ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 19:29
އެއަރޕޯޓުން އެތެރެވާ މީހުން ސްކްރީންކުރަން ހަރުކޮށްފައިވާ ތަރމަލް މޮނީޓަރެއް
އެއަރޕޯޓުން އެތެރެވާ މީހުން ސްކްރީންކުރަން ހަރުކޮށްފައިވާ ތަރމަލް މޮނީޓަރެއް
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
މަގޭ ރިޕޯޓް
ކަންކަން ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމެއް މިއަދަކު ހަމަ ނެތީތޯ؟
 
ސަރުކާރުން މިކަމުގައި ރައްޔިތުންގެ އަޑުއަހާފައެއް ނުވޭ
 
ރައްޔިތުންވަނީ ފުރަތަމަ ދުވަހުން ފެށިގެން ޗައިނާއިން މީހުން އެތެރެވުން ހުއްޓުވަން ގޮވާލާފައި

"ހާދަ އުއްމީދަކުން ގެނައި ސަރުކާރެކޭ، މިއަދު އެ އުއްމީދުތައް ފަނޑުވަމުން ދާތީ ހާދަ މަ ދެރަވެއޭ" މިއީ އެކުވެރިއަކު އަޅުގަނޑު ގާތު ދެއްކި ވާހަކައެކެވެ. އެކުވެރިޔާ މި ހިޔާލު ފާޅުކުރީ، ރާއްޖެއިން ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހަކު ކަރަންޓީނު ކުރިކަން އިއުލާންކުރި ނޫސްވެރިންގެ ބައްދަލުވުން އަޑުއަހަން ހުރެއެވެ. އުއްމީދު ފަނޑުވީ ސަބަބު އަހާލުމުން އެކުވެރިޔާ ދިނީ ކުރު ޖަވާބެކެވެ. "މިހާރު އެމީހުން އަހަރުންގެ އަޑުއެހުން ހުއްޓާލައިފި" މިހެންނެވެ.

މި ދެއްކި ވާހަކައާ މެދު އަޅުގަނޑުވެސް ވިސްނާލުމުން، އެކުވެރިޔާ މިހެން ބުނަން ޖެހުނީ ސަބަބުތަކެއް ހުރެގެންކަން ގަބޫލުކުރަން ޖެހުނެވެ. ހާއްސަކޮށް މުޅި ދުނިޔެއަށް އޭގެ ނުރައްކާހުރި ކަމަށް ބައިނަލްއަގްވާމީ ސިއްހަތު ޖަމިއްޔާއިންވެސް ކަނޑައަޅާފައިވާ ކޮރޯނާވައިރަސްއާ ގުޅިގެން ނިންމި ނިންމުންތަކުގައި ރައްޔިތުންގެ ބަހެއް ނުހޯދުނު ތަނުގައި، ރައްޔިތުން އެކި މަންސަތަކުގައި ފާޅުކުރި ހިޔާލެއްވެސް ބަލައިގަނެފައެއް ނުވެއެވެ.

މިވައިރަސްގެ ވާހަކަ ބައިނަލްއަގްވާމީ ސަމާލުކަމަށް އައުމާއެކުވެސް، ދިވެހިންގެ ކަނބޮޑުވުންތައް ސޯޝަލް މީޑިއާގައި ފާޅުކުރަން ފެށިއެވެ. ހާއްސަކޮށް ވައިރަސް އެންމެ ފުރަތަމަ ޗައިނާއަކީ، އެއް ގައުމަކުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަށްވާތީއެވެ. އަދި ކަންދިމާކުރި ގޮތުން، މިއީ ޗައިނާގެ އައު އަހަރުގެ ދުވަސްވަރު ކަމަށްވެފައި، ރާއްޖެއަށް އަންނަން ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް އޮތީ ރާވާފައެވެ.

އެންމެ ފުރަތަމަވެސް، އެގައުމުން ރާއްޖެއަށް އަންނަ އެންމެން އައުން މަނާކުރަން ދިވެހިން ސަރުކާރަށް ގޮވާލަން ފެށިއެވެ. ދިވެހިންގެ ސިއްހަތާއި މުޖުތަމައުގެ ދުޅަހެޔޮކަން، ފަތުރުވެރިކަމުން ލިބޭ ފައިސާއަށް ވުރެ އިސްކުރަން ގޮވާލިއެވެ. ނަމަވެސް، ސަރުކާރުން އޭރުވެސް ބުނަމުން ދިޔައީ ރާއްޖެ އޮތީ މި ބަލިން ރައްކާތެރިވުމަށް ތައްޔާރުވެފައި ކަމަށާއި، ވަރަށް ގާތުން ހާލަތު ބަލަމުން އަންނަ ކަމަށެވެ.

މިހެން ބުނުމަކުންވެސް ރައްޔިތުންގެ ރާގު ބަދަލެއް ނުވެއެވެ. ގޮތް ނޭނގޭ ވައިރަހަކަށް ވެފައި، ގައިން ގަޔަށް އަރީ ބައްޔަކަށް ވުމުން، އަޑު ފަނޑުވުމެއްނެތި ރައްޔިތުން އެއް އަޑަކުން ގޮވާލަމުން ދިޔައީ ޗައިނާއަށް ރާއްޖެ ބަންދުކުރުމަށެވެ. އެނޫންގޮތެއް ނެތް ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވުނު ހިނދު ސަރުކާރަށް އެކަން ގަބޫލުނުކުރެވުނުކަމީ ހަގީގަތެވެ.

ރައްޔިތުންގެ އަޑު އެހުމުގެ ބަދަލުގައި ސަރުކާރުން އަޑުއެހީ ވިޔަފާރިވެރިންގެ ވާހަކައެވެ. ސްޓޭކްހޯލްޑަރސްއޭ ކިޔާ އެންމެ ފަހު ގަޑީގައިވެސް ގޮތް ނިންމުމުގައި އިސްކުރީ އެވެރިންގެ ބަހެވެ. އެތައް ރައްޔިތުންނެއް ގޮވާލި ކަމެއް ކުރަން ފެހި ސިގްނަލް ދިނީ އެ ވިޔަފާރިވެރިންގެ ރުހުމާއެކީގައެވެ. ކިހާ ދެރަ ކަމެއްތޯއެވެ.

ސަރުކާރަކީ ރައްޔިތުންގެ އަޑުއަހާ އެ އަަޑު އިއްވާ، އެ ރައްޔިތުންގެ ހިޔާލާ ޝުއޫރާ އެއް ގޮތަށް ކަންކަން ނިންމަން އޮންނަ ސަރުކާރަކަށް ވީހިނދު، ކަންކުރީ ދިމާ އިދިކޮޅަށެވެ. ތިމަންނާމެން މިތިބީ ސަމާލުވެގެންނޭ ބުނެ ބުނެ ތިއްބާ މިވައިރަހަށް ޝައްކުކުރެވޭ މީހަކު ފެނުނީއެވެ. ސްކްރީން ކުރަން ހުރި ތަރމަލް މޮނީޓަރުތަކުން އަޅައެއް ނުގަނެއެވެ. އަލާމާތްތައް ފެނުނީ މާ ފަހުންނެވެ.

ދެން އެކަން ހާމަކުރައްވާ ދެއްކެވި ވާހަކަތައް ދެކޮޅު ނުޖެހެއެވެ. އެކަކާވެސް ކޮންޓެކްޓް ނުވާކަމަށް ރައްޔިތުން ކައިރީ ބުނި ނަމަވެސް، އޭނާ ހުރީ ފޭސް މާސްކެއް އަޅައިގެންތޯ ނުވަތަ ނޫންތޯވެސް ހާމައެއް ނުކޮށްދެވުނެވެ. މައުލޫމާތު ހޯދަން އޮފިޝަލުން ގާތު، ޙުދު އަޅުގަނޑު އެކަނިކުރި މަސައްކަތްވެސް ދިޔައީ ފަންފުލުންނެވެ.

ސަރުކާރަށް ކުރިމަތި ކުރަން އޮތް ސުވާލަކީ، އަދިވެސް ރައްޔިތުންގެ އަޑުއަހާކަށް ނުވޭތޯއެވެ. ގޮތް ނިންމުމުގައި ރައްޔިތުންގެ ބަހެއް ހޯދާކަށް ނުވޭތޯއެވެ. ދެންވެސް، ގޮތް ނިންމުމުގައި މި ރައްޔިތުންގެ އަޑުއަހާށެވެ. ވަގުތު ފާއިތުނުވާނީސް އަޑުއަހާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
7%
29%
7%
43%
0%
14%
ކޮމެންޓް