ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 18:12
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން
ޝުއައިބް މުހައްމަދު އިގްބާލް
ސްޓޫޑެންޓް ލޯނު
ދަރިވަރުންނަށް ދޭ ލޯނުން ކޮންމެ ރަށަކަށް އެއްފުރުސަތު ހާއްސަކުރަން މިނިސްޓަރުގެ ތާއީދު
 
މިއަދު ހުޅުވާލީ 550 ފަރާތަކަށް ލޯނުގެ ފުރުސަތު
 
ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށް
 
މިހާރު ދެނީ މަޖިލީހުގެ 87 ދާއިރާއަށް، ކޮންމެ ދާއިރާއަކަށް އެެއް ފުރުސަތު

ދަރިވަރުންނަށް ދޭ ލޯނު ސްކީމުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކަށް އެއް ފުރުސަތު ހާއްސަ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

މިފަހަރުގެ މަތީ ތައުލީމާއި ތަމްރީން ހޯދުމުގެ ލޯން ސްކީމް ތައާރަފް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް އެއް ފުރުސަތު ހާއްސަކޮށްފައެވެ. މިކަމާއި ގުޅިގެން "ރާއްޖެއެމްވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއިން ކޮންމެ ދާއިރާއަކުން ޝަރުތު ފުރިހަމަވާ އެއް ކުއްޖަކަށް ލޯނު ދިނުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަމަށް އެދުމުން، އެކަމާއިމެދު މަޝްވަރާ ކުރުމަށްފަހުގައެެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް ހާއްސަކޮށްގެން، ކޮންމެ ރަށަކަށް ފުރުސަތެއް ކަށަވަރުވާގޮތަށް ހަމަޖެއްސުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވަންތޯ "ރާއްޖެއެމްވީ" އިން ސުވާލުކުރުމުން ޖަވާބުގައި މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ލޯނުގެ ފުރުސަތެއް ހަމަނުޖެއްސެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެކަމާއިމެދު ވިސްނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތީވެސް ހަމަ ވަރަށް ރަނގަޅު ހިޔާލެއްހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑުމެން މުސްތަގުބަލުގައި ތިޔަކަމާދޭތެރޭ ވިސްނާނުލާންވީ ސަބަބެއް ނެތް. އަޅުގަނޑުމެންނަށް މިކަހަލަ ބައްދަލުވުމެއްގައި ދާއިރާތަކުން (ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާ) އަޅުގަނޑުމެންނަށް ލޯނުގެ ފުރުސަތު ފަހިކޮށްދިނުމުގެ ހިޔާލު އައީވެސް. އެހިޔާލު ލިބުނީމައި އަޅުގަނޑުމެން އެންމެން އިށީނދެތިބެގެން މަޝްވަރާކޮށް، އެކަންކުރެވޭނެ އެންމެ ރަނގަޅު، އެންމެ އިންސާފުވެރި ގޮތެއް ހޯދައިގެން އެގޮތަށް މިކުރަނީ. މުސްތަގްބަލުގައި ތިގޮތަށްވެސް ހުޅުވާ ނުލާންވީ ސަބަބެއް ނެތް
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ހިމެނޭ 87 ދާއިރާ ބެހިފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށެވެ. ނަމަވެސް ބައެއް ދާއިރާތަކުގައި މީހުން ދިރިއުޅޭ ހަތަރު ފަސް ރަށް ހިމެނެ އެވެ. އަދި ބައެއް ބޮޑެތި ރަށްތަށުގައި ނުވަތަ ސިޓީ ތަކުގައި ދެ މެމްބަރުން ފެށިގެން 15 މެމްބަރުން ތިއްބަވައެވެ.

މާލެ ސިޓީގެ ކޮންމެ ދައިރާއަކަށް ލޯނު އެހީ ދޭނަމަ 15 ފުރުސަތު މާލެ ސިޓީއަށް ލިބޭނެއެވެ. ނަމަވެސް ހަތަރެއް ނުވަތަ ފަސް ރަށް އޮންނަ ދާއިރާއަށް، ދާއިރާގެ ކެޓަގަރީން ފުރުސަތު ލިބޭނީ ކޮންމެ ހަތަރެއް ނުވަތަ ފަސް އަހަރުން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އަހަރަކު ދެ ބުރު ލޯނަށް ފުރުސަތު ހުޅުވާލާނަމަވެސް، ހަމަހަމަ ވެގެން ނުދެއެވެ. އަދި ދާއިރާގެ ކެޓަގަރީއަށް ކުރިމަތިލާ ދަރިވަރަށް އެހެން ކެޓަގަރީއަކުން ކުރިމަތި ލުމުގެ ފުރުސަތުވެސް މިހާރު އޮތްގޮތުން ގެއްލިގެންދެ އެވެ.

މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން 550 ފުރުސަތު ހުޅުވާލާފައިވާއިރު، އޭގެ ތެރެއިން 187 ރަށަށް އެއް ފުރުސަތު ކަށަވަރުކޮށްދިން ނަމަވެސް އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ކެޓަގަރީންނާއި ކިޔަވަމުންދާ ދަރިވަރުންގެ ކެޓަގަރީއަށް 363 ލޯނުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް