ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 14:22
ސްކޫލު ކުއްޖެއް ރަނގަބީލެއް ޖަހަނީ
ސްކޫލު ކުއްޖެއް ރަނގަބީލެއް ޖަހަނީ
ވިކިމީޑިއާ ކޮމޮންސް
ރަނގަބީލު
މިއީ ހަމައެކަނި އަޑެއް ނޫން!
 
އެހެން ސްކޫލުތަކުގައި ވެސް މިކަން ތަންފީޒު ކުރަންޖެހޭ
 
ގިނަ ބައެއްގެ ތައުރީފް ލިބޭ
 
ދަރިވަރުންނާއި ޓީޗަރުން ފެން ބުއިން އާދަކުރެވޭނެ

ރަނގަބީލުގެ އަޑަކީ އަބަދުވެސް ކޮންމެވެސް ހާއްސަ ކަމަކާއި ނުވަތަ މުނާސަބަތަކާއި ގުޅުވައިގެން އިވޭ އަޑެކެވެ. މިސަލާކަށް ބުނާނަމަ ހެނދުނު ހޭލާގަޑީގައި ގަޑިން އިވޭ ރަނގަބީލުގެ އަޑާއި، ސިފައިންގެ މީހުން ހެނދުނު ދިދަ ނަގަން ޖަހާ ރަނގަބީލުގެ އަޑަކީ ވެސް ހަމަ މިފަދަ އަޑެކެވެ.

މިއާއެކު ރަނގަބީލުގެ އަޑު އެންމެ ގިނައިން އިވޭނެ އެއްތަނަކީ ސްކޫލުތަކުގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ކޮންމެ ގަޑިއެއް ނިމުމުން ސްކޫލްތަކުގައި އެގަޑިއެއް ނިމިއްޖެކަން ނުވަތަ އިންޓަވަލް އައިސްފިކަން އަންގައިދެނީ ވެސް މި ރަނގަބީލުންނެވެ.

ރަނގަބީލަކީ ސްކޫލްތަކުގައި މިފަދަގޮތަކަށް ބޭނުންކުރި އެއްޗެއް ނަމަވެސް މީގެ ޒަރިއްޔާއިން އެހެން ކަމެއް ހަނދާން ވެސް ކޮށްދެވިދާނެއެވެ. ދައްކަން މިއުޅޭ ވާހަކައަކީ ފެން ރަނގަބީލުގެ ވާހަކައެވެ.

މިހަ ހިސާބުން ސުވާލަކަށް ވަނީ ފެން ރަނގަބީލަކީ ކޮބައިކަމެވެ. ދައްކަން މިއުޅޭ ވާހަކައަކީ ރާއްޖޭގެ ސްކޫލެއްގައި އަލަށް ފަށައިގެން އުޅޭ މުހިންމު ކަމެއްގެ ވާހަކައެވެ. ރ.ރަސްގެތީމުގެ ސްކޫލުން ހަފްތާގައި ކިޔަވައިދޭ ކޮންމެ ދުވަހަކު 10:10 ދަރިވަރުންނާއި ޓީޗަރުންނަށް ފެންބުއިމަށް ހަނދާންކޮށްދިނުމުގެ ގޮތުން ''ފެން ރަނގަބީލެއް'' ޖަހައެވެ. މިއީ މިދައްކަން އުޅޭ ފެންރަނގަބީލުގެ ވާހަކައެވެ. މިއީ ބައެއް މީހުންނަށް މަޖާޒީ ކަމަކަށް ވެސް ވެދާނެއެވެ. ނަމަވެސް ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ހާސިލްކުރަން ބޭނުންވާ މުހިންމު ކަމެއް އޮވެދާނެއެވެ.

ރަސްގެތީމް ސްކޫލް

ފެން ރަނގަބީލާ ބެހޭ މައުލޫމާތުތައް ހިއްސާކުރަމުން އެރަށުގެ ސީނިއަރ ޓީޗަރަކު ރާއްޖެއެމްވީއަށް ބުނީ ފެން ރަނގަބީލުގެ ނަމުގައި ރަނގަބީލެއް ޖަހަން ނިންމީ ފެންބުއިމުގެ އާދަ ދަރިވަރުންނާއި، ޓީޗަރުންގެ ގައިގައި ހަރުލެއްވުމުގެ ގޮތުންނެވެ. އަދި ޚާއްސަ ގޮތެއްގައި މަތީ ގްރޭޑްގެ ދަރިވަރުން ފެނާއި ދުރުކަން ފާހަގަކުރެވޭ ކަމަށާއި، މިއީ ސުކޫލުގެ މެނޭޖްމެންޓުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ފެން ނުބޯތީ ނިންމި ނިންމުމެއް ނޫން. ފެނާއި ދުރުވީމަ ފެން ބޯން ދިނުމުގެ ގޮތުން ކުރާ ކަމެއް މިއީ. ދެން ފެން ބުއިމަށް މިލިބޭ 15 މިނެޓްގެ ބްރޭކްގައި ކްލާހުން ބޭރަށް ދާން ބޭނުންވާ ކުދިންނަށް ބޭރަށް ވެސް ދެވޭނެ. އެއްކުއްޖެއް އަނެއްކުއްޖަކާ ވާހަކަދައްކާލަން ލިބޭ ވަގުތުކޮޅެއް. ފެން ބުއިމަށް މިޚާއްސަކުރަނީ. މިކަމުގެ ނަތީޖާ ހަމަވަރަށް ރަނގަޅު. އެހާ ގިނައިރު ކްލާސްރޫމްގަ ކިޔަވަން ތިބީމަ ދަރިވަރުން ފޫހިވެސް ވާނެއްނުންތޯ. މިބްރޭކްއަށްފަހު ދެން ދަރިވަރުން އަންނައިރު ވަރަށް ހިތްހަމަޖެހިފަ ކުދިންތައް ތިބޭނީ
ސީނިއަރ ޓީޗަރެއް

އާއަހަރުގެ ކިޔެވުން ފެށުމާއެކު ރަސްގެތީމު ސްކޫލުން ތައަރާފްކުރި މި ފެން ރަނގަބީލާމެދު ބެލެނިވެރިން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.

ގްރޭޑް 9 ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރެއްގެ ބެލެނިވެރިއެއް ކިޔާދިން ގޮތުގައި ފެން ބުއިން މަދުވާތީވެ، ދަރިވަރުންނަށް ބައެއް ސިއްހީ މައްސަލަތައް ވެސް ދިމާވާކަމަށެވެ. އެގޮތުން ބަލިވެގެން ޑޮކްޓަރަށް ދައްކާ ފަހަރުތަކުގައި ދަރިވަރުގެ ބަނޑުގައި ޖަރާސީމު އުފެދިފައި ހުރިކަމަށް ރިޕޯޓްތަކުން ދެއްކުމާއި، ވައިގެ އުދަނގުލާއި، ކުޑަކަމުދިއުމަށް އުދަނގޫވާ މައްސަލަތައް އޭނާ ފާހަގަކުރިއެވެ.

ކުދިންތަކެއް ފެން ބޮނީ
އަޅުގަނޑުގެ ދަރިފުޅު ވަރަށް ދުރުވާނެ ފެނާ. ގޭތެރޭގައި އުޅޭއިރު ވަރަށް ބުނެކިޔާގެން ފެން ބޯނީ. ދެން ސްކޫލަށް ހެނދުނާ ދާގޮތަށް މިއަންނަނީ މެންދުރުފަސްވާ ފަހުން. ގިނަ ވަގުތު ސްކޫލުގައި އުޅޭއިރު އަޅުގަނޑު ނުހުންނާނެ އަބަދު ކިޔާކަށް ފެންބޯކަށް. އެހެންވީމަ ބައެއް ފަހަރު ކުޑަކަމުދާން އުދަނގޫވެގެން ގެއަށް އަންނާނެ. އަބަދުވެސް ވިސްނޭ ދަރިފުޅަށް ފެންދޭނެ ގޮތަކާމެދު. އެކަމަކު މިހާރު ފެން ރަނގަބީލު ޖަހަން ފެށީމަ އެކަމާ ހާސްވާކަށް ނުޖެހޭނެއްނުންތޯ. މެންދުރު ނަމާދަށް ލިބޭނެ އެކުދިންނަށް 45 މިނެޓްގެ ބްރޭކެއް. ކެޔުމާއެކު. އޭގެ ކުދިން 10:15 ހާއިރު ފެން ބިއުމަށް މިރަނގަބީލު ޖަހަނީ. ދެން ފެންބޯނެތާ. މިކަން ކުރަން ފެށިފަހުން ކުޑަކަމުދާން އުދަނގޫވާން ދަރިފުޅު ގެއަކަށް ނާދޭ ސްކޫލުގަ ހުރެފައެއް. އުންމީދަކީ މިކަމުގެ ސަބަބުން ފެން ބިއުމަށް އާދަވުން
ބެލެނިވެރިއެއް

އެއްދަންފަޅިއަށް ކިޔަވައިދޭ ރަސްގެތީމު ސްކޫލުގެ މިނިންމުމާއެކު ގިނަ ބަޔަކު ދަނީ އެ ނިންމުމަށް ތައުރީފް ކުރަމުންނެވެ.

އެގޮތުން މަޝްހޫރު އާއްމު ބަލިތަކާއި ބެހޭ ޑޮކްޓަރެއް ކަމަށްވާ ޑރ. އުސާމާ އަލީ އުމަރު ވިދާޅުވީ ދަރިވަރުންނަށް ފެން ދިނުމުގެ ގޮތުން ފެން ރަނގަބީލެއް ޖެހުމަށް ނިންމި ނިންމުމުގެ ފައިދާ ދާއިމީކޮށް ކުރާނެ ކަމެއް ކަމަށެވެ.

ޑރ. އުސާމާ އަލީ އުމަރު

ޑރ. އުސާމާ ވިދާޅުވީ ފެނަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް މުހިއްމު މާއްދާއެއް ކަމަށާއި، އިންސާނާގެ ހަށިގަނޑުގެ 60 އިންސައްތައަކީ ފެން ކަމަށެވެ. އަދި ތައުލީމް ހާސިލްކުރުމުގަޔާއި، ހެދިބޮޑުވަމުން އަންނަ ކުދިންގެ ހަށިގަނޑަށް ފެން ވަރަށް މުހިންމުކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

ޑރ. ވިދާޅުވީ އާންމު ގޮތެއްގައި ސްކޫލުތަކުގެ ދަރިވަރުންނަށް ލިބޭ ބްރޭކް ގަޑިތަކުގައި ދަރިވަރުން އުޅެނީ ސަކަރާތްޖެހުމާއި، އެހެނިހެން ކަންތައްތަކުގައި ޝާމިލްވެގެން ކަމަށެވެ. ނަމަވެސް ރަސްގެތީމުގެ ސްކޫލުން ފެން ބިއުމަށް ޚާއްސަކޮށް ފެން ރަނގަބީލެއް ޖެހުމަކީ ދަރިވަރުން ފެން ބޯނެ ސަބަބެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ޑރ. އުސާމާ ވަނީ ފެން ރަނގަބީލް ރާއްޖޭގެ އެހެން ސްކޫލުގައި ޖެހުމަށް ވެސް އިލްތިމާސްކޮށްފައިއެވެ.

ފަހަކަށް އައިސް ފާހަގަކުރެވޭ ކަމެއް އެއީ ސްކޫލު ކުދިން ފެނާއި ދުރުކަން. ފެން މަދުވާތީ ބޮލުގަ ރިއްސުމާއި، ބަނޑުގަ ރިއްސުން ފަދަ ކަންކަން ވަރަށް ގިނައިން ކުރިމަތިވޭ. ފެން ނުބޯނަމަ އެކަމުގެ ނޭދެވޭ އަސަރު ކުއްޖާގެ ކިޔެވުމަށް ވެސް ކުރާނެ. ރަސްގެތީމު ސްކޫލުން މިންނިންމީ ވަރަށް ރަނގަޅު ނިންމުމެއް. މިގޮތަށް އެހެން ސްކޫލުތަކުން ވެސް އަމަލުކުރަންޖެހޭ. އެޑިޔުކޭޝަން މިނިސްޓްރީން ވެސް މިކަން ތަންފީޒު ކުރުމަށް އަޅުގަނޑު ގޮވާލަން.
ޑރ. އުސާމާ އަލީ އުމަރު
ދަރިވަރުންތަކެއް ކްލާސް ރޫމްގައި ފެން ބޮނީ

ޕްރީސްކޫލުން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ރަސްގެތީމު ސްކޫލްގައި 125 ދަރިވަރުން ކިޔަވަމުންދާއިރު، އެކުދިންގެ މުސްތަގުބަލަށް ނިންމި ކުޑަ ނަމަވެސް މަންފާކުރަނިވި ނިންމުމަށް ޝުކުރު ހައްގެއެވެ.

ހަމައެކަނި ގަޑި ނިމިއްޖެކަން ނުވަތަ ސްކޫލްގެ ގަޑި ނިމިއްޖެކަން އަންގައިދޭން ސްކޫލްތަކުގައި ޖަހާ ރަނގަބީލަކީ ދަރިވަރުންގެ އުޅުމާއި ވައްޓަފާޅިއަށް ބަދަލުގެންނާނެ ކަމަކަށް ރަސްގެތީމު ސްކޫލުން މިވަނީ ހަދާފައެވެ. މިއީ ތައުލީމީ ހަޔާތުގައި އެ ސްކޫލުން ފެށި ކުޑަ ނަމަވެސް ބޮޑު އަސަރެއް އެކަމުން ޒުވާން މުޖްތަމައުއަކަށް ކުރާނެ ކަމެކެވެ.

ރަސްގެތީމު ސްކޫލުގެ މި ނިންމުމަކީ މިސާލެއްކަމަށް ބަލައި ރާއްޖޭގެ އެހެން ސްކޫލްތަކުގައި ވެސް މިފަދަ ކަމެއް ފެށުމަކީ މުހިންކަމެއް ކަމަށް ދެކެމެވެ. މިއީ ހަމައެކަނި އަޑެއް ނޫންނެވެ. މިއީ ބައެއްގެ ސިއްހީ ދުޅަހެޔޮކަމަށް ވެސް އެޅުނު ފިޔަވަޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް