ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 07:30
އެމްޑީޕީގެ އެސްޖީ އަނަސް އަބްދުއްސައްތާރު
އެމްޑީޕީގެ އެސްޖީ އަނަސް އަބްދުއްސައްތާރު
ޓްވިޓަރ
އެމްޑީޕީ ޕްރައިމަރީ
"ކަޅެއް ގަނޑެއް ޖަހާލުމާއެކު" އަނަސް މާލެސިޓީގެ މޭޔަރ ކަމަށް ނިކުންނަވަނީ 21 ކަމަކައިގެން
 
އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 31 ޖެނުއަރީގައި
 
އަނަސްގެ އިތުރުން ހަ ބޭފުޅަކު މާލެ ސިޓީ މޭޔަރުގެ އެމްޑީޕީ ޓިކެޓަށް ކުރިމަތިލައްވާފައިވޭ
 
އަނަސް ވަނީ ކުރައްވާނެ ކަންކަމުގެ ލިސްޓެއް ހާމަކުރައްވާފައި

މާލެ ސިޓީ މޭޔަރުގެ ރޭހަށް ނިކުންނެވީ، ހުޅުމާލެ އާއި ވިލިމާލެވެސް ހިމެނޭގޮތަށް، މާލެ ސިޓީގެ ރައްޔިތުންނާ ރައްވެހިންނަށް ކަންތައްތަކެއް ކޮށްދިނުމުގެ ވިސްނުމާއި އަޒުމާއެކީގައި ކަމަށް މާލެ ސިޓީގެ މޭޔަރ ކަމަށް ކުރިމަތިލައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

އަނަސްގެ ވިދާޅުވީ މޭޔަރުކަން ލިބިވަޑައިގެންފިނަމަ ނިންމާ ނިންމުންތައް ނިންމަވާނީ ރައްޔިތުންގެ މަޝްވަރާއަށް ބިނާކޮށް، ކަމާބެހޭ މާހިރުންގެ ފަންނީ ލަފާ އާއި މަޝްވަރާއަށް ބިނާކޮށް ލިބެންހުރި މައުލޫމާތާއި ތަފާސްހިސާބަށް ބަލާ ރިޢާޔަތް ކުރުމަށްފަހު ކަމުގައެވެ. އެގޮތުން ކޮންމެ 3 މަހަކުން 1 ފަހަރު ޓައުން ހޯލް ބައްދަލުވުން ބާއްވާ ކައުންސިލުން ކުރިޔަށްގެންދާ އަދި ކުރަންހުރި މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށް ރައްޔިތުންގެ ލަފާ ހޯއްދަވާނެ ކަމަށް އަނަސް ވިދާޅުވި އެވެ. މީގެއިތުރުން ޝަކުވާ ހުށަހެޅުމަށް ހޮޓްލައިނެއް ގާއިމުކޮށް އަވަސްގޮތެއްގައި ޝަކުވާތަކަށް އިޖާބަދެވޭގޮތްތަކެއް ހަމަޖައްސާނެ ކަމަށް އަނަސް ވިދާޅުވި އެވެ.

އަދި "ވެށިފަހި މާލެ" ކުރިޔަށް ގެންދެވޭނެ ގޮތްތައް ހޯދާ، މާލޭ ރައްވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އަނަސް ވިދާޅުވި އެވެ. މީގެއިތުރުން އަނަސް ވިދާޅުވީ "ކަޅެއް ގަނޑެއް ޖަހާލުން" ރައްޔިތުންނާ ބައްދަލުވެ ހިޔާލު ބަދަލުކޮށްލުމަށް ސައިހޮޓާތަކަށް ގޮސް ރާޒުވާ ނޫނީ ތާސް ގަނޑެއް ޖަހާލުމުގެ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

މާލެ ސިޓީގެ ފެންބޮޑުވުން ހައްލުކުރުމަށް ޒަމާނީ ހައްލުހޯއްދަވައި ދެއްވާނެ ކަމަށާއި ސްމާޓް ސިޓީ އަކަށް މާލެ ހެދުމަށް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓެނެވި ތަރައްޤީއަށް އިސްކަންދެއްވާނެ ކަމަށެވެ. މީގެއިތުރުން ސަރުކާރުގެ ކަމާ ގުޅޭ ފަރާތްތަކާއެކު ހުރިހާ އުމުރު ފުރައެއްގެ ފަރާތްތަކަށް ޚިދުމަތްލިބޭ ކޮމިއުނިޓީ ސެންޓަރުތަކާއި ގެވެށި އަނިޔާފަދަ ހާލަތްތަކުގައިވާ އަންހެނުންނަށް ޝެލްޓަރ އެއް ގާއިމުކުރާނެ ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް އަނަސް ވާދަކުރައްވަން ނިންމަވާފައިވަނީ، އެމްޑީޕީގެ ޓިކެޓުގައެވެ. އެގޮތުން މިމަހުގެ 31 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި، މާލެ ސިޓީ މޭޔަރުގެ ޓިކެޓަށް އަނަސްގެ އިތުރުން ހަ ބޭފުޅަކު ވާދަކުރައްވައެވެ. އެއީ، މިހާރުގެ މޭޔަރ ޝިފާ މުހައްމަދު، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް، ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަނގު)، އަހުމަދު ނިޔާޒް، އިބްރާހިމް ރަޝީދު މޫސާ (ބްރޯ ރަޝީދު) އަދި އަބްދުﷲ ސައީދު އެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ކަންކަން ޕާޓީތަކުންނާއި އަމިއްލަ ކެންޑިޑޭޓުން މިހާރު ގެންދަނީ ކުރަމުންނެވެ. މިއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އައު އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
11%
56%
0%
11%
0%
22%
ކޮމެންޓް