ކ. މާލެ
|
24 މާރޗް 2017 | ހުކުރު 08:37
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ
އުރީދޫ މޯލްޑިވްސް
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
 
18 މަސްދުވަސް ތެރޭގައި ހެޑްކުއާޓަރސްގެ މަސައްކަތް ނިންމުމަށް

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި އެޅުމަށް، ހާއްސަ އެއްބަސްވުމެއްގައި އުރީދޫ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން މިއަދު ސޮއިކޮށްފިއެވެ.

 

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި، އުރީދޫގެ ފަރާތުން ސީއީއޯ ވިކްރަމް ސިންހާ މި އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، އެޗްޑީސީ ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ، މުހައްމަދު ސައިމަންއެވެ.

 

ރާއްޖޭގައި ހިންގަމުންދާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން، ހުޅުމާލޭގައި ހެޑްކުއާޓަރޒް ގާއިމްކުރާ އެންމެ ފުރަތަމަ ކުންފުންޏަށް ވުމުގެ އިތުރުން، އުރީދޫ ވެގެންދާނީ ހުޅުމާލޭގައި މައި ހެޑްކުއާޓަރ ގާއިމް ކުރާ ފުރަތަމަ މަލްޓި ނެޝަނަލް ކުންފުންޏަށް ކަމަށް އުރީދޫއިން ބުންޏެވެ.

 

އުރީދޫގެ ސިއީއޯ ވިކްރަމް ސިންހާ ވިދާޅުވީ ހުޅުމާލޭގައި ހެޑްކުއާޓަރޒް ގާއިމްކުރެވިގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި އުރީދޫއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

 

އުރީދޫގެ މަގްސަދަކީ ފަހުގެ ޓެކްނޮލޮޖީގެ ފަސޭހަކަން ލިއްބައިދީފައިވާ، މަސައްކަތްކުރާ ހިތްވާ ކަހަލަ މާހައުލެއް މުވައްޒަފުންނަށް ގާއިމްކޮށްދީގެން، މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކޮށް، ހުނަރުތައް ތަރައްގީކުރުމާއި އެކު، ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ކުރާ މަސައްކަތް އިތުރަށް ފުރިހަމަވެގެންދިއުން ކަމަށް ސިންހަ ވިދާޅުވި އެވެ.

 

އައު ހެޑްކުއާޓަރޒް ބިނާކުރާއިރު އެ އިމާރާތުގައި ކެފޭއެއް އަދި ފިޓްނެސް ސެންޓަރ އެއްގެ އިތުރުން، އުރީދޫގައި މަސައްކަތް ކުރާ މައިންބަފައިންގެ ފަސޭހައަށް ގާއިމްކުރެވޭ ޑޭކެއަރ ސެންޓަރ އެއްވެސް ހިމެނޭނެއެވެ.

 

ހުރިހާ ފަންތިއެއްގެ މުވައްޒަފުންވެސް އެކުގައި އެންމެ ފުރިހަމަގޮތުގައި މަސައްކަތް ކުރުމަށް ފަސޭހަކޮށްދޭނެ "އޯޕަން އޮފީސް ކަލްޗަރ" އެއް ބިނާ ކުރުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށާއި ކުޅިވަރާއި މުނިފޫހިފިލުފިލުވުމުގެ ހާއްސަ ފެސިލިޓީތައް ވެގެންދާނީ އުރީދޫ މުވައްޒަފުންގެ އާންމު ދިރިއުޅުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް ކަމަށް އުރީދޫއިން ބުންޏެވެ.

 

އަދި އުރީދޫ އަކީ ރާއްޖޭގެ އެންމެ މަޤްބޫލު އެމްޕްލޯޔަރ ބްރޭންޑް ކަމަށް ހެދުމަށް ކުރާ މަސައްކަތަށް، މި ޕްރޮޖެކްޓްގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް  އުރީދޫގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް މުހައްމަދު ޝާހިދު ވިދާޅުވިއެވެ.

 

އުރީދޫގެ ފްލޭގްޝިޕް ބިލްޑިންގް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހުގެ ތެރޭގައި ފެށިގެންދާނެއެވެ.

 

އެކުންފުނިން މަސައްކަތް ކުރަމުން ދާނީ 18 މަސްދުވަސް ތެރޭގައި ހެޑްކުއާޓަރސްގެ މަސައްކަތް ނިންމުމަށް ކަމަށްވެސް އުރީދޫއިން ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް