ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 01:51
ކްރޯނާ ވައިރަސްއަށް މީހަކު ޓެސްޓް ކުރަނީ
ކްރޯނާ ވައިރަސްއަށް މީހަކު ޓެސްޓް ކުރަނީ
ބިޒްނަސް އިންސައިޑަރ
ކްރޯނާ ވައިރަސް
ކްރޯނާ ވައިރަސް 850 މީހަކަށް ޖެހި 26 މީހުން މަރުވެއްޖެ
 
ކްރޯނާ ވައިރަސް ބަލި ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ޖަޕާން، ތައިލެންޑް، ސައުތު ކޮރެއާ، އެމެރިކާ، ފްރާންސް އަދި ނޭޕާލް ހިމެނޭ

ކްރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 26 މީހުން މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މިހާތަނަށް ޗައިނާއިން 850 މީހުންނަށް ކްރޯނާ ވައިރަސް ޖެހިފައިވެއެވެ. އަދި މިހާތަނަށް 26 މީހުން މި ބަލީގައި މަރުވެފައިވާ ކަމަށް ވެސް ޗައިނާއިން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ޗައިނާގައި މި ބަލި ފުރަތަމަ ފެނުނު ހޫބޭ ޕްރޮވިންސް އިން 12 މީހަކު މަރުވެފައިވާ އިރު އެހެނިހެން ސިޓީތަކުން 13 މީހަކު ވަނީ މަރުވެފައެވެ.

ޗައިނާގައި ކްރޯނާ ވައިރަސްގެ ނުރައްކާ ބޮޑުވެފައިވާ ހިސާބުތަކުގައ 40 މިލިއަނަށް ވުރެ ގިނަ މީހުން ދަނީ ދިރިއުޅެމުންނެވެ. އަދި މި ސަރަހައްދުތަކުގެ އާންމު ދަތުރުފަތުރު ހުއްޓުމަކަށް ގެނެސްފައިވާ އިރު، ޗައިނާގެ އައު އަހަރު ފާހަގަކުރުމަށް އެކި ތަންތަނަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ދަތުރުތަކަށް ވެސް ވަނީ ބުރޫ އަރާފައެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ ކްރޯނާ ވައިރަސް ޖެހިފައިވާ މީހުން އެ ގައުމުގެ 13 ޕްރޮވިންސަކުން މިހާރު ފެނިފައިވާ ކަމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ އިދާރާތަކުން ވެސް ދަނީ މި ބައްޔާއި ގުޅިގެން ހަރުދަނާ ފިޔަވަޅުތައް އަޅަމުންނެވެ. މިހާތަނަށް ކްރޯނާ ވައިރަސް ބަލި ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ޖަޕާން، ތައިލެންޑް، ސައުތު ކޮރެއާ، އެމެރިކާ، ފްރާންސް އަދި ނޭޕާލް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް