ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ފުލުހުން

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ގޮވާލާ ހިންގާ ހަރަކާތްތަކުގައި ޤާނޫނާއި ޚިލާފު ޢަމަލު ހިންގާކަން ފާހަގަކުރެވޭ: ފުލުހުން

  • ތުހުމަތުކުރެވޭ ފަރާތްތަކަށް އަނިޔާކޮށް ގޯނާކުރުމަށް ހިތްވަރުދީ އަދި އެއީ އެފަދަ ފަރާތްތަކާއި މެދުކަންކަން ކުރަންޖެހޭ ގޮތްކަމަށް ދެއްކުމަށް މަސައްކަތްކުރާކަން ފާހަގަކުރެވޭ
  • ދައުލަތުގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ، ބޭއިންސާފުން ނުވަތަ ޤާނޫނީ ހަމަތަކުން ބޭރުން އެއްވެސް ފަރާތަކަށް އަނިޔާކޮށް ގޯނާކޮށް ނުހެދުމަށް ފުލުހުން އިލްތިމާސްކުރޭ
  • ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ގޮވާލާ ސިލްސިލާ ހަރާކްތަތަކެއް އަންނަނީ ކުރިއަށްގެންދަމުން

ކ. މާލެ | 26 ޖެނުއަރީ 2020 | އާދީއްތަ 00:21 | 4,741

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގޮވާލާ އެއްވުމެއް ބޭއްވި ފަރާތްތަކުން ހޮސްޕިޓަލުގެ ބިއްލޫރިތައް ތަޅާލާފައި - އެމްވީކްރައިސިސް

އާންމު ރައްޔިތުން، ޚާއްސަކޮށް ޒުވާނުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި މުއައްސަސާތައް ޒިންމާދާރުކުރުމަށް އިންތިޒާމްކުރާ އެއްވުންތަކުގައި ބައެއް ފަރާތްތަކުން ޤާނޫނާއި ޚިލާފް ޢަމަލުތައް ހިންގައި ކުޑަކުދިންނާއި އެނޫންވެސް ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ހައްޤުތަކަށް އުނިކަން ލިބި ބިރުވެރިކަން އުފެދޭފަދަ ޢަމަލުތައް ތަކުރާރު ކުރަމުންދާކަން ފާހަގަކުރެވޭކަމަށް ފުލުހުން ބުނެފި އެވެ.

ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ފަރާފައިވާ ހަރަކާތްތަކާއި ގުޅިގެން ފުލުހުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިނުމުގެ މައްސަލަތަކާއި މެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެ މިފަދަ މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އެޅުމުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި އާންމުފަރުދުންވެސް ޒިންމާދާރުކުރުމަށް ބާރުއަޅައި ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާރައްޔިތުން، ޚާއްސަކޮށް ޒުވާނުން ހިންގާ ހަރަކާތްތަކަށް ފުލުހުން މަރުޚަބާ ކިޔާކަމަށެވެ. އަދި މިހަރަކާތްތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ އެފަދަ މައްސަލަތައް ރިޕޯޓުކުރުމާއި ފަސް ޖެހުމެއް ނެތި އެފަދަ މައްސަލަތަކާއި ގުޅޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުމުގެ ރޫހެއް އުފެދިފައިވުމަކީ މުޖުތަމަޢުގެތެރޭގައި އުޅޭ މިފަދަ ޢަމަލުތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބު ދިނުމަށް މަގުފަހިވާނެ ކަމެއްކަމުގައި ދެކޭކަމަށްވެސް ފުލުހުން ބުނެއެވެ.

ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގޮވާލާ ހިންގާ ހަރަކާތްތަކުގައި މީހުން ދިރުއުޅޭ ތަންތަނާއި ހޮސްޕިޓަލު ފަދަ ތަންތަނަށް އެއްވެ އަޑުގަދަކޮށް ހަޅޭއްލަވާ މުދަލާއި ތަކެއްޗަށް ގެއްލުންދީ ޤާނޫނީހަމަތަކާއި އުސޫލުތަކުގެ ބޭރުން މީހުންނަށް އަނިޔާކޮށް ހެދުމުގެ މައްސަލަތައް ކުރިމަތިވަމުންދާކަން ހިތާމައާއިއެކު ފާހާގަކުރާ ކަމަށްވެސް ފުލުހުން ބުނެއެވެ. މިފަދަ ޢަމަލުތަކަކީ ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ދާއިރާތަކުން ބޭރު އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް އެއްވެ އަޑުއުފުލުމުގެ މަޤްޞަދާއިވެސް ޚިލާފް ކަމަކަށްވުމުން އާންމުންނާއި ދައުލަތުގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ، ބޭއިންސާފުން ނުވަތަ ޤާނޫނީ ހަމަތަކުން ބޭރުން އެއްވެސް ފަރާތަކަށް އަނިޔާކޮށް ގޯނާކޮށް ނުހެދުމަށް ފުލުހުން އިލްތިމާސްކުރާ ކަމަށްވެސް މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.

މީގެއިތުރުން ފުލުހުން ބުނީ ބައެއް މީޑިޔާތަކުންވެސް މިފަދަ ކަންކަމާއި ގުޅޭގޮތުން ޚަބަރު ފެތުރުމުގައި މިފަދަ މައްސަލަތަކުގެ ތުހުމަތުކުރެވޭ ފަރާތްތަކަށް އަނިޔާކޮށް ގޯނާކުރުމަށް ހިތްވަރުދީ އަދި އެއީ އެފަދަ ފަރާތްތަކާއި މެދުކަންކަން ކުރަންޖެހޭ ގޮތްކަމަށް ދެއްކުމަށް މަސައްކަތްކުރާކަން ފާހަގަކުރެވޭ ކަމަށެވެ. ކޮންމެ ފަރުދަކާއި މެދުވެސް ޤާނޫނުގައިވާ ގޮތުގެމަތީން ޢަމަލުކޮށް އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރި ކުރުމަކީ މިސަރވިސްގެ މަސްޢޫލިއްޔަތަކަށް ވީހިނދު ކުށުގެ ތުހުމަތު އުފުލޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގައިވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އަދި ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި އެއްގޮތަށް ކަންކަން ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންވެސް ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމަކަށްވީހިނދު މިފަދަ މައްސަލަތައް ބަލާ ތަޙްޤީޤްކޮށް ކުށް ކުރާ ފަރާތްތަކާއި މެދު ޤާނޫނާއި އެއްގޮތަށް ފިޔަވަޅު އެޅުމުގެ ފުރުޞަތު މިސަރވިސްއަށް ފަހިކޮށްދިނުމުގައި ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރުމަށް މިސަރވިސްއިން އެދެމެވެ.

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދީ އެކުދިންނަށް އަމާން ވެއްޓެއް ކަށަވަރުކުރުމުގައި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމުގައި މިސަރވިސްއިން އަބަދުވެސް ދެމިތިބޭނެކަމުގައި ދަންނަވަމެވެ. އަދި ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން އަޑުއުފުލާ، މުއައްސަސާތައް ޒިންމާދާރުކުރުމަށް ގޮވާލާ ފަރާތްތަކުން ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނީ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަރަކާތްތަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މިފަދަ ފުރުޞަތުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ އަނިޔާވެރި ޢަމަލުތައް ހިންގާ ފަރާތްތަކާއި މެދުޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.