ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 15:41
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ޔާމީންގެ ޝަރީއަތް
ރައީސް ޔާމީނުގެ ޝަރީޢަތް: ހުކުމް ތަންފީޒު ކުރުން ފަސްކުރުމާއި، ކަފާލާތުގެ އަމުރާ ގުޅޭ އަޑުއެހުންތައް ނިންމާލައިފި
 
ހުކުމް ތަންފީޒު ކުރުން ފަސްކުރުުގެ އަމުރާއި ކަފާލާތުގެ ދަށުން މިނިވަން ކުރުމުގެ އަމުރު ނެރުމަށް ދައުލަތުން ދެކޮޅު
 
ދެން އޮންނަ އަޑުއެހުމުގައި އެ ދެ އަމުރާމެދު ގޮތެއް ނިންމާނެ
 
އިސްތިއުނާފު މައްސަލައިގައި މައުލޫއީ ގޮތުން ކުރިއަށް ގެންދާނީ އެ ދެ އަމުރާމެދު ގޮތެއް ނިންމާފައި

ކްރިމިނަލް ކޯޓުން ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ޢަމުރެއް ނެރެދިނުމަށާއި ކަފާލާތުގެ ދަށުން ރައީސް ޔާމީން ބަންދުން މިނިވަން ކޮށްދިނުމަށް ހައިކޯޓުގައި އެމަނިކުފާނުގެ ފަރާތުން އެދިފައިވާ ޢަމުރު ނެރެދިނުމަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ ޢަމުރެއް ނެރެދިނުމާއި، ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމުގެ ޢަމުރެއް ނެރެދިނުމަށް ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ، މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވާކަމަށް ނިންމައި، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައިވާ މައްސަލައިގެ ތެރެއިން ނެވެ.

އަންގާރަ ދުވަހު ހައިކޯޓުގައި ބޭއްވި މިމައްސަލައިގެ ފުރަތަމަ ޝަރީޢަތުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައިވާ ކްރިމިނަލް ކޯޓުގެ ޙުކުމާ ގުޅޭގޮތުން މައުލޫއީ ގޮތުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ކުރިއަށް ގެންދިޔައީ، އެމައްސަލައިގެ ތެރެއިން ރައީސް ޔާމީނުގެ ފަރާތުން އެދިލައްވާފައިވާ ދެ ޢަމުރާ ގުޅޭ އަޑު އެހުމެވެ. އެގޮތުން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުމުގެ ޢަމުރާއި ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް އެދިފައިވާ ޢަމުރާ ގުޅޭގޮތުން ރައީސް ޔާމީނުގެ ފަރާތުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވާހަކަ ދެއްކުމުގެ ފުރުޞަތު ދެއްވާފައިވެ އެވެ. އަދި އެ ދެ ޢަމުރު ނެރެދިނުމަށް އެދިފައިވާތީ، މިމައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވެސް ގިނަ ސުވާލުތަކެއް ދިފާޢީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ޢަމާޒުވެގެން ދިޔަ އެވެ.

ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ، މުޙައްމަދު ޖަމީލު އަޙްމަދު ވަނީ ވަރަށް ދިގުކޮށް، ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމް ފަސްކޮށްދިނުމުގެ ޢަމުރެއް ނެރެދިނުމަށާއި ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް އެދިފައިވާ ޢަމުރާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ޖަމީލު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ޙުކުމަކީ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ ފަރާތުން އިސްތިޢުނާފު ކޮށްފައިވާ މައްސަލަ ނިމެންދެން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ޢަމުރެއް ނެރެދިނުމަށާއި ނުވަތަ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކޮށްދިނުމުގެ ޢަމުރެއް ނެރެދިނުމަށެވެ،

ޖަމީލު ވިދާޅުވީ ކަފާލާތުގެ ދަށުން މިނިވަން ކުރުމަކީ ޤާނޫނުއަސާސީން ލިބިދޭ އަސާސީ ޙައްޤެއް ކަމަށާއި، އަދި ކަފާލާތުގެ ދަށުން މިނިވަން ކުރުމަކީ މިނިވަން ޑިމޮކްރަސީ ހިނގާ ޤައުމުތަކުގައި ޢަމަލު ކުރަމުންދާ ގޮތެއް ކަމަށެވެ. ޖަމީލު ވިދާޅުވީ ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައިވާތީ، ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ޢަމުރެއް، އަދި ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމުގެ ޢަމުރެއް ހައިކޯޓުން ނެރެދެއްވަން ޖެހޭ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ޤާނޫނުއަސާސީއާއި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ޤާނޫނާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށާއި އެހެންކަމުން ކްރިމިނަލް ކޯޓުގެ އެ ޙުކުމް ބާޠިލު ކުރަންޖެހޭ ތަނެއް ނެތް ކަމަށެވެ.

އެހެންކަމުން އެ ޙުކުމް ތަންފީޒު ކުރުން ފަސްކުރަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށާއި ކްރިމިނަލް ކޯޓުގެ އެޙުކުމުގައި ގޯސްތަކެއް ހެދިފައިވާނަމަ، ނުވަތަ ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިޢުނާފު މައްސަލައިން ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ބާޠިލުވާވަރުގެ ގޯސްތަކެއް ފެންމަތިވެފައިވާނަމަ، އިސްތިޢުނާފު މަރުޙަލާ ނިމެންދެން ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ޢަމުރެއް ނެރުމުގެ ފުރުޞަތު އޮތްނަމަވެސް، އަދި މިހާތަނަށް އެފަދަ އެއްވެސް ޙާލަތެއް މެދުވެރި ނުވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

މީގެއިތުރުން ވަކީލާ ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރުމުން، ރައީސް ޔާމީނަކީ ބޮޑެތި ކުށްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަރާތަކަށްވާއިރު، ދަށު ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިޢުނާފު ކުރުމަކީ ދަށު ކޯޓުގެ ޙުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވަނީ ފަސް އަހަރުގެ ޖަލު ޙުކުމެއް ކަމަށާއި، އަދި ރައީސް ޔާމީނުގެ އެ ޙުކުމް ތަންފީޒު ކުރާތާ އަދި މިވީ 60 ވަރަކަށް ދުވަސް ކަމަށާއި އެހެންކަމުން ހުކުމުގެ ބޮޑުބައި އަދި ކުރިއަށްދާއިރު، މިހާރު މިވަނީ ހައިކޯޓުގައި އިސްތިޢުނާފުގެ މަރުޙަލާ ފެށިފަ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް ލިބިދެންޖެހޭ އެއްވެސް ހައްޤެއް ގެއްލިގެންދާ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އަދި ދަށު ކޯޓުން ކުރާ ޙުކުމް ހައިކޯޓަށް އިސްތިޢުނާފަށް ހުށަހަޅާ ކޮންމެ ފަރާތަކަށް ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ޢަމުރެއް ލިބިދޭންޖެހޭ ކަމަށް ޤަބޫލު ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫންކަމަށްވެސް ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ކަފާލާތުގެ ދަށުން ބަންދުގައި ހުރި މީހަކު ދޫކޮށްލުމުގެ ދެ މަރުޙަލާއެއް އޮންނަ ކަމަށެވެ. އެގޮތުން ފުރަތަމަ މަރުޙަލާއަކީ، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ، ކަފާލާތުގެ ދަށުން ދޫކޮށްލުމެވެ. ދެވަނަ މަރުޙަލާއަކީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހާކު ކަފާލާތުގެ ދަށުން ދޫކޮށްލުން ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު ކަފާލާތުގެ ދަށުން ދޫކުރުމަކީ ދުނިޔޭގެ ޤައުމުތަކުގެ ކުރަމުންއަން ކަމެއް ކަމަށާއި އެގޮތުން ރާއްޖޭގައި ވެސް އެކަމަށް އުޞޫލެއް އޮންނަ ކަމަށެެވެ. އަދި ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނަ މީހަކީ ކުށްވެރިޔަކަށް ނުވާ ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ، އޭނާ ކަފާލާތުގެ ފަށުން މިނިވަން ކުރުމާއި ޙުކުމެއް ތަންފީޒު ކުރަމުންދާ މީހަކު، ނުވަތަ ކުށްވެރިޔަކު ކަފާލާތުގެ ދަށުން މިނިވަން ކުރުން، އެއީ ތަފާތު ދެކަމެއް ކަމަށެވެ. އަދި ޙުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކާފާލާތުގެ ދަށުން މިނިވަން ކުރެވޭނެ އުޞޫލެއް ނެތް ކަމަށާއި ކަފާލާތާގުޅޭ ޤާނޫނެއް ވެސް ރާއްޖޭގައި ނެތްކަމަށެވެ.

ދައުލަތުން އެދިފައިވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމަކީ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި އަދި އިޖުރާޢަތްތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށާއި އެހެންކަމުން އެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ޢަމުރާއި ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށް އެދިފައިވާ ޢަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާ ދެއްވުމަށެވެ.

ހައިކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރަކީ ފަނޑިޔާރު ޙުސައިން މަޒީދު އެވެ. ދެން ތިއްބަވާ އަނެއް ދެ ފަނޑިޔާރުންނަކީ ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ނިޔާޒު އެވެ.

ފަނޑިޔާރު ޙުސައިން ޝަހީދަކީ، ރައީސް ޔާމީނުގެ ވެރިކަމުގައި، ކްރިމިނަލް ކޯޓަށް ޢައްޔަނުކުރި އެކޯޓުގެ ކުރީގެ އިސް ގާޒީ އަދި ރައީސް ޔާމީނުގެ މަނީ ލޯންޑަރިންގ މައްސަލަ ކުރިން ބެއްލެވި އެކޯޓުގެ ކުރީގެ ގާޒީ އަޙްމަދު ހައިލަމް އާއެކު ކްރިމިނަލް ކޯޓަށް ޢައްޔަނު ކުރެއްވީ ގާޒީ އެކެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގެ ފަހުކޮޅު ޝަހީދު ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރައްވާފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
80%
0%
20%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި