ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ރިޕޯޓު - ކޮރޯނާވައިރަސް

ކޮރޯނާވައިރަސް އާއެކު އޭޝިޔާގެ އެތައް މިލިއަން ބަޔަކު ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ތަޖުރިބާ ކުރަމުންދަނީ

  • ގޭގައި ތިބެގެން ޗައިނާގެ 19 މިލިއަން މީހުން އަންނަނީ މަސައްކަތް ކުރަމުން
  • ޗައިނާގެ އިޤްތިޞާދަށް 62 ބިލިއަން އެމެރިކާގެ ޑޮލަރުގެ ގެއްލުން ވާނެކަމަށް ލަފާކުރެވޭ
  • ސިންގަޕޯރާއި ހޮންގ ކޮންގ އަދި މަކާއޯ އިން ވަނީ އެގައުމުގެ ސިވިލް ސަރވެންޓުންނަށް ގޭގައި ތިބެގެން މަސައްކަތްކުރުމަށް އަންގާފައި

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 16 ފެބުރުއަރީ 2020 | އާދީއްތަ 08:30 3,685

ކޮރޯނާވައިރަސް އާ ގުޅިގެން މީހުން ނުނެރި މަސައްކަތްކުރުވުމަށް ވަނީ މަޖުބޫރެވެފައި - ސީ.އެން.އެން

ނުރައްކާތެރި ކޮރޯނާވައިރަސް އޭޝިޔާގެ ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާއިިރު އޭޝިޔާގެ ބޮޑެތި ޤައުމުތަކުގެ އޮފީސްތައް ހުރީ ހުސްކޮށެވެ. އަބަދުވެސް ހަލަބޮލިކޮށް ފެންނަމުންދިޔަ ހޮންގ ކޮންގ ، ޗައިނާ އަދި ސިންގަޕޯރުގެ އޮފީސްތައް މިއަދު ވަނީ ފަޅުވެފަ އެވެ. ޑެސްކުތަކުގައި މީހަކު ނެތްތާ ޑެސްކުތަކުގައި ހުރި ފޯނުތައް ރިންގުވާ އަޑެއްވެސް ނީވެއެވެ.

ހުރިހާ ފިހާރަތަކެއް ހެން ވަނީ ބަންދުކޮށްފަ އެވެ. ޢާންމު ދަތުރުފަތުރުގެ ނިޒާމު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. މިއިން ޤައުމެއްގެ މަގެއްގެ މަތިން ފެންނަނީ ދެ ތިން މީހެކެވެ.

ހުރިހާ އެންމެންވަނީ އެމީހުން ދިރިއުޅެމުން ގެންދާ އެޕާޓްމަންޓްތަކުގައި މުޅި ދުވަސްތައް ހޭދަކުރަން މަޖުބޫރުވެފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮރޯނާވައިރަސްގެ ޝިކާރައަކަށް މިހާތަނަށް 68،500 މީހުން ވެފައިވާއިރު މިވައިރަސް ޖެހިގެން 1665 މީހުން ވަނީ މިދުނިޔެ ދޫކޮށްފަ އެވެ.

ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ ޗައިނާގައި މިވައިރަސް ފެތުރެމުންދާ ހޫބޭ ޕްރޮވިންސްވަނީ އެއްކޮށް ބަންދުކޮށްފަ އެވެ. އޮފީސްތަކާއި ކުންފުނިތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. އެންމެންނަށް ވަނީ އެމީހުންގެ ގެތަކުގައި ތިބުމަށް މަޖުބޫރުވެފަ އެވެ. ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލްނުވާތީ އެޤައުމުގެ ކުންފުނިތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ކުންފުނިތަކާއި އޮފީސްތަކަށް މަޖުބޫރުވެފައިވަނީ ގޭގައި ތިބި އެމީހުންގެ މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާށެވެ. އެއީ ޗައިނާގެ އިޤްތިޞާދަށް ލިބެމުންދާ ގެއްލުމުގެ ސަބަބުން މަސައްކަތްނުކޮށް ތިބެފިނަމަ އެޤައުމަށް ދެންދިމާވާނެ ގެއްލުން މާބޮޑުވީމަ އެވެ.

ކޮރޯނާވައިރަސް އާ ގުޅިގެން ޗައިނާގެ ފިހާރަތަށް ވަނީ ބަންދުކޮށްފައި

އޮފީސްތަކާއި ކުންފުނިތައް ނުހުޅުވާ ގޭގައި ތިބެގެން ޗައިނާގެ 19 މިލިއަން މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބައެއް ޓީޗަރުން އެމީހުންގެ ކުލާސްތައް ނަގަމުން ގެންދަނީ އިންޓަރނެޓް މެދުވެރިކޮށް ގޭގައި ތިބެގެންނެވެ. އެކަމަކީ އެމީހުންނަށް އުނދަގޫ ކަމެކެވެ. ނަމަވެސް މި ތަޖުރިބާ އަކީ އެހެން ސެކްޓަރ ތަކަށް ރަނގަޅު ތަޖުރިބާއަކަށްވެސް ވަނީ ވެފަ އެވެ. އެއީ އެމީހުން ބޭނުންވާ ގަޑިތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ގޭގައި ތިބެގެން މަސައްކަތް ކުރުމުން ލިބެމުންދާތީ އެވެ.

ކޮރޯނާވައިރަސް އާ ގުޅިގެން ޗައިނާގެ އިޤްތިޞާދަށް އަންނަނީ ގެއްލުންތަކެއް ވަމުންނެވެ. އެގޮތުން ޗައިނާގެ އިޤްތިޞާދަށް 62 ބިލިއަން އެމެރިކާގެ ޑޮލަރުގެ ގެއްލުން ވާނެކަމަށް ބައެއް ފަރާތްތަކުން މިހާރުވެސް ވަނީ އަންދާޒާކޮށްފަ އެވެ. އެހެންކަމުން އެޤައުމުގެ އޮފީސްތަކާއި ކުންފުނިތަކުގެ މަސައްކަތް ފެށުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބާރުއަޅަމުންނެވެ. އެގޮތުން ޗައިނާގެ ވެރިރަށް ބެއިޖިންގ ގައި އަންނަނީ އޮފީސްތަކަށް ނިކުތުމުގެ ބަދަލުގައި ގޭގައި ތިބެގެން މަސައްކަތް ކުރަމުންނެވެ. ޓެކް ކުންފުނިތައް ކަމަށްވާ ޓެންސެންޓް، އަލީބާބާ އަދި މައިކްރޯސޮފްޓުން ބުނެފައިވަނީ އެމީހުންގެ މުވައްޒަފުން ކުރިޔަށް އޮތް ދެތިން ހަފުތާވަންދެން މަސައްކަތްކުރާނީ ގޭގައި ތިބެގެންނެވެ.

ސިންގަޕޯރާއި ހޮންގ ކޮންގ އަދި މަކާއޯ އިން ވަނީ އެގައުމުގެ ސިވިލް ސަރވެންޓުންނަށް ގޭގައި ތިބެގެން މަސައްކަތްކުރުމަށް އަންގާފަ އެވެ. އަދި ޕްރައިވެޓް ތަންތަނުންވެސް އެގޮތަށް މަސައްކަތްކުރުވުމަށް ވަނީ އަންގާފަ އެވެ.

ގޭގައި ތިބެގެން މަސައްކަތް ކުރުމަކީ އިންޓަރނެޓަށް ބަރޯސާވެގެން މަސައްކަތް ކުރާ ސެކްޓަރ ތަކަށް ކާމިޔާބުކަމާއެކު ކުރެވިދާނެ ކަމެކެވެ. މިކަމުގެ ސަބަބުން މަސައްކަތްކުރާ މީހުން ބޭނުންވާ ގަޑިއެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބި އެކަމުގެ ސަބަބުން ދެ ފަރާތަށްވެސް ފައިދާވާނެ ކަމަށް މީގެކުރިން ވަނީ އެކަމަށް ވަކާލާތު ކުރި މީހުން ބުނެފަ އެވެ.

ފާއިތުވި އަހަރުތަކުގައި ވަޒީފާތައް އަދާކުރަމުން އައިސްފައިވާ ގޮތަށް ބަލާއިރު އެކިތަންތަނުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ރޫހު ވަނީ އާލާވެފައެވެ. ވަކިތަނެއްގައި ޤާއިމުވެގެން ނުތިބެ މަސައްކަތްކުރުމުގެ ޓްރެންޑެއް ވަނީ އުފެދިފަ އެވެ. ޓެކްނޮލިޖީއަށް އަންނަމުންދާ ކުރިއެރުންތަކާއެކު މިފަދަ ފުރުސަތުތަކަށް ވަނީ މަގުފަހިވެގެންގޮސްފަ އެވެ. ގޭގައި ތިބެގެން މަސައްކަތްކުރުމަކީ ކުދިން ބަލާ މައިންބަފައިންނަށް އެންމެ ފަސޭހަގޮތެވެ. ކުދިން ބެލުމަށް މީހަކު ނުހޯދޭ ނުވަތަ ކުދިން ބަލާނެ މީހަކު ނުގެންގުޅެވޭފަދަ ޢާއިލާތަކަށް މިއީ އެންމެ ރަނގަޅު އެއް ގޮތެވެ. ކުދިން ލިބުމާއެކު ވަޒީފާ ދޫކޮށްލުމަށް މަޖުބޫރުވާ އަންހެނުންނަށް އެންމެ ރަނގަޅު ގޮތަކީވެސް ގޭގައި ތިބެގެން މަސައްކަތްކުރުމެވެ.

ކޮރޯނާވައިރަސް އާއި ގުޅިގެން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ތަޖުރިބާ ކުރަމުންދާ އެތައް މިލިއަން މީހުންނާއެކު އެޤައުމުތަކަށް މިހާރު މިވަނީ މަސައްކަތުގެ މާޙައުލުގައި އައު ގޮތްތަކެއް ފެނިފަ އެވެ. މުވައްޒަފުން ލައްވާ މަސައްކަތްކުރެވޭނެ، ރަނގަޅު ފައިދާ އެއް މުވައްޒަފުންގެ ފުށުން ނެރެވޭނެ އައު ގޮތްތަކެއް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދުނިޔޭގެ ބޮޑެތި އިޤްތިޞާދީ ޤައުމުތަކަށް މިވަނީ ލިބިގެންގޮސްފަ އެވެ. އެހެންކަމުން ކޮރޯނާވައިރަސް އިން ސަލާމަތްވުމަށްފަހު މިޤައުމުތަކުން މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމުގެ އައު ގޮތްތަކެއް ގެންގުޅޭނެކަމަށް ބެލެވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް