ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 10:52
މިއަހަރަށް ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ޖަލްސާގެ ތެރެއިން
މިއަހަރަށް ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
ރިޔާސީ ބަޔާނަށް އިދިކޮޅު މެމްބަރުން ދެއްވާ ޖަވާބު ތައްޔާރުކުރުމަށް ބައްދަލުވުމެއް ބާއްވަނީ
 
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ބައި ރަނގަޅަށް ނުބެހިގެން ލަސްވާތީ މަސައްކަތަށް އުނދަގޫވާ ކަމަށް
 
މިބައްދަލުވުން އޮންނާނީ ހޯމަ ދުވަހު 12:30 ގައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިދައުރަށް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު މެމްބަރުން ދެއްވާ ޖަވާބު ތައްޔާރު ކުރެއްވުމަށް އިދިކޮޅު މެމްބަރުންގެ ބައްދަލުވުމެއް ހޯމަ ދުވަހު ބޭއްވުމަށް ތާވަލް ކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެގޮތުން މިބައްދަލުވުން ބޭއްވުމުގެ އިދާރީ އިންތިޒާމު ހޯމަ ދުވަހުގެ މެންދުރު 12:30 ގައި ކޮމިޓީ ކޮޓަރި 1 ހަމަޖެހިފައިވާ ވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ ބަޔާނަށް ދޭ ޖަވާބު އިއުލާންކުރާނީ ރައީސް ނިސްބަތްވާ ޕާޓީ ގެ މެމްބަރުން ފިޔަވައި މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ މެމްބަރުންގެ ޚިޔާލާއި ފިކުރު ހިމަނައިގެންކަމަށާއި މިގޮތުން މެމްބަރުންގެ ޚިޔާލާއި ފިކުރާއި ހޯދާނީ މިކަމަށް ބާއްވާ ބައްދަލުވުމެއްގައި މަޝްވަރާކޮށްގެން. މިދެންނެވި ބައްދަލުވުން އެއީ އިދިކޮޅު މެމްބަރުންގެ ބައްދަލުވުން ނުވަތަ ވާދަވެރި މެމްބަރުންގެ ބައްދަލުވުން. މިދެންނެވި ބައްދަލުވުން ބޭއްވުމަށް އިދާރީ އިންތިޒާމު މިއަދު މެންދުރު 1230 ގައި ކޮމިޓީ ކޮޓަރި 1 ގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަން. މިއީ އަޅުގަނޑަށް ފެންނަތަނުގައި ވަރަށް މުހިންމު ބައްދަލުވުމެއް.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ބައި ރަނގަޅަށް ނުބެހިގެން ލަސްވާތީ މަސައްކަތަށް އުނދަގޫވާ ކަމަށެވެ. ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހަކީ ސާފުކޮށް ބައިބެހިފައި އޮންނަ ތަނަކަށްވުމަކީ ބޭނުންތެރިކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ދެބަޔަށް ދެފައި ލައްވައިގެން އެހެން އުޅުއްވީމާ ހުރިހާ ފަރާތްތަކަށްވެސް ވަރަށް އުނދަގޫވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރެއްގެ ގޮތުގައި ހޮވިވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ލަތީފު ޕީޕީއެމް އަށް ބަދަލުވެވަޑައިގެން އެކަން މަޖިލީހަށް އެންގެވުމާއެކު މަޖިލީހުގައި ޕާޓީތަކަށް މެމްބަރުން ނިސްބަތްވާ އަދަދުތަކަށް ވަނީ ބަދަލު އައިސްފަ އެވެ. އަދި އެއާއެކު މައިނޯރިޓީ ލީޑަރުކަމަށް ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ވަނީ ހަމަޖެހިގެން ގޮސްފަ އެވެ.

އެހެންކަމުން މިހާރު މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރައީސް އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ މައިނޯރިޓީ ލީޑަރ އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމެވެ.

މަޖިލީހުގައި މިހާރު ތިއްބަވަނީ އެމްޑީޕީގެ 65 މެމްބަރުން، ޕީޕީއެމްގެ 6 މެމްބަރުން، ޖުމްހޫރީ ޕާޓީގެ 5 މެމްބަރުން، އެމްޑީއޭގެ 2 މެމްބަރުން، ޕީއެންސީގެ 3 މެމްބަރުން އަމިއްލަ 6 މެމްބަރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް