ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 17:19
ގާނޫނީ ވަކީލުން ހުވާކުރަން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
ގާނޫނީ ވަކީލުން ހުވާކުރަން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
ފޭސްބުކް
ގާނޫނީ ފަންނުގެ ގާނޫނު
ގާނޫނީ ވަކީލުކަމުގެ ހުވާނުކުރެވި، ގާނޫނީ ދާއިރާގެ ދަސްވެނީން ގޮތްހުސްވެފައި
 
ގާނޫނުގައިވާ ތަމްރީނާއި އިމްތިހާނުގެ އޮނިގަނޑު ކަނޑައަޅަން ދެ އަހަރު ނަގާފާނެ: ބާ ކައުންސިލް
 
ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުތުތަކަކީ މިހާރުން މިހާރަށް ވާނެކަމެއް ނޫން: ދަސްވެނީން
 
ގާނޫނުގައިވާ ކަންކަމާއިމެދު ބާ ކައުންސިލާއި ގަނޫނީ ދާއިރާގެ ދަސްވެނީން ކަންބޮޑުވުން އެބަހުރި

ގާނޫނީ ފަންނުގެ ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތަކާއި ގުޅިގެން، ގާނޫނީ ރޮނގުން ދަސްވެނިވެފައިވާ ފަރާތްތަކަށް ވަކީލުކަމުގެ ހުއްދަ ނުލިބިގެން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ގާނޫނީ ދާއިރާގެ ދަސްވެނީންތަކެއް މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުތުތައް ފުރިހަމަކުރުމުގައި ހުރި ދަތިތަކާއި ގުޅިގެންނެވެ. އަދި އެއީ މިހާރުން މިހާރަށް ފުރިހަމަ ކުރެވޭނެ ޝަރުތުތަކެއް ނޫންކަމަށްވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ގާނޫނީ ފަންނުގެ ގާނޫނުގައިވާ ޝަރުތުތަކުގެ ތެރެއިންވެސް، މިވަގުތަށް ހުރި ހުރަހެއްކަމަށް ގާނޫނީ ދަސްވެނީން ފާހަގަކޮށްފައިވަނީ މައިގަނޑު އެއް ޝަރުތެކެވެ. އެއީ އެގާނޫނުގެ 30 (ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުތުތައް) ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަމްބަރުގައިވާ ތަމްރީނާއި، ބާ އިމްތިޙާނު ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވުމުގެ ޝަރުތެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ތަމްރީނަކީ، އެއް އަހަރު ދުވަހުގެ މުއްދަތައް ދިގުދެމިގެންދާ ތަމްރީނެކެވެ. އަދި ބާ އިމްތިޙާނުގެ މުޤައްރަރާއި، އިމްތިޙާނު ދޭނެގޮތާއި، އިމްތިޙާނު އޮންނާނެ ތާރީޚާއި އިމްތިޙާނުގައި ބައިވެރިވެވޭނެ މިންގަނޑުތަކާއި އުޞޫލުތައް ކަނޑައަޅާނީ ބާ ކައުންސިލުންނެވެ.

ބާ ކައުންސިލުން ބުނެފައިވަނީ ތަމްރީނުގެ އޮނިގަނޑާއި އިމްތިހާނުގެ ކަންކަން ނިންމަން ދެ އަހަރު ދުވަސްވަރު ވެދާނެ ކަމަށެވެ. އަދި މިކަންކަން ފުރިހަމަ ވަންދެން މިހާރު ތިބި ދަސްވެނީންނަށް އެހެން ގޮތެއް ހޯދައި ދިނުމަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދުވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެދިވަޑައިގެންފައެވެ.

މިކަމާއި ގުޅިގެން އަޑުއުފުލަމުން އަންނަ ގާނޫނީ ދާއިރާގެ ދަސްވެނީން ވަނީ މިގާނޫނުގެ ސަބަބުން ހައްލެއް ނުލިބިފައިވާ ކަންކަމަށް ހައްލެއް ހޯދައި ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ. އަދި Lawgradsinlimbo# ބޭނުންކޮށްގެން އެފަރާތްތަކުން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ އެހެނިހެން މެމްބަރުންގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

އޭގެއިތުރުން އަތޮޅު ތެރޭގައި ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރާ ދަސްވެނީންނަށް، އެސަރަހައްދުތަކުގައި ތިބެގެން ތަމްރީނާއި އިމްތިހާނުގެ ފުރުސަތުތައް ހޯދައި ދިނުމަށްވެސް ގޮވާލާފައިވެއެވެ.

ގާނޫނުގައިވާ މައްސަލަތައް ހައްލުކުރެވެން ދެން ޓްރާންޒިޝަނަލް ޕީރިއަޑެއް ހަމަޖެއްސުމަށްވެސް ގާނޫނޫ ދާއިރާގެ ދަސްވެނީންނާއި، މިހާރުވެސް ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރައްވާ ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ގާނޫނީ ފަންނުގެ ގާނޫނާއި ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުން އަންނައިރު، އެ ގާނޫނޫގެ ދަށުން ބަޔާންކޮށްފައިވާ ތަމްރީނާއި އިމްތިހާނުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ގާނޫނުގައި ކަނޑައަޅާފައިވަނީ އެންމެ 90 ދުވަހެވެ.

ގާނޫނީ ފަންނުގެ ގާނޫނަކީ، މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ޖެހިގެން އައި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވާފައިވާ ބިލެކެވެ. މިއީ ގާނޫނޫ ވަކީލުންނަށް ހުއްދަ ދިނުމާއި، އެފަންނުގެ އެންމެހާ ކަންކަން ރެގިއުލޭޓްކޮށް، ގާނޫނީ ފަންނު ތަރައްގީކުރުމުގެ މަގުސަދުގައި ގެނައި ގާނޫނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
4%
19%
77%
0%
0%
0%
ކޮމެންޓް