ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 12:09
ބީއެމްއެލްގެ އިވެންޓެއްގައި އެ ކުންފުނީގެ އިސްވެރިންނާއި، އެމްއެމްއޭގެ ގަވަރުނަރު
ބީއެމްއެލްގެ އިވެންޓެއްގައި އެ ކުންފުނީގެ އިސްވެރިންނާއި، އެމްއެމްއޭގެ ގަވަރުނަރު
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް
2019 ވަނަ އަހަރު ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 962 މިލިއަން ރުފިޔާ
 
ހިންގުމުގެ ފައިދާ ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު %2 އިތުރުވެފަ
 
ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި އަހަރުގެ ފަހު ކުއާޓާގައި ލިބިފައިވަނީ 209 މިލިއަން ރުފިޔާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2019 ވަނަ އަހަރު ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 962 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ހާމަކުރި 2019 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި އަހަރުގެ ފަހު ކުއާޓާގައި ލިބިފައިވަނީ 209 މިލިއަން ރުފިޔާ އެވެ. ބީއެމްއެލުން ބުނީ އަހަރުގެ ފަހު ކުއާޓާގައި ހިންގުމުގެ ޚަރަދާއި އިންވެސްޓްމަންޓް އަދި ޕްރޮވިޝަން ޗާރޖު އިތުރުވެފައިވީ ނަމަވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ވަނީ ރަނގަޅު ފައިދާއެއް ހޯދިފައިކަމަށެވެ. އެގޮތުން ބޭންކުގެ އެސެޓް 491 މިލިއަނާ ހަމަޔަށް އިތުރުވެފައިވާއިރު ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީ ގައި ހިފެހެއްޓިފައިކަމަށް ބޭންކުން ބުންޏެވެ.

2019 ވަނަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ހިންގުމުގެ ފައިދާ ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު %2 އިތުރުވެފައެވެ. ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ވަނީ 962 މިލިއަން ރުފިޔާ ލިބިފައެވެ. ހިންގުމުގެ ޚަރަދާއި ޕްރޮވިޝަން ޗާރޖު އިތުރު ވެފައިވާތީ ކުރިންވެސް ލަފާކުރެވުނު ފަދައިން މިއީ ކުރީ އަހަރާ އަޅާބަލާއިރު ދަށް އަދަދެކެވެ. ބޭންކުން ދޫކޮށްފައިވާ ލޯނުއިތުރުވެ، ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހޯދުނު ކާމިޔާބާއެކު ބޭންކުގެ ބެލެންސް ޝީޓަށް ވަނީ 3 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިފައެވެ.

އަހަރުގެ ފަހު ކުއާޓަރގައި ބީއެމްއެލް އިން ވަނީ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލެ އާއި ހުޅުމާލޭގައި ބިޒްނަސް ސެންޓަރ ހުޅުވައިފައެވެ. އަދި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފައިިސާގެ މުއާމަލާތް ކުރެވޭނެ ހިދުމަތްތައް ވެސް ވަނީ ތައާރަފްކޮށްފައެވެ. އަދި ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖޭއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. ވެލިދޫގައި ބްރާންޗެއް ވަނީ ގާއިމްކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ކުރިޔަށްގެންދާ 'އަހަރެންގެ ބޭންކު' ޕްރޮގްރާމްގެ ދަށުން ވަނީ ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަަމައަށް ފައިދާ ކުރަނިވި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން ފާއިތުވެދިޔަ ކުއާޓަރގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުއަށް ފައިދާ ކުރަނިވި 10 ޕްރޮޖެކްޓް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބޭނުން ބުންޏެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް ބީއެމްއެލް އިން ވަނީ މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައެވެ.

އަހަރުގެ ފަހު ކުއާޓާގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއަހަރުވެސް ބީއެމްއެލްގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވިގެންދާނެކަމަށާއި، އެގޮތުން އިތުރުވަމުން އަންނަ ކަސްޓަމަރުންގެ ޑިމާންޑަަށް ބަލައި، ކަސްޓަމަރުންނަށް ފުރިހަމަކަމާއި ފަސޭހަމަކާއެކު ބޭނުންކުރެވޭނެ ހިދުމަތް ދިނުމަށް ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރެވިގެންދާނެކަމަށެވެ. އަދި މި ކުއާޓަރގައި އިތުރު ސެލްޕް ސަރވިސް ބޭންކިންގ ސެންޓަރުތައް ގާއިމް ކުރެވިގެންދާނެކަމަށާއި އެކައުންޓް އޯޕަނިންގ ސެންޓަރަކާއި ލޯން ސެންޓަރ އެއްވެސް ހުޅުވިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ. މީގެއިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރާ ލޯނާއި ފައިނޭސިންގ ޕްރޮޓަކްޓްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ކުންފުނީގެ ސީއީއޯ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބޭންކުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް