ކ. މާލެ
|
24 މާރޗް 2017 | ހުކުރު 10:08
ފުރަތަމަ ޑިވިޝަންގެ ކްލަބްތަކާއި، އެ ކްލަބްތަކަށް ހަމަޖެއްސި ކުންފުނިތަކާއެކު
ފުރަތަމަ ޑިވިޝަންގެ ކްލަބްތަކާއި، އެ ކްލަބްތަކަށް ހަމަޖެއްސި ކުންފުނިތަކާއެކު
ޓްވިޓަރ
ކްލަބްތައް ހާލުގައި ޖެހެނީ
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
 
ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބްތަކުގެ ކުޅުންތެރިންނަށް މުސާރަ ނުދެވޭ
 
ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދޭން އެފްއޭއެމް އިން ނިންމި
 
ކްލަބްތަކާއެކު ކުންފުނިތަކުން އަދިވެސް އެއްބަސްވުމުގައި ސޮއިނުކުރޭ

މި ސީޒަނުން ފެށިގެން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދޭން ނިންމުމުން އެ ކްލަބްތައް އުފާވިއެވެ. އެ ފައިސާ ލިބޭނެ ދުވަހަކަށް އިންތިޒާރުކުރި އެވެ. އެހެންނަމަވެސް އެފްއޭއެމްގެ އާ ރައީސް ބައްސާމް އަދީލް ޖަލީލުގެ މި ވައުދު އަދިވެސް އެއްކޮށް ފުރިހަމައެއް ނުކުރެއްވެއެވެ.

އެފްއޭއެމްގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ބައްސާމްވެވަޑައިގެން ވައުދުތަކުގެ ތެރެއިން ކްލަބްތަކަށް މާލީ އެހީ ދިނުމުގެ ވައުދަކީ ފާހަގަކޮށްލަން ޖެހޭ ބޮޑު ވައުދެކެވެ. އެގޮތުން އެ ވައުދު ފުއްދައިދިނުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ލަފާފުޅާއެކު ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ކުންފުންޏެއް ހަމަޖައްސަން އެފްއޭއެމް އިން ނިންމިއެވެ.

މި މަސް ތެރޭގައި އެފްއޭއެމް އިން ވަނީ އެކަން ތަންފީޒްކުރުމުގެ ގޮތުން އެ ކްލަބެއް ތަމްސީލްކުރާ ކުންފުނިތައް ގުރުވަތުލައިގެން ހޮވާފައެވެ. އެހެންނަމަވެސް އަދިވެސް އެ ކުންފުނިތަކާއެކު ކްލަބްތަކުން މިވީތަނަށް ސޮއިކޮށްފައެއް ނުވެއެވެ. ފައިސާ ދޫކުރާނެ ދުވަހެއް އަދިވެސް ކްލަބްތަކަށް ނޭގެއެވެ.

ކްލަބްތަކަށް ދޭން އެއްބަސްވެފައިވާ ތިން މިލިއަން ރުފިޔާ އިން އެ ކްލަބްތައް ކުރަން ލާޒިމްކުރާ ކަންތައްތަކެއްވެސް އެބަހުރި އެވެ. އެގޮތުން އެފްއޭއެމް އިން ގަބޫލުކުރާ ކްލަބް އޮފީހެއް ހަދާ، މާކެޓިންކަންތައްތައް ވަރުގަދަކުރުމަށް އިވެންޓްތައް ހިންގުން އަދި އެކަޑަމީއެއް އުފެއްދުންވެސް ހިމެނެއެވެ. މިކަންތައްތަކަކީވެސް ކްލަބްތަކުން ހަރަދުކޮށްގެން ނޫނީ ނުވާނެ ކަންތައްތަކެވެ.

ބައެއް ކްލަބްތައް ދެކޭގޮތުގައި އެފްއޭއެމް އިން ދޭން އެއްބަސްވެފައިވާ ތިން މިލިއަން ރުފިޔާ ދިނުމުން އެ ކްލަބްތަކަށް ވާނީ ގެއްލުމެވެ. ކުންފުނިތަކާވެވިފައިވާ އެއްބަސްވުމުގެ ދަށުން އެ ކްލަބްތަކަށް ދެން އިތުރު ވާދަވެރި ސްޕޮންސަރެއް ހޯދުމަކީ މަނާކަމެކެވެ. އެގޮތުން މިއީ އެ ކްލަބްތަކަށް ލިބޭނެ ގެއްލުމެކެވެ. ކްލަބްތަކަށް ފައިސާ ހޯދޭނެ މަގުތައްވެސް ބަންދުވީއެވެ.

މިކަންތަކާ ކްލަބްތަކުން ކަންބޮޑުވެއެވެ. ފާއިތުވެދިޔަ ސީޒަންތަކަށްވުރެ މި ސީޒަނަށް ހުރިހާ ކްލަބްތަކުންވެސް ނިކުތީ ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށްގެންނެވެ. އެގޮތުން ގިނަ ކްލަބްތަކަކުން ވަނީ ބިދޭސީ ކުޅުންތެރިންވެސް އިތުރުކޮށްފައެވެ. އެހެންނަމަވެސް އެ ކުޅުންތެރިންނަށް މުސާރަ ދޭނެ މަގެއް ކްލަބްތަކަށް އަދިވެސް ތަނަވަސްނުވެއެވެ. ބައެއް ކްލަބްތަކުގެ ކުޅުންތެރިން މިހާރު ތިބީ ރުޅިގަދަވެފައެވެ، ފުރައިގެންދާ ހިސާބުގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބައެއް ކްލަބްތަކުގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ މަހެއް ދެމަހެއް ވެއްޖެ އެވެ. ބައެއް ކުޅުންތެރިންނަށް ލިބިފައިވަނީ މުސާރައިގެ ދެބައިކުޅަ އެއްބައެވެ. މި ހާލަތަށް ނުދާ ކްލަބެއް ނެތެވެ. އެ ކްލަބްތަކުން އިންތިޒާރުކުރަނީ އެފްއޭއެމް ފައިސާ ދޫކުރާނެ ދުވަހަކަށެވެ. ކުޅުންތެރިންނަށް މުސާރަދެވޭނެ ދުވަހަކަށެވެ. މިއީ އެފްއޭއެމް އިން މިހާރުން މިހާރަށް ކުރަންޖެހޭކަމެކެވެ. ކަންތައްތައް ދިގުލައިގެންގޮސް ކްލަބްތަށް ހާލުގައި ޖެހުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް