައްދު ހަމަލާ 1971ގެ ހަނގުރާމައަށްވުރެން ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރުވެސް އޮތެވެ. ހިތްވަރާއި ރޭވުންތެރިކަމަކީ، މި ރައްދު ހަމަލާ ވިލަރެސްކޮށް ރޭވުމުގައި ބެލި އެންމެ މުހިންމު ދެކަމެއްވެސް ނޫނެވެ. ހަނގުރާމައެއް ފެށިޔަ ނުދިނުމަކީވެސް އެއް އަމާޒެކެވެ. ކުރަފަތެއްގެ މިޔައިގައި އުޅެލުންފަދައެވެ.

އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތަކަށް ފަސޭހަކަމާއެކު ޕާކިސްތާނުގެ އެތެރޭގައި ބޭނުންތަނަކަށް ހަމަލާ ދެވުނީހެވެ. މަދަނީންގެ އާބާދީއަކަށްވެސް ބޮން އަޅާލެވުނީހެވެ. ހަމައެފަދައިން އަސްކަރީ މަރުކަޒަކަށްވެސް ބޮން އަޅާފައި، އަވަސްއަވަހަށް ނިކުމެގެން އާދެވުނީހެވެ. މިހާ މޮޅަށް ރާވާފައިވާ ރައްދު ހަމަލާއެއް، ކޮންމެވެސް ގޮތް ނޭނގޭ ހާދިސާއަކުން ނާކާމިޔާބު ވުމަކީވެސް ދުރުގައި އޮތް ކަމެއް ނޫނެވެ. މިހާ ފުރިހަމައަށް ރޭވުންތެރިކަމާއެކު މި ރައްދު ހަމަލާގެ މިޝަން ކާމިޔާބުވުމުގެ ސިއްރަކީ، މި ހަމަލާ ދޭން ތައްޔާރަށް ތިބި ސިފައިންނާއި މި ހަމަލާ ވިލަރެސްކޮށްދޭން ތިބި ލީޑަރުންގެ ކެތްތެރިކަމާއި، އެމީހުންގެ ހިކުމަތްތެރިކަމާއި، ހުނަރުވެރިކަމެވެ.

މި ޙިކުމްތަތެރިކަމާއި، ކެތްތެރިކަން ފެނިގެން ގޮސްފައިވަނީ ޖެހިގެން އައި ދުވަހު، 27 ފެބްރުއަރީ 2019ގައި ޕާކިސްތާންގެ ވައިގެ ސިފައިންގެ އެފް 16 ފެލްކަންއާއި ޗައިނާގައި އުފައްދާފައިވާ ޖޭއެފް 17ގެ ބޯޓުތަކާއި، ބާ މިރާޖް 5ގެ ބޯޓުތަކުން އިންޑިއާއަށް ދިން ހަމަލާއިންނެވެ. ޕާކިސްތާން ސިފައިންގެ ހަމަލާގެ އަމާޒަކަށްވީ، ދެގައުމުގެ ދެމެދުގެ ލައިން އޮފް ކޮންޓްރޯލުގައި ހަދާފައިވާ އިންޑިއާގެ ސިފައިންގެ މަރުކަޒުތަކެވެ. އިންޑިއާގެ ވައިގެ ސފައިން މިގް 21ގެ ހަ ބޯޓެއް އުދުއްސާލުމާއެކު ޕާކިސްތާނުގެ ހަމަލާ ނާކާމިޔާބު ކޮށްލެވުނެވެ.

ވިންގް ކޮމާންޑަރ އަބީނަންދަން ވަރުތަނަން، އޭނާގެ މިގް ބޯޓުގައި ޕާކިސްތާންގެ އެފް 16އާއި ޖޭއެފް 17 ފައްސާލުމުގައި ކާމިޔާބުވިއެވެ. އަދި ހިތްވަރާއެކު 15 މިނެޓްވަންދެން ހަމަލާތައް ބަދަލުކުރުމަށް ފަހު ކުރު ރާސްތާއަށް ދަތުރުކުރާ ޖައްވުން ޖައްވަށް ފޮނުވާލާ އާރް 73ގެ މިސައިލަކުން ޕާކިސްތާންގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލިއެވެ. ޒަމާނީ އަސްކަރީ މަތިން ދާބޯޓެއް މިގް 21ން ވައްޓާލުމަކީ ކުޑަ ކަމެއް ނޫނެވެ. މިއީ މިކަން ކުރި މީހަކު ސަޅިބައިސާއަށް އުމުރު ދުވަހަށްވެސް ދައްކަން ހެޔޮވަރުގެ މޮޅު ވާހަކައެކެވެ. މިހަމަލާއަށް ފަހު، ވިންގް ކޮމާންޑަރ ވަރުތަނަންގެ ބޯޓްވެސް ފަހުން ޕާކިސްތާނުން ވައްޓާލިއެވެ. އެކަމަކު އޭނާ ވަނީ ޗައިނާގެ އުފެއްދުމެއްކަމުގައިވާ ޖޭއެފް17 ގެ ބޯޓެއް ފަނާކޮށްލާފައެވެ.

ވިންގް ކޮމާންޑަރުގެ މިގް ބޯޓަކީ ޚަބަރުގައި އެ ވައްތަރުގެ ބޯޓުތަކަށް ދިމާވެފައިވާ ގިނަ އެކްސިޑެންޓްތަކުން ހުތުރު ނަން ލިބިފައިވާ މަރުކާގެ ބޯޓެކެވެ. އޭނާ ވައްޓާލީ އެމެރިކާގެ އެފް 16އާ އެއްސިފައެއްގައި ޗައިނާއިން ކޮޕީ ކޮށްފައިވާ ފަންނީ ގޮތުން ޗައިނާއިން މޮޅު ބޯޓެއްކަމަށް ދުނިޔެއަށް މަޝްހޫރުކޮށްފައިވާ މަތިންދާ ބޯޓެކެވެ. އެކަމަކުވެސް ވައިގެ ސިފައިން އާންމުކޮށް ބުނާހެން އެންމެ މޮޅު ބޯޓަކީ އެންމެ މޮޅު ޕައިލެޓް ދުއްވި ބޯޓޭ ބުނާބަހުން ވަރުތަނަންގެ ހުޝިޔާރުކަން ފެނިގެން ދެއެވެ.

ޕާކިސްތާނުގެ ޓެރަރިސްޓް ހަމަލާއަށް އިންޑިއާއިން ދިން ރައްދު ހަމަލާއަށް ޕާކިސްތާނުގެ ކަންކޮޅުތަކުގައި އެންމެން ސިއްސުވާލިއެވެ. ސަޅި ބައިސާ ބުނުމަށް މަޝްހޫރު ޕާކިސްތާން ސިފައިންނަށް އިންޑިއާއިން ވެލިކާން ދިނީއެވެ. އިންޑިއާއިން ދިން މެސެޖް ނުހަނު ސާފެވެ. ޕާކިސްތާނުން އެއްބަހެއް ނުވެދާނެއެވެ. ނަމަވެސް ޕާކިސްތާންގެ ޓެރަރިސްޓް ހަނގުރާމަވެރި ވިސްނުމަށް މިއިން ފުން އަސަރެއް ކުރިއެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުން އިންޑިއާގެ ތާއީދުގައި ބުނެފައިވާ ބަސްތަކުން ދެން ދުވަހަކުވެސް އިންޑިއާގެ ސަރަހައްދުގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގައި ޕާކިސްތާނުން އިންޑިއާގެ ރައްދަކަށް މަތިމައްޗަށް ވިސްނާލާނެއެވެ. ބޮޑު ސުވާލަކީ މިކަން ޕާކިސްތާނުގެ ހަނދާނުގައި ހުންނާނީ ކިހާ ދުވަހަކަށް ބާވައެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް