ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 18:37
ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް
ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޕްލޭނިންގ މިނިސްޓަރުގެ ތިމާވެއްޓާ ރަށްޓެހި "އޯވާ ވޯޓާ" ދިރިއުޅުމުގެ ކޮންސެޕްޓް
 
ރާއްޖޭގެ ފަޅު ބޮޑު ރަށްތަކުގެ ފަޅުގައި "ފްލޯޓިން އައިލެންޑް" އެއް ތަރައްގީ ކޮށްގެން މީހުން އާބާދު ކުރާ ގޮތުގެ ވިސްނުން މިނިސްޓަރ ފާޅުކުރެއްވި
 
މިނިސްޓަރ ދެން ވިދާޅުވީ ވިސްނުމަށް ބަދަލެއް ގެނެސްފިނަމަ ތިމާވެއްޓާ ރަށްޓެހިގޮތަށް މަޝްރޫޢު ކުރިޔަށް ގެންދެވޭނެކަމަށް

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން ތިމަރަފުށި ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒު، ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމާއި ސުވާލުކުރެއްވީ ތިމަރަފުށީގެ މަގު ހެދުމުގެ ކަންކަން ގޮސްފައިވާ ހިސާބާއި ތ.ވޭމަންޑޫ އަދި ކިނބިދޫ ކޯޒްވޭއިން ގުޅާލުމުގެ ކަންކަން ކުރިޔަށްދާ ގޮތާއި ގުޅޭގޮތުންނެވެ. މިކަންކަމަށް ޖަވާބު ދެއްވަމުން މިނިސްޓަރ މެމްބަރުންނާ ހިއްސާކުރެއްވި ޚިޔާލުފުޅަކީ ވޯޓާވޭއެއް އެޅުމާއި "ފްލޯޓިންގ އައިލެންޑް"ގެ ކޮންސެޕްޓެވެ. ފަޅުތަކާއި ފަރުތައް ހަލާކުކޮށްގެން މިހާރު މިގެންނަ ތަރައްޤީގެ ބަދަލުގައި ތިމާވެއްޓާ ރަށްޓެހި "އޯވާ ވޯޓަރ" ދިރިއުޅުމުގެ ކޮންސެޕްޓުގެ ކަންކަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ މެމްބަރުންނާއި ހިއްސާކުރައްވާފަ އެވެ.

އެގޮތުން ވޭމަންޑޫ އާއި ކިނބިދޫ އާ ދޭތެރޭގައި 3.5 ކިލޯ މީޓަރު ހުންނައިރު އެސަރަހައްދުގައި ކޯޒްވޭ ގުޅާލުމުގެ މަޝްރޫޢުގެ ދަށުން މިމަސައްކަތްކުރުމަށް ޑިޒައިންކޮށް ފީސިބިލިޓީ ހެދުމަށް ބަޔަކާ ހަވާލުކުރެވި މިހާރު ކޮންސެޕްޓް ލިބިވަޑައިގަންފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ނަމަވެސް އެކޮންސެޕްޓް ކަމުނުދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިކަމުގައި މިނިސްޓަރ ފާހަގަކުރައްވަނީ ވެލި ފާލަމެއް އަޅައިގެން ރާއްޖޭގައި ކުރެވިފައި ހުރި ތަޖުރިބާތަކާއި އެކަމުގެ ސަބަބުން ދެން ދިމާވާނެ ތިމާވެށީގެ މައްސަލަތަކެވެ. ގުދުރަތީ ގޮތުން އުފެދިފައިވާ ފަޅެއް ވެލިން ބައްދާލުމުން ތިމާވެއްޓަށް އޭގެން ނޭދެވޭ އަސަރުކުރާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެހެންކަމުން މިނިސްޓަރ ވިދާޅުވީ އެއަށްވުރެ ރަނގަޅުގޮތަކީ ތަނބު ޖަހައިގެން ފާލަމެއް އެޅުންކަމަށެވެ. ނަމަވެސް ކޯޒްވޭ އެޅުމަށް ދެ އަހަރުގެ ބަޖެޓްގައި ޖަހާފައިވާ 2.8 މިލިއަން ރުފިޔާއިން މިކަން ވާކަށްނެތެވެ. މިނިސްޓަރ ވިދާޅުވީ އެކަން ކުރުމަށް 700 މިލިއަން ރުފިޔާ މަދުވެގެން ބޭނުންވާނެ ކަމަށެވެ. އެހެންވީމާ މިއީ ކުރެވޭނެ ކަމެއްނޫންކަމަށާއި ތިމާވެއްޓަށް ބެލިއަސް އެއީ އެންމެ ރަނގަޅުގޮތް ނޫންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެއާއެކު މިނިސްޓަރ ދެން ވިދާޅުވީ ވިސްނުމަށް ބަދަލެއް ގެނެސްފިނަމަ އަދިވެސް މިދެ ރަށް ދޭތެރެ ގުޅާލެވެން އެބައޮތްކަމަށެވެ. އެއީ ތިމާވެއްޓަށް އެހާބޮޑު އަސަރެއްނުކޮށް މިކަމަށް އެކަށީގެންވާ ބަޖެޓަކުން މިކަން ކުރެވޭނެ ގޮތެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ ރަށްރަށް ގުޅުވުމުގައި ދިވެހިރާއްޖެއަކީ ޖަޒީރާ ރާއްޖެ އަކަށްވެފައި އޮންވޯޓަރ ލިވިންގައި އުޅޭ ބަޔަކަށްވާން ދިވެހިން ވިސްނުން ގެންގުޅެންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަޅުގަނޑު ދެކޭގޮތުގައި މޫދުގައި ހަމަ ވިލުތެރޭގައި ބައްތި ޖަހާފައި މަގެއްގެގޮތުގައި މަގެއް ހަދައިގެން އުޅެވޭނެ. އަޅުގަނޑުމެންނަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި މިކަމަށް ބޭނުންވާ އުޅަނދު ފަހަރު އެތަނަށް ލެވިދާނެ . އަޅުގަނޑު ގަބޫލުކުރަނީ އެވިސްނުން އެއީ މާރަނގަޅު ވިސްނުމެކޭ ފަރުމަތީގައި ދިގު ފާލަމެއް ވެލި އަޅައިގެން މިފަރު ހަލާކު ކޮށްލުމަށްވުރެ. އެހެންވީމާ މިވިސްނުމުގެ ތެރެއަށް އަލުން އަނބުރާ ދާން ވަރަށް ބޮޑަށް އިލްތިމާސްކުރާނަން.
ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް

މިނިސްޓަރ އިތުރަށް ވިދާޅުވީ މިވިސްނުން ރައްޔިތުންނާ ހިއްސާކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށެވެ. އެގޮތުން ތިމަރަފުށި ދާއިރާގެ މެމްބަރާއި ދެރަށުގެ ރައްޔިތުންނާ އެކުގައި މިކަމުގައި މަޝްވަރާކުރެއްވުމަށް ބޭނުންފުޅުވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ކުރިޔަށް އޮތް ހަފްތާތެރޭގައި މިކަމާގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ބޭނުންފުޅުވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކޯޒްވޭއެއް އޯވާރ ވޯޓާ މަގެއް ހެދުމަށް އަޅުގަނޑަށް ފެންނަގޮތުގައި އެއީ އެންމެ ރަނގަޅު ގޮތް. އެކަމުގައި ދެން ދިމާވާނެ ދަތިތަކުގެ ވާހަކަ އާއި މިހާރު ވިސްނުން ހުރި ގޮތަށް އެކަންކޮށްފި ކަމަށްވާނަމަ ވާނެ ގެއްލުމުގެ ވާހަކަ ތަފްސީލުކޮށް އިލްމީ ގާބިލްކަން ހުރި މިންވަރަކުން އަދި އެހެން މީހުންވެސް މީގެތެރެއަށް ލައިގެން އެވާހަކަ ތަފްސީލުކޮށް ދައްކާލަން ބޭނުން. ގަބޫލުކުރަނީ ރައްޔިތުންނަށް ރަނގަޅުގޮތް ކިޔައިދެވުނީމާ އެބޭފުޅުންނަށް ވިސްނޭނެކަމަށް. އަދި ރިޔާސީ ވައުދުވެސް ފުއްދޭނެ ކަމަށް
ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް

މިނިސްޓަރ އަސްލަމް ވަނީ ރަށްރަށުގެ ބިން ހިއްކަން ޖެހުމުން ދިމާވާ ތިމާވެށީގެ މައްސަލަތައް ފާހަގަ ކުރައްވައި އެހެން ވިސްނުމެއް ގެންގުޅެން ޖެހިފައިވާ ކަމަށް ވިދާޅުވެ އެހެން ހިޔާލެއް ހުށަހަޅުއްވާފަ އެވެ. އެއީ ރާއްޖޭގެ ފަޅު ބޮޑު ރަށްތަކުގެ ފަޅުގައި "ފްލޯޓިން އައިލެންޑް" އެއް ތަރައްގީ ކޮށްގެން މީހުން އާބާދު ކުރާ ގޮތުގެ ވިސްނުމެކެވެ.

މިނިސްޓަރު އަސްލަމްގެ އެ ވާހަކައާ ގުޅިގެން މިނިސްޓަރުގެ އެ ތަސައްވަރު އިތުރަށް ތަފުސީލް ކޮށްދެއްވުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި އެވެ. އަދި ރައީސް ނަޝީދު ވަނީ އެ ތަސައްވަރު އެމަނިކުފާނަށް ސިފަވާ ގޮތެއް ވެސް ވިދާޅުވެފަ އެވެ.

އެއީ ރަށުގެ ފަޅުގައި ސަރުކާރުން އަޅާނީ މަގުތަކެއް، އެ މަގުތައް ހުންނާނީ ސްޓީލް ނުވަތަ ތަނބުތައް މަތީގައި، ދެން ވޯޓާ ވިލެޖް ގޮތަށް ފަޅުން ނޫނީ އަޅާ މަގުން ގެދޮރު ދޫކުރާނީ، އަދި ސަރުކާރުން އެ ތަނުގެ ނަރުދަމާ އާއި ފެނުގެ ހިދުމަތް ވެސް ފޯރުކޮށްދޭ ގޮތަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، އެއީ ކޮންމެ ރަށެއްގައި ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގައި ފަޅުތައް ބޮޑެތި ރަށްތަކުގައި އެ މަސައްކަތް ކުރެވެން އެބަ އޮތް ކަމަށާއި އެފަދަ ބޮޑެތި ފަޅުތައް ނުހިއްކައި ތަނބު ޖަހައިގެން ފަޅު މަތީގައި މަގުތައް ބިނާކޮށް އެ މަގުގެ މަތީގައި ގޯތި ދޫކުރެވޭ ގޮތުގެ ވިސްނުމެއް ގެންގުޅެވިދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ރައްޔިތުންނަށް ފަޅު މަތީގައި ވޯޓާވޭ މަގުތައް ހަދައިގެން އެ ތަނުގައި ގެދޮރު އަޅައިގެން. މިއީ ރާއްޖޭގެ ކޮންމެ ރަށެއްގައި ކުރެވޭނެ ކަމެއް ނޫން، އެބަ ހުރި ބޮޑު ފަޅެއް އޮންނަ ރަށްރަށް. އެފަދަ ފަޅުތަކުގައި ގޯތި ކަނޑާފައި ގޯތި ދޫކުރެވޭނެއޭ، އެ ފަޅު ނުހިއްކައި، މިއީ ރާއްޖެ އޮތް ގުދުރަތީ ގޮތަށް މާ ރަނގަޅު ގޮތެކޭ
ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް

މިނިސްޓަރ އަސްލަމް ވިދާޅުވީ އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދާނެ އަގުތައް ހިސާބު ކުރުމާއި، އެ ކަމުގައި ދިމާވާނެ ދަތިތަކާ މެދު ވިސްނަން ޖެހޭކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ތަރައްގީގެ ތަސައްވުރު ބަދަލު ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ވިސްނުމަށް ބަދަލެއް ގެންނަން ޖެހޭ. އޯޝާނިކް ނޫނީ އޯވާ ވޯޓާ ލިވިންގެ ވިސްނުމެއް އަޅުގަނޑުމެންގެ އެބަ އޮންނަން ޖެހޭ،

މިނިސްޓަރ އަސްލަމްގެ މިވިސްނުންފުޅު ހާމަކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ "އޯވާ ވޯޓާ ދިރިއުޅުމަކަށް" ރައްޔިތުންނާއި މެންބަރުން ތައްޔާރުވެ ވަޑައިގަތުމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް