ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 23:55
ޕީޕީއެމްގެ މަޖިލިސް މެންބަރުން
ޕީޕީއެމްގެ މަޖިލިސް މެންބަރުން
މުހައްމަދު ޝަރުހާން
މަސީހްގެ ވޯޓު
ސަރުކާރު މަރަށް ތެޅެނީތަ؟
 
ދަނގެތި ދާއިރާގެ މެންބަރު އިލްހާމް ވަނީ މަޖިލިސް މެންބަރުންނަށް އިންޒާރުކުރައްވާފައި
 
މިނިވަން މުއައްސާސަށް މެދުވެރިކޮށް މައްސަލަތައް ދަނީ ބަލަމުން
 
އިދިކޮޅު ފަރާތްތައް ހުއްޓުވަން ސަރުކާރުން ގެންދަނީ ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން

ސިޔާސީ ގޮތުން  ލިބިފައިވާ ބާރުތައް ބޭނުންކުރުމަކީ ކޮންމެ ސަރުކާރަކުން ވެސް ކުރާ ކަމެކެވެ. ނަމަވެސް މިހާރު މި ފެންނަނީ މިނިވަން މުއައްސަސާތަކާއި ޝަރުޢީ ދާއިރާ އަށް އަތްބާނައި، އިދިކޮޅަށް ތެދުވާ ކޮންމެ މީހަކު ސައިޒަށް ތިރިކުރާ މަންޒަރެވެ. އެހެން ގޮތަކަށް ބުނާ ނަމަ މަރަށް ތެޅޭ ތަނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތައްޔާރުވަމުން އަންނަ އިރު އިދިކޮޅު ފަރާތްތަކާއި ޕާޓީގެ މަޖިލިސް މެންބަރުން ވެސް ކޮންޓްރޯލްކުރުމަށް ސަރުކާރުން ގެންދަނީ ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. އޭގެ އެއް މިސާލަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް މެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތެވެ. ގާސިމްގެ މަސްލަހަތު އޮންނަ ވިޔަފާރި ކުންފުނި ވިލާގެ އެކައުންޓްތައް ފްރީޒްކޮށް 18 މިލިއަން ޑޮލަރު ދައްކަން ސަރުކާރުން އަންގައިފިއެވެ. ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށަކާ ގުޅިގެން ވިލާއާ އެއްކޮޅަށް ދަށު ކޯޓުން ނިންމާފައި އޮތް މައްސަލަ ހައި ކޯޓުން އަނބުރާލައި ވިލާއާ ދެކޮޅަށް މައްސަލަ ނިންމައިފިއެވެ.

ނަމަވެސް މި ފަހަރު ގާސިމް ހުންނެވީ ދޫދެއްވާ ކަހަލަ ރޫހެއްގައެއް ނޫނެވެ. ޖޭޕީ އޮތީ ވަރަށް ރަނގަޅަށް ސަރުކާރު ސައިޒްކުރުމަށް ތައްޔާރުވެގެންނެވެ.

މަސީހްގެ ވޯޓު އިދިކޮޅު ފަރާތްތަކުގެ ކޮޅަށް ލެނބިގެން ދިޔަ ނުދިނުމަށް މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސަރުކާރުން ހިންގާ އިތުރު ކަންކަމުގެ ތެރޭގައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މުލިއާ ގެއަށް ކޮށްފައިވާ ޚަރަދުތަކާ ގުޅިގެން ދަރިކަލުން ފާރިސް މައުމޫނު އިރުއިރުކޮޅާ ފުލުސް އޮފީހަށް ދަމަނީއެވެ. ދުވާލަކު ދެތިން ފަހަރު ވެސް ފުލުސް އޮފީހަށް ގެންދަނީ އެވެ. މީގެ އިތުރުން ވެސް މެންބަރުންނަށް ފާޅުގައި ބިރު ދައްކަނީއެވެ.

ޕީޕީއެމުން ބުދަ ދުވަހު ބޭއްވި ޖަލްސާއެއްގައި ދަނގެތި ދާއިރާގެ ޕީޕީއެމް މެންބަރު އިލްހާމް އަހްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވޯޓުދެއްވާނީ ހޫނު ފެނުގައި އަތްލަން ބޭނުންވާ މެންބަރުން ކަމަށެވެ.

"ހޫނުފެން އެޅޭނެ. އަޅުގަނޑުމެންގެ ތެރެއިންވެސް އެކަން ކުރާ މީހުންގެ ފަޔަށް ހޫނުފެން އެޅޭނެ. އެއްވެސް މީހަކީ ސާފުތާހިރު މީހުއް ނޫން،" މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓް ކާމިޔާބު ވާނެ ކަމަށް، އެ މައްސަލަ ހުށަހެޅި ގުޅިފައިވާ ޕާޓީތަކުން ބުނަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި، އަދި ޕީޕީއެމްގެ މެމްބަރުންނަށް އިންޒާރު ދެއްވުމުގެ ގޮތުން އިލްހާމް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ތެރެއިން މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެހެން ހީވާ ނުވަތަ އެ ކަމަށް ތާއީދުކޮށް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ސޮއިކުރެއްވި ބައެއް މެންބަރުންނަށް ވެސް ބިރު ދެއްކުމުގެ ވާހަކަތައް ދަނީ އަޑު އިވެމުންނެވެ. އިދިކޮޅު ފަރާތްތަކަށް ވެސް އިންޒާރުގެ ތަފާތު އެކި މެސެޖްތައް ދަނީ ލިބެމުންނެވެ. މީގެ އިތުރުން މި ކަމަށް ވާގިވެރިވާހެން ހީވާ ކޮންމެ މީހަކާ މެދު ވެސް ސަރުކާރުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް ގެންދަނީ އަޅަމުންނެވެ. އެ ގޮތުން މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފައެވެ.

މައްސަލަ ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ހަމައެކަނި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނޫނެވެ. ޚުދު ރައީސް އަބްދުﷲ ޔާމީން ވެސް އެހެން ވިދާޅުވެފައި ވެއެވެ. ރައީސް ވިދާޅުވެފައި ވަނީ އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ސަރުކާރު ވައްޓާލަން މަސައްކަތެއް ކަމަށެވެ.  

ރައީސް ޔާމީނާއި ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުންގެ އިންޒާރުތަކުން ހަގީގަތުގައި ވެސް ސަރުކާރު ޖެހިލުންވެއްޖެކަން ވަރަށް ރަނގަޅަށް ދަނީ ސާބިތުވަމުންނެވެ. އަދި މިކަމުގައި ސަރުކާރަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނެކަން އެދަނީ ފެންނަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް