ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 09:06
ދުބާއީ އިންޓަނޭޝަނަލް ކަޕްގައި ވާދަކުރާ ޓީމާ ދެ ވަޒީރުން ބައްދަލުކުރެއްވުން
ދުބާއީ އިންޓަނޭޝަނަލް ކަޕްގައި ވާދަކުރާ ޓީމާ ދެ ވަޒީރުން ބައްދަލުކުރެއްވުން
އެފްއޭއެމް
ވިޒިޓް މޯލްޑިވްސް ދުބާއީ އިންޓަނޭޝަނަލް ކަޕް
ދުބާއީ އިންޓަނޭޝަނަލް ކަޕްގައި ވާދަކުރާ ޓީމާ ދެ ވަޒީރުން ބައްދަލުކުރައްވައިފި
 
މިއީ މިފަދަ މުބާރާތެއްގައި ޒުވާން ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރު
 
ވިޒިޓް މޯލްޑިވްސް ދުބާއީ އިންޓަނޭޝަނަލް ކަޕް އޮންނާނީ ފެބްރުއަރީ 13-15 އަށް

އަންނަ މަހު ދުބާއި ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވިޒިޓް މޯލްޑިވްސް ދުބާއީ އިންޓަނޭޝަނަލް ކަޕް" ގައި ވާދަކުރާ ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމާ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ބައްދަލުކުރައްވައިފި އެވެ.

މިދިޔަ އަހަރު ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އާއެކު ބޭއްވި ފުޓްބޯލް ފިއެސްޓާ އަށް ފަހު ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ވަނީ މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމު ވާދަކުރާނެކަން އިއުލާނުކޮށްފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ތަނަވަސްކޮށްދިންއިރު، މުބާރާތަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާއިންނެވެ. މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް" ވަނީ ހަމަޖައްސާފައެވެ.

މުބާރާތުގައި ވާދަކުރާ ޒުވާން ޓިމާއި ބުރާސްފަތި ދުވަހުގެރޭ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދުގެ އިތުރުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ހޮޓެލް ޖެންގައެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވީ މި މުބާރާތަކީ ރާއްޖެއަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިއީ ދިވެހި ސަރުކާރާއި އެފްއޭއެމް ގުޅިގެން ނެގި ވަރަށް ބޮޑު ނިންމުމެއް ކަމަށާއި، މިއީ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުޅެލަން ލިބޭނެ އެންމެ ފެންވަރު ރަނގަޅު އެއް މުބާރާތް ކަމަށެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ މި މުބާރާތަށް ދިޔުމުގެ ޚަރަދު އެ ވުޒާރާއިން ބަލަހައްޓާއިރު، މި މުބާރާތަށް އެކަނިވެސް މިލިއަނެއްހާ ރުފިޔާ ޚަރަދުވާ ކަމަށެވެ. އަދި މި މުބާރާތުގެ އަމާޒަކީ ކޮންމެހެން ތަށި ގެނައުން ނޫން ކަމަށާއި މިކަމަކީ ފުޓުބޯޅަ ކުރިއަރުވަން، މުސްތަގުބަލަށް ރަނގަޅަކަށް ކުރާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޒުވާން ޓީމުގެ ކޯޗު އިސްމާއިލް އާސިފު (ކުޑަ ހީނާ) އަށް ހަވާލު ކުރި މަސައްކަތަކީ ދެ އަހަރުގެ ތެރޭގައި 16 އަހަރުން ދަށުގެ ޓީމެއް ބިނާ ކުރުން ކަމަށެވެ. އަދި އެކަން ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގެ މެޗުތަކެއްގެ ތަޖުރިބާ މުހިންމު ކަމަށާއި އެކަމަށް މިއަދު ފުރުސަތު ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ދުބާއީގައި މިއަންނަ ފެބްރުއަރީ މަހުގެ 13 އިން 15 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އާއި ބަޔާން މިޔުނިކާއި އިންޓަ މިލާނާއި އާސެނަލް އާއި ޕޯޓޯގެ އިތުން މިސްރާއި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ބައެއް އެހެން އެކެޑެމީތަކުންވެސް ވާދަކުރާނެއެވެ. މި މުބާރާތުގައި ރާއްޖެއާ އެއް ގުރޫޕަކަށް ލައްވާލީ އާސެނަލާއި ދުބާއީގެ އިތުރުން ސައުދީ އަރަބިއްޔާގެ އެކެޑަމީ ޓީމުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް