ބުރާސްފަތި 09 އޭޕުރިލް 2020
02 އައްސިދަ
1441 ޝައުބާން 16
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ކުޅިވަރު - އިޓާލިއަން ލީގު

ބްރެޝިއާ އަތުން މޮޅުވެ ޔުވެންޓަސް އަލުން އެއްވަނައަށް

  • މި މެޗު ޔުވެންޓަސްއިިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން
  • މި މެޗުގައި ޔުވެންޓަސްގެ ތަރި ރޮނާލްޑޯ ކުޅެފައެއް ނުވޭ

އަތޫފް އާތިފް
AthifAthoof

ކ. މާލެ | 17 ފެބްރުއަރީ 2020 | ހޯމަ 00:52 | 1,888

ބްރެޝިއާ އަދި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖާސް

އިޓާލިއަން ލީގުގައި ޔުވެންޓަސް އަދި ބްރެޝިއާ ބައްދަލުކުރި މެޗުން ޔުވެންޓަސް މޮޅުވެ އަލުން އިޓާލިއަން ލީގުގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ޔުވެންޓަސްއިން ނުކުތީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައެވެ. މިއަހަރު ކުޅުނު ހުރިހާ މެޗެއްގައި ރޮނާލްޑޯ ވަނީ ލަނޑު ޖަހައިފައެވެ. ނަމަވެސް މެޗަށްފަހު ވާހަކަދައްކަމުން ސާރީ ބުނީ ޗެމްޕިއަންސް ލީގަށް އެޓީމުން ނުކުތުމުގެ ކުރިން ރޮނާލްޑޯއަށް އަރާމްކުރަން ވަގުތުދޭން ޖެހޭ ކަމަށެވެ. އަނެއްކޮޅުން މި މެޗުގައި ޔުވެންޓަސްގެ އިތުބާރު ޑިފެންޑަރު ޖޯޖިއޯ ކިއެލިނީ ކުޅެން އަރުވައިފައެވެ. އަނިޔާއިން ސަލާމަތްވެ ކިއެލިނީ ކުޅެން މި ނުކުތީ ހަމަސް ދުވަހަށް ފަހުގައެވެ.

މެޗުގެ ވަރަށް ކުރީކޮޅު ބްރެޝިއާ ކުޅުންތެރިޔަކަށް ދެ ރީދޫކާނޑު ހަމަވުމުން ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލައިފައެވެ. މިއާއެކު ބްރެޝިއާއިން މެޗުގެ ބޮޑު ބައި ކުޅެފައިވަނީ ކުޅުންތެރިޔަކު މަދުކޮށެވެ.

މެޗުގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބޭލާ އެވެ. ލިބުނު ހިލޭ ޖެހުމަކުން އޭނާ ޖެހި މި ލަނޑާއެކު ބްރެޝިއާއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ޔުވެންޓަސްގެ ވަރުގަދަ ޑިފެންސްއިން ވަނީ ބްރެޝިއާގެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްއިން ވަނީ ފުލުފުލުގައި ބްރެޝިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. މެޗުގެ 75 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްލޭސް މަތުއިޑީގެ އެހީތެރިކަމާއެކު ވާން ކޮޑްރާޑޯގެ އެވެ.

މި ނަތީޖާއާއެކު ޔުވެންޓަސްއިން އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 57 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް 23 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.