ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 07:40
ޓްރަމްޕް ވަނީ އިތުރު ހަގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެރުން މަނާކޮށްފައި
ޓްރަމްޕް ވަނީ އިތުރު ހަގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެރުން މަނާކޮށްފައި
ރޮއިޓަރސް
އެމެރިކާ
އިތުރު ހަ ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް ނުވަދެވޭގޮތަށް ޓްރަމްޕް ކަނޑައެޅުއްވުމުން ނުތަނަވަސްކަން އުފެދިއްޖެ
 
މި ގައުމުތަކަށް މިސިޔާސަތު ތަންފީޒުވާނީ ފެބްރުއަރީ މަހުގެ 21 ން ފެށިގެން
 
މި ހަގައުމަކީ އެމެރިކާއިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އެއްހިސާބަކަށް މައުލޫމާތު ބަދަލުކުރުމުގެ ކަންކަން ގެންގޮސްފައިނުވާ ގައުމުތައް ކަމަށް އެމެރިކާއިން ބުނޭ
 
ހަ ގައުމުގެ ތެރޭގައި ހިމެނެނީ އެފްރިކާގެ ހަތަރު ގައުމަކާއި މުސްލިމުންގެ މެޖޯރިޓީ އޮންނަ ތިން ގައުމެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިތުރު ހަ ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް ނުވަދެވޭނެކަމަށް ކަނޑައަޅުއްވާ އެކަން އިޢުލާންކުރައްވާފަ އެވެ.

އެއާއެކު އެކަމުގެ އަސަރު އެތައް ހާސް ބަޔަކަށް ކުރާނެކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެތައް ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ. އަދި މިއީ އެމެރިކާއިން މިހާރު ގެންގުޅެމުންދާ ނަޞްލީ ތަފާތުކުރުންތަކަށް އިތުރުވެގެން ދިޔަ ބޮޅެއްކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ޓްރަމްޕް މިފަހަރު މިލިސްޓަށް އިތުރުކުރި ހަ ޤައުމުގެ ތެރޭގައި ހިމެނެނީ އެފްރިކާގެ ހަތަރު ޤައުމަކާއި މުސްލިމުންގެ މެޖޯރިޓީ އޮންނަ ތިން ޤައުމެކެވެ.

2017 ވަނަ އަހަރު ޓްރަމްޕް ވަނީ ފުރަތަމަ ފަހަރަށް އެމެރިކާއަށް ނުވަދެވޭގޮތަށް ޤައުމުތަކެއް ކަނޑައަޅުއްވާފަ އެވެ. އެފަހަރުވެސް ޓްރަމްޕް ކަނޑައެޅުއްވީ އެފްރިކާގެ ޤައުމުތަކާއި މުސްލިމުންގެ އާބާދީ ބޮޑު ޤައުމުތަކެވެ. އެމެރިކާގެ އޮފިޝަލަކު ވިދާޅުވެފައިވަނީ މި ހަ ޤައުމަކީ އެމެރިކާއިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އެއްހިސާބަކަށް މަޢުލޫމާތު ބަދަލުކުރުމުގެ ކަންކަން ގެންގޮސްފައިނުވާ ޤައުމުތައް ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ޕާސްޕޯޓަށް އާ ފީޗަރތައް ލުމާއި ޓެރަރިސްޓުންނާއި އެކި ކުށްތައްކޮށްފައި ތިބޭ މީހުންގެ މަޢުލޫމާތު ބަދަލުކުރުމުގެ ކަންކަން ކަމަށް އެމެރިކާގެ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

މިނިންމުމާއެކު އެމެރިކާއިން ވިސާ ދޫކުރުން ހުއްޓާލާފައިވަނީ ކިރިގިސްތާނާއި މިޔަންމާ އާއި ނައިޖީރިއާ އަދި އެރިޓްރިއާއިން އަންނަ މީހުންނަށެވެ. ނަމަވެސް އެ ޤައުމުތަކުން އަންނަ ޓޫރިސްޓުންނާއި، ވިޔަފާރިވެރިންނާއި، ކިޔަވާކުދިންނާއި، މަސައްކަތް ކުރާ މީހުންނަށް ދޫކުރާ ވަގުތީ ވިސާ ދޫކުރާނެކަމަށް އެމެރިކާއިން ބުނެ އެވެ.

މީގެއިތުރުން ސޫދާން އާއި ޓެންޒޭނިއާގެ މީހުންނަށްވެސް ވިސާ ދޫކުރުން އެމެރިކާއިން ހުއްޓާލާނެ އެވެ. އެންމެފުރަތަމަ ޓްރަމްޕް އެމެރިކާއަށް އެރުން މަނާކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ 7 ޤައުމެއްގެ ރައްޔިތުންނެވެ. މިނިންމުން އެ ޤައުމުގެ ސުޕްރީމްކޯޓުންވެސް ވަނީ ދަމަހައްޓާފަ އެވެ. ޓްރަމްޕް ގެންދަވަނީ މިއަހަރު އެމެރިކާގައި އޮންނަ އިންތިޚާބަށްވެސް އެމެރިކާއަށް އެހެން ޤައުމުތަކުގެ މީހުން އެރުން މަނާކުރާ ސިޔާސަތު ބޭނުންކުރައްވާ ކެމްޕޭން ކުރައްވަމުންނެވެ. ޓްރަމްޕްގެ މިސިޔާސަތަކީ ރިޕަބްލިކަންގެ މެދުގައި މަޤުބޫލު ސިޔާސަތެކެވެ.

މިހާރު އެމެރިކާއަށް އެރުން މަނާކޮށްފައިވަނީ އިރާން، ލީބިޔާ، ސޯމާލިޔާ، ސީރިޔާ އަދި ޔަމަންގެ ރައްޔިތުންނަށެވެ. އަދި ނޯތު ކޮރެއާ އާއި ވެނެޒުޔޭލާގެ ރައްޔިތުންނަށްވެސް ކޮންމެސް ވަރަކަށް މިސިޔާސަތު ތަންފީޒުވަމުން ދެއެވެ.

ފަހުން ހުށަހެޅި ޤައުމުތަކަށް މިސިޔާސަތު ތަންފީޒުވާނީ ފެބްރުއަރީ މަހުގެ 21 ން ފެށިގެންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
8%
0%
0%
92%
0%
0%
ކޮމެންޓް