ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 19:02
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވަމުންގެންދެވިއިރު، އިދިކޮޅުން އިހުތިޖާޖްކުރަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވަމުންގެންދެވިއިރު، އިދިކޮޅުން އިހުތިޖާޖްކުރަނީ
ރާއްޖެ އެމްވީ
މަގޭ ރިޕޯޓު
ފުރިފައި ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާނެޔޭ ބުނަނީ މިހެންވެ!
 
ކަންކަން ސިއްރުކުރުމަށްވުރެ ހާމަކަން ބޮޑު ގޮތެއްގައި ހުރިހާ މައުލޫމާތެއްވެސް ހާމަކުރޭ
 
އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ފުރިހަމައަށް ދޭ
 
ވެރިކަން ގެއްލިދާނެކަމުގެ ބިރަށް ބާރުގެ ބޭނުމެއް މި ސަރުކާރަކުން ނުކުރޭ

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ބަޔާނަކީ ރައްޔިތުންނަށް ގިނަ ގޮތްގޮތުން އުންމީދުތަކެއް އައުކޮށްދިން ބަޔާނެކެވެ. ފަސްޖެހިވަޑައިނުގަނެ ރައްޔިތުންނަށް ސަރުކާރުގެ ތަސައްވަރު ވިދާޅުވެދެއްވިއިރު، ވެރިކަމުގައި ފާއިތުވެގެންދިޔަ އެއް އަހަރުގައި މުއައްސަސާތަކުގެ އިހުމާލެއް އޮތްކަމުގައި ވާނަމަ އެކަންވެސް ފާހަގަކުރައްވާފައިވެއެވެ. ރައްޔިތުންގެ ސަރުކާރެއްކަން ރަމްޒުކޮށްދިން އެއް ހަގީގަތަކީ ހާމަކަން ބޮޑު ގޮތެއްގައި ހުރިހަ މައުލޫމާތުތަކެއް ހިއްސާކުރުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވިއިރު، އިދިކޮޅުގައި ތިއްބެވި ބޭފުޅުން ތިއްބެވީ އެމަނިކުފާނުގެ ކުރިމައްޗަށް މުޒާހަރާކުރުމަށް ނިކުމެވަޑައިގެންނެވެ. ރިޔާސީ ބަޔާން ފެއްޓެވުމާއެކު، ކެމެރާއަށް މަންޒަރުވެސް ނުފެންނާނެހެން ބޮޑު ޕޯސްޓަރުތައް ހިއްޕަވައިގެންނެވެ. އެބޭފުޅުން ގޮވާލައްވަމުންގެންދެވީ، ޝަރުއީ ކޯޓަކުން ކުށްވެރިއެއްކަމަށް ކަނޑައަޅައި، ޖަލަށް ލައްވާފައި ހުންނެވި ގައިދީއަކު މިނިވަންކުރުމަށެވެ.

ރައީސް ސޯލިހްގެ ކުރިފުޅުމައްޗަށް، 4 ފޫޓެއްހައި ދުރުމިނުގައި ތިއްބަވާ އިދިކޮޅަށް ނިސްބަތްވާ ހަ ވަރަކަށް މެމްބަރުން މުޒާހަރާ ކުރައްވަމުންގެންދެވިއިރުވެސް، ރައީސް ސޯލިހް އެމަނިކުފާނު ރިޔާސީ ބަޔާން ސާބިތުކަމާއެކު ކުރިއަށްގެންދަވާފައިވެއެވެ. ސާބިތުކަމާ، ހިނިތުންވުމާއެކު ހުންނަވާ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެގޮތުގެ ތަސައްވަރުތައް ގެންދެވީ ހާމަކުރައްވަމުންނެވެ.

އެވަގުތުގައިވެސް ފެނިގެންދިޔައީ ހުދުމުތާރުވެރިޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ރިޔާސީ ބަޔާން އިއްވަމުން ގެންދެވިއިރު، ކަންކުރެއްވި ގޮތާއި، މުޅިން ތަފާތު މަންޒަރެކެވެ. އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅުން އިހުތާޖާޖްކުރުންވެގެންދިޔައީ ރިޔާސީ ބަޔާން އިއްވަވަން އިންނެވި ބޭފުޅެއްގެ ގޮތުން އަބްދުﷲ ޔާމީނަށް ހަޖަމްކުރެއްވުނު ކަމަކަށް ނޫނެވެ. އިހުތިޖާޖްކުރައްވަން ފެއްޓެވުމާއެކު، ރިޔާސަތުގައި އިންނެވިި ބޭފުޅާ މެދުވެރިކޮށާއި، ސަލާމަތީ ހިދުމަތްތައް މެދުވެރިކޮށް، މުޅި ރިޔާސަތު ސަލާމަތީ ހިދުމަތްތަކުގެ އޮފިސަރުންނާއެކު ވަށާލި އެވެ.

ރިޔާސީ ބަޔާން އިއްވަމުން ގެންދެވީ ސަލާމަތީ ބާރުތަކުގެ ފަހަތުގައި ފޮރުވި އިންނަވައިގެންނެވެ. ނަމަވެސް ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވަވަމުންގެންދެވިއިރު، އިދިކޮޅުން ކުރި މުޒާހަރާއާއި ގުޅިގެން ސަލާމަތީ ހިދުމަތްތަކުގެ 40 އަކަށް އޮފިސަރުންގެ އެހީތެރިކަމެއް ރައީސް ސޯލިހް ހޯދަވާފައެއް ނުވެ އެވެ. މުޒާހަރާގެ ބައިވެރިންނާއި ކުރިމަތިލެއްވީ ހިނިތުންވުމާއެކު އެވެ. ހުދުމުހުތާރު ވެރިޔާ އަބްދުﷲ ޔާމީން އަމަލުކުރެއްވިގޮތަށް، މޮޅުކަން ދެއްކެވުމަށް އިނގިލިން އިޝާރަތްތައް ކުރައްވާ ހައްދަވާފައެއް ނުވެ އެވެ.

އަބްދުﷲ ޔާމީންގެ ދައުރުގައި މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމުގެ ތެރެއިން -- ފޮޓޯ: ޓުވިޓަރ

އެހެންކަމެއްވެސް ފާހަގަކޮށްލާނަމެވެ. ރައްޔިތުންގެ މަޖިލީސްކުރާގޭގައި އެންމެފަހުން ރިޔާސީ ބަޔާނެއް އިއްވެވީ 2015 އަހަރުގަ އެވެ. އޭގެފަހުން 2016 އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް ރިޔާސީ ބަޔާން އިއްވަވަމުންގެންދެވީ ދަރުބާރުގޭގައެވެ. މައިގަނޑު އެއް ސަބަބަކީ އިދިކޮޅު މެމްބަރުންނަށް އިހުތިޖާޖްކުރުމުގެ ފުރުސަތު ނުދިނުމެވެ. ބޭނުންވާގޮތަށް، ބޭނުން ބަޔަކު ހާޒިރުކޮށް ރިޔާސީ ބަޔާން އިއްވާނެގޮތް ތަނަވަސްކޮށްދިނުމެވެ.

މިސަރުކާރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިދިކޮޅު ފަރާތްތަކުން ރައީސް ސޯލިހަށް އަމާޒުކުރައްވާ ރައީސް ސޯލިހަކީ ގާބިލްކަން ނެތް ވެރިކަން ހިންގަން ނޭންގޭ ވެރިޔެއްކަން އިރުއިރުކޮޅާ ޕޯޑިއަމްތަކުގައި ދެއްކެވިއަސް މި ސަރުކާރުން އެ ފުރުސަތު ވަނީ އިދިކޮޅުފަރާތްތަކަށް ދީފައެވެ. ޔާމީނު ގޮތަށް އެ ވާހަކަ ދައްކާ މީހަކު ކުޑަ ގޮޅިއަކަށް ނުލައެވެ.

ރިޔާސީ ބަޔާން އިއްވި އިރު ކުރިފުޅުމަތީގައި ގައިދީއަކު މިނިވަންކުރުމަށް ބެނަރތައް ހިއްޕަވައިގެން ތިއްބެވި މެމްބަރުން ގޭޓް މަތިން އުކާނުލައްވައެވެ. ކެރިވަޑައިގެން ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން ކުރަން ރާވާފައިހުރި ކަންތައްތަކާއި އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އެންމެ ބޮޑަށް ފާހަގަކުރާ "ބަޖެޓު ބޮޑުވުމުގެ" ތަފްސީލްވެސް ހިއްސާކުރީ އިއްޒަތްތެރި މެމްބަރުންގެ ކުރިފުޅުމަތީގައެވެ.

އިދިކޮޅު ފަރާތުން އިހުތިޖާޖުކުރަނީ -- ފޮޓޯ: މަޖިލިސް / ޓުވިޓަރ

ތަފާތަކީ އެއީއެވެ. ނުފޫޒެއްނެތި ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ހާމަކުރުމުގައި މިސާލު ދައްކަވާއިރު ލިބުނު ޢައްލަބިއްޔަތާއެކު ދޯދިޔާވެފައިވާ ނިޒާމުވެސް އިސްލާހުކޮށްފިކަން އެމަނިކުފާނު މިއަދު ވަނީ ހާމަކޮށްދެއްވާފަ އެވެ. އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމާއި، އިހުތިޖާޖްކުރުމާއި، މުޒާހަރާކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅުއްވާ އެކަންކަމާއި ކުރިމަތިލައްވާނީވެސް ކެރިވަޑައިގެންކަމަށް ރައީސް ސޯލިހް ވަނީ އެމަނިކުފާނު ރިޔާސީ ބަޔާން އިއްވަމުންގެންދެވިއިރު ހާމަކޮށްދެއްވާފަ އެވެ.

ފުރިފައި ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާނެޔޭ ބުނާ ހަމައިިން، ރައީސް ސޯލިހް ވަނީ އެ ސާބިތުކަން ދައްކަވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
2%
80%
0%
8%
1%
8%
ކޮމެންޓް