ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 14:43
ގޯލްކީޕަރު އިމްރާން މުހައްމަދު
ގޯލްކީޕަރު އިމްރާން މުހައްމަދު
ފޭސްބުކް
ގޯލްކީޕަރު އިމްރާން މުހައްމަދު
ގޯލްކީޕަރު އިމްރާނުގެ ފައިސާ އެފްއޭއެމުން ދައްކައިފި
 
އެފްއޭއެމުން އިމްރާނަށް ދިން ފައިސާ އަކީ ނިއުރޭޑިއަންޓުން އޭނާއަށް ދޭން ޖެހޭ މުސާރަ
 
ފައިސާ ނުލިބިގެން އިމްރާނު އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގޯލްކީޕަރު އިމްރާން މުހައްމަދަށް ދޭންޖެހޭ ފައިސާ ދައްކައިފި އެވެ.

ނިއުރޭޑިއަންޓުން މުސާރަ ނުލިބިގެން އިމްރާން އެ މައްސަލަ އެފްއޭއެމަށް ހުށަހެޅުމުން، އެ މައްސަލަ އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ނިންމާފައިވަނީ ފަހުން ހުށަހެޅި ކުޅުންތެރިންގެ މައްސަލަތަކާ އެކު މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ޖޫން 12 ވަނަ ދުވަހު ނިއުރޭޑިއަންޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ އިނާމު ފައިސާގެ ގޮތުގައި އާއި އެފްއޭއެއެމް އިން އެޓީމަށް ދޭން ޖެހޭ ފައިސާގެ ގޮތުގައި ހިފަހައްޓާފައިވާ 300،000ރ.، އެ ކްލަބުން މުސާރައިގެ މައްސަލަ ކޮމިޓީ އަށް ހުށަހަޅާފައިވާ 10 ކުޅުންތެރިންނަށް ހަމަހަމައަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެ ކުޅުންތެރިންނަކީ އިމްރާނުގެ އިތުރުން އަލީ އަޝްފާގް (ދަގަނޑޭ) އާއި އަކްރަމް އަބްދުލްޣަނީ އާއި އިމްރާން ނަޝީދާއި މުހައްމަދު އުމެއިރާއި ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު ރަޝީދު (ހޮކޭ) އާއި ރިލްވާން ވަހީދު (ރިލޭ) އާއި ހަސަން އަދުހަމް (ސަޑޭ) އަދި ހިސާމް ސަލީމް (ކޮކީ) އެވެ.

އެކަމަކު އިމްރާން ފިޔަވައި އެހެން ހުރިހާ ކުޅުންތެރިންނަށް އެ ފައިސާ ދިނުމާ ގުޅިގެން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިމްރާން ވަނީ ކަނބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ފަހުންވެސް އެ މައްސަލައިގައި އިމްރާން ދާދި ފަހުން ކަންބޮޑުވުން ފާޅުކުރިއިރު، އެ ފައިސާ މިހާރު ލިބިފައިވާ ކަމަށް އިމްރާން މިއަދު ވަނީ ބުނެފައެވެ.

ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އިމްރާން ބުނީ އެފްއޭއެމުން ދޭންޖެހޭ ފައިސާ މިހާރު ލިބިފައިވާ ކަމަށާއި، އޭނާގެ އުންމީދަކީ އެފްއޭއެމުން ހުރިހާ ކުޅުންތެރިނާ ދޭތެރޭވެސް އެއް އުސޫލަކުން ކަންކުރުން ކަމަށެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު 20 އަހަރުވީ ކުލަގަދަ، ކާމިޔާބު ކެރިއަރަކަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލީ މިދިޔަ އަހަރުއެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ކުޅެދިނުމަށް ފަހު 2016 ގައުމީ ޓީމުން ރިޓަޔާކުރި އިމްރާން އެއްކޮށް އަންގި ބޭލީ އޭނާ ކުޅެމުން އައި ޓީސީ ސްޕޯޓްސްގެ އެއްބަސްވުން ސީޒަނުގެ މެދަކާ ހަމައިން އުވާލުމަށް ފަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް