ކ. މާލެ
|
29 ޖެނުއަރީ 2020 | ބުދަ 13:06
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ކުއްލި ބައްދަލުވުން
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ކުއްލި ބައްދަލުވުން
ޔޫސުފް ސޮފްވާން ރަޝީދު
ރަށްގިރުން
ފާއިތުވި ދުވަސްތަކުގައި ރަށްގިރުން އާދަޔާ ޚިލާފަށް އިތުރުވެ، ކޮމިޓީގެ ކުއްލި ބައްދަލުވުމެއް!
 
މެމްބަރުންގެ ފަރާތުން ވަނީ 4 ކަމެއް ހުށައަޅާފައި
 
ރަށު ކައުންސިލުތަކުން މަޖިލީހާ ހިއްސާކޮށްފައިވާ ބައެއް ފޮޓޯތައް ދައްކާލާފައިވޭ
 
ފާއިތުވި 20 ދުވަހުގެ ތެރޭގައި އެ މައްސަލަ ވަރަށް ބޮޑަށް ފާހަގަވެފައިވޭ

ފާއިތުވި ދުވަސްތަކުގައި އިރުވައި މޫސުމުގެ ހަޅަޖެހިއިރު ރަށްގިރުން އާދަޔާ ޚިލާފަށް އިތުރުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ.

މަޖިލިސް ޗުއްޓީގައި އޮއްވައި ބޭއްވި މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، ރައީސް ނަޝީދު ވިދާޅުވީ، ފާއިތުވި 20 ދުވަހުގެ ތެރޭގައި މޫސުމީ ހަޅައަށްފަހު އާދަޔާ ޚިލާފަށް ރައްޖޭގެ ރަށްރަށަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން މަޖިލީހަށް ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން މިކަމަކީ ކުއްލި ގޮތަކަށް ހައްލެއް ގެނެވޭނެ ކަމެއް ނޫން ނަމަވެސް އެކަމުން އަރައިގަތުމަށް މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަތުން މުހިއްމުކަން ރައީސް ފާހަގަ ކުރައްވާފައިވެއެވެ.

ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގަންނަވަނީ

މި ކޮމިޓީ ބައްދަލުވުމުގައި ވަނީ އެކި ރަށްރަށުންނާއި ރަށު ކައުންސިލުތަކުން މަޖިލީހާ ހިއްސާކޮށްފައިވާ ބައެއް ފޮޓޯތައް ދައްކާލާފައެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި އެކަނިވެސް ރަށްރަށަށް ލިބިފައިވާ ގެއްލުންތައް ފޮޓޯތަކުން ފެނިގެން ގޮސްފައިވެއެވެ.

ކޮމިޓީއާ ހިއްސާކޮށްފައިވާ ބައެއް ރަށްރަށުގެ ތެރޭގައި ބ އަތޮޅުގެ ގިނަ ރަށްރަށާއި، ރ އަތޮޅުގެ ރަށްރަށް ހިމެނެއެވެ. އޭގެ އިތުރުން، މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން، ފަޅު ރަށްރަށްވެސް މީގެ ކުރިން ދުވަހަކުވެސް ނުގިރާ މިންވަރަކަށް ގިރަމުން ގޮސްފައިވާކަން ކޮމިޓީގެ މުޤައްރިރުވެސް ވަނީ ފާހަގަކުރައްވާފައެވެ.

އޭގެއިތުރުން، އައްޑޫ މީދޫ ފުއްޓަރާއި ދިމާލުން ގިރަމުން އަންނަ ސަރަޙައްދުގެ ފޮޓޯތައްވެސް ދައްކާލާފައިވާއިރު، މަޖިލީހުގެ ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން އައްޑޫ މީދޫ ކުޅިއަށް ލޮނުފެން ވަދެ، ތިމާވެށީގެ ގޮތުން ބޮޑު ގެއްލުންތަކެއް ލިބިގެން ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އޭގެއިތުރުންވެސް، ނ ފޮއްދޫއާއި، ގދ ނަޑެއްލާއާއި، ދ ވާނީއާއި، ހއ ވަށަފަރުގެ އިތުރުންވެސް ގިނަ ރަށްރަށުގެ ފޮޓޯތައް ކޮމިޓީގައި ދައްކާލާފައިވެއެވެ.

ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ބައެއް ރަށްރަށުގެ ފޮޓޯތައް ދައްކާލަނީ

ކޮމިޓީން 4 ހުށައެޅުމެއް ވަނީ ހުށައަޅާފައި!

މި ބައްދަލުވުމުގައި ވާހަކަދެއްކެވި މެމްބަރުންގެ ފަރާތުން ވަނީ ރަށް ގިރުމާއި ގުޅޭގޮތުން ފާހަގަވެފައިވާ ގިނަ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ކޮމިޓީ މެމްބަރުންގެ ފަރާތުން ވަނީ 4 ކަމެއް ހުށައަޅައި އެކަމަށް މެމްބަރުންގެ މެެދުގައި އެއްބަސްވެވަޑައިގެންފައެވެ.

ކޮމިޓީގެ މެމްބަރުން ފާހަގަކުރައްވާފައިވާ ގޮތުގައި ފާއިތުވި ދުވަސްތަކުގައި އިރުވައިމޫސުމުގެ ހަޅަ ޖަހާފައިވަނީ އެހެން އަހަރުތަކާއި ޚިލާފަށެވެ. އެގޮތުން ހަޅަ ޖަހާފައިވާ މުއްދަތާއި، ހަޅަ ޖަހާ ދިމާވެސް އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ތަފާތުކަން މެމްބަރުން ފާހަގަ ކުރެއްވިއެވެ.

އެކަންކަމަށް ރިއާޔަތްކޮށް މެމްބަރުން ހުށައަޅުއްވާފައިވާ ކަންކަމަކީ ރާއްޖެއަށް ދިމާވަމުންދާ ރަށް ގިރުމުގެ މައްސަލަ ބައިނަލްއަޤުވާމީ ސަމާލުކަމަށް ގެނައުމާއި، މިކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއި ވުޒާރާތަކުން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް ދެނެގަތުމާއި، އެކަންކަމާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް އެންވަޔަރމަންޓް މިނިސްޓަރ ކޮމިޓީއަށް ހާޒިރު ކުރުމުގެ އިތުުރުން، ރަށްގިރުމުގެ މިންވަރު އޮތީ ކިހާ ހިސާބެއްގައިކަން ދެނެގަތުމަށް ދިރާސާ ރިޕޯޓެއް އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށައެޅުން ހިމެނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
50%
50%
0%
0%
ކޮމެންޓް