ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 09:02
ރެއާލް އަދި ސެލްޓަވީގޯ ބައްދަލުކުރި މެޗުގެ ތެރެއިން
ރެއާލް އަދި ސެލްޓަވީގޯ ބައްދަލުކުރި މެޗުގެ ތެރެއިން
ސްޕެނިޝް ލީގު
ސެލްޓާއާ އެއްވަރުވެ ރެއާލުން ލީޑު ފުޅާ ކުރުމަށް ލިބުނު ފުރުސަތު ނަގައިލައިފި
 
މި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އަދި ސެލްޓަވީގޯ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ވަރަށް ކުރީކޮޅު ސެލްޓައިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ 7 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފެޑޯ ސްމޯލޯވް އެވެ. މިއީ ސްޕެނިޝް ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މި ލަނޑާއެކު ރެއާލުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ސެލްޓަގެ ގޯލަށް ފޮނުވައިލައިފައި ވެއެވެ. އެގޮތުން ރެއާލް ގެ ކަރިމް ބެންޒެމާ އާއި އެޑިން ހަޒާޑަށް ހުސް ދެ ފުރުސަތެއްވަނީ ލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސެލްޓަވީގޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ރެއާލުން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކުރިއިރު އެޓީމުން ވަނީ މެޗުގެ 52 ވަނަ މިނެޓުގައި ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު މާސެލޯގެ އެހީތެރި ކަމާއިއެކު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިތުބާރު މިޑްފިލްޑަރ ޓޯނީ ކްރޫސް އެވެ. މި ލަނޑަށްފަހު ވެސް ރެއާލުން ގެންދިޔައީ ސެލްޓަގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި ކެޕްޓަން ސާޖިއޯ ރާމޮސް ވަނީ ލިބުނު ޕެނަލްޓީއަކުން ރެއާލްއަށް ލީޑު ނަގައިދީފައެވެ. މިއީ ސެލްޓަގެ ކުޅުންތެރިން އޭރިއާ ތެރެއިން ރެއާލްގެ ފޯވާޑް ހަޒާޑަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އޭގެ ފަހުން މެޗުގެ 85 ވަނަ މިނެޓުގައި ސެލްޓަގެ ސަންޓި މީނާ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަށްފަހު ވެސް ރެއާލްއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ބެންޒެމާއަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވައިލި ބޯޅަ އަރިމަތީ ދަނޑި ކައިރިން ދިޔައީ ބޭރަށެވެ.

މި ނަތީޖާއާއިއެކު ރެއާލުން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 53 ޕޮއިންޓާއިއެކުގައެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް 24 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް