ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 17:24
އެންޓި ޓްރެފިކިންގ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމަށް ހޮވި ސަބް ކޮމިޓީގެ 2 ވަނަ ބައްދަލުވުން
އެންޓި ޓްރެފިކިންގ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމަށް ހޮވި ސަބް ކޮމިޓީގެ 2 ވަނަ ބައްދަލުވުން
މަޖިލިސް
އެންޓި ޓްރެފިކިންގ ޤާނޫނު
އެންޓި-ޓްރެފިކިންގ ޤާނޫނުގެ ދަށުން މިހާތަނަށް ދައުވާކުރީ 11 މައްސަލައެއްގައި: ޕީޖީ އޮފީސް
 
އެންޓި ޓްރެފިކިންގ ޤާނޫނު ފާސްކުރީ 2013 ގައި
 
5 މައްސަލައެއްގެ ޝަރީއަތް އަދިވެސް ކުރިއަށްދޭ
 
އޭގެ ތެރެއިން ސާބިތު ވެފައިވަނީ އެންމެ 2 މައްސަލަ

މީގެ 6 އަހަރު ކުރިން ފާސްކުރި އެންޓި ޓްރެފިކިންގ ޤާނޫނު (މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން މިހާތަނަށް ދައުވާކޮށްފައިވަނީ 11 މީހަކަށްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އިން ބުނެފިއެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމަށް ހޮވި ސަބް ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ މަރިޔަމް ޝަހުމާ ވިދާޅުވީ، މި ޤާނޫނުގެ ދަށުން ތަހުޤީޤު ހިންގައި، ދައުވާކުރުމުގެ މަރުޙަލާއަށް ދާ މައްސަލަތައް ނިސްބަތުން މަދު ކަމަށެވެ.

އެގޮތުން 2013 ވަނަ އަހަރު އެންޓި ޓްރެފިކިންގ ޤާނޫނު ފާސްކޮށް އެ ޤާނޫނަށް ޢަމަލުކުރަން ފެށި ފަހުން މިހާތަނަށް ދައުވާކުރަން ފޮނުވާފައިވަނީ 11 މައްސަލައެއްގައި ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އޭގެ ތެރެއިން ސާބިތު ވެފައިވަނީ އެންމެ 2 މައްސަލަ ކަމަށެވެ.

އޭގެ އިތުރުން، 4 މައްސަލައެއް ސާބިތު ނުވާކަމަށް ކޯޓުން ޙުކުމް ކޮށްފައިވާއިރު، 5 މައްސަލައެއްގެ ޝަރީއަތް އަދިވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަހުމާ ވިދާޅުވީ، އެފަދަ މައްސަލަތައް ލަސްވުމުގައި ހެކި ލިބުން ދަތިކަން ފާހަގަ ކުރެވޭ ކަމަށާއި، މައްސަލަތައް ތަހުޤީޤު ކުރާ ފަރާތްތަކާއި، ޕްރޮސެކިއުޝަން އޮތޯރިޓީތަކަށް އެކަށީގެންވާ ތަމްރީނުތައް ދޭން ޖެހޭ ކަމަށެވެ.

މި ބައްދަލުވުމުގައި ޤާނޫނަށް ގެންނަ އިސްލާޙުތަކާއި ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާއިރު، އެންޓި-ޓްރެފިކިންގގެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީގެ ކޮމްޕޮޒިޝަން އަލުން އެކުލަވާލުމާއި، އެންޓި ޓްރެފިކިންގ މާނަ ކުރުމާއި، ސްމަގްލިންގގެ ކުށް މި ޤާނޫނުގެ ތެރެއަށް ހިމެނުމާއި ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއި މަޝްވަރާކޮށްފައިވެއެވެ.

މި މަޝްވަރާތަކާއި ގުޅޭގޮތުން އަވަސް ނިންމުންތަކެއް ނިންމަން ޖެހޭކަން ފާހަގަކޮށް މި ބައްދަލުވުމުގައި އެމްއެންޑީއެފްގެ އޮފިޝަލު ވިދާޅުވީ، ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުން ނެރޭ "ޓްރެފިކިންގ އިން ޕާރްސަންސް ރިޕޯޓް" (ޓިޕް ރިޕޯޓް)ގައި ރާއްޖެ މިހާރު އޮތީ ޓިއަރ 2 ގެ ވޮޗްލިސްޓުގައި ކަމަށާއި، މި ދަރަޖަ ދަށްވެގެން ދާނެ ކަމުގެ އިންޒާރު އެ ޑިޕާޓްމަންޓުން ދީފައިވާ ކަމަށެވެ. އެގޮތުން 31 މާރޗުގެ ކުރިން އައު އެކްޝަން ޕްލޭން އެއް އެކުލަވާނުލެވިއްޖެ ނަމަ ޓިއަރ 3 އަށް ދަރަޖަ ވެއްޓި، އެމެރިކާއިން ދޭ "ނޮން ހިއުމަނިޓޭރިއަން" އެހީތައް ލިބުން ދަތިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ކަންކަމާއި ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކޮށް 31 މާރޗުގެ ކުރިން ސްމަގްލިންގް ގެ ބައި ހިމަނައި، އައު ބަދަލުތަކާއެކު ޤާނޫނު ޑްރާފްޓް ކުރުމާއި، އަންނަ ހަފްތާ ތެރޭގައި އެކްޝަން ޕްލޭން ފައިނަލްކޮށް ކެބިނެޓަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް