އަންގާރަ 29 ސެޕްޓެންބަރ 2020
09 އަތަ
1442 ސަފަރު 11
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:01
އަސްރު 15:08
އިރުއޮއްސޭ 18:01
އިޝާ 19:12
ފުލުހުން

ދައްތާ! ބަލާ ފުލުސް ބޭބެ އެ ކުރާ ކަމެއް!

  • ފުލުހުންނަކީ އަމިއްލަ ދިރިއުޅުމުުގައިވެސް ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭ ބައެއް
  • ސުލޫކާއި އަޙުލާޤުގެ އެންމެ މަތީ ހަމަތަކުގައި ހިފަހައްޓާ ބަޔަކަށް ފުލުހުން ވާންޖެހޭ

ކ. މާލެ | 24 ޖެނުއަރީ 2020 | ހުކުރު 13:52 | 247,986

ފުލުހަކު ޔުނިފޯމްގައި ސިނގިރޭޓް ބޮނީ - ރާއްޖެއެމްވީ

ބުރާސްފަތި ދުވަހު ސުކޫލުތަކުން ދަރިވަރުން ނުކުމެގެން އައި ވަގުތެވެ. އަހަރެންވެސް ދިޔައީ އުމުރުން 6 އަހަރުގެ ކޮއްކޮ ގޮވައިގެން ސުކޫލުން ގެއަށް ގެންދިއުމަށެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތަކުން ހިނގަމުންދިޔައިރު ކޮއްކޮ ހުރީ މަގުމަތީގައި ފެންނަމުންދިޔަ މަންޒަރުތަކަށް ގެއްލިފައެވެ. އެ އުމުރުގެ ކުދިން މާހައުލުން ފެންނަ ކަންކަން ދެނެގަނެ ދަސްކުރާ ވާހަކަ އަހާފައި އޮތުމުން، އަހަރެންވެސް ކޮއްކޮގެ ހަރަކާތްތަކަށް ބަލަމުން މަޑުމަޑުން ކޮއްކޮގެ އަތުގައި ހިފާލައިގެން ދިޔައީއެވެ.

ގެއަށް ދާން އޮންނަ މަގު ހުރަސް ކުރުމަށް ކުރީގެ ފުރުޤާން މިސްކިތް ހުންނަ ސަރަޙައްދުން ދަނިކޮށް ކޮއްކޮ މާ ބޮޑު ޝައުޤުވެރިކަމެއް ދީގެން ދިމާލަކަށް ބަލާކަން ފާހަގަވިއެވެ. އެހިސާބުން އަހަރެންގެ ސަމާލުކަންވެސް އެދިމާލަށް ހުއްޓުނެވެ. ކުރީގެ ފުރުޤާން މިސްކިތް ހުންނަ ސަރަޙައްދުގައި އެކި ހިސާބުތަކުގައި މޭޒުތައް ބަހައްޓާފައި ހުރިއިރު، މޭޒު ތަކުގައި ފުލުހުންގެ އޮފިސަރުން މަޑުކޮށްލައިގެން ތިއްބެވެ. ބަލާބެލުމަށް ހީވަނީ މަސައްކަތުން ކުޑަ ބްރޭކެއް ނަގަން އެތަނުގައި މަޑުކޮށްލައިގެން ތިބީހެންނެވެ.

ބޮޑުވެގެން ވާނީ ފުލުހަކަށޭ އަބަދުވެސް ބުނާ ކޮއްކޮ ދެން ކޮށްލި ސުވާލުން އަހަރެންވެސް ހުއްޓުންއަރާގޮތް ވިއެވެ. ދައްތާއޭ ފުލުސް ބޭބެ ޔުނިފޯމްލައިގެން ސިނގިރޭޓް ބޮނީއޭ އޭނާ ބުނީ، ހައިރާންކަމާއެކު، ޤަބޫލުކުރަން ދަތިވެފައި ހުރެގެންނެވެ. އޭރު މޭޒުތަކުގައި މަޑުކޮށްލައިގެން ތިބި އޮފިސަރުންނާއި، އެ ސަރަޙައްދުގައި މަޑުކޮށްލައިގެން ތިބި ގިނަ އޮފިސަރުން ތިބީ ޔުނިފޯމްގައި ސިނގިރޭޓް ބޯށެވެ.

އެވަގުތު އެއީ ހުއްދަކަމެކޭ ނުވަތަ މަނާ ކަމެކޭ ބުންޏަސް ކޮއްކޮއަށް އެ ފެނުނު މަންޒަރު ރަނގަޅު ގޮތަކަށް ވިސްނައިދޭނެ ގޮތެއް އެވަގުތު ހިޔާލަކަށް ނައެވެ. އެއީ އެ ސަރަޙައްދުގައި ހުއްދަ ކަމެކޭ ބުނި ނަމަވެސް 6 އަހަރުގެ ކުއްޖަކަށް ވިސްނައިގަނެވޭނީ މުޅިން ގޯސްކޮށެވެ.

އެދުވަހަށްފަހު އެކަމަށް އަހަރެންގެ ސަމާލުކަންވެސް ހުއްޓެއެވެ. ތެދެކެވެ. އެ ސަރަޙައްދުގައި އާންމުކޮށް ފުލުހުން ޔުނިފޯމްގައި ސިނގިރޭޓް ބޯން ތިބެއެވެ. އަދި އެތަނުން އަބަދާ އަބަދު ހުރަސް ކުރާ އެންމެންނަށްވެސް ހާމަކަން ބޮޑުކޮށް އެ މަންޒަރު ފެނެއެވެ. އެހިސާބުން އެކަން އޮންނަ ގޮތް ބެލުމުގެ ޝައުޤުވެރިކަން މާ ބޮޑުވިއެވެ.

ފުލުހުންގެ ޔުނިފޯމްގެ ޤަވާއިދުގައި ބުނާގޮތުން ޔުނިފޯމްގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭނީ އެކަން ކުރަން ކަނޑައަޅާފައިވާ ތަނެއްގައެވެ. އަދި އެގޮތަށް ކަނޑައަޅާފައި ނުވާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ. އެހިސާބުން އެ ސަރަޙައްދަކީ ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަ ދީފައިވާ ތަނެއްތޯ ބަލާލީމެވެ. ފުލުހުން ބުނީ، އެ ސަރަޙައްދުގައި ފެންސް ޖަހައިގެން ހަދާފައިވާ ކުޑަ "ހަޓް" އަކީ ފުލުހުންނަށް ޚާއްސަކޮށް ހަދާފައިވާ އަދި ސިނގިރޭޓް ބުއިމަށް ހުއްދަ ދީފައިވާ ތަނެއް ކަމަށެވެ. އަދި އެތަނުގެ ބޭރުގައި ޖަހާފައި ހުންނަ މޭޒުތަކުގައިވެސް ފުލުހުން ސިނގިރޭޓް ބޯން ތިބޭކަމަށް ބުންޏެވެ.

އޭގެ އިތުރުން، އެ ސަރަޙައްދުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާ ޤާނޫނުގެ ދަށުން ބަހައްޓަންޖެހޭ އިންޒާރުގެ ބޯޑުވެސް ނެތުމާއެކު، އެތަނުގައި ތިބުމަކީ ޤާނޫނީ ކުށެކޭ ނުބުނެވޭނެއެވެ.

ފެންސް ޖަހާފައިވާ ހަޓްއާއި އެ ސަރަޙައްދު ބޭރުގައި ހުރި މޭޒުތަކުގައި ފުލުހުން މަޑުކޮށްލައިގެން

ނަމަވެސް ފެންސް ޖަހާފައިވާ ހަޓްއާއި ޚިލާފަށް އާންމުންނަށް ފެންނާނެހެން ހުރި މޭޒުތަކުގައި ފުލުހުން ޔުނިފޯމްގައި ސިނގިރޭޓް ބޯން ތިބުމަކީ ފުލުހުންގެ ޔުނިފޯމަށް ޤަދަރު ކުޑަކުރުން ކަމުގައި ނުވާނެބާއޭ ހިތަށް އެރިއެވެ. ސަބަބުތައްވެސް ބައިވަރެވެ.

ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގައި ފުލުހުންނަކީ އަމިއްލަ ދިރިއުޅުމުުގައިވެސް ރައްޔިތުންނަށް ނަމޫނާއަކަށް ވާން ޖެހޭނެ ބައެއް ކަމަށް ބުނެފައިވެއެވެ. އަދި ދިވެހި ފުލުހުންގެ ކޯޑް އޮފް އެތިކްސްގައި މަޤާމުގެ ޒިންމާ އަދާކުރުމުގައާއި އަމިއްލަ ދިރިއުޅުމުގައި އަދަބާއި ސުލޫކާއި އަޙުލާޤުގެ "އެންމެ މަތީ ހަމަތަކުގައި ހިފަހައްޓާ" ބަޔަކަށް ފުލުހުން ވާންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ދެންނެވި އެތިކްސްއަކީ ޤާނޫނުގައި ސިދާ މަނާކޮށް އަދަބު ކަނޑައެޅިފައިވާ ކަމަކަށް ނުވެދާނެއެވެ. ފުލުހަކު ޔުނިފޯމްގައި ސިނގިރޭޓް ބޯން ހުރުމަކީ އޭނާ ޤާނޫނީ ގޮތުން ކުށްވެރިވާ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ކޮންމެ ޤައުމެއްގައިވެސް ފުލުހުންނަކީ ނުހަނު އިޙްތިރާމް ލިބިގެންވާ ބައެކެވެ. ފުލުހުންގެ ޔުނިފޯމަކީ ނުހަނު ބޮޑު ޤަދަރެއް ދެވިގެންވާ އެއްޗެކެވެ. ވީއިރު އާންމުންނާއި ކުޑަކުދިން އަބަދު ކައިރިން ހިނގާބިނގާވެ އޮންނަ ހާމަ މަގެއްގައި މޭޒު ޖަހައިގެން ފުލުހުން ޔުނިފޯމްގައި ސިނގިރޭޓް ބޯން ތިބުމަކީ އަޙުލާޤުގެ އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް އޮތް ހުރަހަކަށް ނުވޭބާއެވެ؟ ނުވަތަ ރައްޔިތުންނަށް އެ ދެއްކެނީ ކޮން ނަމޫނާއެއް ބާއެވެ؟ ފުލުހަކަށް ވުމުގެ އުއްމީދުގައި ބޮޑެތިވަމުން އަންނަ ޅަ ކުދިންނަަށް މިދެވެނީ ކޮންކަހަލަ ތަސައްވުރެއް ބާއެވެ؟

މިއީ ވިސްނާލުން މުހިއްމު ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.