ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 07:35
ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން
ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން
ޓްވިޓަރ
ފޮރިން މިނިސްޓްރީ
އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ވަފުދެއް ފޮރިން މިނިސްޓަރުގެ އަރިހަށް ޒިޔާރަތް ކުރައްވައިފި
 
ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސީނިއަރ ހިއުމަން ރައިޓްސް އެޑްވައިސަރ އާ ވެސް ބައްދަލުކުރެއްވި
 
އިންސާނީ ހައްޤުތަކާއި ގުޅޭގޮތުން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި ގުޅޭ މައުލޫމާތު ދެއްވި
 
އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރައްވާ އިސް ވެރިން ބައިވެރިވެ ވަޑައިގެންފައިވޭ

އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ވަފުދެއް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ހޯމަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި އދ ގެ އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރައްވާ އިސް ވެރިން ބައިވެރިވެ ވަޑައިގެންފައިވާއިރު، މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އައު ސަރުކާރު އައުމަށްފަހު އިންސާނީ ހައްޤުތަކާއި ގުޅޭގޮތުން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި ގުޅޭ މައުލޫމާތު ވަފުދުގެ ބައިވެރިންނަށް އަރުވާފައެވެ.

އެގޮތުން ކުޑަކުދިންގެ ހައްޤުތަކާ ގުޅޭ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލު ތަސްދީޤުވެގެން ދިއުމާއި، ލާމަރުކަޒީ ޤާނޫނަށް ގެނެވިފައިވާ އިސްލާހުތަކުގެ އިތުރުން، އޭގެ ސަބަބުން އަންހެނުންނަށް ލިބިގެންދިޔަ ހައްޤުތައް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސީނިއަރ ހިއުމަން ރައިޓްސް އެޑްވައިސަރ ސުޒޭން ޕިޑަރސަންއާވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވަނީ ޕިޑަރސަންއާއި ގުޅިގެން އިންސާނީ ހައްޤުތަކާއި ގުޅޭ މުހިއްމު މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައެވެ.

އޭގެ އިތުރުން، އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ 22 ވަނަ މާއްދާ ދިވެހިރާއްޖެއިން ބަލައިގަތުމަށް ނިންމި ނިންމުމުގެ މައުލޫމާތުވެސް މިނިސްޓަރ ވަނީ ވަފުދުގެ ބޭފުޅުންނަށް އަރުވާފައެވެ.

މި ޑެކްލެރޭޝަންގެ ދަށުން، ރާއްޖޭގެ އިޙްތިސާސް ހިނގާ ސަރަހައްދުގައި އުޅޭ ފަރާތްތަކުން، އެފަރާތްތަކަށް ލިބޭ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި އަދަބުތަކާ ގުޅޭ ގޮތުން ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ބާރު ކޮމިޓީއަށް ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް