ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 12:31
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ރައީސް
އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުން: ރައީސް
 
ސިފައިންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަކީ، މެދުކެނޑުމެއް ނެތި އަބަދު ކުރަންޖެހޭ ކަމެއް
 
ސިފައިންގެ ޚިދުމަތަކީ، އިނާމަކުން މުދަލާއި ފައިސާއިން ނުވަތަ ތަޢުރީފުގެ ބަސްތަކަކުން، އޭގެ އަގު ވަޒަންކުރެވޭނެ ކަންކަމެއް ނޫން
 
ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތާ އެންމެ ބޮޑަށް ލާމެހިފައިވާ ބަޔަކީ، އެ ޤައުމެއްގެ ސިފައިން

ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުންކަމަށާއި، އެކަމުގައި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައިގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ "ކޮމާންޑަރސް ކޮންފަރެންސް 2020" އިފްތިތާޙުކޮށްދެއްވުމަށް ބަންޑާރަކޮށީގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހި ޤައުމީ ދިފާޢީ ބާރުގެ "ކޮމާންޑަރސް ކޮންފަރެންސް 2020" ގެ ތެރެއިން

ބައިނަލްއަޤްވާމީ މަޝްރަހުގައި ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވަނީ އެކަމަށް ކުރިމަތިލުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް، ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ދިވެހި ޢަސްކަރިއްޔާ އިތުރަށް ތަރައްޤީކުރުމަށްޓަކައި، ސިފައިންނަށް ބޭނުންވާނެ ފަންނީ އަދި ޢަސްކަރީ އާލާތްތަކާއި، ވަސީލަތްތަކާއި އުޅަނދުފަހަރު ހޯދުމަށް، ސަރުކާރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތާ އެންމެ ބޮޑަށް ލާމެހިފައިވާ ބަޔަކީ، އެ ޤައުމެއްގެ ސިފައިންކަމުގައެވެ. އެހެންކަމުން ސިފައިންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަކީ، މެދުކެނޑުމެއް ނެތި އަބަދު ކުރަންޖެހޭ ކަމެއްކަމަށް ފާހަގަކުރައްވާ، އެ މަޤްޞަދުގައި ސިފައިންގެ ހުރިހާ ކޮމާންޑަރުން އެއްތަންކޮށް، މިފަދަ މަހާސިންތާއެއް އިންތިޒާމުކުރެއްވި ކަމަށްޓަކައި އުފާކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.

މަހާސިންތާއާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅުދައްކަވަމުން، މަހާސިންތާގެ ބައިވެރިންގެ ފަރާތުން އެމަނިކުފާނު ވަނީ މި މަހާސިންތާގައި ހުށަހެޅިގެންދާ ދިރާސާ ކަރުދާސްތަކާ މެދު މަޝްވަރާކުރައްވާއިރު، ޤައުމީ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ޤައުމީ އެއްބައިވަންތަކަމާއި ޞުލްޙަ މަސަލަސްކަން ނެގެހެއްޓޭނެ ފަދަ ނިންމެވުންތަކަކަށް އަމާޒު ހިފުމަށާއި، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންތައްތަކަށާއި، ބައިނަލްއަޤްވާމީ މަޝްރަހުގައި ދިމާވާ ނުރައްކާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށައެޅުމަށް އެދިވަޑައިގެންފައެވެ. އަދި ދައުލަތް ހިންގުމުގެ އިދާރީ އޮނިގަނޑުގައި، މިހާރު އަންނަނީ ލާމަރުކަޒީ ކުލަތައް ޖެހެމުންކަމަށާއި، މި މުހިންމު ބަދަލާއެކު، ކޮމާންޑަރުންގެ ވިސްނުންވެސް އެ މިސްރާބަށް އަމާޒުކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ދިވެހި ސިފައިން ވަމުންދާ ޤުރުބާނީއަށް، މި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ.

ސިފައިންގެ ޚިދުމަތަކީ، އިނާމަކުން މުދަލާއި ފައިސާއިން ނުވަތަ ތަޢުރީފުގެ ބަސްތަކަކުން، އޭގެ އަގު ވަޒަންކުރެވޭނެ ކަންކަމެއް ނޫންކަމުގައި ވިދާޅުވެ ސިފައިންވަމުންދާ ޤުރުބާނީއަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
50%
0%
0%
ކޮމެންޓް