ހޮނިހިރު 04 ޖުލައި 2020
04 ފުނޯސް
1441 ޒުލްގައިދާ 13
ފަތިސް 04:40
އިރުއަރާ 05:58
މެންދުރު 12:14
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
އޭއެފްސީ ކަޕް

ފުރަތަމަ ލެގުގައި މާޒިޔާއިން ބެންގަލޫރު ބަލިކޮށްފި

  • ބެންގަލޫރު އެފްސީގެ މައްޗަށް މާޒިޔާ ކުރިހޯދީ 2-1 އިން

ކ. މާލެ | 19 ފެބްރުއަރީ 2020 | ބުދަ 18:36 | 3,983

މާޒިޔާ އާއި ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން - މިހާރު

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިންޑިއާގެ ބެންގަލޫރު އެފްސީ ބަލިކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-1 އިންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲގެ ކަކުލަށް އަނިޔާވުމާއި ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ލީޑު ނެގުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ މާޒިޔާގެ އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށެވެ. މެޗުގެ 40 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޭދޫ އިއްބެއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ތިން މިނެޓު ފަހުން ބެންގަލޫރުން ވަނީ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފައްދާފައެވެ. އެކަމަކު ކުރިން ބާސެލޯނާގެ ބީ ޓީމަށް ކުޅުނު ނިލީ ޕެޑްރޯމޯ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ މާޒިޔާގެ ގޯލްކީޕަރު އަޒީޒީ އޯވޭސް ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގައި އެންމެ ފުރަތަމަ ހަމަލާއެއް އުފެއްދީ ބެންގަލޫރުންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި އެޓީމުގެ އެރިކް ޕާޓަލޫ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން މާޒިޔާއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. އައިސަމް ދިން ޕާހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޭދޫ އިއްބެ އެވެ.

އެކަމަކު މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބެންގަލޫރުން ވަނީ ނަތީޖާއެއްވަރުކޮށްފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ނިލީ ޕެޑްރޯމޯ އެވެ. ބެންގަލޫރަށް ރެފްރީ މި ޕެނަލްޓީ ދިނީ މާޒިޔާގެ ޑިފެންޑަރު ޕީޓާ ޕެލަނިޗް އަތުގައި ބޯޅަ ޖެހުމުންނެވެ.

މާޒިޔާއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ޕާހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކޯނެލިއަސް ސްޓެވާޓެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި މާޒިޔާއިން ބެންގަލޫރު ބަލިކުރިއިރު، މިއީ ރާއްޖޭގެ ކްލަބަކުން ބެންގަލޫރު ބަލިކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ބެންގަލޫރު ބަލިކޮށްފައިވަނީ 2018 ވަނަ އަހަރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. ބެންގަލޫރުން ވަނީ މީގެ ކުރިން އޭއެފްސީ ކަޕްގައި މާޒިޔާއާ ދެކޮޅަށް 2015 އަދި 2017 ވަނަ އަހަރު ކުޅެފައެވެ. އޭގެ ތެރެއިން 2017 ވަނަ އަހަރު ކުޅުނު ދެ މެޗުން ވެސް މާޒިޔާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

ޕްލޭއޮފްގެ ފުރަތަމަ ލެގުން މާޒިޔާ މޮޅުވިއިރު، ދެވަނަ ލެގުގެ މެޗު އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު އިންޑިއާގައެވެ.

ޕްލޭއޮފުން މާޒިޔާއަށް ކުރިލިބިއްޖެ ނަމަ، އެޓީމު ވާދަކުރަން ޖެހޭނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.