އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުުރުމަށް 9 ކަމަކަށް އަމަލުކުރުމަށް އަންގައިފި

  • މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން ނޫނީ ކުންފުނީގެ އިދާރީ އޮނިގަނޑަށް އަދި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެ
  • ކުންފުނިތަކުގެ އަހަރީ ދުވަސް ފާހަގަކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފައި
  • މުވައްޒަފުންގެ އޯވަރޓައިމް ލިމިޓްކުރުމަށްވެސް ވަނީ ކުންފުނިތަކަށް އަންގާފައި

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 9 ފެބުރުއަރީ 2020 | އާދީއްތަ 08:09 10,356

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު - ރާއްޖެއެމްވީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން 9 ކަމެއް އެކުލަވާލާ އެގޮތަށް އަމަލުކުރުމަށް ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިކަމާއި ގުޅިގެން ނެރެފައިވާ ސަރކިޔުލަރ އެއްގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން ނޫނީ ކުންފުނީގެ އިދާރީ އޮނިގަނޑަށް އަދި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެކަމަށެވެ. އަދި ބަޖެޓްގައި ހިމެނިފައިވީނަމަވެސް މިހާރު ދޭން ފަށާފައިނުވާ އެއްވެސް އެލަވެންސެއް އަހަރުތެރޭގައި އަލަށް ދޭން ފަށައިގެން ނުވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މީގެއިތުރުންވެސް ކުންފުނީގެ ބަޖެޓުން ޚަރަދެއް ކުރަންޖެހޭ ދަތުރުތަކުގެ ތެރެއިން ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި ރާއްޖެއިން ބޭރަށް ކުރާދަތުރުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ ރަސްމީ ދަތުރުތައް ހަމަޖެއްސުމުގައި ގެންގުޅެންޖެހޭ އުސޫލާއި އެއްގޮތަށް އަމަލުކުރުމަށްވެސް ފިނޭންސުން ވަނީ އަންގާފަ އެވެ.

އަދި މިއަހަރު ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ފިޔަވައި އިތުރު އެއްވެސް މަރާމާތެއް ނުކުރުމާއި މިގޮތުން ކާޕެޓް ބަދަލުކުރުމާއި ޕާޓިޝަން ޖެހުން ފަދަ މަސައްކަތްތަކަށް ކުރާ ޚަރަދުތައް މަދުކުރުމަށްވެސް ފިނޭންސުން ވަނީ އަންގާފަ އެވެ.

ޤައުމީ ފެންވަރުގައި ކޮންމެހެން ކުރަންޖެހޭ ފާހަގަކުރާ ދުވަސްތައް ފިޔަވައި ކުންފުނީގެ ބަޖެޓުން ޚަރަދުކޮށްގެން އެއްވެސް މުނާސަބަތެއް ފާހަގަނުކުރުމަށާއި އަދި ކުންފުނިތަކުގެ އަހަރީ ދުވަސް ފާހަގަކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފަ އެވެ. ފޯނާއި، އިންޓަރނެޓާއި ފެނާއި އަދި މިނޫންވެސް އޮފީސް ހިންގުމުގެ ޚަރަދުތައް ވީހާވެސް ޚަރަދު ކުޑަކޮށް ހަމަޖެއްސުމަށްވެސް ވަނީ ކުންފުނިތަކަށް އަންގާފަ އެވެ.

މީގެއިތުރުން އޮފީހުގައި ކަރަންޓު ބޭނުންކުރާ މެޝިނަރީ އާއި އިކުއިޕްމަންޓާއި އެހެނިހެން އާލާތްތައް ބޭނުންނުކުރާ ވަގުތުތަކުގައި އެތަކެތި ނިއްވާލުމަށްވެސް ފިނޭންސުން ވަނީ އަންގާފަ އެވެ.

އަދި އޮފީހުގެ ތެރޭގައި ކުރަންޖެހޭ މުއާމަލާތްތަކުގައި ވީހާވެސް މަދުން ކަރުދާސް ބޭނުންކުރާގޮތަށް ހަމަޖެއްސުމަށާއި ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް ޚަރަދުތައް ފިޔަވައި އެހެން ހުރިހާ ކެޕިޓަލް ޚަރަދެއްކުރުން ހުއްޓާލުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މީގެއިތުރުން މުވައްޒަފުންގެ އޯވަރޓައިމް ލިމިޓްކުރުމަށްވެސް ވަނީ ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން އަންގާފަ އެވެ.

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ. މީގެއިތުރުން މިވައިރަސްގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް މިކަމުގެ އަސަރު ކުރަމުންދާއިރު ޚަރަދުކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް